Support Us

އަޅުގަނޑުގެ އަބަދުގެވެސް ދުޢާއަކީ ރައީސް ޔާމީނަށް އިންސާފު ލިބި، އެމަނިކުފާނު މިނިވަންވެގެން އައުން: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވައިފައިވާ ހުކުމްގެ އިސްތިއުނާފު ޝަރީއަތުގައި އެމަނިކުފާނަށް އިންސާފުލިބިވަޑައިގަތުމަށް އަބަދުވެސް ބޭނުންފުޅުވެވަޑައިގެންނެވި ކަމަށާއި މިއަދު އެމަނިކުފާނު މިނިވަންވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މިނަމުގައި ޕީއެންސީން ކުރިއަށް ގެންދާ ކެންޕެއިންގައި ގައްދޫ ދާއިރާގެ ކެނޑިޑޭޓު މުހައްމަދު އަލީގެ ކެންޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަަވަމުންނެވެ.

"އަޅުގަނޑުގެ ދުއާއަކީ އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން އައި ގޮތަށް ރައީސް ޔާމީން މިނިވަންވެގެން އައުން… އަޅުގަނޑުގެ ދުއާއަކީ އެ މަނިކުފާނަށް އިންސާފު ލިބި އެމަނިކުފާނު މިނިވަންވެގެން އައުން،" ރައީސް ވިދާޅުވި އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީނު 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ މިދިޔަ އަހަރުއެވެ. އެހެންވެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލައިގެ އަޑުއެހުންތައް ބާއްވައި، ހުކުމާ ހަމައަށް ގޮސްފައި އޮންނަތާ މިހާރު އެތައް މަހެއް ވަނީ ވެފައެވެ. އެ އެކަމާ ކަންބޮޑުވެވަޑައިގެން، އެ މައްސަލަ އަވަސްކޮށްދެއްވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އެތައް ފަހަރަކު ވަނީ އެދިވަޑައިގެންފަ އެވެ. އެ މައްސަލާގެ ޝަރީއަތް ނުބޭއްވެނީ ހައިކޯޓުގެ ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުންނެވެ.

ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް މިއަދު މެންދުރު 1:00 އަށް ހައިކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.

ރައީސް ޑރ. މުއިއްޒު ރޭ ވިދާޅުވީ އިންސާފުވެރިކަމާ އެކު، އަވަހަށް ރައީސް ޔާމީންގެ މައްސަލަ ނިންމައިދިނުމަށް މީގެ ކުރިން ވެސް އެމަނިކުފާނު ޖޭއެސްސީއަށް ގޮވާލައްވާފައިވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުވެގެން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުއިއްޒު އެންމެ ފުރަތަމަ ވެސް ސަރުކާރަށް ގޮވާލެއްވީ މާފުށީ ޖަލުގައި ހުންނެވި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވަމަށް ކަމަށާއި އެކަމުގެ ނަތީޖާއަކަށްވީ އޭރު އޮތް އެމްޑީޕީ ސަރުކާރުން، ޖެހިގެން އައި ދުވަހު އެމަނިކުފާނު ގެއަށް ބަދަލުކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖޭއެސްސީގެ ރައީސް، ތުޅާދޫ ދާއިރާގެ މަޖިލިސް މެމްބަރު ހިސާން ހުސެއިނަކީ ވެސް އެމްޑީޕީގެ ބޭފުޅަކަށްވެފައި، ޖޭއެސްސީގެ ކޮންޓްރޯލް ވެސް އޮތީ އެމްޑީޕީގެ އަތުގައި ކަމަށްވާއިރު އެމްޑީޕީން ބޭނުންވީމާ އެ މައްސަލަ ޝެޑިއުލްކުރެވިއްޖެ ކަމަށެވެ. އަދި އެކަމުން އެނގިގެންދަނީ ޖޭއެސްސީގެ ކޮންްޓްރޯލް އަދިވެސް އޮތީ އެމްޑީޕީގެ އަތުގައި ކަމަށާއި މިއީ ވަރަށް ހިތާމަކުރައްވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަން މި ސާބިތު ވަނީ މީގެ ދުވަސްކޮޅެއް ކުރިން ނޫންތޯ މަޖިލީހުގެ ރައީސް (އަސްލަމް) ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ލަސްވާތީ އެ މައްސަލަ ޖޭއެސްސީން ބަލަން ހުށަހަޅާނަމޭ. ހަމަ އެ ވާހަކަ ވިދާޅުވިތާ ދެތިން ދުވަސް ތެރޭގައި މިހާރު އެ އޮތީ މާދަމާ (ބުރާސްފަތި ދުވަހަށް) ޝެޑިއުލްކޮށްފައި. މިއޮއްހާ ދުވަހު އެ ބޭފުޅުން ހިފެހެއްޓީނޫންތޯ؟" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީން ބޭނުންވީމަ ރައީސް ޔާމީންގެ ޝަރީއަތުގެ މައްސަލަ މިއަދަށް ތާވަލްކުރެވިގެން ދިއުމުން އެމަނިކުފާނު ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމަށާއި ރައީސް ޔާމީން މިނިވަންވެގެން އައުމަކީ އެމަނިކުފާނު އަބަދުވެސް ބޭނުންފުޅުވެވަޑައިގެންނެވި ގޮތް ކަމަށެވެ.

މިސަރުކާރަކީ ރާއްޖޭގައި ވެރިކަން ކޮށްފައި ތިއްބެވި ބޭފުޅުންނާ މެދު ކުރީގެ ސަރުކާރުތަކުން ކަންކަން ކޮށްފައިވާ ގޮތަށް ސިޔާސީ ގޮތުން އުނދަގޫ ކުރާނެ ސަރުކާރެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"މާދަމާ (ބުރާސްފަތި ދުވަހު) އެމަނިކުފާނު (ރައީސް ޔާމީން) މިނިވަންވުމަކީ އަޅުގަނޑު ވަރަށް އުއްމީދު ކުރާ ކަމެއް. އެއަށްފަހު ދެން ފެންނާނީ ރާއްޖޭގައި ހުރިހާ ރައީސުން ވެސް، ކުރީގެ ރައީސުން މިނިވަންކަމާ އެކު އުޅެމުންދާތަން. ވެރިކަން ކުރުމަކީ އެ ވެރިކަން ނިމުމަށްފަހު ގެންގޮސް، މީގެ ކުރީގައި ކަންކުރި ގޮތަށް އަބަދާއި އަަބަދު ބަދަލުހިފުމުގެ ރޫހުގެ ތެރޭގައި، އޮއިވަރެއްގެ ތެރޭގައި މިގައުމު ގެންދަން ތިބި ބައެއް ނޫން. ހައްޔަރުކުރަން ތިބި ބައެއް ނޫން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިގައުމުން ބަދަލު ހިފުމުގެ ރޫހު ނައްތާލާނެ ކަމުގެ ވައުދުފުޅާ އެއްގޮތަށް އެކަންތައް ކުރައްވާނެ ކަމަށާއި މިސަރުކާރުގެ ތެރެއިން ބަދަލުހިފުމުގެ ރޫހު އެއްގޮތަކަށް ވެސް ނުފެންނާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ ވ. އާރަށް ވިއްކައިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް، ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވެވަޑައިގެން، އެ ފައިސާ އަމިއްލަފުޅު މަންފާއަށް ބޭނުންކުރެއްވި ކަމުގެ ކުށް ސާބިތުވެފައިވާތީ އެވެ. އެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ހަ މަސް ތެރޭގައި ފަސް މިލިއަން ޑޮލަރު މީރާއަށް ދެއްކުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *