Support Us

އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފަށާނަން: ރައީސް

ބ. އޭދަފުށީގައި 1،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މި ނަމުގައި ޕީއެންސީން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި އޭދަފުށީ ދާއިރާގެ ކެންޑިޑޭޓު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ ކެންޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އޭދަފުށީގެ ތަަރައްގީއަށްޓަކައި ވަރަށް ގިނަ މަޝްރޫއުތަކެއް އެބަހުރި ކަމަށާއި އެންމެ މުހިންމީ ގެދޮރުވެރިކަމުގެ މައްސަލަ ކަމަށެވެ. އަދި އޭދަފުއްޓަކީ ރާއްޖޭގެ ތަރައްގީގެ އާބަން ސެންޓަރެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ރަަށަކަށްވުމާ އެކު މި މައްސަލައަކީ ރަށަށް ދިމާވެފައިވާ މުހިންމު މައްސަލައެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މި މައްސަލަ ހައްލުކުރަން ވަރަށް އަވަހަަށް އޭދަފުށީގައި 1،000 ހައުސިން ޔުނިޓް މަޝްރޫއެއް ފަށާނަން. އެކަން އެގޮތަށް އެ ކުރިއަށްދަނީ ވެސް ހަމަ އިއްޒަތްތެރި މެމްބަރުގެ އިހުލާސްތެރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން. އެހެންވީމަ ތިބޭފުޅުން ސަލީމް އެ ކުރައްވާ ބުރަ މަސައްކަތުގައި އެއްބާރުލުން ދެއްވަންޖެހޭނެ. ސަރުކާރަށް އެ މަޝްރޫއު ގެނައުމުގައި ސަރުކާރުގެ ތެރެއިން ހުއްދަތައް ހޯދުމަށްޓަކައި އެ ފެށިގެން ދިޔަ އިނިޝިއަލް މަރުހަލާގެ ތެރެއިން އިސް ނެންގެވީ ތިބޭފުޅުންގެ މަޖިލިސް މެމްބަރު،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އޭދަފުށީގައި އަޅާ މި 1،000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ސަބަބުން މުޅި ރަށަށް އަދި ދާއިރާއަށް އަދި މުޅި އަތޮޅަށް ވެސް އޭގެ ފައިދާވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި މަޝްރޫއުގެ ސަބަބުން އޭދަފުށީ ދާއިރާއަށް ދިމާވެފައިވާ ގެދޮރުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާ އަދި ކުޅިވަރާއި އުމްރާނީ ތަރައްގީގެ ދާއިރާއިން ވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް އެމަނިކުފާނު ވައުދުތަކެއް ވެވަޑައިގެންފައިވާއިރު އެ ކަންކަން ކޮށްދެއްވޭނީ އެކަމަށް ބޭނުންވާ އެއްބާރުލުން ސަރުކާރަށް ރައްޔިތުންގެ މަޖިލިސް ތެރެއިން ލިބިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ދާއިރާގެ ތަރައްގީއަށްޓަކައި ކޮށްދޭން އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ކަންކަން ކުރުމަށާއި ގައުމަށް ހަމަޖެހުން ގެނައުމަށާއި ގައުމުގެ ތަރައްގީއަށާއި ގައުމުގެ މުސްތަގުބަލަށްޓަކައި އަދި ދިވެހިންގެ އަތްމައްޗަށް ގައުމު ގެނައުމަށްޓަކައި މި މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންގެ ނަމުގައި ރައްޔިތުން ހެޔޮ ފާހަގަޖަހައިދިނުމަށް ރައީސް ޑރ. މުއިއްޒު އެދިވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *