Support Us

މީހަކު ބުނި ވާހަކައެއް

މީހަކު މީހަކާ ދިމާއަށް ބުންޏެވެ: "ކަލޭ ނަމާދުކުރަނީ ކީއްކުރަން ހެއްޔެވެ؟"

ދެން އެމީހާ ޖަވާބުގައި ބުންޏެވެ: "ތިއީ ހާދަ ހެއްވާ ސުއާލެކެވެ؟ ނަމާދުކުރަން އަންގަވައިފައި އޮތީމައެވެ. ކީރިތި ގުރުއާނުގައި އެކަމަކަށް ބާރު އަޅައިފައި އަންގަވައިފައި އޮތީމައެވެ!

ދެން އަނެއްކާވެސް އޭނާކުރެން އެހުނެވެ: "އެހެންވިއްޔާ ނަމާދު ކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އަހަރެން ގަބޫލުކުރާ ގޮތުގައި ކަލޭ ނަމާދެއް ނުކުރެއެވެ؟ ނަމާދުކުރާ ކަމުގެ ވައްތަރު ކަލޭ ޖެއްސިކަމުގައި ވިޔަސް ވެހެވެ!

ދެން، އެ މީހާ ބުންޏެވެ: "އެހެންވިއްޖިއްޔާ ނަމާދު ކުރަނީ ކިހިނެއް ކަމުގައި ބުނެދީ ބަލާށެވެ! އަހަރެން ހަމަ ނަމާދުކުރަން އޮންނަ ގޮތަށް ނަމާދުކުރަމެވެ. ކިޔާ ދުއާތަކާއި ކުރާ ހަރަކާތްތައް އެންމެ ރަނގަޅަށް ފުރިހަމަ ކުރެވޭތޯ ބަލަމެވެ!

ދެން އަނެކަކު ބުންޏެވެ: "ނަމާދު ކުރަނީ އަޚުލާގީ ގޮތުން ހެޔޮލަފާ މީހަކަށް ވާށޭ ވެސް ގުރުއާނުގައި އޮވޭ ނޫން ހެއްޔެވެ؟ އަޚުލާގީ ގޮތުން ނުރަނގަޅު ކަންކަން ދޫކޮށް ރަނގަޅު މީހަކަށް ވުމަށެވެ. މީސްމީހުންނަށް ހެޔޮ އެދި ވީވަރަކުން އެހީތެރިވެ، އެ ގޮތުން ހެޔޮ ލަފާ މީހަކަށް ވުމަށެވެ. ދޮގު ހެދުމާއި ވައްކަން ކުރުން ފަދަ މުންކަރާތްތަކަށް އަރައިގަތުމާއި ޒިނޭކުރުން ފަދަ ފާހިޝް ކަންކަމުން ދުރުނުވެވޭ ކަމުގައިވާ ނަމަ، ނަމާދު ކުރިޔަސް، ނަމާދު ކުރިކަމަށްވާނެ ހެއްޔެވެ؟ އަންކަބޫތު ސޫރަތުގެ ފަންސަޔާޅީސް ވަނަ އާޔަތުގައި އޮންނަނީ إن الصلاة تنهى عن الفحشاء والمنكر ولذكر الله أكبر މިހެން ނޫން ހެއްޔެވެ؟ ނަމާދު ކުރުމުގެ މަގުސަދަކީ މާތްﷲ ހަނދުމަކޮށް ފާހިޝް ކަންކަމުންނާއި މުންކަރާތްތަކުން ދުރުވުމަށް ނޫން ހެއްޔެވެ؟ އާޚިރަތުގައި އަލުން ދުނިޔެއަށް އެނބުރި ފޮނުވަމަށް އެދި ބުނާ މީހާ ވެސް ބުނަނީ ސަދަގާތްކޮށް، އެބަހީ އެެހެން މީހުންނަށް އެހީވެ، ތިމަން ހެޔޮ ލަފާ މީހަކަށް ވުމަށެވެ. فأصدق وأكن من الصالحين، މި އާޔަތުގައެވެ. އެހެންވެ، ހަމަ އެކަނި ނިތްތަޅާލުމަކުން ނަމާދު ކުރެވުނީ ކަމަށް ވެދާނެ ހެއްޔެވެ؟ އެކަމުގައި މަގުސަދު ހާސިލު ކުރަން ނޫޅޭ ކަމަށް ވަންޏާ ނަމާދު އެ އަޅުކަން ކުރަން އޮންނަ ގޮތުގައި ކުރެވުނީ ކަމަށް ވެދާނެ ހެއްޔެވެ؟ ނުކައި، ނުބޮއެ ރޯދައަށް ހުރެ، ހަޑި ހުތުރު އެއްޗެހި ކިޔައި އުޅޭ މީހާގެ ރޯދައިގެ ބޭނުމެއް ނެތްކަމަށް ހަދީސެއްގައި އޮވޭ ނޫން ހެއްޔެވެ؟ މިއިން ދޭހަވަނީ އަޅުކަމުގެ ޝިއާރުތަކަކީ ހަމަ އެކަނި އޭގެ ބޭރުފުށް ފުރިހަމަކުރަން އޮންނަ ކަމެއް ނޫންކަމެވެ. އަޅުކަންކަން ފުރިހަމަވާނީ އޭގެ އެތެރެފުށް، އާދެ އޭގެ މަގުސަދުތައް ވެސް ހާސިލުކުރެވިގެންނެވެ!"

އެހެންވެ، ނަމާދު ވިޔަސް އަދި ރޯދަ ވިޔަސް، އެކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރަން ޖެހެއެވެ. އެކަމުގެ މަގުސަދު މަތިން ހަނދާން ކުރަން ޖެހެއެވެ. އެކަންކަމަކީ ފަރުދީ އިސްލާހަށްޓަކައި ކުރަން ޝަރުއު ކުރެވިފައިވާ ކަންކަމެވެ. މުއުމިނާއަކީ އަޚުލާގީ ގޮތުން ރަނގަޅު މީހަކަށް ހެދުމަށްޓަކައި ކަނޑައެޅިފައި އޮންނަ ކަންކަމެވެ.