މިއީ ހިޔާ ފަސް ވަނަ ޓަވަރުގެ ފްލެޓެއްގައި އުޅޭ އަންހެން ގްރޫޕަކުން، އުމުރުން ދުވަސްވީ ފިރިހެނުން ހައްދައިގެން ގެންގޮސް އެ މީހުން ރަހީނުކޮށް، ބަރަހަނާކޮށް، ވީޑިއޯކޮށް އަދި ބްލެކްމެއިލްކޮށް ހިންގަމުން ދިޔަ ބޮޑު ޖަރީމާގެ ޝިކާރައަކަށްވި މީހަކު އެމީހުންގެ މަޅީގައި ޖެހުނު ގޮތުގެ ވާހަކައެވެ. ނަމަވެސް މި ފަހަރު އެމީހުންގެ މަޅީގައި ޖެހުނީ އުމުރުން ދުވަސްވީ މީހެއް ނޫނެވެ.
މެދު އުމުރަކަށްދާ ވަސީމް (އަސްލުނަމެއް ނޫން) މީގެ ހަފުތާއެއް ކުރިން އެއް ރޭ ހިޔާޓަވަރަކުން ތިރިއަށް ފޭބީ ޑެލިވަރީއެއް އަންނާތީ އޭތި ބަލަ އެވެ. ޑެލިވަރީ މީހާ ލަސްވެގެން ޓަވަރު ތިރީގައި ހުންނަ ގާޑު ގޮނޑީގައި ވަސީމް ޖައްސައިލައިގެން އިންދާ އެތަނަށް މާބަނޑު އަންހެނަކު އައެވެ. އޭނާ އައިސް ވަސީމް ކައިރީގައި ތިމަންނާ ދެ ދުވަސް ވެއްޖެއޭ ނުކައި ހުންނަތާ ތިމަންނައަށް ކާއެއްޗެއް ދިނުމަށް އެދުނެވެ.
މަޑުމައިތިރި މިޒާޖެއް ހުންނަ ވަސީމަށް އެ އަންހެން މީހާއަށް އެހީވާން މަޖުބޫރުވީ އެއީ މާބަނޑު މީހަކަށްވެފައި އިންސާނިއްޔަތަށްޓަކައި އަޅާނުލާ ހުންނަން ނުކެރުނީމަ އެވެ. އަންހެން މީހާގެ މަކަރުގައި ޖެހެވުނީކަން އިހުސާސްވެސް ނުވެ ހުރެ، ވަސީމް އަވަސްވެގަތީ އެ އަންހެން މީހާއަށް ކާއެއްޗެއް ގަނެދިނުމަށެވެ.
އެގޮތުން އެ ޓަަވަރުގެ ތިރީގައި ހުރި ފިހާރައަށް ކާއެއްޗެއް ގަނެދޭން ދިޔައެވެ. ނަމަވެސް 11 ޖެހުމުން ފިހާރަ ބަންދުކުރަން ހިސާބުތައް ހަދައި ނިންމައިފައިވާތީ އެ ފިހާރައިން އެއްޗެއް ވިއްކުމަށް ސޭޓު އިންކާރުކުރި އެވެ. އެ ވަގުތު އަންހެން މީހާ އެދުނީ އޭނާ ވަރުބަލިވެފައިވާތީ އޭނާ ދިރިއުޅޭ ޓަވަރާ ހަމައަށް އޭނާ ގެންގޮސްދިނުމަށެވެ. އަދި އެ ޓަވަރުގެ ތިރީގައި ވެސް ފިހާރައެއް ހުންނާނެ ކަމަށް އަންހެން މީހާ ބުންޏެވެ.
އަންހެން މީހާއާ އެކު ވަސީމް ހިނގައިފައި ދަނބު ކުލައިގެ ފަސް ވަނަ ޓަވަރަށް ދިޔަ މަގުމަތީގައި އެ އަންހެން މީހާ ވަސީމާ ވާހަކަ ދެއްކި އެވެ. އެގޮތުން އޭނާ އެ ޓަވަރުގެ ފްލެޓެއްގައި އުޅެނީ މަންމައާ ދެމީހުން އެކަނި ކަމަށް ބުންޏެވެ.
ނުކައި ހުންނަތާ ދެ ދުވަސްވެގެން ހާލު ދެރަވެފައިވާ މާބަނޑު މީހާއަށް އެހީވުމުގެ ނިޔަތުގައި ވަސީމް ފަސް ވަނަ ޓަވަރަށް ގޮސް އެ ތަނުގެ ތިރީގައި ހުންނަ ފިހާރައިން އަންހެން މީހާ ކާން ބޯން ބޭނުންވާ ސާމާނުތައް ގަނެދިނެވެ. އަދި އެވަގުތު ފައިސާ ދެއްކުމަށްފަހު ކޮތަޅު ހިފައިގެން ވަސީމް ނުކުތުމުން އަންހެން މީހާ އެދުނީ އޭނާ ވަރަށް ވަރުދެރަވެފައިވާތީ ފްލެޓާ ހަމައަށް، މައްޗަށް ގެންގޮސްދިނުމަށެވެ.
ބާޒާރުކުރި ކޮތަޅު މާބަނޑު މީހާގެ އަތަށްދީފައި އޭނާ އެކަނި ފޮނުވާލަން ރަނގަޅުނުވާނެ ކަމަށް ދެކިގެން ފްލެޓާ ހަމައަށް އެމީހާ ގެންގޮސްދިނުމަށް އޭނާއާ އެކު ވަސީމް ވެސް ފަސް ވަނަ ޓަވަރުގެ 15 ވަނަ ބުރިއަށް އެރި އެވެ.
ވަސީމް ބުނި ގޮތުގައި ފްލެޓްގެ ދޮރުމައްޗަށް އެރިިތަނާ އަންހެން މީހާ އެތެރެއަށް ވަނެވެ. ބާޒާރުކުރި ކޮތަޅު ވަސީމްގެ އަތުގައި އޮތީމާ ފްލެޓްގެ ބޭރުގައި ކޮތަޅު ހިފައިގެން މަޑުކޮށްލީ އަންހެން މީހާ އެއްޗެކޭ ނުބުނެ ވަދެގެން ދިޔައީމަ އެވެ.
"އާއްމު ގޮތެއްގައި ބޭރުން މީހުން ވަނުމުގެ ކުރިން ގޭތެރޭގައި ތިބޭ މީހުން ބުރުގާ އަޅާ ކަންކަން ކުރާނެ. އެގޮތަށް ވިސްނާފަ މަޑުކޮށްލީ އަތުގައި އެ ކޮތަޅުވެސް އޮތީމަ،" ވަސީމް ބުންޏެވެ.
އެ އަންހެން މީހާ ވަދެ މިނެޓެއް ނުވެ ބޯދިއްކޮށްލާފައި މަންމަ އެބަގޮވައޭ ބުނީމަ އެއްވެސް އިތުރު ވިސްނުމެއް ނެތި ވަސީމް އެ ފްލެޓްގެ ތެރެއަށް ވަނީ އެވެ. އެ ވަގުތު ކަންތައް ދިމާވީ މުޅިން އެހެން ގޮތަކަށެވެ.
"މަންމަ ގޮވައޭ ބުނީމަ ވަނީ. އަންހެން މީހާ ވަދެގެން ދިޔައީ ކޮޓަރިއެއްގެ ތެރެއަށް. ކުއްލިއަކަށް ޖެހިގެން ހުރި ކޮޓަރި ތެރެއިން އިތުރު ދެ ފިރިހެނަކު ނިކުމެގެން އައި އިރު އެތަނުން އެކެއްގެ އަތުގައި ވަޅިއެއް ވެސް އޮތް. އެމީހުން ވަޅިން ބިރުދައްކައި އަޅުގަނޑު ހިފެހެއްޓީ،" އެ ބިރުވެރި ހާދިސާ ފެށިގެން އައި ގޮތަށް ވަސީމް ކިޔައިދިނެވެ.
އަންހެން މީހާގެ ކޮޓަރީގެ ތެރެއަށް އެމީހުން ވަސީމް ގެންގޮސް ވެއްދި އެވެ. އަދި އެމީހުން އޭނާއަށް ވަޅިން ބިރު ދެއްކުމަށް ފަހު ފޯނާއި ވޮލެޓާ އަތުލި އެވެ. އަދި ބިރުދައްކައިގެން ބަރަހާނާކޮށް، އެނދެއްގައި ގަދަކަމުން ބޭންދި އެވެ. އެއަށްފަހު އަންހެން މީހާގެ ކައިރީގައި ވެސް ބަރަހާނާ ހާލުގައި ގޮސް އެތާ އިށީނުމަށް އެމީހުން އެންގި އެވެ.
ބިރުވެރިކަމުގެ ތެރޭގައި ވަސީމް ތިން ގަޑިއެއްހާ އިރު ހޭދަކުރި ގޮތް ކިޔައިދެމުން ބުނީ އެމީހުން ބޭނުންވި "ހުރިހާ ކަމެއް" އެ އަންހެން މީހާއާ އެކު އޭނާ ލައްވާ ވަޅިން ބިރުދައްކުވައިގެން ކުރުވަމުން ގެންދިޔަ ވަގުތު އަންހެން މީހާ އޭނާއަށްވީ ބައި ދޭންޖެހޭނެ ކަމަށް އެމީހުންގެ ކިބައިން އެދެމުންދިޔަ ކަމަށެވެ. އެ ހިސާބުން މިއީ ވަސީމް ދުށް ފަދަ ލޮއީފް، ނިކަމެތި، ގޮތެއް ނެތިގެން ނުކައި ހުރި މާބަނޑުމީހެއް ނޫންކަން އިހުސާސްވި އެވެ.
ވަސީމް ބުނި ގޮތުގައި އެމީހުން ބޭނުންވި "ހުރިހާ ކަމެއް" ގަދަކަމުން ކުރުވުމަށްފަހު ވަސީމްގެ އަތުގައި އޮތް ސްމާޓް ގަޑިއަކާއި އެކައުންޓްގައި ހުރި ހުރިހާ ފައިސާއަކާ އަތުގައި ހުރި ހުރިހާ ފައިސާއެއް އަތުލި އެވެ.
އެކޮޓަރި ތެރޭގައި ވަސީމް ބައިންދާފައި ވަޅި ހިފައިގެން ހުރި މީހާ ފާރައަށް ބަހައްޓާފައި އެ އަންހެން މީހާ އާއި ދެން ހުރި ފިރިހެން މީހާ ވަސީމްގެ ވީސާ ކާޑު ހިފައިގެން ގޮސް އެކައުންޓްގައި ހުރި ފައިސާކޮޅު ނަގައިގެން އަނެއްކާ ވެސް އެނބުރި ފްލެޓަށް އައެވެ. އެއީ ގާތްގަނޑަކަށް ހަ ހާސް ރުފިޔާއެވެ.
"އެމީހުން ލާރި ނަގައިގެން އައިސް އަހަރެންގެ ފޯނުން އަހަރެންގެ ރައްޓެހިންނަށް ގުޅުވައި، ފޯނު ސްޕީކަރަށް ލައިގެން ތިބެ އަހަރެން ލައްވާ އެމީހުން އަތުން ފައިސާ ހޯދަން ވެސް ވަރަށް މަސައްކަތްކުރި،" ވަސީމު ކިޔައިދިނެވެ.
އެމީހުން ބޭނުންވީ ވަސީމްގެ އަންހެނުންގެ ފޯނު ނަމްބަރު ހޯދައިގެން އަންހެނުންގެ އަތުން ވެސް ފައިސާ ހޯދުމަށެވެ. ނަމަވެސް ވަސީމްގެ ފޯނުގައި އަންހެނުންގެ ނަމްބަރު ސޭވްކޮށްފައިވާ ގޮތުން އެމީހުންގެ އެ މަސައްކަތް ނާކާމިޔާބުވީ އެވެ.
"ވައިފް ޖަހައިގެން އެމީހުން ފުރަތަމަ ޓްރައިކުރީ. ދެން ލަވް ޖަގައިގެން. ނަސީބު ރަނގަޅުކަމުން ފޯނުގައި ވައިފް ޖަހައިގެން ވެސް ނަންބަރު ނުފެނުމުން އެމީހުން ނިންމީ އަހަރެންގެ އަނތްބެއް ނެތް ކަމަށް،" ވަސީމް ކިޔައިދިނެވެ.
ރަހީނު ކުރިތާ ތިން ގަޑިއިރަށްފަހު ވަސީމް ދޫކޮށްލީ އެމީހުން ކަމެއް ބޭނުންވެގެން އަދިވެސް ގުޅައިފިނަމަ އެމީހުންނަށް އެކަމެއް ކޮށްދިނުމަށް ޝަރުތުކޮށްފައެވެ. އަދި އެއްބާރުލުން ނުދީ ފުލުހުނަށް ގޮސްފިނަމަ އޭނާގެ ފޮޓޯތަކާއި ވީޑިއޯތައް ލީކްކޮށްލާނެ ކަމަށް ބުނެ ބިރުދައްކައިފަ އެވެ.
ވަސީމް ބުނިގޮތުގައި އެ ޓަވަރުން ނިކުމެގެން އަމިއްލަ ޓަވަރުގައި ހުންނަ އެޕާޓްމަންޓަށް ދެވުނު ގޮތް ވެސް އެރޭ އޭނަ އަކަށް ނޭނގުނެވެ. އެރޭ އެ ދިމާވި ބިރުވެރި ކަންތައްގަނޑުން ވަސީމް އަދިވެސް އުޅެނީ އަރައިނުގަނެވިގެންނެވެ. އާއްމު ދިރިއުޅުމުގެ ހާލަތަށް އެނބުރި އައުމަށް ވަސީމްގެ ޒަމީރު ނުރުހޭ ކަހަލަ އެވެ. ނިދީގައި ވެސް އެފަދަ ބިރުވެރި ހުވަފެން ފެނި ސިއްސައިގެން ހޭލެވެ އެވެ. އަންހެނުން އެ މައްސަލަ ރިޕޯޓް ކުރަން އެތައް ފަހަރަކު އެދުނެވެ. ނަމަވެސް އެމީހުން ދިން އިންޒާރު ހަނދާންވެ އެ ހިޔާލު ދޫކޮށްލަނީ އެވެ. އެހެންވެ އަދިވެސް ފުލުހަކަށް ނުދެއެވެ.
ވަސީމް ބުނީ ފައިސާ ދޭން އެދި އެމީހުންގެ އުނދަގޫ ދެތިން ދުވަސް ވަންދެން ކުރިމަތިވެފައި ވަނިކޮށް، އެ މީހުން ގުޅުން ހުއްޓުނީ ސޯޝަލް މީޑިއާގައި އެމީހުންގެ ވާހަކަތައް އައުމާ އެކު ކަމަށެވެ.
ވަސީމް މި ވާހަކަތައް "އަދިވެސް" އާ ހިއްސާކުރީ ހިޔާ ޓަވަރުތަކުގެ ސެކިއުރިޓީ ހާލަތު އޮންނަ ގޮތުން ހަމަ ކޮންމެ މީހަކަށް ވެސް ބޭނުން ކޮންމެ ވަގުތަކު ކޮންމެ ފްލެޓެއްގެ ދޮރާ ހަމައަށް ދެވޭ ގޮތަށް އޮންނާތީ އެ ތަނުގައި ދިރިއުޅޭ މީހުންނަށް ހުރި ނުރައްކާތެރިކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުމަށެވެ.
ވަސީމް ރަހީނުކުރި މީހުންނަށް އޭނާ ދިރިއުޅޭ އެޑްރެސް އެނގޭތީ އެކަމުގެ ސަބަބުން އޭނާގެ އާއިލާއަށް ކުރިމަތިވެދާނެ ނުރައްކާގެ ބޮޑުކަން އިހުސާސް ކުރެވޭތީ އެކަމާ އޭނާ ހުންނަނީ ކަންބޮޑުވެ ހާސްވެފަ އެވެ.
މި ގްރޫޕްގެ ޝިކާރައަކަށްވާ ގިނަ މީހުންނަކީ ވަސީމް ފަދައިން އިންސާނިއްޔަތަށްޓަކައި އެހީވާ ބައެއް ކަމަށް ނުވެދާނެ އެވެ. އަދި ބައެއް މީހުން އެ ފްލެޓަށް ދަނީ އެ އަންހެނުންގެ މަޅީގައި ޖެހި އަމިއްލަ ބޭނުމެއްގައި ކަމަށް ވެސް ވެދާނެ އެވެ. އެ އެންމެންނަށް ވެސް އެ ގްރޫޕުން އަމަލްކުރަނީ އެއް ގޮތަކަށެވެ. ރަހީނުކޮށް، ބިރުދައްކައި ބްލެކް މެއިލްކޮށްގެން ފައިސާ ހޯދަނީ އެވެ. ކޮންމެ ގޮތަކަށް އެ ކަންތައް ކުރިއަސް އެކުރަނީ ބޮޑު ކުށެކެވެ.
"ދެން މާބަނޑު މީހަކު ވެއްޓިފައި އޮތަސް އަހަރެން އަޅާވެސް ނުލާނަން،" ސާކާސްޓިކް ގޮތަކަށް ވަސީމް ބުންޏެވެ. ވަސީމްގެ ހިތުގައި އިންސާނިއްޔަތަށް އޮތް ލޯބި ވެސް މިހާރު އެވަނީ އެ ބިރުވެރިި އަނދިރިކަމުގެ ތެރޭގައި ރަހީނުވެފަ އެވެ.
ހިޔާ ފަސް ވަނަ ޓަވަރުގައި ރަހީނުކޮށް، ބަރަހަނާކޮށް، ވީޑިއޯކޮށް އަދި ބްލެކްމެއިލްކޮށް ހިންގަމުން ދިޔަ ބޮޑު ޖަރީމާގެ ޝިކާރައަކަށްވި މީހެއްގެ ދުލުން… pic.twitter.com/Mwr78jHbtW
— adhives.mv (@AdhivesOnline) May 25, 2024