Support Us

ކޮލަމް: އަލި

ކޮލަމް އަލި: ބޭނުންހައި އެއްޗެއް ބޭނުން ހައި ގޮތަކަށް ބުނެގެން ނުވާނެ! ލިޔެގެން ވެސް ނުވާނެ!

ދިވެހިބަހުގެ މުއްސަނދިކަމާއި އޭގެ ރީތިކަން ނަގައިލުމުގެ ހައްގެއް އެއްވެސް ދިވެއްސަކަށް ލިބިގެނެއް ނުވެއެވެ. އޮތީ ހެޔޮ ގޮތުގައި ބަސް ބޭނުންކުރުމެވެ. ދިވެހިބަހަށާއި ދިވެހި ގައުމަށާއި ދިވެހި ޤައުމިއްޔަތަށް ހެޔޮ އެދެންޏާ ދިވެހިބަހަށް ހެޔޮ އެދޭނެއެވެ. ދިވެހިބަހުން އެއްޗެއް ބުނެ ނުވަތަ ލިޔެ ހާމަކުރުމުގެ ކުރިން ތިމާއަށް ނުވަތަ ތިމަތިމާމެންނަށް އެ ލިޔެވުނު އެއްޗެއް ލިޔެވުނީ ބަހުގެ ހަމަތަކަށް ފެތޭހެންތޯ ބަލަންވާނެއެވެ. އެ ޒިންމާ ނަގަންވާނެއެވެ. އެ ކަމުގައި ޝައްކެއް އޮތިއްޔާ ބަހުގެ ތަންދޮރު ދަންނަ މީހަކަށް ދައްކައިލައި ލަފައެއް ހޯދަންވާނެއެވެ.

ބަހަކީ އަމާނާތެކެވެ. މި އަމާނާތް ދަރީންގެ ދަރީންނަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުވައިދޭން ޖެހޭނެއެވެ. މި ކަން ކުޅައުމުގެ އެންމެ އިސް މަސްލަހަތުވެރީންނަކީ މައިންބަފައިންނާއި އެދުރުންނެވެ. ގިނަފަހަރަށް ލިޔާންވީ ގޮތުގެ ހަމަތަކާއި ރަސްމީކޮށް ބުނާންވީ ގޮތް ދަސްކޮށްދޭ ބަޔަކީ އެދުރުންނެވެ. ދިވެހިބަހުގެ އެދުރުން ކުށް ކިޔަންޏާ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އޭރަށް ދަރިވަރުންނަށް އެ ދެއްކޭ ނަމޫނާ ރީއްޗެއް ނޫނެވެ. ރަނގަޅެއް ވެސް ނޫނެވެ.

މި ލިޔުމުގައި ހިމަނައިފައި މިވާ އިސްކިރީނު ޝޮޓްތަކަކީ ދާދި ފަހުން އަޅުގަނޑުގެ އިހު ދަރިވަރަކު ހިއްސާކުރި އެއްޗެހިތަކެކެވެ. އެއީ، ދިވެހި މުދައްރިސަކު ބެލެނިވެރީންތަކަކާ ކުރައްވައިފައި ހުރި މުއާމަލާތެއްގެ މެސެޖުތަކެކެވެ. ދިވެހިބަސް މި ދަރަޖައަށް ވެއްޓޭންވީ ސަބަބަކީ ކޮބައިތޯއެވެ؟ މިއީ ބަހުގެ ކުށެއް ތޯއެވެ؟ ނޫނީ މުދައްރިސްގެ ކުށެއްތޯއެވެ؟ ނޫނީ މުދައްރިސް މުދައްރިސަކަށް ހެއްދެވި ބޭފުޅުންގެ ކުށެއްތޯއެވެ؟ ނޫނީ މަދަރުސީ ތައުލީމު ދެވޭ ގޮތުގެ ކުށެއް ތޯއެވެ؟

މި މެސެޖުތައް ލިބުމުން ހިތަށް ވަރަށް އުނދަގޫވިއެވެ. ބަހަށް ލޯބިކުރާ، ބަހުގެ ކަންކަމާ ހިސާބަކަށް ނަމަވެސް އުޅެވޭ މީހެއްގެ ހައިސިއްޔަތުން މި ކަމާ މެދު އެއްޗެއް ނުބުނެ ހަނު ހުރުން އަޅުގަނޑުގެ ޒަމީރު ގަބޫލެއް ނުކުރިއެވެ. އަޅުގަނޑުގެ ޒަމީރާއި އަޅުގަނޑު ހިތް އަޅުގަނޑުގެ ގާތު ބުނީ މިއީ ދިވެހިބަހުގެ ހައްގުގައި ކޮންމެހެން ވެސް އަޑު އުފުލާން ޖެހޭ ކަމެއް ކަމުގައެވެ. މި ވާހަކަތައް މި ހިއްސާ ކުރީ މި ކަންކަމާ މެދު މުދައްރިސުން ހޭއްލެއްވުމުގެ ބޭނުމުގައެވެ. ބަހާ މެދު ފިކުރުކުރައްވަން ހަނދުމަފުޅުކޮށް އެރުވުމުގެ ބޭނުމުގައެވެ. ބަހުގެ ގަވާއިދުތަކާއި ހަމަތަކާއި އިސްތިއުމާލީ ރިވެތި ގޮތްތައް މީސްމީހުންގެ ގާތު އެކަނި އައްސަވައިގެން ނުނިންމަވައި ފޮތްތައް ވިދާޅުވެ ދިރާސާކުރައްވައިގެން ބަހަށް އަހުކުވެރިވެވަޑައިގެން އުނގަންނައި ދެއްވުމުގެ މަސައްކަތްތަކަށް ވަރަށް ރަނގަޅަށް އަމިއްލައަށް ތައްޔާރުވެވަޑައިގަންނަވަން ޖެހޭ ކަން މުދައްރިސުންނަށް ހަނދުމަފުޅުކޮށް އެރުވުމުގެ ވެސް ބޭނުމުގައެވެ. ހަމައެކަނި ފިލާވަޅުތަކުގެ އޮނިގަނޑު އެކަނި ދަސްކޮށް ނުދެއްވައި ދިވެހިބަހުގެ ހަމަތަކާއި ބަސްކޮށާރުގެ ފުރިހަމަ ހަމަތައް ވެސް ދަސްފުޅުކުރައްވައި ދަރިވަރުންނަށް އުނގަންނަވައި ދެއްވުމުގެ ބުރަ މަސައްކަތްޕުޅު ހަރުދަނާކުރައްވަން ޖެހޭ ކަން ދެންނެވުމުގެ ވެސް ބޭނުމުގައެވެ.

ކިޔަވައިދެއްވާ މުދައްރިސްގެ ވާހަކަތައް ދަރިވަރުން ނަކަލު ކުރާނެއެވެ. މުދައްރިސް ލަފުޒު ބޭނުން ކުރައްވާ ގޮތްތައް ކުދިން އަޑު އަހާނެއެވެ. އަދި އެ ގޮތްގޮތަށް ތަލައްފުޒު ކުރެވޭތޯ ވެސް އެ ކުދިން ބަލާނެއެވެ. މިހެންވުމުން ދިވެހިބަސް ކިޔަވައިދެއްވާ ކޮންމެ މުދައްރިސަކު ވެސް ދިވެހިބަހުން ސާފުކޮށް ވާހަކަދެއްކެވުމުގެ ރީތި މިސާލު ކިލާސްތެރެއިންނާއި ކިލާހުން ބޭރުގައި ވެސް ދަރިވަރުންނަށް ދައްކަވަން ވާނެއެވެ. ކުދިން ބަހަށް އިހުތިރާމް ކުރާނީ އޭރުންނެވެ. ބަސްދެކެ ލޯބިވާނީ އޭރުންނެވެ. އަޅުގަނޑުމެން މުދައްރިސުން ފޫހި ޒާތަށް ބަސް ބޭނުން ކުރައްވަންޏާ ދަރިވަރުންގެ ހިތުގައި ދިވެހިބަހުގެ މައްޗަށް އުފަންވާނީ ނައްސި ރަވައްޔާތަކެވެ. މިހެންވެއްޖެއްޔާ އެ ދަރިވަރުން ބަހަކަށް ގަދަރެއް ނުކުރާނެއެވެ. ބަސް ދެކެ ލޯތްބެއް ވެސް ނުވާނެއެވެ. ދިވެހިބަހަށް ހުރިހައި މާނައެއްގައި ހެން ދަރިވަރުން މޮޅުކުރެވޭނީ އެ ކުދިންގެ ހިތުގައި ދިވެހިބަހަށް ލޯބި ޖެއްސިގެންނެވެ. ބަހުގެ ހުނަރުތަކަށާއި އަދަބީ އުފެއްދުންތަކަށް ދަރިވަރުން ކުޅެއްދޭނީ ވެސް އޭރުންނެވެ.

އެހެންވީމާ، އަޅުގަނޑުމެން ބޭނުންހައި އެއްޗެއް ބޭނުން ހައި ގޮތަކަށް ދިވެހިބަހުން ވެސް ބުނެގެން ނުވާނެއެވެ. އަދި ލިޔެގެން ވެސް ނުވާނެއެވެ. އަޅުގަނޑުމެން ބުނާން ވާނީ ރީތިކޮށެވެ. ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކަށް ފައްތައިގެންނެވެ. އަޅުގަނޑުމެން ލިޔާން ވާނީ ވެސް ހަމަ މި މޭރުމުންނެވެ. ދިވެހިބަހަކީ އިޝާރާތެކޭ ކިޔައިފައި ދޫކޮށް ނުލާށެވެ. އެ ދޯހަޅި ގޮތް އަޅުގަނޑުމެންގެ ނަފުސުތަކުން ދުރަށް ލަމާ  ހިންގަވާށެވެ. އެހެނީ ކުށް ނުލައި ސާފު ދިވެހިބަހުން ވާހަކަ ވެސް ދެއްކޭނެއެވެ. އަދި ލިޔަން ވެސް ލިޔެވޭނެއެވެ.