Support Us

އައްޑޫ ސިޓީއަށް ރައްޔިތުން އުއްމީދުކުރާ ތަަރައްގީ ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

އައްޑޫ ސިޓީގެ ތަރައްގީީއަށްޓަކައި ގިނަ ކަންތައްތަކެއް ރޭވިފައިވާއިރު އައްޑޫގެ ރައްޔިތުން އުއްމީދު ކުރަމުން އައި ތަރައްގީ މި ސަރުކާރުން ގެނެސްދެއްވާނެ ކަމަށާއި އެ ކަންތައް ހަގީގަތަކަށް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުން އައްޑޫ ސިޓީގެ ހުރިހާ ގޮނޑިތަކަށް ހޯވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރައީސް މިކަމަށް އެދިވަޑައިގަތީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މިނަމުގައި ޕީއެންސީން ކުރިއަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ ކެންޕެއިންގައި މަރަދޫ ދާއިރާގެ ކެންޑިޑޭޓު މުހައްމަދު އަމީތުގެ ކެންޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަަވަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ދެެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުގެ ދަށުން އެންމެ ދެކުނުގެ ހަތަރު އަތޮޅު ހިމެނޭ ގޮތަށް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން ގެންދާއިރު މި މަޝްރޫއުގެ އެންމެ މުހިންމު ނާރެހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އައްޑޫ ސިޓީ ކަމަށެވެ.

ތަރައްގީ ގެނައުމަށް ސަރުކާރުން ކުރާ މަަސައްކަތުގައި ރައްޔިތުން އެެއްބާރުލުން ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. އަދި މި ތަރައްގީގެ ޕްލޭން އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ގޮތަށް އެ ކަންކަން ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ތަރައްގީގެ 20 އަހަރު ދުވަހުގެ ދުރު ރާސްތާ ޕްލޭނެއް ހެދުމަށް ނިންމާފައިވާއިރު އެ ކަންތައް ވެސް ކުރެވެން އޮތީ މަޖިލީހުގެ ތެރެއިން އެކަމަށް ހާއްސަ ގާނޫނެއް ފާސްކޮށްގެން ކަމަށެވެ.

"ތަރައްގީގެ މާސްޓާ ޕްލޭން އަޅުގަނޑުމެން ތަންފީޒު ކުރަން ބޭނުންވަނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ އެކީގައި. (އެއީ) ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކީގައި ތައްޔާރުކުރެވިފައި އޮންނަ 20 އަހަރުގެ މާސްޓާ ޕްލޭނެއް. އެ ޕްލޭނަކީ އެއަށް ހާއްސަ ގާނޫނެއް މަޖިލީހުން ފާސްކުރެވިފައި އޮންނަ އެއްޗަކަށް ވާންޖެހޭ. އެ ޕްލޭންގައި މިއޮތީ އައްޑޫ ސިޓީގެ ތަރައްގީގެ ވާހަކަ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް ތަރައްގީ ގެންނަން ބޭނުންވާ މި މާސްޓާ ޕްލޭންގެ ގާނޫނު މަޖިލީހުން ހަދަންޖެހޭއިރު، މިފަހަރު ތާރީހު ބަދަލުކޮށްލައި އައްޑޫ ސިޓީގެ ހުރިހާ ދާއިރާއަކުން އެމަނިކުފާނަށް އިތުބާރުކޮށް ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ.

"އަބަދާއި އަބަދު އެއް ބަޔަކަށް އައްޑޫ ސިޓީގެ ކަންކަމުގަައި މަޖިލިސް ތެރޭގައި ބަސް ކިޔަން ދީފައި އޮތް އޮތުމުގެ ސަބަބުން ވީ ކަމެއް، ހަގީގަތުގައި މާނަ ހުރި ދެމެހެއްޓެނިވި ތަރައްގީ ހާސިލްނުވާކަން ސިޓީގެ ރައްޔިތުން ހެކިވެވަޑައިގެންނަވާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި އެކިވަރުގެ މަޝްރޫއުތައް ހިންގާފައި އެބަހުރި ކަމަށާއި ނަމަވެސް މުޅި ސިޓީގެ ތަރައްގީއަށް އައްޑޫ ސިޓީގެ ރައްޔިތުންނާއި ޒުވާނުން ބޭނުންވާ ތަރައްގީ ހާސިލްނުވާ ކަމަށެވެ.

ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް އަޖުމަ ބަލައިލަން ވެސް މި ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިދެއްވުމަށާއި މި ސަރުކާރުން ނަތީޖާ ނެރެދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އައްޑޫ ސިޓީގެ ރައްޔިތުން ތާއަބަދު ތިޔަ އުއްމީދު ކުރައްވަމުން އައި ތަރައްގީ ހޯދައިދޭނަން އިރާދަކުރެއްވިއްޔާ މިފަހަރު،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ މަސްްލަހަތު އިސްކޮށް، އައްޑޫއަށް ތަރައްގީ ގެނެސްދިނުމަށްް ސަރުކާރުން ކުރާ މަސައްކަތުގައި އެއްބާރުލުން ދޭނެ ސަރުކާރުގެ ކެންޑިޑޭޓުން މަޖިލީހަށް ހޮވައިދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *