Support Us

ވާހަނދާނަކުން ރޮވެނީ!

މުރީދުޕޫރުގެ އިސްވެރިއެއް ކަމަށްވާ އައި ސުވަރު ސިންގަކީ ވަރަށް މަޑުމައިތިރި ބަނިޔާދަން ބޭކަލެކެވެ. ސުވަރު ސިންގުގެ އާދައެއް ކަމުގައި ހައްދަވާފައި ވަނީ ސަހަރުގެ ބޮޑުންނާއެކު ދުވާލަކު އެއްފަހަރު ބައްދަލު ކުރެއްވުމެއް ބާއްވަމުން ގެންދެވުމެވެ. މިގޮތަށް އަމަލު ކުރަމުން ދަނިކޮށް ސަހަރަށް ވަރަށް ބޮޑު ތަދެއް އަތުވެއްޖެއެވެ. ވާރޭނުވެހި ގިނަ ދުވަސްވުމުން ދަޑުތަކަށް ފެން ނުލިބި ދަޑުފަނގު މުޅިންހެން ހިކިގެންގޮސް ޖަނަވާރުތަކަށް ކާނެ ވިނަކޮޅެއްވެސް ނުލިބިދާ ފަދަ ދުވަސްވަރެއް ކަމަށްވިއެވެ. މިދުވަސްވަރު އެއް ދުވަހަކު އިސްވެރިޔާ އިސް މީހުންނާ ބައެއް ކަމުވޮށިވެގެންވާ ބޭކަލުންނާ އެކު މަޝްވަރާއެއް ކުރެއްވިއެވެ.

މިމަޝްވަރާގައި ޝަހަރުގެ ކަމުވޮށިވެގެންވާ ބޭކަލުންނާ އިސް މަގާމުތަކުގައި ތިއްބެވި ބޭކަލުން ވެރިޔާއަށް ދަންނަވަމުން ގެންދިޔައީ ކާބޯތަކެތި ލިބުން ދަތިވެއްޖެކަމާ މީސްތަކުންނަށް ވަރަށް ބޮޑަށް ދަތިވެއްޖެ ކަމަށެވެ. ކައިރި އެހެން ސަހަރުތަކުގެ އެހީއަށްވެސް އެދި ވަރަށް ބޮޑަށް މަސައްކަތް ކުރެވިއްޖެ ކަމަށާ ލިބުނު ފައިސާ މުންއިމްޖީ އާއި ހަވާލުކުރެވިފައިވާ ވާހަކަވެސް ދެންނެވިއެވެ. އަދި މިކަމުން އަރައިގަތުމަށް އިތުރު ފިޔަވަޅުތައް އަޅަންވެއްޖެ ކަމަށް ދެންނެވިއެވެ. ލިބުނު އެހީތައް ވީތަނެއް އެނގޭނީ މުންއިމުޖީއަށެވެ. ކުރެވުނު ކަމެއްނުފެނެއެވެ.

މި ވާހަކަތައް އަޑުއައްސަވަން ސުވަރު ސިންގު ވަރަށް ފަރުވާތެރިކަމާއެކު އިންނެވި ކަމަށް ބައްދަލު ކުރެއްވި ބޭކަލުންނަށް ފެނިގެން ދިޔައެވެ. އެއްވެސް އެއްޗެއް ބުނުއްވުމެއް ނެތި އިންނެވިއެވެ. އިރުކޮޅަކުން ފެނުނީ ސުވަރު ސިންގުގެ ލޮލުން ކަރުނަ ހިލިގެން އައިސް ކޯތާފަތުގެ މައްޗަށް ފައިބައިގެން އަންނަތަނެވެ.
މިތަންފެނިފައި އެތާ އިންނެވި ބޭކަލަކު ދެންނެވިއެވެ. "މަނިކުފާނަކީ ވަރަށް ހިތްޕުޅު މަޑުމައިތިރި އޯގާތެރި ބޭކަލެއްކަން އަޅުގަނޑުމެންނަށް އެގެއެވެ. ރައްޔިތުންގެ ހާލު އެނގިލެއްވުމުން ތިހެންވާނެކަން އެނގެއެވެ.
މިހެން ދެންނެވުމުން ސުވަރު ސިންގު ވަރަށް ކުރަކި އަޑަކުން ބުނުއްވިއެވެ. "އަހަރެންގެ ދޮންކުލައިގެ ބަކަރިކޮޅު އެވަރަށް ލޯބިން ގެންގުޅެނިކޮށް ކާލަން ރަނގަޅު ވިނަކޮޅެއްވެސް ނުދެވި މަރުގެ ތުންފަތްމަތީގައި އެތިބީ މަރުދަމައެވެ. އެހެންވީމާ މަށަށް އެހަނދާންވެފައި ހަމަރޮވުނީއެވެ."

މިއަޑުއަހާފައި އެތާ އިންނެވި އެހެން ބޭކަލަކު ދެންނެވިއެވެ. "ބަލަ ސިންގު ސާހިބުއެވެ. މަނިކުފާނަށް ބޮޑުވީ ދޮންބަކަރިތަކުގެ ހާލަތެވެ. އަހަރެމެންގެ ޢާންމު ރައްޔިތުންގެ ހާލަތެއް ނޫނެވެ. ފަހެ އަހަރެމެންނަކީ އިންސާނީ ކުކުޅު ތަކެއްހެއްޔެވެ؟

އައި ސުވަރު ސިންގުގެ މިފަދަ ހަނދާންތަކަށް ތަފާތު ކަންކަމުން އަސަރުކޮށް ރޮވޭކަމުގައި ބުނެވެއެވެ. މިފަދަ އަނެއް ވާހަކައަކީ ސުވަރު ސިންގުގެ ތަންކޮޅެއް ޒުވާން ދުވަސްވަރުގައި އޭނާގެ ބޭބެއަށް ލިބިފައި އޮންނަ ކުޑަކުޑަ ރަށެއް އޮންނަ ކަމަށްވެއެވެ. އެއްދުވަހަކު ސުވަރު ސިންގު ބޭބެޔާ ބައްދަލުކޮށް އެރަށުގައި ފެންފޯއް އިންދައިގެން ރަށް ތަރައްގީކޮށް އެއިން ފައިދާ ނެގިދާނެ ކަމަށްބުނެ އޭނާއާއި ރަށް ހަވާލުކޮށްދިނުމަށް އެދުނެވެ. ބޭބެވެސް މިކަން ގަބޫލުކޮށް ވަރަށް ފަސޭހައިން އެ ރަށް ހަވާލު ކުރިއެވެ. އެކަމަކު ޝަރުޠަކާ އެކުގައެވެ. އެރަށަށް ބޭރުމީހުން ނޭރުވުން ޝަރުޠު
ކޮށްފައެވެ. ސިންގު މިގޮތާވެސް ރުހިގަބޫލުވެގެން އެރަށަށް ދިޔައެވެ. ރަށަށް ދިޔުމަށްފަހު އޭނާގެ ޚިޔާލު ބަދަލުވެ ނުކުރަން ބުނި ކަންތައް ކުރަންފެށިއެވެ. ބޭރު މީހުން ގެންގޮސްގެން މަޖާކޮށް އެމީހުންއަތުން ލާރިނަގަން ފެށިއެވެ. މި މަޖާކުރުމުގައި އެންމެ ފޯރިގަދަވެގެން ދަނީ ޖޭ ޑަބުލިޔޫ ޖޫސް ބުއިމުގަޔެވެ. މިޖޫހަކީ ވަރަށް މީރު ޖޫހެކެވެ. މިޖޫހަށް ވަނީ ދެވިހިފާފަޔޭ ވެސް ބުނެވިދާނެއެވެ. މިކަން މިގޮތަށް ހިނގަމުން ދަނިކޮށް ސުވަރު ސިންގުގެ ބޭބެޔަށް ސިންގު މިހާރު ކަންތައް ކުރަމުން ގެންދަނީ އެއްބަސްވި ގޮތާ ޚިލާފަށްކަން އެނގުމާއެކު އަދި އޭނާވެސް ކުށްވެރި ވެދާނެ ކަމަށް ބިރުން ސިންގުގެ ބެލުމުގެ ދަށުން ރަށްވަކިކޮށް އޭނާ ގެޔަށް ފޮނުވާލިޔެވެ. ނަމަވެސް ނަސީބު ދިމާކުރި ގޮތުން މުރީދުޕޫރުގެ މަގުމަތީ ގުރޫޕު ތަކާ ގުޅިގެން މީސްތަކުންގެ މަގުބޫލުކަން ހޯދިއެވެ. ނަތީޖާއަކަށްވީ މުރީދު ޕޫރުގެ ވެރިއެއްގެ މަގާމު ލިބުމެވެ.

މިމަގާމުގައި ހުންނަވައިގެން އެއްފަހަރެއްގައި އައި އީދެއްގައި ފުދޭވަރެއްގެ ބޮޑު ޕާޓީއެއް ބޭއްވެވިއެވެ. މިޙަފުލާގައި ލަވަކިޔުމާ ނެށުމާ މަޖާކުރުމުގެ ހަރަކާތްތައް ބޭއްވުނެވެ. ޝޯޓް އީޓްސް އާއި ބުއިންތައް ސާރވު ކުރެވުނެވެ. މިޙަފުލާގައި ސުވަރު ސިންގު ބޮޑުންނާ އެކުގައި އިންނަވަނިކޮށް ތަންކޮޅެއް ދުރުން ސާވްކުރަން އުޅުނު ކުއްޖަކުގެ ޓްރޭގައި ހުރި ފުޅިޔާ ތަށިތަކުގައި ހުރި ޖޫސް ތަށިތައް ފެނިފައި ކުއްލިއަކަށް އޭނާގެ ސަމާލުކަން އެޖޫސް ތަށިތަކުގެ މައްޗަށް ގޮސް ހުސްވެގެން ދިޔައެވެ. ސާރވް ކުރާ ކުއްޖާ އުޅެނީ ތަންކޮޅެއް ދުރުގައެވެ. ސިންގުމެންނާ ހަމައަކަށް ނާދެއެވެ.

ދެން ފެނިގެން ދިޔައީ ސިންގު ފާޑަކަށް ގަނޑުވެފައި އިންދައެވެ. އެހެން ބޭކަލުންނާ ގުޅުމެއްނެތެވެ. ދެލޯ ބޮޑުވެފައި އެދިމާއަށް ބަލަން އިނީއެވެ. ކުޑައިރު ކޮޅަކުން ކިޔަން ފެށީ، "ވާވާއެވެ. ވަރަށް ސަޅިއެވެ. އެޖޫސް އެހާ މީރެވެ. ބޯލީމާ ޑާންސް ކުރަން ވަރަށް ބޮޑަށް ހިތްވަރުލިބެއެވެ. އަދި އެހާ މަޖަލެވެ. ނަމަވެސް މިއަދު އަހަރެން ކުރާނީ ކީއްހެއްޔެވެ. އެ ރަށްގަނޑުވެސް ދިޔައީއެވެ. ކިހާ ދެރަހެއްޔެވެ؟"
މިއަޑު އަހަން ކައިރީގައި އިން މީހަކު ސިންގުގެ ގައިގާ ކޮއްޓާލާފައި ބުންޏެވެ.
"ސަރު ސަރު އެވެ. ތިޔަ ކިޔަނީ ކީކޭ ހެއްޔެވެ؟"
އޭރު ސިންގުގެ ލޮލުން ކަރުނަ އާދެއެވެ. މިހެން އިނދެފައި ބުންޏެވެ.
"އަހަރެންނަށް ނުރޮވޭނީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް އެއްމެ މީރީ އެޖޫހެވެ. އެންމެ މާތްޖޫހެވެ."
މިހެން ބުނުމާއެކު އެމީހާ ބުންޏެވެ.
"ރާމް ރާމް އެވެ. އެއީ ހޯލީ ކަވް ޖޫސްތޯއެވެ؟"
އެވަގުތު ސިންގު ޖަވާބުގައި ބުންޏެވެ.
"ނޫނެކެވެ. އެއީ ޖޭ ޑަބްލިޔޫ ޖޫހެވެ.
އެމީހާ ބުންޏެވެ. "ސަރު ސަރު އެވެ. އެއީ ކޮން ވައްތަރު ޖޫސް ހެއްޔެވެ؟"
ސިންގު ބުންޏެވެ. "ހާދަ މަޖަލެވެ. ހާދަ މަޖަލެވެ. މަށަށް މިރޮވެނީ އެހަނދާންތައް ވާތީއެވެ."
އަނެއްކާ އެމީހާ ބުންޏެވެ. "އޯކޭ އޯކޭ އެވެ. ސަރު ޔޭ ޖޫސް ކާ ނާމު ކިޔާހޭ؟"
ސިންގު ފާޑަކަށް ދެރަވެފައި އެ މީހާގެ ލޮލަށް ބަލާލާފައި ލޮލުން ކަރުނަ ފޮހެލާފައި ބުންޏެވެ.
"ބާއީ ބާއީ ޔޭ ޖޫސްކާ ނާމުހޭ ޖޮނީވޯކަރު އެވެ.