Support Us

ތަރައްގީގެ ކަންކަން ހުރީ ރޭވި ތަރުތީބުވެފައި، ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން: ރައީސް

ރާއްޖޭގެ ތަރައްގީއަށްޓަކައި ކަންކަން ހުރީ ރޭވި، ތަރުތީބު ކުރެވިފައި ކަމަށާއި އެ ކަންކަން ހާސިލްކުރުމަށް ބޭނުންވަނީ ރައްޔިތުންގެ އެެއްބާރުލުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މި ނަމުގައި ޕީއެންސީ ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި ކިނބިދޫ ދާއިރާގެ ކެންޑިޑޭޓު އަޝްރަގު އަލީގެ ކެންޕެއިން ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ތ. އަތޮޅުގެ ތަރައްގީއަށް ކުރަން ރޭވިފައި ހުރި ކަންކަމުގައި ދާއިރާގެ ރައްޔިތުންގެ އެއްބާރުލުން ލިބިއްޖެނަމަ، އެ އަތޮޅަކީ، މާޒީއާ ހިލާފަށް ތަރައްގީގެ ރާޑަރުގެ މެދަށް ގެނެވިފައިވާ އަތޮޅަކަށް ވެގެންދާނެ ކަމަށެވެ.

"އެކަން ހާސިލް ކުރުމަށް އަޅުގަނޑުގެ އަޒުމް ވަރަށް ވަރުގަދަ. ރައްޔިތުން އަޅުގަނޑާ އެއްކޮށް ވަޑައިގަތީމާ ނަތީޖާ އޮންނާނީ ނެރެދެވިފައި. ނަތީޖާ އަޅުގަނޑަށް ހުރިހާ ވެސް އެއްޗަކީ. ހުރިހާ ދާއިރާއަކަށް ވެސް ހުރިހާ ރަށަކަށް ވެސް، އަޅުގަނޑަށް މުހިންމީ ނަތިޖާ. ނަތީޖާ ނެރެދިނުން. ރައްޔިތުންގެ އަތްފުޅުގައި މިއޮތީ ހަމަ އެންމެ ކަމެއް ކުރަން. ފާހަގައެއް ޖަހާލަން،" ރައީސް ވިދާޅުވި އެވެ.

ތ. އަތޮޅުގެ ފަސް ރަށުގެ ތަރައްގީއަށްޓަކައި ކުރަން ހުރި ގިނަ ކަންތައްތަކަކީ މަޖިލީހުގެ ބޮޑު ދައުރެއް އޮވެގެން ނޫނީ ހަގީގަތަކަށް ހެދެން ނެތް ކަންކަން ކަމުގައިވާއިރު އެ ހުރިހާ ކަމެއް ވެސް ކުރެވެން އޮތީ ބަޖެޓް ފާސްކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރަށް އެއްބާރުލުން ނުދޭ ކެންޑިޑޭޓަކު ދާއިރާއަށް ހޮވައިފިނަމަ ސަރުކާރުން ބޭނުންވާ ގޮތަށް މަޝްރޫއުތަކަށް ބޭނުންވާ އަދަދުތައް ހިމަނައިގެން ބަޖެޓް ފާސްކުރުމަށް ވޯޓް ދެއްވާނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ ކަމަށެވެ.

"އެހެން ނަމަވެސް އަސްރަގު ހޮވައިފިނަމަ އަޅުގަނޑަށް 100 ޕަސެންޓް ޔަގީންކަން އެބައޮތް ކުރިއަށް ހުރި އަހަރުތަކުގައި ވެސް އަޅުގަނޑުމެން ބޭނުންވާ ގޮތަށް އެ ބަޖެޓަށް ވޯޓް ދެއްވާނެ ކަމަށް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދާއިރާތަކުގެ ތަރައްގީއަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ކަންކަން ރައްޔިތުންގެ އުއްމީދުތަކާ އެއްވަރަށް، ނަތީޖާ ނެރުމަށްޓަކައި ސަރުކާރުގެ ކެންޑިޑޭޓުން ހޮވުމަކީ ވަރަށް ބޮޑު ތަފާތެއް އަންނާނެ ކަމެއް ކަމަށެވެ.

އެ މަނިކުފާނުގެ ހުރިހާ ވެސް ފޯކަސްއެއް ހުރީ ނަތީޖާ ނެރުމަށް ކަމަށާއި ރައްޔިތުން ބޭނުންވަނީ، ރައްޔިތުން ބޭނުންވާ ކަންކަން ބާރު ސްޕީޑުގައި ވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ކަންކަން މިވަނީ އެ ކަންކަމަށް އެއްބާރުލުން ދޭނެ ބޭފުޅުން މަޖިލީހުގައި ވެސް ތިބެގެން. ކޮންމެ ކަމެއްގައި ދެކޮޅުހަދައި ކޮންމެ ކަމެއްގައި ވޯޓު ދިނުމުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ނުކޮށްދީ އަމިއްލަ މަސްލަހަތު އިސްކުރާ ބޭފުޅުން ތިބެގެން މި ދެންނެވި ނަތީޖާއެއް ނުނެރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ކިނބިދޫގެ ތަރައްގީއަށް ބިން ހިއްކުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ މަސައްކަތް އަމަލީ ގޮތުން ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެގޮތަށް ހިރިލަންދޫގެ ބިން ހިއްކުމަށް މިހާރު ހިނގަމުންދާ މަޝްރޫއުގެ ދެން އޮތް ބައިވެސް ދާދި އަަވަހަށް ނިންމައި ކިނބިދޫގެ ބިން ހިއްކުމުގެ މަޝްރޫއާ އެކީގައި ކޯޒުވޭ މަސައްކަތް ވެސް ހިމެނިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތަރައްގީ ހުރީ ރޭވިފައި. މަޝްރޫއުތައް ހުރީ ތަރުތީބު ކުރެވިފައި. ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ދެވަނަ ވިސްނުމަކަށް ނުގޮސް ސަރުކާރުގެ ކެނޑިޑޭޓުން ހޮވައިދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *