Support Us

ކޮވިޑް19ގައި ސިފައިންގެ ކުރީގެ އޮފިސަރެއް އަވަހާރަވެއްޖެ

"49 އަހަރު ދުވަހު ސިފައިންގޭގައި އުޅުއްވިއިރު ދުވަހަކު ވެސް ގަޑި ނުޖެހޭނެ، ސަލާމެއް ނުބުނުއްވާނެ"

ކޮވިޑް19 ޖެހިގެން ސިފައިންގެ ކުރީގެ އޮފިސަރަކު ރޭ އަވަހާރަވެއްޖެ އެވެ.

ސިފައިންގެ ހިދުމަތުގައި 49 އަހަރު ހިދުމަތް ކުރައްވާފައިވާ ލެފްޓިނެޓް ކާނަލް (ރިޓަޔާޑް) އަބްދުލްޣަނީ އުމަރު، 82، ކޮވިޑް19 ޖެހިގެން އަވަހާރަވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގައި ފަރުވާ ދެމުން ގެންދަނިކޮށް، ރޭ މެންދަމުއެވެ.

އެމް.އެން.ޑީ.އެފުން ބުނީ ކާނަލް ޢަބްދުލް ޣަނީ އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި ގިނަ ދުވަހު ޚިދުމަތް ކުރެއްވީ ކޯސްޓްގާޑްގައި ކަނޑުމަތީގެ ޚިދުމަތްތަކުގައި ކަމަށެވެ. ކާނަލް ޢަބްދުލް ޣަނީ ސިފައިންގޭގައި އިޚްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 9 ކުލަ އާއި 7 މެޑަލް ލިބިވަޑައިގެންފައިވެއެވެ.

ކާނަލް ޢަބްދުލް ޣަނީގެ އަނބިކަނބަލަކާއި ތިން ކުދިންނާއި އަށް ކާފަ ކުދިން ތިއްބަވަ އެވެ.

އަބްދުލްޣަނީ އޭނާގެ ދެ ކުދިން (ފޮޓޯގެ ދެ ފަރާތުގައި) އަދި އަނބިކަނބަލުން ސަކީނާ (ކަނާތުން ދެވަނައަށް) އާއި ކޮއްކޮ އާއެކު

 

 

ކޮވިޑް19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވާ، ކާނަލް ޢަބްދުލް ޣަނީގެ ހުވަފަތް އަނބިކަނބަލުން ސަކީނާ އިބްރާޙިމް މިއަދު ވިދާޅުވީ ގެއްލިގެން އެ ދިޔައީ ވަފާތެރި އަދި ނަމޫނާ ފިރިއެއް ކަމަށެވެ. އަދި ސިފައިންގެ އަށް ވެސް ވަރަށް އިހުލާސްތެރި ހިދުމަތެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

"ވަޒީފާ އަށް ވަރަށް ކަމޭ ހިއްތަވާނެ ޣަނީ. ސާޅީސް ނުވަ އަހަރު ސިފައިންގޭގައި އުޅުއްވިއިރު ދުވަހަކު ވެސް ގަޑި ނުޖެހޭނެ، ސަލާމެއް ވެސް ނުބުނުއްވާނެ،" ސަކީނާ ވިދާޅުވި އެވެ.

އަބްދުލްޣަނީގެ ކާފަ ތިން އަންހެން ދަރިންނާއެކު

ކޮވިޑް ޖެހިގެން ކާނަލް ޢަބްދުލް ޣަނީ އާއި ސަކީނާ ވެސް ކަރަންޓީނު ކުރީ މި މަހު 11 ގައެވެ. ފުރަތަމަ ގެންދިޔައީ ހުޅުމާލެ މެޑިކަލް ފެސިިޓީއަށެވެ. ނަމަވެސް އެހީތެރިއަކު ނެތި، ދެ ބޭފުޅުން އެ ތަނުގައި ތިއްބަވަން ޖެހުމުން، ހުޅުމާލޭ "ތްރީ އިންވަން" ގެސްޓް ހައުސް ކަރަންޓީން ފެސިލިޓީއަށް ބަދަލުވީއެވެ. އެތަނުގައި ތިއްބަވަނިކޮށް ކާނަލް ޢަބްދުލް ޣަނީގެ ހާލުކޮޅު ދެރަވެގެން، ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް އަނެއްކާ ވެސް ބަދަލުކުރިއެވެ. އެ ވަގުތު، ކުޑައިރުއްސުރެ ކާނަލް ޢަބްދުލް ޣަނީމެން ގޭގައި އުޅުނު، ސަކީނާގެ ކޮއްކޮއެއް ކަމަށްވާ ނާޒިރާ ޕޮޒިޓިވްވުމުން، އޭނާ އަމިއްލަ އަށް އެދިގެން ކާނަލް ޢަބްދުލް ޣަނީ ކައިރިޔަށް އެ ފެސިލިޓީ އަށް ދިޔަ އެވެ.

އަބްދުލްޣަނީ، ދަރިފުޅަކާއި ކާފަ ދަރިފުޅަކާއެކު

"ރޭގައި ވެސް އަޅުގަނޑުގެ އަތުން ބޭބެ އަށް ކާންދީ ހަދައިފައި، ގައިމަތީ ފޮތިގަނޑު އަޅައިފައި 12.15 ހާއިރު އަޅުގަނޑު ވެސް (އަންހެނުން) ނިދާ ބަޔަށް ދިޔައީ. އިރުކޮޅެއްނުވެ ކުއްޖަކު އައިސް ބުނެފި ބޭބެއަށް ގޮތެއް ވެގެން އެންމެން އެބަ އުޅެޔޭ. ދެން އަޅުގަނޑު ވެސް އަވަހަށް ދިޔައީ. ދިޔައިރު ޑޮކްޓަރުން ވެސް އާދޭ. ޑޮކްޓަރުން ބަލައިފައި ބުނީ ހާޓްއެޓޭކެއް ޖެހުނިއްޔޭ،" ނާޒިރާ ކިޔައިދިނެވެ.

ސަކީނާ ވިދާޅުވީ ކާނަލް ޢަބްދުލް ޣަނީ އަށް އެހެން ދިމާވީ ވަކިން އެގޮތަށް އޮންނަން ޖެހުމުން، ހިތްދަތިވެގެން ކަމަށް އޭނާ އަށް ގަބޫލްކުރެއްވޭ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހޭ މިންވަރު މި އޮގަސްޓް މަހު ދަނީ އިތުރުވަމުންނެވެ. އަދި އެންއީއޯސީން އަންދާޒާކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. މި ބަލި ޖެހިގެން މި މަހުގެ މިހާތަނަށް ނުވަ މީހުން މަރުވެފައިވާއިރު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 25 އަށް އަރައިފަ އެވެ.

ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 6370 އަށް އަރައިފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2431 ހިމެނޭއިރު 161 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *