...

Support Us

ފުލުހުންގެ މައްޗަށް މި ސަރުުކާރުން ނުފޫޒެއް ނުހިންގާނެ: ރައީސް

ކުރީ ސަރުކާރުތަކުން ފުލުހުންގެ މައްޗަށް ހިންގަމުންދިޔަ ސިޔާސީ ނުފޫޒު މި ސަރުކާރުން ނުހިންގާނެ ކަމަށާއި އެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މިނަމުގައި ޕީއެންސީން ކުރިއަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ ކެންޕެއިންގައި އިހަވަންދޫ ދާއިރާގެ ކެންޑިޑޭޓު އަހުމަދު ނަސީރުގެ މާލޭ ކެންޕެއިން ގަޖަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގައުމަށް ހަމަޖެހުން ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ބަދަލުހިފުމުގެ ރޫހު ނިމުމަކަށް ގެނައުމަށް ވައުދުވެވަޑައިގެންނެވީ އިހުލާސްތެރިކަމާ އެކުގައި ކަމަށެވެ.

ކުރީގެ ސަރުކާރުތައް ނިމުމާ އެކު ފެނިގެން ގޮސްފައިވަނީ ރިޔާސީ ކޮމިޝަންތައް ހަދައިގެން، ނުވަތަ އެނޫން ވެސް ކޮންމެވެސް ގޮތަކުން ކުރީގެ ސިޔާސީ ވެރިންނަށް ވީތީ ހިފައި ހައްޔަރުކުރާތަން ކަމަށާއި މި ސަރުކާރުން މިހާތަނަށް ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ބަދަލުހިފުމުގެ ރޫހެއް ނުފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ގާނޫނީ ވެރިކަމެއް ކުރުމަކީ އަޅުގަނޑުގެ މައްޗަށް ވެސް ލާޒިމް ކަމެއް. ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށްގެން މިހުރީ. އެހެންވީމަ ގާނޫނީ ވެރިކަމެއް ކުރުމުގައި ގާނޫނުގައި އޮންނަ ގޮތުން އެމީހަކު ކުށެއް ކޮށްފިއްޔާ އެކަމެއް ބެލުމަކީ އަޅުގަނޑު ކުރަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ އިސްވެރިންނާއެކު ދާދި ފަހުން ބޭއްވި ބައްދަލުކުރެއްވުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ގައުމަށް ހަމަޖެހުން ގެނައުމަށް ކަމަށް ފުލުހުންނަށް އަންގަވައިފައިވާނެ ކަމަށެވެ.

"މީގެ ކުރީގައި ފުލުހުންގެ މައްޗަށް ހިންގަމުންދިޔަ ސިޔަސީ ނުފޫޒެއް މި ސަރުކާރުން ހަގީގަތުގައިވެސް ނުހިންގާނޭ، އެފަދަ ކަމެއް ކުރުމުގެ ފުރުސަތުވެސް އަޅުގަނޑު ނުދޭނަމޭ، އަޅުގަނޑާ ހަމައަކުން މިނިސްޓަރަކާ ހަމައަކުން ނުވަތަ އެއަށްވުރެ ދަށް ލެވެލްއަކުން ވެސް ސިޔާސީ ފައިދާ ހޯދުމަށް ވަކިން ފުލުހުންނަށް ސީޕީއަށް ގުޅައިގެން ކަންކަން ކުރުމަކީ އަޅުގަނޑު ޓޮލަރޭޓް ކުރާނެ ކަމެއް ނޫނޭ، އެކަމެއް ނުހިނގާނެއޭ. އެ ޔަގީންކަމާއި އެ ހިތްހަމަޖެހުން އެބޭފުޅުންނަށް އަޅުގަނޑު ދިނިން. ދީފަ އަޅުގަނޑު ދެންނެވިން ތި މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދައިދޭންށޭ އަޅުގަނޑު ބޭނުންވަނީ. ކުރީގައި ހިނގި ގޮތަށް އެސްއޯ ފުލުހުން ގޮސް ރައްޔިތުން ހައްޔަރުކޮށް ރައްޔިތުންނަށް އަނިޔާކުރާ މުއައްސަސާއެއްގެ ގޮތުގައި ލޭބަލްވެފައި އޮތް އޮތުން ބޭނުމެއް ނޫނޭ އެހެންވާކަށް،" ރައީސް ވިދާޅުވި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ކޫއްޑޫގެ މަސްވެރިންތަކެއް އެމީހުންގެ ހައްގުތައް ހޯދުމަށްޓަަކައި މުޒާހަރާކޮށް ހެދިއިރު އެމީހުން ދުރުކުރަން ފުލުހުން ފޮނުވަން ބައެއް ފަރާތްތަކުން އެދުނު ކަމަށާއި ފުލުހުން ވެސް ތިބީ އެމަނިކުފާނުގެ އިޝާރާތަކަށް ތައްޔާރަށް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެމަނިކުފާނު އަބަދުވެސް ގަބޫލްކުރައްވާ ހަމައަކީ މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ގައުމުގެ ހަަމަޖެހުން އެއްކޮށް ގެއްލި، ރަށެއްގެ މަސްލަހަތު ގެއްލޭ ފަދަ ގޮތަކަށް ކަމެއް މެދުވެރިވެގެން ނޫނީ ފުލުހުން ނެރެ ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގައުމަށް ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީ ގެންނަން ވެސް ގާނޫނުތައް ގެންނަން ޖެހޭ ކަމަށާއި މަޖިލީހަށް ސަރުކާރުގެ ކެންޑިޑޭޓުން ހޮވަން ބޭނުންވަނީ އެފަދަ ސީރިއަސް މަސައްކަތްތަކެއް ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ކެންޑިޑޭޓުން މަސައްކަތް ކުރައްވާނީ މިގައުމުގައި ހަމަޖެހުމާއި ރައްކާތެރިކަން އަދި ތަރައްގީ ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގައި މަޖިލީސް ތެރެއިން ނަތީޖާ ނެރެދެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުން ކޮށްދޭންވީ ކަމަކީ މި މަހު 21 ގައި ލިބޭ ވޯޓު ކަރުދާސްކޮޅުގައި ސަރުކާރު ކެންޑިޑޭޓަށް ފާހަގަ ޖަހައިދިނުން ކަމަށާއި އެ ފާހަގަ ޖެހުމަށްޓަކައި ހިޔާލުތަފާތުވުންތައް އެއްކައިރިކޮށް، ވަރުގަދަ ގައުމީ މަސައްކަތެއްކޮށް، މަޖިލީސް އިންތިހާބަށް ބާކީ މިއޮތް ދެ ހަފްތާއެއްހާ މަދު ދުވަސްކޮޅުގެ ވަރަށް ބޮޑަށް މަސައްކަތްކޮށް ރައްޔިތުން ނަތީޖާ ނެރެދިނުން ކަމަށް ރައީސް ޑރ. މުއިއްޒު އެދިވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.