Support Us

ފާތުންނަށް އަދިވެސް ހަމަ ހިތްވަރު ދޭންވީތޯއެވެ؟

ބައެއް މާހިރުންގެ ރައުޔުގައި، ޤައުމަކީ ދުނިޔޭގެ ބައްރުގެ ތެރެއިން ފޮތިކޮށްލައިފައި ނެގޭ ބިމުގެ ބަޔަކަށް ކިޔާ ނަމެއް ނޫނެވެ. ޤައުމަކީ ކޮންމެވެސް ސަބަބަކަށްޓަކައި އެއް ބައެއް ކަމަށް ބެލެވޭ ބަޔަކަށް ކިޔާ ނަމެކެވެ. އަދި އެ ބަޔަކީ އެކަށީގެންވާ ގިނަ ޢަދަދެއްގެ ބަޔަކަށް ނުވަތަ މަޖުމޫޢަކަށް ކިޔޭ ނަމަކަށްވެސް ވާން ޖެހެއެވެ. ސަބަބަކަށްޓަކައޭ މި ދެންނެވި ސަބަބުތަކުގެ ތެރޭގައި ޢާންމުކޮށް ހިމެނޭ ކަންކަމުގެ ތެރޭގައި އެއް ދަރިކޮޅަކަށް ނިސްބަތްވުން ހިމެނިދާނެއެވެ. ނުވަތަ އެއް ތާރީޚެއް ޙިއްޞާ ކުރާ ބަޔަކަށް ވުން ހިމެނިދާނެއެވެ. ނުވަތަ އެއް ބަހަކުން ވާހަކަ ދައްކައި އުޅޭ ބަޔަކަށް ވުން ވެސް ސަބަބެއް ކަމުގައި ބެލެވިދާނެއެވެ. މި ބާވަތުގެ ކޮންމެވެސް އެހެން ރޮނގަކުން އެއް ގޮތް ވުމަކީ ސަބަބެއް ކަމަށްވެސް ބައެއް މާހިރުން ބަލައިފާނެއެވެ. މި ދެންނެވި މިންގަނޑަކުން އެއް ޤައުމެއް ކަމުގައި ބެލެވޭ ބަޔަކަށް ދިމާވާ މަޖުބޫރީ ޙާލަތެއްގެ ސަބަބުން، އެ ބަޔަކީ ދުނިޔެގޭ އެކި ކަންކޮޅުތަކަށް ބެހިގެން، އެކި ތާނގައި ދިރިއުުޅުން ކުރިޔަށް ގެންދާ ބަޔަކަށް ވުންވެސް އެކަށީގެންވެއެވެ. މި ހުރިހައި ކަމަކަށް ބަލާއިރު، ޤައުމޭ ބުނެވޭ ބަހުގެ މާނަޔަކީ ވަރަށް ފުޅާ މާނައެއް ކަމުގައިވެސް ބެލިދާނެއެވެ.

މި ވާހަކަ މިހެން ދަންނަވައިފައި، ދެން ބަލައިލަން މި ޖެހެނީ އަޅުގަނޑުމެންގެ ޤައުމަށެވެ. ވިލާތުން ރާއްޖެ އައިސް އެމީހުން އެ އަޅާ ދުނިގަނޑު ބޮޑު އައިނަކުން ބެލީމައި އެއް ބަޔަކަށް ނުވިޔަސް، އަޅުގަނޑުމެން ބުނަނީ އަޅުގަނޑުމެންނަކީ ނަސްލީ ގޮތުން އެއް ބަޔެކޭއެވެ. ހަމަގައިމުވެސް އެއް ބަހެކެވެ. އެއް ދީނެކެވެ. އެއް ޘަޤާފަތެކެވެ. އެއް ތާރީޚެކެވެ. އެއްް މަޞްލަޙަތު ތަކެކެވެ. އަދި އެހެން ދައުލަތަކާ ދެމެދު ބިމުގައި ރޮނގެއް ދަމައިލާނެ ތަނެއް ނެތުމުގެ ގޮތުންވެސް އެއް ޤައުމެކެވެ. އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖެޔަކީ އެއް ޤައުމެކެވެ.

މައިދާން ހުޅުވައިލުމުގެ މަޤްޞަދުގައި މަތީގައި މި އަޅައިލި ސުރުޚީޔަށް ފަހު، އަޅުގަނޑު ދެން މި އަވަސްވެގަންނަނީ އަޅުގަނޑުގެ މަޢުޟޫޢުގެ ވެށި ހުޅުވައިލުމަށެވެ. އެއީ، ދިވެހި ރައްޔިތުން، އަދި ވަކީން ޚާއްޞަކޮށް ދިވެހި ޒުވާނުން ރާއްޖޭން ބޭރަށް ކިޔަވަން ދިޔުމުގެ މައިދާނެވެ.

ރާއްޖޭން ބޭރަށް ދިވެހި ޒުވާނުން ކިޔަވަން ދިޔުމުގެ ތިން ހަތަރު ގޮތެއް އޮވެއެވެ. އެއް ގޮތަކީ މުއްސަނދި މަހުޖަނުންގެ ދަރީންނަށް ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ތަޢުލީމު ދޭން އެފޮނުވާ ފޮނުވުމެވެ. ދެން އޮތީ އަމިއްލަޔަށް މަސައްކަތްކޮށްގެން ފައިސާ ހޯދައިގެން، ނުވަތަ ބައިނަލްްއަޤްވާމީ އެކި ފަރާތްތަކަށް އަމިއްލަޔަށް ދަންނަވައިގެން، އެފަރާތްތަކަށްވެސް ބަދަލުގައި މާއްދީ، ނުވަތަ އެނޫންވެސް ކޮންމެވެސް ގޮތަކުން އެއްޗެއް ފަހުން ދޭގޮތަށް ދެއްވާ ދީލަތި ފުރުޞަތުތަކުގައި ރާއްޖޭން ބޭރަށް ދިޔުމެވެ.  ދެން އޮތީ ދިވެހިރާއްޖެޔަކީ ކުރިއަރަމުން އަންނަ ޤައުމަކަށް ވާތީ، އަޅުގަނޑުމެންގެ ރައްޔިތުންނަށް ދޭ އެހީގެ ނަމުގައި ބައެއް އެހެން ޤައުމުތަކުން ދޭ ހިލޭ 'ސްކޮލަރޝިޕް' ތަކުގައި ކިޔަވަން ދިޔުމެވެ. އެ ގޮތަށް ދާ ކުދިން ހޮވުމުގައި ކަން ހިނގާ ނުހިނގާ ގޮތާ މެދު އެއްޗެއް ދެންނެވުމަކީވެސް މި ލިޔުމާ މުނާސަބު ނޫން ކަމަކަށް ވެދާނެތީ އެ ވާހަކަ އެހެން ފަހަރަކަށް ބާއްވާނަމަވެ. ރާއްޖޭން ބޭރަށް ކިޔަވަން ދިޔުމުގެ ފުރުޞަތު ހޯދުމުގައި އަދި އިތުރު އެހެން ގޮތްގޮތްވެސް ހުރުން އެކަށީގެން ވެއެވެ. އެކަމަކު އެ ކަހަލަ ކަންކަމުގެ ތަފްޞީލު މި ލިޔުމަކަށް އެހައި މުހިންމު ކަމަކަށް އަދި ނުވެއެވެ.

ކޮންމެއަކަސް، ދިވެހި ދަރީން މި ދެންނެވި ގޮތްގޮތަށް ރާއްޖޭން ބޭރަށް ކިޔަވަން ދެއެވެ. ޤައުމެއްގެ ރައްޔިތަކަށް ދިން ފުރުޞަތެއް ތިމާޔަށް ލިބުނީމައި އެ ރައްޔިތަކަށް ޚިދުމަތް ކޮށްދޭން ލިޔެ ސޮއިކުރި 'ޚިދުމަތުގެ ބޮންޑު' ހަނދާން ނައްތައިލުން އެއީ އެހެން ކަމެކެވެ. ނުވަތަ ތިމާޔަށް އެހައި ބޮޑު ކަމެއް ކޮށްދިން ފަރާތަކަށް ބަދަލުގައި ދޭންކަމަށް އެއްބަސްވި ޚިދުމަތެއް ޤަޞްދުގައި ނުދިނުންވެސް އެއީ އެހެން ކަމެކެވެ. އެހެން ކަމެކޭ މިދެންނެވި ކަމަކީ، މަތީ ތަޢުލީމުގެ ރީތި ނަމާއި، ހަޤީޤީ ބޭނުމާއި ކަރާމާތަށް ކުޑަކޮށް ހިޔަނި އެޅޭ ކަމެއްކަމަށް ވިޔަސް، އެވާހަކަވެސް ދޫކޮށްލަމާތޯއެވެ. 'ޚިދުމަތުގެ ބޮންޑު' އަދާ ނުކުރާ ބައެއް މީހުން އުޅޭނޭ ތާކު އުޅެން، ކުރާނެ މަސައްްކަތެއް ހަމައެކަނި އަމިއްލަ ފައިދާޔަށްޓަކައި ކުރަން ދޫކޮށްލެވޭ ބީދައިންނޭ ވިދާޅުވިޔަސް، އެއީ އަޅުގަނޑާ ބެހޭ ކަމެއް ނޫން، ދެއްތޯއެވެ!

އަނހާ! އެފެނުނީ އުފާވެރި ސުރުޚީއެކެވެ. ތިންވަނަ ދުނިޔޭގައި ނުހިމެނޭ، ތަހުޒީބާއި ތަމައްދުންގެ ކުރިބޯށްޓާ ހަމައިގައި އޮތް، ތަރައްޤީގެ މައިދާނުގެ މެދަށް އުޑުން ވެއްޓުުނު ރަަމްޒީ ތަރިޔެއް ކަމުގައިވާ ޤައުމެއްގައި ދިވެހި ދަރިޔަކު ހަމަ އެހައި އަލިގަދަކޮށް ވިދަމުން އަންނަ ވާހަކައެވެ. މާރސޫޕިއަލް ޖެނެޓިކްސް ގެ ދާއިރާއިން ޑޮކްޓަރުކަމުގެ ފާސް ނެގިއިރު މުޅި ޔުނިވަރސިޓީއިން އެއްވަނަޔަށް އައި ވާހަކައެވެ. ސްކޮލަރޝިޕެއްގައި ކިޔަވަން ދިޔައީ ޘާނަވީ ފެންވަރަށް ކެމިސްޓްރީ ކިޔަވައިދިނުމުގެ ދާއިރާއިން ފުރަތަމަ ޑިގުރީ ނަގައިގެން ރާއްޖެ އައިސް ރާއްޖޭގައި ކިޔަވައިދޭން ކަމަށް ވިޔަސް، އެކަން ނުކޮށް އެހެން ދާއިރާޔަކުން ކިޔެވި ވާހަކަ އެއް ނެތެވެ. ދިވެހިވަންތަ ރަހަތައް ހަނދާނަށް ގެނެސްދޭ ކަހަލަ ގޮތަކަށް އޭޝިޔާގެ ރަހަތައް އެތާކުން ލިބެން ހުންނަ، މަތީ ފެންވަރުގެ ރެސްޓޯރަންޓެއް އޭނާ އެ ޤައުމުގައި ހުޅުވި ވާހަކަ އެބައޮތެވެ. އެ ޤައުމުގައި އޭނާ އުޅޭ ރަށުގެ ކައުންސިލަށްވެސް މިއަންނަ އަހަރު އޭނާ ކުރިމަތިލާ ވާހަކަވެސް އެބަ އޮތެވެ. މިހުރިހައި ވާހަކައެއް ހިމެނޭ މަޒުމޫނުގެ ސުރުޚީ އަކަށް އޮތީ، މިވެނި ޤައުމެއްގައި ދިވެހި ދަރިޔަކު ދިވެހިރާއްޖެޔަށް ރީތި ނަން ހޯދައިދެމުން، މެދު އުޑުގައި ފިޔަޖަހަމުން، ވިދަމުން އަންނަ ވާހަކައެވެ. އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހި ޤައުމުގެ އެންމެން އެކަމާ ފަޚުރުވެރިވެ، އޭނާޔަށް ޝުކުރުގެ ގުލްދަސްތާތައް ފޮނުވަން ޖެހޭނެ ވާހަކައެވެ.

އަޅުގަނޑުވެސް އުފާވިއެވެ. ސުރުޚީ ފެނިފައެވެ. އެހެން ކަމާއެކު، ދިވެހި ޤައުމަށް އެހައި ރީތި ނަމެއް ހޯދައިދޭ ދަރިޔަކަށް ދޭން އަޅުގަނޑުގެ ހިތުގައި ބަނދެލި ފިނިފެންމަލުގެ ގުލްދަސްތާ ކަނާއަތަށް ލައިގެން މަޒުމޫނު ކިޔަން ފަށައިފީމެވެ.

މަޒުމޫނުގެ ޖުމުލަތައް ލިޔެފައި ހުރީ، އެތުރިފައި އެ ހުރީ، މީސްމީހުންގެ ޖަޒުބާތުތަކާ ކުޅެލުމުގެ ފަންނަށް ވަރަށް ރަނގަޅަށް ލޯ ހުޅުވިފައިހުރި މީހެއްގެ ގަލަމުންނެވެ. ކަރުދާހުގެ މައްޗަށް އޮއްސައިލައިފައިވާ ޖަޒުބާތުގެ ފުން ކަނޑަށް ޣަރަޤު ނުވެ ސަލާމަތް ވެވޭނީ މަދު މީހަކަށޭ ހީވާ ކަހަލަ ގޮތަކަށެވެ. މަޒުމޫނަކީ ކޮންމެވެސް ކަހަލަ ކެންޕޭނެއްގެ މެނޭޖަރަކު ލިޔެފައި ދިނީމައި އަނެއްކެއްގެ ނަމުގައި ޝާއިޢުވި ލިޔުމެކޭ ހީވާ ކަހަލަ ރަހައެއްވެސް އޭގައި ލަޔޭ ދެންނެވޭ ކަހަލަ އިޙުސާސެއްވެސް ކުރެވިގެން ދިޔައެވެ.

މަޒުމޫނު ކިޔަމުން ދިޔަ ވަރަކަށް އެ މަޒުމޫނުގެ ޖުމުލަ ތަކުން އަޅުގަނޑުގެ ހިތަށް އަަސަރު ތަކެއް ކުރުވަމުން ދިޔައެވެ. ކޮންމެ ފޮޅުވަތެއް، ކޮންމެ ޖުމުލައެއް ހާދަހައި ރީއްޗެވެ. ހާދަހައި ބަލާޣާތްތެރިއެވެ. ހާދަހައި ފުރިހަމައެވެ. ދިވެހި ދަރިޔަކު ރާއްޖޭން ބޭރުގައި ވިދާނީ އެހައި ވަރަށެވެ. ދިވެހިރާއްޖޭގެ ނަން ރޯޝަން ކުރާނީވެސް އެހައި ވަރަށެވެ. އެހެންނަމަވެސް، އަޅުގަނޑުގެ އަތުގައި އޮތް ގުލްދަސްތާޔަށް ލިބިފައިވާ ރަމްޒީ ލޮލަކުން ކިޔަމުން އެ ގެންދިޔައީ ދެ ފޮޅުވަތް ދޭތެރޭގައި ހުރި ލަފުޒު ތަކެކެވެ.  ބަލަމުން އެ ދިޔައީ ދެ ޖުމުލަ ދެމެދުން ފެންނަން ހުރި މަންޒަރު ތަކެކެވެ. އަޅުގަނޑު މަޒުމޫނު ކިޔުމައިގެން ކުރިޔަށް ދިޔަ ވަރަކަށް ގުލްދަސްތާގައި ހުރި ފިނިފެންމާ ތަކުގެ ފިޔަތައް ބިމަށް ވެރެން ފަށައިފިއެވެ. އަދި އިސާހިތަކު، މުޅި ގުލްދަސްތާ އޮތްގޮތަށް މޯޅިވެއްޖެއެވެ.

އަޅުގަނޑު މިދެންނެވި މަޒުމޫނާއި އެ މަޒުމޫނުގެ ދެފޮޅުވަތް ދޭތެރޭ އޮތީ ކޮން ވާހަކައެއްތޯއެވެ؟ ވިދާޅުވާށެވެ!

މަޒުމޫނުގައިވެސް ބަޔާންކޮށްފައި އޮތް ގޮތަށް، ފާތުން (މިހާރުގެ ގޮތަށް ނަމެއް ދީފައި. މިއީ މީހާގެ އަސްލު ނަމެއް ނޫން) ރާއްޖޭން ބޭރަށް ކިޔަވަން ދިޔައީ ކުރިއަރައިފައިވާ ޤައުމަކުން ދިވެހި ރާއްޖެޔަށް، ޔަޢުނީ ދިވެހި ރައްޔިތުންނަށް، ދިން ސްކޮލަރޝިޕެއްގަ އެވެ. ޘާނަވީ ފެންވަރަށް ކެމިސްޓްރީ ކިޔަވައިދިނުމުގެ ފުރަތަމަ ޑިގުރީއެއް ހަދައިގެން ރާއްޖެޔަށް އެނބުރި އައިސް ރާއްޖޭގެ ކޮންމެވެސް އިސްކޯލެއްގައި ކިޔަވައިދޭށެވެ. އަދި އެމަގުން ފަސް އަހަރުދުވަހު ޚިދުމަތް ކުރަން ކަމަށް ވަޢުދުވެ، ސޮއިވެސް ކޮށްފައެވެ. ތިމާ އަމިއްލަޔަށް ކުރި، ތިމާގެ ވަޢުދު ސޮޔަށް ޙުރުމަތްތެރިކޮށް ނުހިތައި، ފުރަތަމަ ޑިގުރީ ނިންމައިފައި ރާއްޖެ ނައި ސަބަބެއް ކަމަށް މަޒުމޫނުގައި ބަޔާން ކޮށްފައި އޮތީ ވަރަށް މަޤްބޫލު ސަބަބެކެވެ. އެއީ، އޭނާ ޑިގުރީގެ އިމްތިޙާނުތަކުން އޭނާޔަށް މަތީ ވަނަތަކެއް ލިބުމާއެކު، އޭނާޔަކީ ވަރަށް ތޫނު ކުއްޖެއް ކަމަށް ފެންނާތީ، އޭނާ ކިޔެވި ޔުނިވަރސިޓީއިން އޭނާޔަށް ދިން ފުރުޞަތެއްގެ ވާހަކައެވެ. އެއީ މާސްޓަރސް ފެންވަރަށް ކިޔެވުމުގެ ފުރުޞަތެކެވެ. އެފުރުޞަތުގެ ބަދަލުގައި އެތަނަށް އޭނާ ކުރަން ވަޢުދުވި ޚިދުމަތުގެ ތަފްޞީލެއް މިކޮޅަކަށް ނޭނގޭނެ، ދެއްތޯއެވެ!

ފާތުން މާސްޓަރސް ވެސް ހަދައިފިއެވެ. އަދި މަތީ ވަނައެއްގައި ފާސްވުމުގެ ސަބަބުން، ޕީ.އެޗް.ޑީ ހެދުމުގެ ފުރުޞަތުވެސް އޭނާޔަށް ލިބުނެވެ. އެފުރުޞަތު އޭނާ ބޭނުންކުރުމުގެ ފުރަގަހުގައި ހުރުން ވަރަށް އެކަށީގެންވާ ސަބަބު ތަކެއް ހުއްޓަސް، 'ޚިދުމަތުގެ ބޮންޑެއް' އޮތަސް، އެ ކަމެއްވެސް މަޒުމޫނަކު ނެތެވެ.

ދެން ފެނުނީ، ފާތުން ޕީ.އެޗް.ޑީ ނަގައިގެން، ނަމުގެ ކުރިޔަށް 'ޑޮކްޓަރ' ވެސް އިތުރު ކޮށްގެން ރާއްޖެޔަށް އެނބުރި އައިތަނެވެ. ނޫން! ނޫން! ތިޔަ ހީފުުޅު ކުރެއްވުނީ އަދި ރަނގަޅަކަށް ނޫނެވެ. އޭނާ އެނބުރި އެ އައީ އޭނާ ރާއްޖެޔަށް ޚިދުމަތް ކުރަން ކަމަށް ކުރި ސޮއި ހަނދާން ވެގެނެއް ނޫނެވެ. އޭނާ އެނބުރި ނައިމާ، އޭނާ އަންނާނެ ކަމަށް އެވެނި އިސްކޯލެއްގައި އުފެއްދި ކެމިސްޓްރީ ޓީޗަރުގެ މަޤާމަށް ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ބޭރުން ގެނައި ބިދޭސީ ޓީޗަރުގެ މުސާރަޔާއި، ހުރުމާއި، ކެއުމާއި، ނިދުމާއި، މުނިފޫހި ފިލުވުމަށް ކުރަން ޖެހުނު ދެގުނަ ޚަރަދުން ބައެއް ނަމަވެސް އެ އިސްކޯލު މިނިވަން ކޮށްލައިދޭކަށްވެސް ނޫނެވެ. ލޯބިވާ ދިވެހި ޤައުމުގެ އެތަކެއް ދަރީންގެ ތަޢުލީމުގެ ރާސްތާގައި އެކުދިންނާ އެކު މަގުދައްކަން ހިނގާކަށްވެސް ނޫނެވެ. ޕީ.އެޗް.ޑީ ފާސް ނަގާ މީހުންނަށް ސަރުކާރުން ދެއްވާ އިނާމު ބަލައެވެ. އޭނާގެ ވަނަވަރަށް، ސީ.ވީ އަށް، އެ ރީތި ނަން އިތުުރު ކޮށްލާށެވެ. ދެ ހަފުތާއެއްގެ ޗުއްޓީއެއްވެސް ރާއްޖޭގައި ހޭދަކޮށްލައިފައި، އޭނާގެ މޮޅު ޤައުމަށް އެނބުރި ދާށެވެ. އޭނާގެ ޤައުމޭ ތޯއެވެ؟ އާދޭހެވެ! މިއަދު އޭނާޔަކީ އޭނާ ކިޔަވަން ދިޔަ ޤައުމުގެ ޕާސްޕޯޓުވެސް ގެންގުޅޭ މީހެކެވެ.

ކެންގަރޫ ފަދަ މާރސޫޕިޔަލް ޖަނަވާރަކީ ރާއްޖޭގައި އުޅޭ އެއްޗަކަށް ނުވިޔަސް، އެފަަދަ ކަމަކުން ނަމަވެސް އެހައި މަތީ ފާހެއް ދިވެހި ދަރިޔެއް ކަމަށް ހަމައެކަނި އަޅުގަނޑުމެންނަށް ޔަޤީންވާ، ދިވެހި ރާއްޖޭގައި ހިތާއި ރޫޙުވެސް އޮތްކަމަށް ހަމައެކަނި އަޅުގަނޑުމެން ނިންމާ، ފަޚުރުވެރި ދިވެހި ދަރިޔަކު ހޯދުމަކީ އަޅުގަނޑުމެން އެކަމާ އުފާކުރާން ވާނެ ކަމެއް ނޫންތޯއެވެ! އޭނާޔަށް އެހައި މަތިވެރި އިނާމެއް އެ ލިބުނީ އެހެންވެއެވެ.

ދެން އޮތީ، ދިވެހިވަންތަ ރަހަތައް ހަނދާނަށް ގެނެސްދޭ ކަހަލަ ގޮތަކަށް އޭޝިޔާގެ ރަހަތައް އެތާކުން ލިބެން ހުންނަ، މަތީ ފެންވަރުގެ ރެސްޓޯރަންޓެއް އޭނާގެ ދިރިއުޅުން އެ ޤައުމެއްގައި ބިނާކުރި ޤައުމުގައި ހުޅުވި ވާހަކަ އެވެ. ދިވެހިވަންތަ ކުޑަކުޑަ ކަންފުޅެއް ހަނދާނަށް ގެނެސްދޭ ކަހަލަ ގޮތެއް އެތަނުން ލިބެންހުރި ބައެއް އެއްޗިހީގައި ހުރުން އެއީ އެކަމާ އަޅުގަނޑުމެން އުފާކުރަންވީ ކަމެކެވެ. ބިރިޔާނީގައި ފޮނިތޮށި ކާފޫރުތޮޅީގެ ރަހަ ލީމައި އެވާ ގޮތަށެވެ. އެއީވެސް އަޅުގަނޑުމެން ފަޚުރުވެރި ވާންވީ ކަމެކޯލައެވެ. ފާތުން އިނދެގެން އުޅެނީ އިންޑިޔާ ދަރިކޮޅުގެ މީހަކާ ކަމާއި،  ރެސްޓޯރަންޓުގެ މެނޫ ހެދީ އެމީހާކަން އަޅުގަނޑުމެންނަކަށް އެނގޭކަށް ކޮންމެހެން ނުޖެހެޔޯލައެވެ. ދިވެހިވަންތަ، ކަހަލަ، ޒާތެއް ހުންނަ…އެވަރުން އަޅުގަނޑުމެންނަށް ފުދިފައި އިތުރުވެސް ވެއެވެ. އެކަމަށްޓައި ފާތުންނަށް އަދި އެއް އިނާމު ނުދިނަސް، އައްސަރިބަހުން ސާބަސް ދޭންޖެހޭ، ދެއްތޯއެވެ!

ދެން އޮތީ އެ ޤައުމުގައި އޭނާ އުޅޭ ރަށުގެ ކައުންސިލަށްވެސް މިއަންނަ އަހަރު އޭނާ ކުރިމަތިލާ ވާހަކައެވެ. އެ ކައުންސިލުގެ މެންބަރުކަމަށް އޭނާ ކުރިމަތިލަނީ އެ ޤައުމުގެ ރައްޔިތެއްގެ ޙައިޘިއްޔަތުން އެ ޤައުމަށް ޚިދުމަތް ކުރަން ކަމަށް ވިޔަސް، އޭނާޔަކީ އަދިވެސް ދިވެއްސެއް ކަމަށް އަޅުގަނޑުމެންނަށް ޔަޤީން ވަންޏާ، ރާއްޖެޔަށް ކުރަން ވަޢުދުވި ޚިދުމަތް ނުކޮށް އެހެންތާކަށް ނަމަވެސް ޚިދުމަތް ކުރަން އޭނާ ތައްޔާރު ވުމަކީ އެކަމާ އަޅުގަނޑުމެން އުފާ ކުރާވަރުގެ ކަމެކޭ މަޒުމޫނުގެ ދެ ޖުުމުލަ ދޭތެރެއިން ބުނާ ތަން އަޅުގަނޑަށް އެބަ ފެނެއެވެ. މެދު އުޑުގައި ފިޔަޖަހާނީ އެހައިކަންހާ ވަރަށް، ނޫންތޯއެވެ! މާދަމާގެ ކައުންސިލަރެވެ. 'ދިވެހި' ކައުންސިލަރެވެ. ނަންއިތުރުގައި ކޮމާކޯޅި ޖަހައިގެންބނަމަވެސް ދިވެހި ކައުންސިލަރެވެ.

ފަށަމުން އަޅުގަނޑު ދެންނެވި ފަދައިން، ޤައުމެއް ޤައުމަކަށް ވެފައި، އެ ޤައުމަކަށް ނިސްބަތްވާ ކޮންމެ ފަރުދަކީވެސް ނަސްލީ ގޮތުން އެއް މަޖުމޫޢެއްގައި ހިމެނޭ މީހަކަށް ވެގެން ޤައުމުގެ ރައްޔިތެއް ކަމުގައި ބެލެވިދާނެ މީހެކެވެ. އެއް ބަހަކުން ވާހަކަ ދައްކާތީ އެ ޙައިޘިއްޔަތު ލިބޭ މީހެއްކަމަށް ހިމެނިދާނެއެވެ. އެއް ޘަޤާފަތެއްގެ ވެރިޔަކަށް ވާތީ، ނުވަތަ އެއް ތާރީޚެއް ޙިއްޞާ ކުރާތީ، އެ ގިންތީގައި މިނެވިގެންދާ މީހަކަށްވެސް ވެދާނެއެވެ. ހަމަ ގައިމުވެސް، އެއްް މަޞްލަޙަތު ތަކެއް ގެންގުޅޭ މީހަކަށް ވާތީވެސް އެނަޒަރުން އޭނާޔާ ދިމާޔަށް ބަލައިވެސް ލެވިދާނެއެވެ. އެހެންނަމަވެސް… އަޅުގަނޑުމެންގެ ފާތުންނަކީ ދިވެހި ބަހަށްވުރެ ބޭރު ބަަހަކަށް މިހާރު މާ ފަރިތަ، ބޭރު ޤައުމެއްގެ ރައްޔިތަކަށްވާ، އެޤައުމުގެ ތާރީޚާއި ޘަޤާފަތަށް މާ އަހުލުވެރި، ބިދޭސީ އެއްގެ އަންބަކަށް ވާ، ބިދޭސީ ކުދިން ކޮޅެއްގެ މަޔަކަށްވެސް ވާ މީހަކަށް ވާއިރު، އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖޭގެ މަޞްލަޙަތު އޭނާގެ ލޭނާރުތަކުގައި ހިނގަނީ ކިހައި ވަރަކަށްތޯ ބަލާނެ ކަށިގަނޑެއް ބޭސްވެރިކަމުގެ ދާއިރާޔަކު އަދި ނެތެވެ. އަޅުގަނޑަށް އަދިވެސް ފެންނަ މަންޒަރަކީ އޭނާ ދިވެހި އެތަކެއް ދަރިންނަށް ކިޔަވައިދޭން އެނބުރި އަންނާނެ ކަމަށް ވަޢުދުވެގެން ހޯދި ފުރުޞަތުގެ ނާޖާއިޒު ބޭނުުން ކުރި މަންޒަރާއި، އެ ވަޢުދު ކިތާބީ ގޮތެެއްގައި ފާހަގަ ކުރަން ކުރި ސޮޔަށް ފުރަގަސް ދިންގޮތާއި، ބޭރު ޤައުމަަކަށް ޚިދުމަތް ކޮށް، އެ ޚިދުމަތުގެ ދާއިރާ އަދިވެސް ފުޅާކުރަމުން ގެންދާ މަންޒަރެވެ. އެކަމާ އަޅުގަނޑުމެން އުފާކޮށް، އޭނާޔަށް ހިތްވަރާއި އިނާމު ދޭންޖެހެނީ ކީއްވެގެން ކަމެއް އަޅުގަނޑުގެ ކޮށި ވިސްނުމަކަށް ހަމަ ނައެވެ.

ޓީޗަރުކަން ކިޔަވަން އަލަށް ދާ ކުދިންނަށް ކިޔަވައިދޭ، ނަފްސާނީ ޢިލްމުގެ އެންމެ ޒަމާންވީ އަސާސް ތަކުގެ ތެރެއިން ނަގައިގެން ބައެއް ތަންތާނގައި ކިޔަވައިދޭ އެއްޗެއް ކުއްލިޔަކަށް ހަނދާނަށް އަތުވެއްޖެއެވެ. އެއީ ޕަވްލޯޥް ނަމަކަށް ކިޔާ މީހެއްގެ ކުއްތާއެއްގެ ވާހަކައެވެ. އެވާހަކަ އެވެރިންނަށް ދޫކޮށްލައިފައި، އެ ވާހަކަ ހަނދާނަށް އައިމާ ދަންނަވާ ހިތްވަނީ އެންމެ ވާހަކައެކެވެ. އެއީ އިންސާނުން ކުރާ ކަންކަމާ ވިދިގެން އެމީހުންނަށް އިނާމު ދީ، އެމީހުންގެ ހިތް އުފާކޮށްދީ ހަދާނަމަ، އެކަންކަން ކުރުމުގައި އެމީހުން ދެމިތިބޭނެ ވާހަކައެވެ. ފާރުގައި ބޯތެޅުމަކީ ސަލާމަތް ބުއްދިޔެއްގެ ވެރިޔަކު ރުހުމުގައި ނުކުރާނެ ކަމެއް ކަމަށް ފެންނަ ވާހަކަވެސް މެއެވެ.

މިރާއްޖެޔަށް ބޭރު އެކި ޤައުމުތަކުން ދިން ސްކޮލަރޝިޕް ތަކުގައި ފުރައިގެން ގޮސް ކިޔަވައިގެން، އެނބުރި އައިސް ޚިދުމަތް ކުރަން ވީ ވަޢުދާއި ކުރި ސޮޔަށް ޙުރުމަތްތެރިކޮށް ހިތައިގެން، ފުރަތަމަ ޑިގުރީ ނަގައިގެން އެހިސާބުން އަމިއްލަ ތަޢުލީމައިގެން ކުރިޔަށް ނުގޮސް އެނބުރި ޤައުމަށް އައިސް، މި ލޮބުވެތި ޤައުމުގެ އެތަކެއް ދަރީންނަށް ކިޔަވައިދިނުމުގައި ދެމިތިބި އެތަކެއް މުވާޠިނުންނަށް އޮތީ ކޮން އެއްޗެއް ތޯއެވެ؟ އެމީހުން ޕީ.އެޗް.ޑީއެއް ނުނެގީ ފުރުޞަތު ނުލިބުނީމައެއް ނޫނެވެ. ނާޖާއިޒު ފުރުޞަތެއް ނުހޯދީމައެވެ. "ދަމައިނުގަތީމަ" އެވެ. އެކަމަކު މިޤައުމުގައި އެކަހަލަ އެއްވެސް އިޚުލާޞްތެރިޔަކީ، އަމާނާތްތެރިޔަކީ، "މެދު އުޑުގައި ފިޔަޖަހާ ތަރިޔެއް" ނޫން، ދެއްތޯއެވެ! ދިމާވިހައި ކަމެއްގައި، އެންގެވިހައި ގޮތަކަށް، މީހާގެ ލިޔާޤަތާއި ޤާބިލިއްޔަތުގެ ތެރެއިންނާއި، އަމިއްލަޔަށް ދަސްކޮށްގެން ހޯދާ އެކި ހުނަރާއި ކުރާ އެކި މަސައްކަތުގެ ދާއިރާތަކުގައިވެސް ޤައުމީ ޚިދުމަތުގައި ތިރީސް ސާޅީސް އަހަރު ދުއްވައިލާ އާދައިގެ މީހާޔަކީ ހަމަ އާދައިގެ "ކެނަ"ޔެކެވެ.

ކަންމިހެން އޮތް އިރު، އަޅުގަނޑުމެންގެ ޅަދަރީންނަށް މިދެވެނީ ކޮންކަހަލަ ފިލާވަޅެއްތޯއޭ އަޅުގަނޑު ހިތަށް އަރައެވެ. ބޭރަށް ކިޔަވަންދާނެ ފުރުޞަތެއް ލިބިއްޖިއްޔާ ކޮންމެ ފަދަ 'ބޮންޑެއް' ގައި ސޮއިކޮށްލައިފައި ނަމަވެސް ފުރައިގެން ދާށޭ، އެ ސޮޔަށް ޙުރުމަތްތެރިކޮށް ނުހިތިޔަސް ކަމެއް ނުވާނޭ، އެ ދާތަނެއްގައި މަސައްކަތް ކޮށްގެން ޕީ.އެޗް.ޑީ އެއް ހިފައިގެން އަންނާށޭ، އޭރުން މޮޅު އިނާމެއް ދޭނަމޭ ޢަމަލީ ގޮތުން ބުނެވުން އެއީ ރަނގަޅު ފިލާވަޅެއް ތޯއެވެ؟ އުފަން ޤައުމަށް ޢަމުދުން ޚިދުމަތެއް ނުކޮށް، ބޭރު ޤައުމެއްގައި އެ ޤައުމަކަށް އެކި ރޮނގުން ޚިދުމަތްކޮށް، އެ ޤައުމެއްގެ ރައްޔިތަކަށްވެ، އެޤައުމެއްގައި ދިރިއުޅުން ބިނާ ކުރީމާ އެއީ ދިވެހި ރައްޔިތުންނަށް، ޔަޢުނީ ދިވެހި ޤައުމަށް، ކޮން ގޮތަކުން ލިބޭ ރީތި ނަމެއްތޯއެވެ؟ ކިހިނެއް ލިބޭ ޝަރަފެއް ތޯއެވެ؟ ޤައުމުގައި ތިބި މީހުންނަށް ދެވޭ ކޮންކަހަލަ ފިލާވަޅެއް ތޯއެވެ؟ ބޭރަށް ކިޔަވަން ދާ ކޮންމެ ޒުވާނަކު މި ލިޔުމުގައި މިދެންނެވި ކަހަލަ 'ފާތުން’ނަކަށް ވާން ދެވޭ ހިތްވަރެއް ނޫންތޯއެވެ؟ އެ ދެވޭ ހިތްވަރަކީ ހަމަ ރަނގަޅަށް ދެވޭ ހިތްވަރެކޭ ބުނުމަކީ، ރަނގަަޅަށް ހަނދުވަރުދޭ ރެޔަކު މަގުމަތީގައި ހިނގައިފައި ދަނިކޮށް އަމިއްލަ ހިޔަނި ފާރަކަށް އެޅުނީމައި އެ ހިޔަންޏަށް ސަލާމަށް އަތްދިއްކޮށްލުން ކަހަލަ ކަމަކަށް އެކަން ހަމަ ނުވަނީ ތޯއެވެ؟ އަޅުގަނޑުމެންގެ އަލިގަދަަ ތަރިކަމަށްވާ، މިލިޔުމުގެ ރަމްޒީ އެންމެހައި 'ފާތުން’ނަށް އަދިވެސް ހަމަ ހިތްވަރު ދޭންވީ ތޯއެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
91

3 Responses

  1. ވަރަށް މުހިއްމު މައްސަލައެއް ފާހަގަކޮށްދެއްވައިފި. ރާއްޖޭގެ މުވާތިނުންނަށް ލިބޭ އިސްކޯލަޝިޕް ނުރަނގަޅު ގޮތުގައި ބޭނުންކުރެވި، އެއިން ލިބިދޭން އޮންނަ މަގުސަދު ހާސިލު ނުވާ ވާހަކަ. މިފަދަ އިސްކޯލަޝިޕްތަކުގައި ކިޔަވަންދާ މީހުން، ތިޔަ ވިދާޅުވި ސޮޔާ ޚިލާފުވެ، ރާއްޖެއަށް ޚިދުމަތްކުރަން އެނބުރި ނައުމުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުމުގެ ވާހަކަ. މިކަމަކީ އެންމެ އިހުއްސުރެން ހިނގަމުން އަންނަ ކަމެއް. ފަސްދޮޅަހުގެ ތެރޭގައި އިސްކޮލަޝިޕު ލިބިގެން ރާއްޖެ ނައިސް ނުވަތަ ކުޑަ ދުވަސްކޮޅަކަށް އައިސް އުޅެފަ، ރާއްޖެ ދޫކޮށް ދިޔަ މީހުން އެބަ އުޅޭ. އަދީ އޭގެ ކުރިންވެސް، ސަރުކާރުގެ ޚަރަދުގައި ކިޔެވުމަށް ފަހު، އެއްގޮތަކަށް ވެސް ރާއްޖެ ނައިސް އުޅޭ މީހުން ވެސް އުޅޭ ނުވަތަ އުޅުނު. މައްސަލައަކީ މިހާ ދުވަސްވީ އިރު މިކަމާ ބެހޭ ރަސްމީ އިދާރާތަކުން މިކަން ފާހަގަކޮށް މިކަމުން ލިބޭ ގެއްލުން ހުއްޓުވަން ނޫޅޭކަން.

  2. ވަރަށް އަގުހުރި ވާހަކަފުޅެއް. މިކަމާވިސްނަންވެއްޖެ. މީ ޤަވްމަށް ޙިޔާނާތްތެރިވުން.

  3. "ފާތުން"ނަށް މީ ރަނގަޅު ގޮތެއްނޫން! "ފާތުން" އަށް މިހެން ލިއުއްވާ! ހެއު ޚިޔާލަކަށް ވިޔަސް ހައުދަހައި ހާސަރެއް ދަމައިގެންނޭ ބުނަންބޭނުންވާ ވާޙަކަ ތިލަކޮށް ހަށިކާ ހިސާބަށް ވެނެވެނީ. ހަކަ ފަލަވަރުތީ ވަހީދެއްކަމަކު. ވަހީދު ތިޔަ ލިއުއްވަނީ ދިގު ވާހަކައެއްނޫންކަމާއި ކޮލަމެއްކަން ހަނދުމަފުޅު ބަހައްޓަވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *