Support Us

ސަރުކާރަށް ދޭ ވޯޓަކީ ގައުމުގެ މިސްރާބު ރަނގަޅުކުރަން ރައްޔިތުން ހަވާލުކުރި މަސައްކަތްތައް ފުރިހަމަކުރަން ދެވޭ ވޯޓެއް: ރައީސް

 

ގައުމުގެ މިސްރާބު ގެއްލި، މިނިވަންކަން ބީވެފައިވަނިކޮށް، ރައްޔިތުން މި ސަރުކާރާ ވެރިކަން ހަވާލުކުރީ އެ މިސްރާބު ރަނގަޅު ކުރުމަށް ކަމަށާއި މިމަހުގެ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ އެ މަސައްކަތް ފުރިހަމަ ކުރުމަށް ދެވޭ ވޯޓަކަށް ވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މިނަމުގައި ޕީއެންސީން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެންޕެއިންގައި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މާލޭ ކެންޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން އަބަދުވެސް އިސްކުރާނީ ގައުމު ކަމަށާއި ރައްޔިތުން މި ސަރުކާރާ ވެރިކަން ހަވާލުކުރީ ވެސް ސަރުކާރުގެ އެ މޮޓޯގެ ސަބަބުން ކަމަށެވެ.

"މި ގައުމުގެ މިސްރާބު ކައްސާލައިގެން ގޮސް، މިނިވަންކަން ބީވެފައިވަނިކޮށް، އެ މިސްރާބު ރަނގަޅު ކުރުމުގެ ފުރުސަތު ރައްޔިތުން މި ސަރުކާރަށް ދިނީ… އެހެންވެ މަޖިލީސް އިންތިހާބުގައި ވާދަކުރައްވާ ސަރުކާރުގެ ހުރިހާ ކެންޑިޑޭޓުންނަށް އެ ފުރުސަތު ދެއްވުމަކީ އެ މަސައްކަތް ފުރިހަމަ ކުރުމަށް ދެވޭ ވޯޓަކަށް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަޖިލީސް އިންތިހާބުގެ ވޯޓަކީ މިހާރު ހަގީގަތުގައި ވެސް ގައުމީ ކަމަކަށް ވެފައިވާ ކަމަށެވެ.

"އަޅުގަނޑު އެދެނީ އަޅުގަނޑުމެންގެ ހުރިހާ ކެނޑިޑޭޓުންނަށް އިތުބާރުކޮށްދެއްވުމަށް. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ގައުމީ ވިސްނުމުގައި މަސައްކަތްކޮށް، ގައުމީ ވިސްނުމުގައި ވޯޓު ދޭ އިންތިހާބަކަށް ހެދުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ދުވަހުގެ ވޯޓަކީ ގައުމީ މަސައްކަތަކަށް ވަނީ ރައްޔިތުންގެ ތެރެއިން އެތައް ހާސް ބަޔެއްގެ ބުރަ މަސައްކަތުން މި ގައުމުގެ ރަނގަޅު މިސްރާބަށް ގެނެސްފައި ވަނިކޮށް، އެ މިސްރާބު ކުރީގައި އޮތް ނުބައި މިސްރާބަށް ބަދަލުކޮށްލަން ބަޔަކު މަސައްކަތް ކުރަމުން ގެންދާތީ ކަމަށާއި އެ މަސައްކަތް ހުއްޓުވަން ޖެހޭ ކަމަށެވެ.

"އެ ފުރުސަތު، އަޅުގަނޑުމެން އެ ކަމާ ގާފިލްވެ ތިބެ އަޅުގަނޑުމެންގެ ތެރޭގައި ހުރި އެކި ކަހަލަ ކުދިކުދި ހިތްހަމަނުޖެހުމުގެ ތެރެއިން ވެސް ދީލާލައިފިއްޔާ އެގޮތަށް އަޅުގަނޑުމެން ހިތާމަކުރާނެ. އެހެން އެކަން ވިޔަ ދީގެންނުވާނެ،" ރައީސް ވިދާޅުވި އެވެ.

ތަރައްގީ ހާސިލްކުރުމަށް މި ސަރުކާރުން ބުރަ މަސައްކަތްތަކެއް ރެއާއި ދުވާލު ކުރަމުން އަންނަ ކަމަށާއި މި ސަރުކާރު ވެރިކަމާ ހަވާލުވިިއިރު ހުއްޓިފައި ހުރި އެތައް މަސައްކަތްތަކެއް ފެށިގެން، އާ މަސައްކަތްތަކާ އެކު ކުރިއަށްދާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ފުދުންތެރިކަން އިތުރުވާން، މުއްސަނދިކަން ލިބެން، އިގުތިސާދު ވަރުގަދަވާން، އެކަން އެދަނީ ރަނގަޅު މިސްރާބުގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމުގެ ކަންކަން ރަނގަޅު މިސްރާބުގައި ކުރިއަށް ގެންދާއިރު މިކަމަށް އެންމެ ބޮޑު އެއްބާރުލުމެއް ދެވޭނީ މަޖިލީހުގައި ސަރުކާރަށް އެއްބާރުލުން ދޭނެ މެމްބަރުން ތިބެގެން ކަމަށެވެ.

މީގެ އިތުރުން ގައުމުގައި ރައްކާތެރިކަން ގާއިމްކުރުމަކީ މި ސަރުކާރުގެ އެެއް ސިޔާސަތު ކަމުގައިވާއިރު މިނިވަންކަމުގެ މާނައިގައި ވިޔަސް، އިޖުތިމާއީ ރައްކާތެރިކަމުގެ ގޮތުން ވިިޔަސް އެ ރައްކާތެރިކަން ގައުމަށް ގެންނަން ދިވެހި ރައްޔިތުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ 93 ކެންޑިޑޭޓުން ހޮވަން ބޭނުންވަނީ ގައުމުގައި އިޖުތިމާއީ ގޮތުން ހިނގަމުންދާ މިފަދަ ނޭދެވޭ ކަންކަން ހުއްޓުވަން އެއްބާރުލުން ދޭނެ މެމްބަރުން މަޖިލީސްގައި ތިބުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"ޖިންސީ ފުރައްސާރަ ކުރުން، ކުޑަކުދިންނަށް އެކި ކަހަލަ ނޭދެވޭ އެކި ކަހަލަ ބުލީކުރުން، ގެވެށި އަނިޔާ، މިހެން ގޮސް އަޅުގަނޑުމެންގެ އިސްލާމީ މުޖުތަމައުގައި ހުރެގެން ނުވާނެ ނޭދެވޭ ސިފަތަކެއް… މި ކަންކަން ރަނގަޅު ކުރުމުގެ ސިޔާސަތު އަޅުގަނޑުމެންގެ މެނިފެސްޓޯގައި މިއޮތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަޖިލީހަށް ހޮވަންވާނީ މި ކަންކަން ހައްލުކޮށް، އޯގާތެރި، ރައްކާތެރި މުޖުތަމައެއް ގާއިމްކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ މެމްބަރުން ކަމަށާއި މި ކަންކަމުގައި ރައްޔިތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރެވޭނީ ސަރަހައްދީ ތަަރައްގީއެއް ގެެނެސްގެން ކަމަށާއި ހައްދުންމައްޗަކީ ތަަރައްގީގެ މިސްރާބުގެ ޕްލޭންގައި ވަރަށް މުހިންމު އަތޮޅެއް ކަމަށެވެ.

ފޮނަދޫ ދާއިރާގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަން ފާހަގަކުރައްވައި އެ ދާއިރާގެ ތަރައްގީ ބޭނުންވާ ކަމުގައިވާނަމަ، އެމްޑީޕީގެ މެމްބަރުން ވެސް ހިމެނޭ ގޮތަށް، ހުރިހާ އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް އެ ދާއިރާއަށް އަބްދުއްރަހީމް ހޮވައިދިނުމަށް ރައީސް އެދިވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *