Support Us

އިދިކޮޅަށް މަޖިލިސް ދީފިނަމަ ފެންނާނީ ސަރުކާރާއި މަޖިލީސްގެ ހަމަނުޖެހުންތައް، ރައްޔިތުން ތިބޭނީ ބާކީވެފައި: ރައީސް

ރައްޔިތުންގެ މަޖިލީސް އިދިކޮޅަށް ލިބިއްޖެ ނަމަ ފެނިގެންދާނީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރާ ދެމެދުގެ ހަމަނުޖެހުންތައް ކަމަށާއި ރައްޔިތުން ތިބޭނީ ބާކީވެފައި ކަަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މިނަމުގައި ޕީއެންސީން ކުރިއަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ ކެންޕެއިންގައި މަރަދޫ ދާއިރާގެ ކެންޑިޑޭޓު މުހައްމަދު އަމީތުގެ މާލޭގެ ކެންޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ހަގީގަތުގައި ވެސް ގައުމަށް ހަމަޖެހުން ގެނައުމަށް ކަމަށާއި އެކަން އަމަލީ ގޮތުން މިހާރު ގާއިމްވަމުން އަންނަ ކަމަށެވެ. އަދި ކުރިން މި ގައުމުން ފެންނަމުން ދިޔަ ކަހަލަ މަންޒަރުތައް ނުފެންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ސިޔާސީ މީހަކަށް ވީތީ ގެންގޮސް ހައްޔަރުކުރުމެއް ނުފެންނާނެ. ސިޔާސީ މީހަކަށް ވީތީ ފުލުސް އޮފީހަށް ގެންގޮސް އެމީހާއާ ސުވާލުކުރާތަނެއް ނުފެންނާނެ. ސިޔާސީ މީހަކަށް ވީތީ އެ މީހާއަށް އުނދަގޫ ކުރާތަނެއް ނުފެންނާނެ. ކުރީގައި ފެނުނު އެއްވެސް ކަމެއް ނުފެންނާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ފެންނަމުން ދަނީ އޭގެ އަނެއް ފަރާތް ކަމަށާއި އިދިކޮޅު ފަރާތްތަކުން ޕޯޑިއަމްތަކުގައި ވާހަކަދައްކާއިރު އަބަދުވެސް ފެެންނަނީ ބަދަލުހިފުމުގެ ވާހަކަަތަކާއި ހަމަނުޖެހުމުގެ ރޫހު އިހުސާސްވާތަން ކަމަށެވެ. ނަމަވެސް ދެން އެ ރޫހަށް، އެ ވިސްނުމަށް ޖާގަދީގެން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަން ކަމުނުގޮސްގެން އަޅުގަނޑުމެން މިތިބީ ހަމަޖެހުމުގެ މަގަށް އައިސްފައި. އެހެންވީމަ މި ހަމަޖެހުން މި ގައުމުގައި ގާއިމްކުރުމަށް އަޅުގަނޑުމެން މިފަހަރު އިސްކަންދޭންވީ. މި ދެންނެވި ބަދަލު ހިފުމުގެ ރޫހާ ދެކޮޅު ހެދުމުގެ ރޫހަށް މަޖިލިސް ތެރެއިން އަޅުގަނޑުމެން ޖާގަ ދީފިއްޔާ ފެންނާނީ އެކަން. މަޖިލީހާއި ސަރުކާރާ ހަމަނުޖެހުމުގެ ތެރޭގައި ދާނީ. ރައްޔިތުން ތިބޭނީ މުޅިން ބާކީވެފައި،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިދިކޮޅަށް މަޖިލިސް ލިބިއްޖެ ނަމަ ރައްޔިތުންނަށް ސަރުކާރުން ވީ ވައުދުތައް ނުުފުއްދި ވަގުތުތައް ބޭކާރުވެގެންދާނެ ކަމަށާއި މަޖިލީސް ތެރެއިން ފެންނަމުންދާނީ ފާއިތުވި ހަތަރު ފަސް މަސް ދުވަހުގެ ތެރޭގައި ސަރުކާރަށް ޖެއްސުން ކުރަމުންދިޔަ ގޮތަށް ޖެއްސުން ކުރާތަން ކަމަށެވެ.

އިދިކޮޅުން އެގޮތަށް ކަންތައްތައް ކުރަމުން ގެންގޮސްފައިވަނީ އެއްވެސް އަސާސެއް ނެތި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަނެއްްކާ (އިދިކޮޅު ފަރާތްތަކުން) އިއުލާން ކުރަމުން އެ ގެންދަނީ ތިމަންނަމެންނަށް މަޖިލިސް ލިބިއްޖެއްޔާ އެހެންނޭ ކަންކަން ކުރާނީވެސް. އެހެންވެ އެ ހަމަނުޖެހުމުގެ ސައިކަލްގެ ތެރެއަށް އަނެއްކާ ދާންވީ ސަބަބެއް ނެތެއް ނޫންތޯ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރުން ބޭނުންވަނީ ގައުމަށް ތަރައްގީ ގެންނަން ކަމަށާއި ގައުމަށް ތަރައްގީއާއި ފުދުންތެރިކަން ގެނެސް، ގައުމަށް ހަމަޖެހުން ގެނައުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގައި ރައްޔިތުން އަޒުމް ކަނޑައަޅައިގެން ކުރިއަށް ދިއުމަށް މަސައްކަތް ކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *