Support Us

"ޖަވާބުދާރީ" މި ލަފްޒު އިދިކޮޅުން ބޭނުން ކުރަނީ ސަރުކާރު ވައްޓާލަން: ރައީސް މުއިއްޒު

"ޖަވާބުދާރީ" މި ލަފްޒު އިދިކޮޅުން ބޭނުން ކުރަނީ ސަރުކާރު ވައްޓާލަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މި ނަމުގައި ޕީއެންސީން ކުރިއަށް ގެންދާ މަޖިިލިސް އިންތިހާބުގެ ކެންޕެއިންގައި ގަލޮޅު ދެކުނު ދާއިރާގެ ކެނޑިޑޭޓު އިބްރާހިމް މުހައްމަދުގެ (އިބުޓީ)ގެ ކެންޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އިދިކޮޅުން އަބަދު ވެސް މަޖިލީސް މެޖޯރިޓީ ބޭނުންވަނީ މި ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމަށް ކުރިން ބުނަމުން ގޮސްފައިވާ ކަމަށާއި ޖަވާބުދާރީވެސް ކުރުވަން ޖެހޭނެ ކަމަށެވެ. ނަމަވެސް "އިދިކޮޅުން ޖަވާބުދާރީގެ އެ ލަފްޒު ބޭނުން ކުރަނީ ސަރުކާރު ވައްޓާލަން" ކަމަށް ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މިމޭރުމުން ދައްކާ ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ ގާނޫނީ ހަމަތަކުގެ މަތިން ފަސް އަހަރުން ފަސް އަހަރުން ވޯޓުލައިގެން ސަރުކާރު ބަދަލުކުރެވޭނެ ކަމަށެވެ.

މި ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި މަސައްކަތްތަކެއް ކުރަން ރައްޔިތުން އެމަނިކުފާނާ ޒިންމާއެއް ހަވާލުކޮށްފައިވާ ކަމަށާއި މި ފަސް އަހަރުގެ ތެރޭގައި އެމަނިކުފާނު ހުރިހާ ވެސް އަމާޒެއް ހުރީ އެމަނިކުފާނު ރައްޔިތުންނަށް ވައުދު ވެވަޑައިގެންފައިވާ ހުރިހާ ކަމެއް ކުރެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކު އެ ޒިންމާތައް އަދާކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނަށް އެބަ އޮތް ކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވޯޓުލުމަށް ކުޑަތަންވެފައި ވާއިރު މި މަހުގެ 21 ވަނަ ދުވަހުގެ ވޯޓުގައި އެންމެން އަވަސްވެގެންނަންވީ ތަރައްގީއަށް ވޯޓު ދިނުމަށް ކަމަށް ވިދާޅުވި އެވެ. އަދި މި ގައުމުގެ ހަމަޖެހުމާއި މިނިވަންކަމާއި ސިޔާދަތާއި އަމަން އަމާންކަމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެންމެން އެކުގައި ނުކުމެ ވޯޓު ދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

މި ކަންކަން ހާސިލްވާން އޮތީ ސަރުކާރުގެ ކެނޑިޑޭޓުންނަށް މަޖިލީސް އިންތިހާބުގައި ވޯޓް ދީގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ ފިކުރަކީ ތަރައްގީގެ ފިކުރު ކަމަށާއި މި ސަރުކާރުން ބޭނުންވަނީ މުޅި ރާއްޖޭގެ ރައްޔިތުންގެ ތަރައްގީ ޔަގީންކޮށްދޭން ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ނުވެފައި ހުރި މުހިންމު ބޮޑެތި ކަންތައްތައް ކަމުގައިވާ ގެދޮރުވެރިކަމުން ފެށިގެން ގޮސް އެންމެ ކުދި ކަންކަންކަމާ ހަމައަށް ތަރައްގީ ޔަގީންކޮށްދޭން ބޭނުންފުޅުވާ ކަމަށާއި މިދިޔަ ރިޔާސީ  އިންތިހާބުގައި ރައްޔިތުން ވޯޓު ދިނީ އެ ތަރައްގީ ޔަގީންކޮށްދޭން ކަމަށް ރައީސް ވިދާޅުވި އެވެ.

ގެދޮރުވެރިކަމާ ބެހޭ މަޝްރޫއެއް ހިންގުމާ ބެހޭ ބިލެއް މަޖިލީހަށް ވެއްދުމުން އެ ބިލް ބޭރުކޮށްލައި ބިލްތައް އެޖެންޑާނުކޮށްދީ ސަރުކާރަށް ޖެއްސުންކޮށް ރައްޔިތުން ބިކަވާ ގޮތަށް ކަންތައްތައް ކުރާނެ ބަޔަކަށް އަލުން އެ ފުރުސަތު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިދިޔަ ފަސް އަހަރު (އެމް.ޑީ.ޕީއަށް) މަޖިލީހުގެ ސުޕަމެޖޯރިޓީ އޮވެމެ މާލޭގެ ރައްޔިތުންނަށް މި މައްސަލަ ހައްލެއް ނުކޮށްދެވުނެއް ނޫންތޯ. ދައުރު ނިމެން ވަރަށް ގާތްވެފައި އޮއްވާ ނޫންތޯ މިކަމާ އުޅެން ފެށީ،" ރައީސް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *