Support Us

ރޫހާނިއްޔަތުގެ މަގުގައި ކުރިއަށް ހިނގުން – 1

ރޫހާނިއްޔަތުގެ ވާހަކައަކީ ދީނަށް ލޯބިކުރާ މީހުން ދައްކާ ވާހަކައެކެވެ. މުއުމިނާގެ ކިބައިގައި ރޫހާނިއްޔަތު ސިފަ އިތުރުކޮށް، ރޫހާނީ ގޮތުން ކުރިއަށް ދިޔުމަށްޓަކައެވެ. މިލިޔުމުގައި މިކަމުގެ މައްޗަށް ބަލާލައި، މިކަން ކުރިއެރުވޭނީ ކޮން ގޮތަކަށްތޯ ވެސް ބަލައިލައި އެއްޗެއް ބުނެލަން ގަސްދުކުރަމެވެ.

ރޫހާނިއްޔަތުގެ މާނައިގެ މައްޗަށް ބަލައިލުން

އެންމެ ފުރަތަމަ ރޫހާނިއްޔަތުގެ މާނައަކީ ކޮބައިތޯ ބަލާލަމާ ހެއްޔެވެ؟ ރޫހާނިއްޔަތު ގުޅެނީ 'ރޫހު' މި ލަފްޒާއެވެ. ރޫހު، މިލަފްޒަކީ އޭގެ ހަގީގަތް ދެނެގަންނަން އުނދަގޫ ލަފްޒެކެވެ. މައުނަވީ ލަފްޒަކަށް ވެފައި، އޭގެ ހަގީގަތް ހިއްސުތަކުގެ ޒަރިއްޔާއިން އެނގޭ ގޮތް ނުވާތީއެވެ. ރޫހުގެ މާނައަކީ އިންސާނާއަށް ދިރުންދޭ ބާރޭ ބުނނެވިދާނެއެވެ. ދިވެހިން ފުރާނައޭ  ވެސް މި ބާރަށް ކިޔައެވެ. ރޫހުގެ ޚިޔާލީ ސޫރައެއް، ކުރަހާލުމެއް، 'ކެސްޕަރ' ފަދަ ބައެއް ކާޓޫނު ފިލްމުތަކުން ފެނެއެވެ. ރޫހުގެ މިފަދަ ޚިޔާލީ ކުރެހުމަށް، ދުމުން ކުރަހާލެވިފައިވާ އިންސާނީ ސޫރައެއް ދެވިފައިވެއެވެ. އިންސާނާ ނިދިޖެހޭ އިރު، އޭނާގެ ރޫހު، ވަގުތީ ގޮތެއްގައި، އޭނާއާ ވަކިވެދާ އިހުސާސު، ބައެއް ފަހަރު، ވެއެވެ. ހަމަ އެހެންމެ، ހޭލެވޭއިރު، ނުވަތަ، ހޭނެތުމަށް ފަހު، ހޭވެރިކަންވާއިރު، އޭނާގެ ރޫހު އޭނާއާ އަލުން ގުޅޭކަމުގެ އިހުސާސުވެސް ވެއެވެ. މަރުވުމަކީ އިންސާނާގެ ރޫހު އޭނައާ ދާއިމީ ގޮތެއްގައި، ވަކިވެ ދިޔުން ކަމުގައި ބުނެއެވެ. މިފަދައިން، ދާއީމީ ގޮތެއްގައި އިންސާނާގެ ހަށިގަނޑާއި ފުރާނަ ވަކިވެ ދިޔުމުން، ހަށިގަނޑު ބަދަލުވަނީ ދިރުން ނެތް އެއްޗަކަށެވެ. އާދެ، ގަބުރަކަށެވެ. މިއިން ރޫހު ނުވަތަ ފުރާނަ އަކީ އިންސާނާއަށް ދިރުންދޭ ބާރޭ ބުނުވޭ ބަހުގެ މާނަ ވިސްނެއެވެ.

ރޫހު، މި ލަފްޒާ ގުޅޭ ބައެއް ލަފްޒު ލަފްޒު، ދިވެހި ބަހުގައި ވެސް ބޭނުން ކުރެއެވެ. މިފަދަ އެއް ލަފްޒަކީ 'ކަށް’، މިއެވެ. ގަބުރުސްތާނަށް ދިވެހިން ކަށް ބިމޭ ކިޔާނޫން ހެއްޔެވެ؟ މިކަމާ ބެހޭ ބައެއް ލިޔުންތަކަށް އަވަސް ބަލައިލުމަކުން ބަލައިލުމުން، ވިސްނެނީ ކަށް، މިލަފްޒުގެ އަސްލު މިސުރުގެ އިހުގެ ބަސްކަމުގައިވާ ގިބްތީ ބަހާ ގުޅިފައިވާކަމެވެ. އަދި، ސެންސުކުރީތު ބަހުގެ ތެރެއިން ދިވެހި ބަހަށް ވަދެފައިވާ ލަފުޒަކަށް ވެދާނޭ ކަމެވެ. ކަށް، މި ލަފުޒުގެ އަސްލު މާނައަކީ އިންސާނީ ޖައުހަރެވެ، އަސްލެވެ. 'އެސެންސެވެ'. އާދެ، ރޫހުގެ މާނައިގައެވެ. އިހުގެ ބައެއް ދީންތަކުގެ ގަބޫލުކުރުންތަކުގައި، އިންސާނާގެ ހަށިގަނޑާ އޭނާގެ 'ކަށް' ވަކިވެ ދިޔުމަށް ފަހުވެސް، މި ދޭތީގެ ދެމެދުގައި ގުޅުމެއް އޮވެއެވެ. އަދި، ހަށިގަނޑު ވާތާކު އޭގެ ކަށް ވެސް ވެއެވެ. އިންސާނާ މަރުވެ، އޭނާގެ ގަބުރު ވަޅުލެވުމުން، އޭނާގެ ގަބުރު އޮތް ތަނަކަށް އޭނާގެ ކަށް ދާކަމަށް މި ގަބޫލުކުރުންތަކުގެ އަހުލުވެރިން ގަބޫލުކުރެއެވެ. އިސްލާމް ދީނުގެ ކުރީގައި، ރާއްޖޭގައި ވެސް، ދީނީ މި އިއުތިގާދު އޮތް ހެން ހީވެއެވެ. ގަބުރުސްތާނަށް ކަށް ބިމޭ ކިޔޭތީއެވެ. އެތާ ވަޅުލެވިފައިވާ ގަބުރުތަކުގެ ކަށްތައް އެތާނގައި އުޅޭކަން، އެއް އިރެއްގައި، ދިވެހިން ގަބޫލުކުރިކަން 'ކަށްބިން' މި އިބާރާތުން ދޭހަވާތީއެވެ.

ރޫހު، މިއީ ނަމެކެވެ. މިއާ ގުޅޭ ނަންއިތުރަކީ ރޫހާނީ މިލަފްޒެވެ. ރޫހާނީއޭ ބުނުމުން ދޭހަވަނީ 'ރޫހާ ގުޅޭ' މި މާނައެވެ. އެހެން އިބާރާތަކުން ބުނާ ނަމަ، ރޫހު އެދޭ ކަންކަމެވެ. ރޫހާ ގުޅޭ، އާދެ، ރޫހާނީ އެދުންތަކަކީ ކޮބާ ހެއްޔެވެ؟ މާތްކަލާނގެއާ ގުޅުން ބާއްވައި އެ ގުޅުން ވަރުގަދަ ކުރުމުގެ އެދުމެވެ. ރީތި އަޚުލާގީ ސިފަތައް ލިބިގަތުމުގެ އެދުމެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަން، މީހުންނަށް ހެޔޮވުމާއި އިހުސާންތެރިވުން، އަނެކުންނަށް އިހުތިރާމުކުރުމާއި ގަދަރުކުރުން، މިފަދަ ރީތި އަޚުލާގީ ސިފަތަކެވެ.

'ރޫހާނީ' މިލަފްޒުގެ އިދި ކޮޅު އިބާރާތަކީ ޖިސްމާނީއެވެ. މާނައަކީ ޖިސްމާ ނުވަތަ ހަށިގަނޑާ ގުޅޭއެވެ. ޖިސްމާ ނުވަތަ ހަށިގަނޑާ ގުޅޭ އެދުންތަކެވެ. މީގެ ތެރޭގައި ޣަރީޒީ، އެބަހީ، އިންސާނާގެ އުފެދުމުގައި ލެއްވިފައިވާ، ކެއުން ބުއިމާއި ޖިންސީ އެދުން ފަދަ، ކަންކަން ހިމެނެއެވެ. މީގެ އިތުރުން، ބައެއް ކަހަލަ، ނުރަނގަޅު އަޚުލާގީ ސިފަތައް ވެސް ގުޅެނީ ޖިސްމާނީ އެނދުންތަކާއެވެ. ދޮގު ހެދުމާއި މަކަރު ހެދުން، ވައްކަންކުރުމާއި ޚިޔާނަތްތެރިވުން، ދަހިވެތިވުމާއި އަނިޔާވެރިވުން، އަނެކުންނަށް އިހާނެތިކޮށްހިތުމާއި ނިކަމެތިކޮށްލުން، މީހުންނަށް ހަސަދަލުމާއި ހެޔޮ ނޭދުން ފަދަ ނުރަނގަޅު އަޚުލާގީ ސިފަތަކެވެ.

އިސްލާމް ދީނުގައި ރޫހާނިއްޔަތޭ ބުނުމުން، އެންމެ ފުރަތަމަ، އިޝާރަތްކުރެވެނީ މުއުމިނާއާއި މާތްކަލާނގެއާއި ދެމެދު ގާއިމު ކުރެވޭ ގުޅުމަށެވެ. އަދި، މިގުޅުމުގެ މައްޗަށް ބިނާކޮށް، ނަފްސުގައި، އެބަހީ އިންސާނާގެ ކިބައިގައި، ކުރުމުގެ އެކަށޭނަކަން ލެއްވިފައިވާ ނުރަނގަޅު ޖިސްމާނީ ސިފަތަކުން ދުރުވެ، ރޫހާނީ ސިފަތައް، ނަފްސުގައި އަށަގަންނުވައި ހިއްޕާލުމަށެވެ. އާދެ، އިންސާނާގެ ކިބައިގައި ރޫހާނިއްޔަތުގެ ސިފަ އުފައްދާލުން ގުޅެނީ މާތްކަލާނގެއަށް އީމާންވެ، އެކަލާނގެ ހަނދުމަކޮށް، ރީތި އަޚުލާގީ ސިފަތައް ލިބިގަނެ، އަޚުލާގީ ނުރަނގަޅު ސިފަތަކުން ދުރުވުމާއެވެ.

މިތާ ހަނދާންކޮށްލަން ޖެހޭ ކަމެއް އެބަ އޮތެވެ. އިސްލާމް ދީނުގައި ޖިސްމާނީ ހުރިހާ ކަމަކީ، އޭގެ ޒާތުގައި، ރަނގަޅު ނުވަތަ ނުރަނގަޅު ކަމެއްގެ ގޮތުގައި ނުބެލެވެއެވެ. މިސާލަކަށް، މަތީގައި ނަންގަނެވުނު، ޖިސްމާ ގުޅޭ ޣަރީޒީ ސިފަތަކެވެ. މިކަމުގެ ރަނގަޅުކަން ނުވަތަ ނުރަނގަޅުކަން ކަނޑައަޅާލުން ގުޅެނީ އެކަންކަން ފުއްދޭ ގޮތެއްގެ މައްޗަށް ބަލާފައެވެ. ދީނުގައި ކަނޑައެޅިފައިވާ، އިމުގެ ތެރޭގައި މިކަންކަން ހިފެހެއްޓުމުން، މިކަންކަމަކީ ރޫހާނީ ގޮތުން ތިމާ ކުރިއެރައި ދިޔުކަށް ހުރަސްއަޅާނޭ ކަންކަމެއް ނޫނެވެ. އަދި، ކިޔެއް ހެއްޔެވެ؟ ދީނީ އަދި އަޚުލާގީ އިމުގެ ތެރޭގައި ހިފެހެއްޓިއްގެން މިކަންކަން ފުއްދޭ ނަމަ، މިކަންކަން ވެސް ވާނީ، ތިމާގެ ރޫހާނިއްޔަތު ކުރިއަރުވަން އެހީވެދޭ ކަންކަމުގައެވެ.

ރޫހާނީ ގޮތުން ކުރިއަށް ދިޔުން އެދިގެން، މަސައްކަތް ކުރަން ބޭނުން ވެއްޖެ ނަމަ، ހަމަ ކޮންމެ ދުވަހަކު ވެސް އެކަން ފެށިދާނެއެވެ. ނަމަވެސް، އެމަގުގައި ކުރިއަރައި ދެވެނީ، ހިތްވަރާ އެކު، ދުވަސްތަކެއްގައި، މަސައްކަތްތަކެއް ކޮށްގެންނެވެ. ތަފާތު މަރުހަލާތަކެއް ގިރާކޮށް، ކަޑައްތު ކުރެވިގެންނެވެ. މި މަރުހަލާތަކުގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟

އިންސާނީ ނަފްސު ދެނެގަތުން

ރޫހާނިއްޔަތުގެ ވާހަކަ ދައްކާއިރު، އިންސާނީ ނަފްސު، އެބަހީ، ރޫހަކާއި ހަށިގަނޑެއްގެ މައްޗަށް އެކުލެވޭ މަޚުލޫގު، ދެނެގަންނަން ޖެހެއެވެ. މި ގޮތުން ދެކަމެއް އެނގެން ޖެހެއެވެ. ފުރަތަމަ ކަމަކީ އިންސާނާއަކީ މިނިވަން އިޚްތިޔާރެއް (ފްރީ ވިލްއެއް) ލިބިފައިވި މަޚްލޫގެއް ކަމެވެ. ދެވަނައަށް އޮތް ކަންތައް ގުޅެނީ މި މިނިވަންކަމާއެވެ. މި މިނިވަންކަން ނިޔާކުރަނީ އިންސާނާއަށް ރަނގަޅު ގޮތް ޚިޔާރުކޮށް، ރޫހާނިއްޔަތުގެ މީހަކަށްވެ، އެބަހީ، ހެޔޮލަފާ މީހަކަށްވެ، މަލާއިކީ ކާއިނަކަށް ވުމުގެ އެކަށޭނަކަން އޭނާއަށް ލިބިފައިވާ ކަމެވެ. ހަމަ އެހެންމެ، ނުރަނގަޅު ގޮތް ޚިޔާރުކޮށް، ޖިސްމުގެ އެދުންތަކުގެ އަޅަކަށްވެ، ޝައިތާނީ ކާއިނަކަށް ވުމުގެ އެކަށޭނަކަން ވެސް އޭނާއަށް ލިބިފައި ވެއެވެ. އިންސާނާގެ އުފެދުމުގައިވާ މި ދެ ސިފައަށް އިތުރަށް ބަލާލަމާ ހެއްޔެވެ؟

އިންސާނާއާއި މިނިވަން އިޚްތިޔާރު

ކީރިތި ގުރުއާނުގައި، އިންސާނާ ދުނިޔޭގައި ލެއްވުމުގެ ވާހަކަ، ނަންގަނެވުނު ހިނދު، އެންމެ ފުރަތަމަ ވެސް ފާހަގަކުރެވުނީ، އެ މަޚްލޫގަކީ މިނިވަންކަން ލިބިގެންވީ މަޚްލޫގެއް ކަމުގައެވެ. ބަޤަރާ ސޫރަތުގެ ތިރީސް ވަނަ އާޔަތުގައިވާ ފަދައިންނެވެ. وإذ قال ربك للملائكة إني جاعل في الأرض خليفة …، 'ކަލޭގެފާނުގެ ސާހިބުވަންތަ ރަސްކަލާނގެ، ބިމުގައި 'ޚަލީފާ’އަކު ލެއްވުމުގެ ވަހީ ބަސްފުޅު މަލާއިކަތުންނަށް އިއްވުނު ހިނދު' …، މިއާޔަތުގައެވެ. މިއާޔަތުގައި ނަންގަނެވިފައިވާ 'ޚަލީފާ’ގެ ލަފްޒީ މާނައަކީ 'ދޫކޮށްލެވިފައިވާ އެތި' މިއެވެ. މީހަކު މަރުވެ، އޭނާ ދަރިއަކު ދޫކޮށްފައިދާ ނަމަ އަރަބިން مات وخلّف ولدا ، އޭނާ މަރުވެ، ދަރިޔަކު ދޫކޮށްފައި ދިޔައެވެ، މިހެން ބުނެތެވެ. އެ ދަރި ވާނީ އޭނާގެ ބައްޕަގެ ޚަލީފާއަކަށެވެ. އާދެ، ބައްޕަގެ ބެލުމުގެ ދަށުން މިނިވަންވެފައިވާ ކުއްޖަކަށެވެ. ދުނިޔޭގައި އިންސާނާ ޚަލީފާއަކަށް ވުމީ، މިނިވަން އިޚްތިޔާރަކާއެކު، ދުނިޔޭގައި އުޅުމުގެ މިނިވަންކަން ލިބިފައިއޮތުމެވެ. މި މިނިވަންކަން ނިޔާކުރަނީ، ހެޔޮ ގޮތް ޚިޔާރު ކުރުމާއި ނުކުރުމުގެ އެކަށޭނަކަން އޭނާއަށް ލިބިފައިވާކަމެވެ.

ދެންމެ މިނަންގަތް ވަހީ ބަސްފުޅު، މަލާއިކަތް ބޭކަލުންނަށް އިއްވުމުން، އެބޭކަލުންގެ ޖަވާބަކީ ކޮބައި ހެއްޔެވެ؟ أتجعلون فيها من يفسد فيها ويسفك الدماء … ، ބިމުގައި ފަސާދަކޮށް، ލޭ އޮހޮރުވާ ބަޔަކު ބިމުގައި ލައްވަނީތޯއެވެ؟…"، މިއެވެ. ބިމުގައި ޚަލީފާއެއް، މިނިވަން މަޚްލޫގެއް، ލެއްވުމުން، އެކަމެއް ވުމުގެ އެކަށޭނެކަން އޮތް ކަމެއްގެ ވާހަކަ، މަލާއިކަތް ބޭކަލުންނަށް ވިސްނިވަޑައިގެން، އެކަން ފާޅުކުރެއްވީއެވެ.

ރޫހާނިއްޔަތުގެ މަގުގައި ކުރިއަށް ދިޔުމަށް ކުރިމަތި ކުރުވާ އެންމެ ވަރުގަދަ ގޮންޖެހުން ކުރުމަތި ކުރުވަނީ އިންސާނުންނަށް ލިބިފައި އޮތް މިނިވަން އިޚްތިޔާރުގެ ސިފައެވެ. މި ސިފަ ނިޔާކުރާ ގޮތުން، އިންސާނާ އެދޭ ނަމަ، ރޫހާނީ މީހަކަށް އޭނާއަށް ވެވިދާނެއެވެ. އަދި ހަމަ އެހެންމެ، އޭނާ އެދޭ ނަމަ، ޝައިތާނީ މީހަކަށްވެސް އޭނާއަށް ވެވިދާނެއެވެ. ނަމަވެސް، އާޚިރަތުގައި، ފަލާހާއި ކާމިޔާބު ލިބުން އޮތީ، ރޫހާނީ މީހަކަށް ވުމުގެ މަސައްކަތް ކުރެވިގެންނެވެ. ޝަމްސު ސޫރަތުގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ. ونفس وما سواها، فألهمها فجورها وتقواها قد أفلح من زكاها وقد خاب من دساها، (ކޮންމެ ނަފްސަކާއި އެނަފްސެއް (ތިމަންރަސްކަލާނގެ) ހައްދަވައި ފުރިހަމަ ކުރައްވާފައިވާ ގޮތް(ވެސް) ގަންދެއްވައި (ވަހީކުރައްވަމުއެވެ). ކޮންމެ ނަފްސަކަށްމެ، ނުބައިކަންތައް ކުރުމުގެ (އެކަށޭނަކަށް) އެކަލާނގެ ދެއްވައިފައި ވެއެވެ. އަދި ހަމަ ކޮންމެ ނަފްސަކަށްމެ، (ރަގަޅު ކަންތައްކޮށް) ތަޤުވާވެރިވުމުގެ އެކަށޭނަކަށްވެސް (އެކަލާނގެ) ދެއްވާފައި ވެއެވެ. ހަމަކަށަވަރުން ކާމިޔާބު ލިބުންއޮތީ އެނަފްސު (ނުބައިކަންތައް ކުރުމުން ދުރުކުރުވައި) ސާފު ތާހިރުގޮތުގައި ބަހައްޓާ މީހާއަށެވެ. އަދި (ނާކާމިޔާބުވެ،) ގެއްލި ހަލާކުވާހުށީ އެނަފްސު (ލައްވައި ނުބައިކަންތައްކޮށް، އެނަފްސު) ފާސިދުކޮށްލާ މީހާއެވެ'.

އާދެ، އިންސާނާގެ ކިބައިގައިވާ މިނިވަން އިޚްތިޔާރު އޭނާގެ ކުރިމައްޗަށް ދެ މަގެއް ހުށަހަޅާލައެވެ. ރޫހާނިއްޔަތުގެ މަގާއި ޝައިތާނިއްޔަތު މަގެވެ. ރޫހާނިއްޔަތުގެ މަގުގައި މުސްލިމާގެ ކުރިއަށް ދިޔުން ފެށެނީ، ޝަހާދަތުގެ ދެކަލިމަ ގަބޫލުކުރުމަށް ފަހު، މިދެމަގުން ކުރެ، ފުރަތަމަ މަގު، އާދެ، ރޫހާނިއްޔަތުގެ މަގު ޚިޔާރުކުރެވިގެންނެވެ.

ޝައްކެއްނެތް ގޮތުގައި، މިމަގުގައި ހިނގައި ކުރިއަށް ދިޔުމުގައި ހުރަސްތައް ކުރިމަތި ވެއެވެ. ތިމާގެ ނަފްސުކުރިމަތި ކުރުވާ ހުރަސްތަކާއި ތިމާގެ ޖިސްމުކުރިމަތި ކުރުވާ ހުރަސްތަކެވެ. މި ހުރަސްތަކާ ކުރިމަތިލައި، އެހުރަސްތައް ގިރާކުރުމައްޓަކައި އެހީވެދޭނޭ 'ބާރުތަކެއް' ވެސް އިންސާނާއަށް، މާތްރަސްކަލާނގެ ދެއްވާފައި ވެއެވެ. ރޫހާނިއްޔަތުގެ މަގުގައި ހިނގަމުންދާއިރު، ކުރިމަތިވާ ހުރަސްތައް، މި ބާރުތަކުގެ އެހީގައި، ގިރާކުރެވުމުން، ރޫހާނިއްޔަތުގެ މަގުގައި، މުސްލިމާއަށް ފިޔަވަޅުތަކެއް، ކުރިއަށް އެޅުނީއެވެ. މި ހުރަސްތަކާއި ބާރުތަކުގެ ވާހަކައިން، މި ލިޔުމުގެ ދެވަނަބައި ފެށުމުގެ އުއްމީދުގައި، ފުރަތަމަ ބައި މި ހިސާބަށް ނިންމާލަމެވެ. (ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *