Support Us

އުޑުގަ ޖެހިފައި ބިމުގައި ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއްކަމެއް ވެސް ނޯންނާނެ: ރައީސް

އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އެމަނިކުފާނާ ދެކޮޅަށް ދެއްކޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މި ނަމުގައި ޕީއެންސީން ކުރިއަށް ގެންދާ މަޖިިލިސް އިންތިހާބުގެ ކެންޕެއިންގައި ގަލޮޅު ދެކުނު ދާއިރާގެ ކެނޑިޑޭޓު އިބްރާހިމް މުހައްމަދުގެ (އިބުޓީ)ގެ ކެންޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އިދިކޮޅު ފަރާތްތަކުން އެމަނިކުފާނާ ގުޅޭ ގޮތުން ދޮގު ވާހަަކަތައް މޭޔަރު އިންތިހާބާއި ރިޔާސީ އިންތިހާބުގައި ވެސް ދައްކައިގެން އެ ވާހަކަތައް ރައްޔިތުން ގަބޫލްނުކުރީމާ އެ މަނިކުފާނުގެ އަބުރު ކަތިލުމުގެ މަސައްކަތް އޭރު ވެސް ކުރި ކަަަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ގެންގޮސް، އެކި ކަހަލަ މައްސަލަތަކުގައި ގެންގޮސް ސުވާލުކޮށް ޝަރީއަތްކުރިނޫންތޯ، އެއިން އެއްވެސް ކަމެއް ސާބިތެއް ވެސް ނުވޭ. ދެން ރިޔާސީ އިންތިހާބު އައީ ހަމަ އެކި ކަހަލަ ވާހަކަތައް ދައްކައިގެން ރައްޔިތުން ގަބޫލްނުކުރީމާ ދެން ހަމަ ބުހުތާނު ދޮގު ހަދައިގެން އަޅުގަނޑުގެ އަގު ވައްޓާލަން މަސައްކަތް ކުރި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް އޭރުވެސް އަދި މިއަދު ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް އެމަނިކުފާނު ނުކުރައްވާނެ ކަމަށާއި ދުވަހަކު ވެސް ރައްޔިތުންގެ ހައްގެއްގައި، ރައްޔިތުންގެ މުދަލެއްގައި، އަދި ރައްޔިތުންގެ ފައިސާއެއްގައި އެމަނިކުފާނު ޖެހިވަޑައިނުގެންނަވާނެ ކަމަށެވެ.

"އެހެންވީމަ ތިބޭފުޅުން (އިދިކޮޅުން) އަދި ތިގޮތަށް އަޅުގަނޑުގެ ބޮލުގައި ކަމެއް އަޅުވަން އުޅެ… ކުރީގައި ވެސް ނުވި ކަމެއް ދެނެެއް ވެސް ނުވާނެ. އުޑުގަ ޖެހިފައި ބިމުގައި ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއްކަމެއް ވެސް ނޯންނާނެ. އެހެންވެ ކުރިއަށް ވަޑައިގެންނަވާ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް ހުޅުމާލެއިން ރޯހައުސް ލިބިވަޑައިގެންނެވި ދުވަހުން ފެށިގެން ކުއްޔަށް ދީފައިވަނީ ބޭރުގެ ބަޔަކަށް ކަމަށާއި އެތަނުން ލިބޭ ކުއްޔާ ބެހޭ މައުލޫމާތު ފެންނަން ހުންނާނެ ކަމަށެވެ. ނަމަވެސް ސިޔާސީ ބޭނުމެއްގައި ޕޮލިސް އިންޓެލިޖެންސް ރިޕޯޓެކޭ ކިޔައިގެން ޑްރާފްޓް ރިޕޯޓެއް ހަދައިގެން އުޅޭއިރު އޭގައި ތައްގަނޑެއް، ތާރީހެއް ވެސް ނެތް ކަަމަށް ރައީސް ވިދާޅުވި އެވެ.

"އެ ބޭފުޅުން ހޯދި ނަމަ ފެންނާނެތާ، އެމީހުންގެ ވެރިކަން މިދިޔަ ފަސް އަހަރު އޮތީ. އުުޅެއުޅެ ވެސް ނުފެނުނީ ކަމެއް. ދެން އަޅުގަނޑުގެ ބައްޕަގެ ފަރާތުން އަޅުގަނޑަށް ވާރުތަވެފައިވާ މުދަލާއި ފައިސާ އާއި ހުރިހާ އެއްޗެއް ވެސް ހަަމަ އެހެރީ ފެންނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނަކީ އިދިކޮޅު ފަރާތްތަކުން އެ "ހިތަށްއަރުވާ ކަހަަލަ ކަމެއް" ކޮށްފައިވާ މީހެއް ނޫން ކަމަށާއި ދުވަހަކު ވެސް ރައްޔިތުންނަށް ދެރައެއް ލިބޭނެ އަދި ގާނޫނާއި ގަވާއިދާ ހިލާާފު ކަމެއް ނުުކުރައްވާނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އެމަނިކުފާނާ ގުޅޭ ގޮތުން ދައްކާ ވާހަކަތައް ގަދައަށް ދެއްކުމަށާއި ދެއްކި ވަރަކަށް ބޭޒާރުވާނީ އިދިކޮޅު ފަރާތްތައް ކަމަށް ރައީސް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *