Support Us

ކޮލަމް ކަލާވެހި: ވަރަށް އާދައިގެ، އެކަމަކު ނުރައްކާތެރި ޖުމުލަޔެއް!

"ކަލޭމެން ކަހަލަ މީހުން އަނގައިންނުބުނެ، މަޑުން ތިބީމައި…"

މިއީ ބައެއް ކަހަލަ މީހުންގެ ދުލުކުރިޔަށް ހާދަ ފަސޭހައިން އަންނަ ޖުމުލަޔެކެވެ. އަދި އެއީ ބައެއް ކަހަލަ މީހުންގެ އަތްމަތީ ޖުމުލަޔެއް ކަހަލައެވެ. އަދި ކަންކަމާ މެދު އެހައި ބޮޑަށް ނުވިސްނާ ޒާތުގެ ބައެއް މީހުންނަށް ހީވެދާނޭ ގޮތުގައި، ވަރަށް އާދައިގެ، ސާދާ ޖުމުލަޔެއް މެއެވެ. އަދި ކިއެއްތަ، އެއީ ހަމަ ކޮންމެ މީހަކަށްވެސް ފިކުރަކާ ނުލައި ބުނެލެވިދާނޭ ފަދަ ޖުމުލަޔެއް މެއެވެ. އެއީ އެ ޖުމުލަޔެއްގައި އެއްވެސް ކަހަލަ ނުނިޔަތެއް ނުވަތަ ނުރައްކަލެއްވެސް އެކުލެވިގެން ނުވާ ޖުމުލަޔެކޭ ވެސް ބައެއް މީހުންނަށް ހީވެދާނޭ ޖުމުލައެއް ކަމަށްވެސް ބައެއް މީހުންނަށް ހީވެދާނެއެވެ.

އެކަމަކު ޙަޤީޤަތަކީ އެއީއެއް ނޫނެވެ. ޙަޤީޤަތަކީ އެއީ އޭގައި އެތައް ނުރައްކަލެއް އެކުލެވިގެންވާ ޖުމުލަޔެއް ކަމެވެ. ހަޤީޤަތަކީ ޖުމުލައިން އެތައް އެތައް މާނަޔަކަށް ޖާގަ ދެވޭ، އެތައް އެތައް ސުވާލެއްވެސް އޭގެ ސަބަބުން އުފެދިދާނޭ، ނުވަތަ އުފެއްދިދާނޭ ޖުމުލަޔަކަށް ވެދާނޭ ކަމެވެ. ޖުމުލަޔަކީ ޖުމުލަ އެ މީހަޔާ އަމާޒުކޮށް ބޭނުން ކުރެވޭ މީހާޔާ އަމާޒުކޮށް އެތައް އިލްޒާމެއް ފޮނުވައިލެވޭ ޖުމުލަޔަކަށް ވާ ކަމެވެ.  އަދި އެ މީހެއްގެ އަނގައިން އެ ޖުމުލަ ބޭރުވާ މީހާގެ ޝަޚުޞިއްޔަތާ މެދު އެތައް ބާބެއް ފައުޅުގައި ލިޔެވި ދާނޭ ޖުމުލަޔަކަށް ވާ ކަމެވެ.

ވިސްނާވަޑައިގެން ބައްލަވާށެވެ! "ކަލޭމެން ކަހަލަ މީހުން އަނގައިންނުބުނެ، މަޑުން ތިބީމައި…" މި ޖުމުލަ މީހެއްގެ އަނގައިން ބޭރުވާނީ ހިނގައިފި ނުވަތަ ހިނގަމުންދާ ކޮންމެވެސް ކަމަކާ މެދު ހިތްހަމަނުޖެހިފައި ހުރި މީހެއްގެ އަނގައިންނެވެ. ކޮންމެވެސް މީހަކު ނުވަތަ ކޮންމެވެސް ބަޔަކު ބުނި އެއްޗެއް ނުވަތަ ކުރި ނުވަތަ ކުރަމުން ގެންދާ ކަމަކާ މެދު ކޮންމެވެސް ބަޔަކު އަޑުއުފުލައި، އިޙްތިޖާޖުކޮށް، އަޑުގަދަކުރާ ހިސާބަށް ކަންކަން ގެންދާން ލާޒިމުވެއްޖެ ކަމަށް އެ މީހަކަށް ފެނުނު ކަން ދެއްކުމުގެ ގޮތުންނެވެ. އަދި އެ ޖުމުލަ އަނގައިން ބޭރުކުރާ މީހާޔަކީ ކޮންމެވެސް ސަބަބަކަށްޓަކައި އަޑުއުފުލައި، އިޙްތިޖާޖުކޮށް، އަޑުގަދަކުރުމުގެ ފުރުޞަތުން ނުވަތަ ބާރުވެރިކަމުން މަޙްރޫމުވެގެން ވާ މީހެއް ކަމަށް ދެއްކުމާ އެކު، ތިމާގެ ކުރިމަތީގައި ޖުމުލަ އަޑުއަހާން ހުރި މީހާޔަކީ އެ ފުރުޞަތާއި ބާރު ލިބިގެން ވިޔެއް ކަމަކު އެ ކަން ނުކޮށް ހުންނަ ފަރުވާކުޑަ، ނުވަތަ ކަންފަސޭހަ ޣައިރުމަސްއޫލު މީހެކޭ ވެސް ބުނުމަށެވެ.

އަދި ހަމަ އެޔާ އެކު، އޭނާގެ ޖުމުލައިގައި އެ ބުނާ "ކަލޭމެން ކަހަލަ" މި ދެ ލަފުޒު މާނަކޮށްފިއްޔާ އެ މާނައިގެ ތެރޭގައި، "ކަލޭމެން ކަހަލަ މީހުންނަކީ ފަރުވާކުޑަ، ކަންފަސޭހަ، ޣައިރުމަސްއޫލު މީހުންނޭ" ބުނުމުގެ އިތުރުން "ކަލޭމެންނަކީ މިހިރަމިހިރަ ކަންކަމާ އަޑުއުފުލައި، އިޙްތިޖާޖުކޮށް، އަޑުގަދަކުރުން ކަލޭމެންގެ މައްޗަށް ލާޒިމުވާ މީހުންނޭ" ވެސް ހިމެނޭ، އެހެން ނޫންތޯއެވެ؟ އެހެން ވީމައި، ކަންކަން ގޯސްމަތިންލަމުން ދާއިރު އެކަމާ ހަޅޭފަޅޭ ޖެހުމަކީ ނުވަތަ އެގޮތްމިގޮތަށް އުޅޭގަތުމަކީ ޖުމުލަ ނިސްބަތްވާ މީހާޔާއި އެމީހާޔާ ކޮންމެވެސް ގޮތަކުން އެއްފަދަ ވާ މީހުންގެ މައްޗަށް ލާޒިމުވާ ކަމެކޭވެސް އެ ބުނެވެނީ، އެހެން ނޫންތޯއެވެ؟ އެހެން ކަމަށް ވަންޏާ، އެ ޖުމުލަޔަކީ ނުރައްކާތެރި ޖުމުލަޔަކަށް އަޅެ ނުވޭތޯއެވެ؟

ދެން އޮތީ ކަމެއް ދަމެއް ގޯސްވާއިރު އެކަމާ އަޅައިލާން ތިބި ޒިންމާދާރު މީހުން އެކަމާ އަޅައިނުލައި ތިބުމުގެ ވާހަކަޔެވެ. "ކަލޭމެން ކަހަލަ މީހުން އަނގައިންނުބުނެ، މަޑުން ތިބީމައި…" މި ޖުމުލައިގެ މާނައިގައި ފޮރުވިފައި، އެކަމަކު ދިމާޔަށް ފެންނާންވެސް އޮތް އަނެއް މާނަޔަކީ "ކަންކަން ގޯސްވަމުން މިދަނީ ކަލޭމެން އަޅައިނުލައި ތިބޭތިއްޔޭ، އެހެން ވީމައި އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ މީހުންގެ ތެރޭގައި ކަލޭމެންވެސް ހިމެނެޔޭ" މިއެވެ. އަދި އެ މާނަ ދޭހަވުމާއެކު، ޖުމުލަ އަޑުއަހާން ހުންނަ މީހާގެ ޒަމީރު ފިތިގެން ނަމަވެސް އޭނާ ކޮންމެވެސް ކަމެއް ކުރާން ވެއްޖެކަން އޭނާޔަށް ވިސްނައިދިނުމެވެ. އެހެން ކަމަށް ވަންޏާ ވެސް، އެ ޖުމުލަޔަކީ ނުރައްކާތެރި ޖުމުލަޔަކަށް އަޅެ ނުވޭތޯއެވެ؟

އެހެން ވީމައި، އަޅުގަނޑު އާދައިގެ އެކި ކަންކަމާ ބޭރުތެރެޔަށް ނިކުމެ އުޅޭ އިރު ދިމާވާ މީހުން ބުނާ އެއްޗިއްސާ މެދު އަޅުގަނޑު ކުޑައިކޮށް ވިސްނައިލާ އުޅެމެވެ. މީހަކަށް އިވިފައިވާ ޔޯލަޔަކުން، އޭނާ ކޮންމެވެސް ދިމާޔަކަށް އެއްލާ ނުސީދާ ކަޅިޔަކުން، ނުވަތަ ނުކިއްސަރު އެހެން ގޮތަކުން ނަމަވެސް އޭނާޔަށް ފަހުމުވާ ކަމަކާ މެދު ހިތްހަމަ ނުޖެހިގެން އޭނާ ހުއްޓައި އޭނާ ހުރި ތާކަށް އަޅުގަނޑަށް ދެވުމުން އޭނާގެ ހަތިޔާރަކަށް އަޅުގަނޑު ހަދާން ކަމަށް އޭނާ އަޅުގަނޑާ ދިމާޔަށް އެއްލާ "ކަލޭމެން ކަހަލަ މީހުން އަނގައިންނުބުނެ، މަޑުން ތިބީމައި…" މި ޖުމުލަ އެއީ އަޅުގަނޑު ސަމާލުވެ އަޑުއަހާ ޖުމުލަޔެކެވެ. އަދި ހަމަ އެހެންމެ، އެ ޖުމުލަޔަކީ އެ މީހަކާ އަޅުގަނޑާ ދޭތެރޭ އެހައިތަނަށް އޮތް ދުރުމިން އަދި އިހުނަށް ވުރެ ދުރުކޮށް، އޮތް ދެކެފަރިތަކަން ނުފަރިތަކަމަކަށް ބަދަލުކޮށް، އެ މީހަކާއި އެމީހަކު ބުނާ އެއްޗިއްސާ އަޅުގަނޑާ ދެމެދަށް "ގައިކޮޅު ގައިގާ ދުރު!" މި ޖުމުލަ ވެއްދުން ލާޒިމުކުރާ ޖުމުލަޔަކަށް ވެސް ވެ ދެއެވެ.

ބަޑިއެދުރުކަލޭގެޔާ ޙަވާލާ ދިނުމާއި، ހަށިރައްކަލަށް ފެން މެތުރުމާއި، ދެންވެސް އެހެން ހުންނަ އެ ޒާތުގެ ކަންކަމާ އަޅުގަނޑު ފިކުރާ ނުވުމާއި، އަމިއްލަ ނަފުސުގައި އަމިއްލަޔަށް އަލިފާން ޖަހާން ދެވޭ ނުހަމަ ދަޢުވަތުތައް ޤަބޫލު ނުކުރާނޭ ހަމައިގެ މަތީންނެވެ.