Support Us

ޢާޒިމާގެ ކޮލަމް: ދިވެހިންނާއި ފަލަސްޠީނާ ގުޅޭ ސިޔާސަތު

އަޅުގަނޑު ބޮޑުވަމުން އައީ ފަލަސްޠީނުގެ މައްސަލައަކީ ދިވެހިންގެ ހިތާ ގުޅިފައިވާ މައްސަލައެއްގެ ގޮތުގައި ބަލައިގެންނެވެ. އެއީ ދައުލަތުގެ މީޑިޔާއާއި، ސަރުކާރާއި އަދި ސްކޫލްތަކުގައި އެކަން ދަސްކޮށްދެމުން އައިގޮތެވެ. އަދި އަޅުގަނޑުމެންގެ ވިސްނުންތައް ބައްޓަންވަމުން އައިގޮތެވެ. މިއަދުގެ ޖީލުތަކާއި އަޅުގަނޑުމެންނާ ވިސްނުމުގައި ތަފާތުތަކެއް އެބަހުއްޓެވެ. އެހެނަސް ފަލަސްޠީނުގެ މައްސަލައިގައި، މިއަދުގެ ޒުވާނުންގެ ވިސްނުން ބަދަލުވި ހެނެއް ހިޔެއް ނުވެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެއީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވެފައި، ފަލަސްޠީނުގެ މައްސަލައަކީ މުޅި އިސްލާމީ އުންމަތާ ގުޅިފައިވާ މައްސަލައަކަށްވާތީއެވެ. އަދި ހަމައެއާއެކު، އިސްލާމުންގެ ދެ ވަނަ ޤިބްލަކަމުގައިވާ އަލްމަސްޖިދުލް އަޤްޞާ އަކީވެސް ފަލަސްޠީނުގެ ބިމުގެ ގޮތުގައި ހިމެނިފައިވާ ބިމަކަށްވާތީއެވެ.

އަޅުގަނޑު ދަންނަ ގޮތުގައި ޒަމާނުއްސުރެ، ދިވެހިންނަށް non-negotiable ނުވަތަ އެހެން ގޮތެއް ޤަބޫލުނުކުރާނޭ ދެ ކަމެއް ވެއެވެ. އެއީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްލާމްދީނުގެ މައްސަލައެވެ. ދިވެހިން ޤައުމެއްގެ ޙައިސިއްޔަތުން އަދި ރައްޔިތެއްގެ ޙައިޞިއްޔަތުން ހަމަހިލާ އެހެން ގޮތެއް ޤަބޫލުނުކުރާނޭ ދެ ކަމަކީ މިއީއެވެ. ޚިޔާލުތަފާތުވާ ބަޔަކު ނެތެކޭ ނޫނެވެ. އެހެނަސް މުޅި ދިވެހިރައްޔިތުންގެ ބަހެއް ހޯދާނަމަ، މި ދެ ކަމުގައި އެހެން ގޮތެއް ހޯދޭނޭ ކަމަކަށް އަޅުގަނޑަކަށް ހަމަހިލާ ނުފެނެއެވެ.

މުޅި ދުނިޔޭގައި މިއަދު ޢާންމު އެއް ވާހަކައަކީ، އިސްރާއީލުން ފަލަސްޠީނު ޢާންމު ރައްޔިތުން ޝަހީދުކުރަމުން ގެންދާ ވާހަކައެވެ. ޓީ.ވީގެ ސްކްރީންތަކާއި ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިޔޯތަކަކީ ބަލަން ހިތަށް ކެތްވާވަރުގެ ފޮޓޯތަކެއް އަދި ވީޑިޔޯތަކެއް ނޫނެވެ. ޝަހީދުވެފައިވާ ކުދިންގެ ގައިން މަންމައަށް ނޫނީ ބައްޕައަށް ދޫށްނުލެވިގެން އުޅޭ މަންޒަރެވެ. މަންމަ ނުވަތަ ބައްޕަގެ މަރުވެފައިވާ ހަށިގަނޑުގެ ކައިރީގައި ރޯންތިބޭ ކުދިންނެވެ. ގޮތްހުސްވެ ކަރުއެލިފައިވާ މުސްކުޅިންނެވެ. މިހެންގޮސް ހިތްފަޅަގެންދާ ވަރުގެ ކިތަންމެ މަންޒަރެކެވެ. ރަސްމީ އަންދާޒާތަކުން ފެންނަ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް، ކުޑަކުދިންނާއި އަންހެނުންނާއި އަދި މުސްކުޅިން ހިމެނޭހެން 40،000 މުސްލިމުން ވަނީ ޝަހީދުކޮށްލައިފައެވެ. އެތަކެއް ޑޮކްޓަރުންނެއް ޝަހީދުކޮށް، ހޮސްޕިޓަލްތަކުން ބޭސްހުސްވެފައެވެ. ފެނާއި ކަރަންޓުކަނޑައި، އެހީގެ ގާފިލާތައް ވަނުން ބަންދުކޮށް ޣާޒާގެ ރައްޔިތުން ބަނޑަށް ޖައްސާފައެވެ. ކާބޯތަކެތީގެ ކިޔުތަކަށް ބޮންއަޅާ، ގެދޮރުގެއްލި އަމިއްލަ ވަޠަނުގައި ރެފިޔުޖީންނަށް ވެފައިވާ ރައްޔިތުން ޝަހީދުކުރަން ފަށައިފައެވެ. ހުރިހާ މާނައެއްގައިމެ، އިންސާނީ ދަރިފަސްކޮޅެއް ނެތިކޮށްލުމަށް ހިންގަމުންގެންދާ genocide ނުވަތަ ޤަތުލްޢާންމެކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތެއްގައި ހަމާސްއިން އިޒްރާއިލަށް ދިން ޙަމަލާތަކާ ގުޅިގެން އިޒްރާއީލުން ފަށައިފައިވާ ޤަތުލްޢާންމުގެ މައްސަލައިގައި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބަލާއިރު، އިޒްރާއީލުގެ ޙަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ކުރިޔަށް ގެންދާ ޙަމަލާތަކެއްކަން ވަރަށް ސާފެވެ. އަދި އިންސާނިއްޔަތާ ދެކޮޅަށް ކުރިޔަށް ގެންދާ ޙަލަމާތަކެއްކަންވެސް ސާފެވެ. މީގެ އިތުރުން، ދުނިޔޭގައި މިކަމާ ދެކޮޅަށް ކުރާ މުޒާހަރާތަކާއި ޤައުމުތަކުން ފަލަސްޠީނާ އެއްކޮޅަށް ނިންމަމުން ގެންދާ ނިންމުންތަކަށް ބަލާއިރު، މި ޤަޠުލުޢާންމާއި ދުނިޔޭގެ ސިވިލް ސޮސައިޓީވެސް ދެކޮޅުކަން ވަރަށް ސާފެވެ. އ.ދގެ ސްޓޭންޑްތަކަށް ބަލާއިރު، އ.ދ ގެސެކްރެޓަރީ ޖެނެރަލް 2023 އޮކްޓޯބަރ ހަނގުރާމަ ހުއްޓުމަށް އިލްތިމާސްކުރައްވަމުންނެވެ. އެއީ އިންސާނީ އެހީފޯރުކޮށްދިނުމުގައި ވަމުންދާ ދަތިތަކުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އަދި ފަލަސްޠީނުގައި އެހީތެރިވަމުންދާ އެތައް އޮފިޝަލުންނެއް ޝަހީދުވެ، މަސައްކަތްތެރިންގެ ރައްކާތެރިކަން ނެތިގެން، އެތައް ޖަމިއްޔާތަކަކުން ވަނީ މަސައްކަތް ހުއްޓާ ބިމުން ފައިބައިފައެވެ.

އިޒްރޭލުން ދެމުންގެންދާ ޤަތުލްޢާންމު ފެށުނީއްސުރެ، ދިވެހިންގެ އެތައް ބަޔަކު އިޒްރާއީލްގެ ރައްޔިތުން ރާއްޖެއަށް އައުން މަނާކުރުމަށް ގޮވާލަމުން ދެއެވެ. އަދި އިޒްރާއީލުގައި އުފައްދާ ތަކެތި ރާއްޖެ އެތެރެކުރުން މަނާކުރަންވެސް ގޮވާލަމުންދެއެވެ. މިއީ ދިވެހިންނަށް އާ ފިޔަވަޅެއް ނޫނެވެ. ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި އެކަންވަނީ އެގޮތަށް ކުރައްވާފައެވެ. އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުންވަނީ އިޒްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރައްވާފައެވެ. މިހާރު ރައީސް ޑރ. މުޙަންމަދު މުޢިއްޒުގެ ސަރުކާރުގައި އަލުން މިވަނީ އިޒްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ވަނުން މަނާކުރައްވަން ނިންމަވައި، އަދި އެކަމަށްޓަކައި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައެވެ.

ދިވެހިރާއްޖޭގެ މި ނިންމުމާ ގުޅިގެން، ދިވެހިރާއްޖެއަށް ފިޔަވަޅުއެޅުމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހަޅަން އެޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތައްޔާރުވަމުންދާ ކަމުގައި ރާއްޖޭގެ މީޑިޔާއިން ރިޕޯޓުކޮށްފައެވެ. އަދި ހަމައެއާއެކު، އިނގިރޭސިވިލާތުގެ ޓެލްގްރާފް ނޫހުގައި، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، މިއަދުގެ ދިވެހި ސަރުކާރަކީ އިސްލާމިސްޓް ނުވަތަ ހަރުކަށި ފިކުރުގެ ނުވަތަ އެ ފިކުރަށް ތާއީދުކުރާ ސަރުކާރެއް ކަމުގައި ބުނެ، މަޒްމޫނެއް ޝާޢިއުކޮށްފައެވެ. މިއީ މިކަންކަން ހިނގާނޭ ގޮތެވެ. އަޅުގަނޑުމެން އެކަން ދަންނަންޖެހޭނެއެވެ.

އެހެންކަމުން، މިއަދު ދިވެހިންނަށް އެންމެ ބޮޑު ސުވާލަކަށްވެފައިވަނީ، އިޒްރާއީލުގެ މައްސަލައިގައި ދިވެހި ސަރުކާރުގެ ނިންމެވުމަކީ ކުޑަކުޑަ ދިވެހިރާއްޖެއަށް މާބޮޑު ނިންމުމެއް ހެއްޔެވެ؟ އަދި އެކަމުން ރާއްޖެއަށް ކޮންޓްރޯލް ނުކުރެވޭނޭ ވަރުގެ ގެއްލުންތަކެއް ވެދާނެހެއްޔެވެ؟ ނޫނީ ފަލަސްޠީނުގެ މައްސަލައިގައި އަޅުގަނޑުމެންނަށް ކަމެއް ނުކޮށް ތިބެވިދާނެ ހެއްޔެވެ؟

އަޅުގަނޑު ދެކޭގޮތުގައި މި މައްސަލައަކީ ޚާރިޖީ ސިޔާސަތުގެ މައްސަލައެކެވެ. މައްސަލައަކީ އަދި މަފްޙޫމަކީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމެވެ. އެއީ އިސްރާއީލްގެ ޕާސްޕޯޓް ރާއްޖޭގައި ބަލައިނުގަތުމެވެ. މިއީ ޤާނޫނީ ފުރިހަމަ ޙައްލުތަކަކަށްވުރެ، ޚާރިޖީ ސިޔާސަތާއި، އިސްރާއީލްގެ ސަރުކާރުން ފަލަސްޠީނާމެދު ގެންގުޅޭ ސިޔާސަތުތަކާއި އަދި ފަލަސްޠީނުގެ ރައްޔިތުންނާމެދު ކަންކުރާ ގޮތާ ބެހޭގޮތުން، ދިވެހިސަރުކާރުން އަދި ދިވެހި ރައްޔިތުންދޭ ރައްދެކެވެ. މި ސިޔާސަތުގެ ސަބަބުން އިޒްރާއީލްގެ މީހުން އެހެން ޕާސްޕޯޓުގައި އެތެރެވުމެއް މަނަލެއްނުވެއެވެ. އަދި އެއީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވާ ގޮތަށް ކުރެވިދާނޭ ކަމެއްނޫނެވެ.

އަޅުގަނޑުގެ ނަޒަރުގައި ދިވެހިސަރުކާރުގެ ނިންމެވުން ރަނގަޅެވެ. އިސްލާމީ އުންމަތުގެ ބައެއްގެ ގޮތުންނެވެ. އަދި ހަމައެއާއެކު ބައިނަލްއަޤްވާމީ މައިދާނުގައި ޤާނޫނާ އެއްގޮތަށް ކަންކުރާ ޤައުމެއްގެ ހައިސިއްޔަތުންނެވެ. އިންސާނިއްޔަތަށް ލޯބިކުރާ ބައެއްގެ ހައިސިއްޔަތުންނެވެ. ހަމައެއާއެކު، އަޅުގަނޑުގެ ނަޒަރުގައި ދިވެހި ދައުލަތަށް މިނޫންގޮތަކަށް މިނިންމެވުމެއް ނުނިންމެވޭނެއެވެ.

ތެދެކެވެ. ދިވެހިރާއްޖެއަކީ ހިންދު ކަނޑުގައި އޮތް ކުޑަކުޑަ ޤައުމެކެވެ. އަދި ބޭރުގެ ދުނިޔެއަށް މުޅިން ބަރޯސާވެފައި އޮތް ޤައުމެކެވެ. ދިވެހިރާއްޖެއިން އަޅާ ފިޔަވަޅަކުން އިޒްރާއީލަށް މާބޮޑު އަސަރެއް ނުކުރާނެއެވެ. އެހެނަސް އިޒްރާއީލްގެ ޢަމަލުތައް ހުއްޓުވުމަށް މުޅި ދުނިޔެ ނުކުޅެވިފައިވާ ވަގުތެއްގައި މިއީ ވަރަށްވެސް މާނަފުން ޢަމަލެކެވެ. ހަމައެއާއެކު، ދިވެހިރާއްޖެއަކީ އަމިއްލަ މިނިވަންކަން ލިބިފައިވާ އަމިއްލަ އަށް ބަސްބުނުމުގެ ޙައްޤުލިބިފައިވާ ޤައުމެވެ. އެހެނަސް ކަންބޮޑުވުން ފާޅުކުރައްވާ ބޭފުޅުން ވިދާޅުވަމުން ގެންދަވާ ފަދައިން، މި ނިންމެވުމުގެ ރައްދުގައި އެކި ޤައުމުތަކުން އަޅާފާނޭ ފިޔަވަޅުތަކުން ރާއްޖެއަށް ލިބިދާނޭ ގެއްލުމަކާމެދު ވިސްނަންޖެހޭނެއެވެ.

ފަލަސްޠީނުގެ މައްސަލައިގައި ދުނިޔޭގެ ވިސްނުންތައް ބަދަލުވާތަން އަޅުގަނޑުމެންނަށް ނުފެނޭތޯއެވެ؟ ދުނިޔޭގައި ދުވަހަކު ފަލަސްޠީނާ އެއްކޮޅަށް ބަހެއް ބުނާނޭ ކަމަށް ހިތައް ނުގެނެވޭ އެތައް ސަރުކާރަކުން އެދަނީ އ.ދގައި ފަލަސްޠީނާއި އެއްކޮޅަށް ވޯޓު ދެމުންނެވެ. މިގޮތުން 2011 ގައި ފަލަސްޠީނުން އ.ދގެ މެންބަރުކަމަށް އެދުމުން ފޭލްވިޔަސް، 2024 ގައި އަލުން، އ.ދގެ މެންބަރުކަމަށް އެދުމުން، މެންބަރުކަން ދިނުމަށް 143 ޤައުމުން ވޯޓުދީގެން އ.ދގެ ޢާންމު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ލަންޑަނުގައި ނުވަތަ ފްރާންސްގައި ނުވަތަ އުނޫންވެސް ޔޫރަޕްގެ ޤައުމެއްގައި ފަލަސްޠީނާ އެއްކޮޅަށް އެތައް މިލިއަން މީހުން މުޒާހަރާކޮށްފާނޭ ކަމަށް މީގެ އަހަރެއްހާ ދުވަސް ކުރިން ޤަބޫލުކުރާނީ ކާކުހެއްޔެވެ؟ ފަލަސްޠީނުގެ ދައުލަތް ފްރާންސް ފަދަ ޤައުމުތަކުން ބަލައިގެންފާނޭ ކަމުގައި ހީކުރާނީވެސް ކާކު ހެއްޔެވެ؟ ހާވަޑް އަދި ޔޭލް ފަދަ ދުނިޔޭގެ އެއްވަނައިގައި ހިފަހައްޓާ ޔުނިވަސިޓީތަކުގައި ފަލަސްޠީނުގެ ދިދަ ދަމާލެވިދާނޭ ކަމުގައި ޤަބޫލުކުރާނީވެސް ކާކުހެއްޔެވެ؟ އާދޭހެވެ. ފަލަސްޠީނުގެ މައްސަލައިގައި މިއަދު ދުނިޔޭގެ ވިސްނުން އަންނަނީ ބޮޑުތަނުން ބަދަލުވަމުންނެވެ. ނުވަތަ ބަދަލުވެއްޖެއެވެ.

ދިވެހިރާއްޖެއިން އަޅަން ނިންމި ފިޔަވަޅަކީ މީގެ ކުރިން ދިވެހިރާއްޖެއިން ނުއަޅާ ފިޔަވަޅެއްނޫނެވެ. ނުކުރާ ކަމެއްނޫނެވެ. ތެދެކެވެ. ރައީސް މައުމޫންގެ ޒަޢާމަތުގައި ދިވެހިރާއްޖެ އޮތީ އެވަރަށް ދުނިޔެއަށް ހުޅުވިފައި ކަމަށް ނުވެދާނެއެވެ. އެހެނަސް އޭރުވެސް އަދި ފަހުންވެސް ދިވެހިރާއްޖެއިން މިދަނީ ދިވެހި ރާއްޖެއަށް މުހިންމު މުހިންމު ޚާރިޖީ ނިންމުންތައް ނިންމަމުންނެވެ. ބައެއް ފަހަރު އެއީ ފަސޭހަ ނިންމުންތަކެކެވެ. އަދި ބައެއް ފަހަރު އުނދަގޫ ނިންމުންތަކެކެވެ. ބައެއް ފަހަރު ބައެއް ޤައުމުތައް ރުހެއެވެ. އަދި ބައެއް ފަހަރު ބައެއް ޤައުމުތައް ނުރުހެއެވެ. އެހެނަސް އެއީ އަޅުގަނޑުމެންގެ އަމިއްލަ ނިންމުންތަކެކެވެ. މިނިވަން ޤައުމެއްގެ ހައިސިއްޔަތުން ނިންމާ ނިންމުންތަކެކެވެ.

އަޅުގަނޑުގެ ނަޒަރުގައި އެވަގުތަކަށް ރާއްޖެއަށް ބޭނުންވާ އަދި ރާއްޖެއިން ބޭނުންވާ ޚާރިޖީ ސިޔާސަތުތައް ރާއްޖެއިން ނިންމެންވާނެއެވެ. ހަމައެއާއެކު އަޅުގަނޑުގެ ނަޒަރުގައި ސިޔާސަތެކޭ އެއްވަރަށް ސިޔާސަތު ތަންފީޛުކުރުމުގައި ދައުލަތުން ގެންގުޅޭ އުޞޫލުތަކަކީވެސް ހަމައެހާ މުހިންމު ކަމެކެވެ.

އޭގެ ތެރޭގައި ދިވެހިރާއްޖޭގެ ކޭސް ބޭރުގެ ދުނިޔެއަށް ތަފްޞީލްކޮށް ފޯރުކޮށްދިނުމާއި، އަދި ހަމައެއާއެކު ރާއްޖޭގެ ނިންމުންތަކާ ދެކޮޅަށް އަޑުއުފުލާ އަދި ބަސްބުނާ މީހުންނަށް ޖަވާބުދާރީވުމުގައި ޕްރޮފެޝަނަލް އަދި ޢިލްމީ މިންގަނޑުތައް ބޭނުންކުރުމާއި، ނިންމުތަކާ ދެކޮޅަށް އަޅާފާނޭ ފިޔަވަޅުތަކާއި ކުރިމަތިވާނޭ ގޮންޖެހުންތަކަށް ތައްޔާރުވުން ހިމެނެއެވެ. ހަމައެއާއެކު އަޅުގަނޑުގެ ނަޒަރުގައި ދިވެހިން ކޮށްގެންނުވާނޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ ދިވެހިރާއްޖެއާ ދެކޮޅަށް ދިވެހިން ވަކާލާތު ނުކުރުމެވެ. ދިވެހިރާއްޖެއަށް ފިޔަވަޅުއަޅަން ދިވެހިން ގޮވާ ނުލުމެވެ. ހިތްވަރު ނުދިނުމެވެ. ދިވެހިރާއްޖެ ބޮއިކޮޓް ކުރުމުގެ ކެމްޕޭން ދިވެހިން ނުހިންގުމެވެ. އަދި ހަމައެއާއެކު ސޯޝަލް މީޑިޔާ ޓްރޯލްސް ބޭނުންކޮށްގެން ޒާތީނުވުމެވެ. ދެކޮޅަށް އެކަންޏެއްނޫނެވެ. އެއްކޮޅަށްވެސް ޒާތީ ނުވުމެވެ.

ހަމަ އެއާއެކު އަޅުގަނޑުގެ ނަޒަރުގައި ދިވެހިން ކޮށްގެންނުވާނޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ ދިވެހިރާއްޖެއާ ދެކޮޅަށް ދިވެހިން ވަކާލާތު ނުކުރުމެވެ. ދިވެހިރާއްޖެއަށް ފިޔަވަޅުއަޅަން ދިވެހިން ގޮވާނުލުމެވެ. ހިތްވަރު ނުދިނުމެވެ. ދިވެހިރާއްޖެ ބޮއިކޮޓް ކުރުމުގެ ކެމްޕޭން ދިވެހިން ނުހިންގުމެވެ. އަދި ހަމައެއާއެކު ސޯޝަލް މީޑިޔާ ޓްރޯލްސް ބޭނުންކޮށްގެން ޒާތީނުވުމެވެ. ދެކޮޅަށް އެކަންޏެއްނޫނެވެ. އެއްކޮޅަށްވެސް ޒާތީ ނުވުމެވެ.

އޮޅުވާ ނުލައްވައްޗެވެ. އަޅުގަނޑު މިދަންނަވަނީ މިހާރު މިމަސައްކަތްތައް އެކަށީގެންވާ ގޮތަށް ނުކުރާވާހަކައެއް ނޫނެވެ. އަޅުގަނޑުގެ މަޤްޞަދަކީ ލިބިދާނޭ ގެއްލުމަކަށްޓަކައި މިފަދަ މުހިންމު ނިންމުންތައް ނިންމަންނުވާނޭ ކަމަށް ވަކާލާތުކުރައްވާ ބޭފުޅުންނަށް ރައްދެއް ދިނުމެވެ. އަޅުގަނޑުގެ ރައްދަކީ، އެއީ ޤައުމެއްގެ ޙަޔާތުގައި ވަރުގަދަ ނިންމުންތައް ނިންމަންޖެހޭ ވަގުތުގައި އެފަދަ ނިންމުންތައް ނިންމަން ކެރެންވާނެއެވެ. އެހެންނަމަވެސް އެފަދަ ނިންމުންތައް ނިންމަންވާނީ އެކަމަށް ތައްޔާރުވެގެންނެވެ. ގެއްލުންތަކުން ބަރީޢަވެވޭނޭ ގޮތްތައް ހޯދާފައެވެ. އެވަރުގެ ޤާބިލުކަން، މިދިވެހިރާއްޖޭގައި އެބަހުއްޓެވެ. އެވަރުގެ ފަންނީ ސިކުނޑިތަކުގެ ވެރިން ދިވެހި ދަރިންގެ ތެރޭގައި އެބަތިއްބެވެ. އެކަންވަނީ އެތައް ފަހަރަކު އެތައް ގޮތަކުން ދިވެހި ދަރިން ސާބިތުކޮށްދީފައެވެ.

މާތްﷲ ފަލަސްޠީނުގެ އަންހެނުންނަށާއި ކުޑަކުދިންނަށް އަދި ރައްޔިތުންނަށް ރައްކާތެރިކަން ދެއްވާށި! އަދި ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން މިންވަރުކުރައްވާށި! އާމީން!