Support Us

ކުރު ވާހަކަ: ތިން ތާކިހަލެއް ދެކެ ބިރުގަތް ފިރިއެއްގެ ވާހަކަ

ދެމީހުން ކައިވެނި ކުރުމަށް ފަހު، އަނބިމީހާގެ އެދުމުގެ މަތިން، އަނބިމީހާގެ ގެއަށް ފިރިމީހާ ދިޔައެވެ.

އަނބިމީހާގެ ގެއަށް، ފިރިމީހާ ވަނުމުން، ފާރުގައި އަޅުވާލާފަ ހުރި ތިން ތާކިހާ ފެނުނެވެ. އެއީ ކޮން ތިން ތާކިހަލެއްތޯ އަހާލުމުން، އަނބިމީހާ އޮޅުންފިލުވައިދިނުމުގެ ގޮތުން ބުންޏެވެ.

"ފުރަތަމަ ތާކިހަލަކީ އަހަރެންގެ ފުރަތަމަ ފިރިމީހާ އެޅި ތާކިހަލެވެ. އޭނާ މަރުވީ ޣަރަގުވެގެންނެވެ. ދެވަނަ ތާކިހަލަކީ އަހަރެންގެ ދެވަނަ ފިރިމީހާ އެޅި ތާކިހަލެވެ. އޭނަ މަރުވީ ގައިގައި އަލިފާން ރޯވެ އަނދައިގެންނެވެ. ތިންވަނަ ތާކިހަލަކީ އަހަރެންގެ ތިންވަނަ ފިރިމީހާ އެޅި ތާކިހަލެވެ. އޭނާ މަރުވީ ގަތުލުވެގެންނެވެ."

ދެން، އާ ފިރިމީހާ އޭނާގެ ތާކިހާ ނަގައިފައި އަނބިމީހާ އަތަށް ދިނެވެ. އަދި ބުންޏެވެ. "މި ތާކިހާ ވެސް އެ ތާކިހާތައް ކައިރީ އަޅުވާލާފައި ބަހައްޓާށެވެ. އަދި މި ތާކިހަލާ ބެހޭ ގޮތުން މީހަކު އެއްޗެއް އަހައިފި ނަމަ، އެމީހެއް ގާތު ބުނާށެވެ. މިއީ އަހަރެންގެ ހަތަރު ވަނަ ފިރިމީހާ އެޅި ތާކިހަލެވެ. މަރުވުމުގެ ކުރިން ތިމަންނަގެ ކިބައިން އޭނާ ސަލާމަތްވެ، އޭނާގެ ޖާނައިގެން ބަޗައި ދިޔައީއެވެ."