Support Us

ހިނގާ ބަގަރާ ސޫރަތުގެ ތަފުސީލަށް ބަލާލަން

ﷲ ސޫރަތް ފަށްޓަވަނީ އަލިފު ލާމު މީމު މިތިން އަކުރުންނެވެ. މިއަކުރުތަކުގެ މާނަ ދެނެވޮޑިގެންވަނީ ﷲއެވެ. މިއަކުރުތަކުގެ ޙިކުމަތާމެދު ވިސްނާއިރު ފެންނަ ކަންތައްތަކެއްވެއެވެ. ﷲ ގެ ވަޙީ ބަސްފުޅު ޖިބުރީލް ޢަލައިހި ސަލާމް މެދުވެރިކޮށް ރަސޫލުﷲ އުނގެނި ދަސްކުރައްވާ ކަމެވެ. ކީރިތި ޤުރްއާނުގެ ސޫރަތެއް މިގޮތަށް އަކުރަކުން ފެށޭ ކޮންމެ ފަހަރަކު ޤުރްއާނުގެ މަތިވެރިކަމުގެ ވާހަކަ ﷲ ގެނެސްދެއްވާފައިވެއެވެ. މިކަމުން ﷲ އިސްތިސްނާ ކުރައްވާފައި ވަނީ ރޫމް ސޫރަތެވެ. މިއަކުރުތަކުން އަންގައިދޭ އެއްކަމަކީ ރަސޫލުﷲ އަށް ލިޔަންކިޔަން އެނގިވަޑައިނުގަންނަވާ ކަމާއި އެކަލޭގެފާނަށް ވަޙީ ބާވައިލައްވަނީ ﷲ ކަމެވެ. މިއިން ލިބޭ ފިލާވަޅަކީ ޤުރްއާނަކީ ރަސޫލުﷲގެ އަމިއްލަފުޅު ބަސް ނޫން ކަމާއި އެއީ ﷲގެ ކަލާމްފުޅުކަމެވެ. އަދި ޤުރްއާނުގެ އެންމެ އާޔަތެއް ހެދުމުގެ ކުޅަދާނަކަން އިންސާނާއަށް ލިބިގެންނުވާކަމެވެ.

ދެން ﷲ އަންގަވަނީ ކީރިތި ޤުރްއާނަކީ ތަޤުވާވެރިންނާއި ޣައިބަށް އީމާންވެ ނަމާދު ޤާއިމްކޮށް ދީލަތިވާ މީހުންނަށް ހުރި ހިދާޔަތެއްކަމުގައެވެ. ތަޤުވާ މިބަސް 36 ފަހަރު ﷲ ތަކުރާރުކުރައްވައެވެ. ތެދުމަގު ނުވަތަ ހުދާ މި ސޫރަތުގައި 13 ފަހަރު އައިސްފައިވެއެވެ. ޙައްޤާއި ތެދު އެނގި ކަށަވަރުވުމުންވެސް ﷲ އަށް އީމާންނުވި މީހުން ސިފަކުރައްވައި އެމީހުންގެ ހިތްތަކުގައި ސިއްކަ ޖައްސަވާފައިވާ ކަމަށް އެންގެވިއެވެ. މަދީނާގައި ތިބި ޔަހޫދީ ބޮޑުންނާއި ޢިލްމުވެރިން ބޮޑާކަމާއި ކިބުރުވެރިކަމުގައި ރަސޫލުﷲ ދޮގުކުރުން ﷲ ސިފަކުރައްވަނީ ހިތުގެ ބައްޔެއްގެ ގޮތުގައެވެ. އެނގި ތިބެ ޝައިޠާނާގެ މަގު އިޚުތިޔާރުކުރި މީހުންގެ ހިއްސުތައް ހުރި ކަމުގައިވިޔަސް އެމީހުންނަކީ އަނދިރި މަންމަން އަދި ބީރު މީހުން ކަމުގައި އަންގަވައެވެ. ސޫރަތުގެ ފުރަތަމަ ބައިގައި ސޫރަތް މުޚާޠަބުކުރެވޭ ތިން ބައެއްވެއެވެ. އެއީ އީމާންވި މީހުންނާއި ކާފިރުވި މީހުންނާއި މުނާފިޤުންނެވެ.

އާދަމް ޢަލައިހި ސަލާމް ބިމުގައި ޚަލީފާއެއްގެ ގޮތުގައި ލެއްވުމަށް ﷲ އިރާދަކުރައްވައި އެކަން އިޢުލާންކުރެވިއެވެ. އަދި މަލާއިކަތުންނާއި ޖިންނީންނަށް އެކަލޭގެފާނަށް ސަޖިދަކުރަން އެންގެވިއެވެ. ކިބުރުވެރިކަމާއި ބޮޑާކަމުގައި މަށިން ހައްދަވާފައިވާ އިންސާނާއަށް ސަޖިދަކުރުމުން އިބުލީސް ބަރީއަވިއެވެ. ﷲ އޭނާއަށް ލަޢުނަތްލައްވައި އޭނާ މިދުނިޔެއަށް ދޫކޮށްލެއްވިއެވެ. އެހިސާބުން އޭނާ އިންސާނާގެ ޢަދާވާތްތެރިއަކަށްވެ އިންސާނާ މަގުފުރެއްދުމުގެ ހަނގުރާމަ ފެށިއެވެ. އިބުލީސްގެ ދަލުގައި އާދަމްގެފާނު ޖެހުނު ނަމަވެސް އެކަލޭގެފާނު އަމިއްލަ އިޚުތިޔާރުގައި ﷲ ގެ ޙަޟުރަތަށް ރުޖޫޢަވެވަޑައިގަތެވެ. ކުށް ގަބޫލުކުރައްވައި ކުށަށް އިޢުތިރާފްވެ މަޢާފަށް އެދި ވަޑައިގަތެވެ. އެކަލޭގެފާނުގެ ތައުބާ ﷲ ގަބޫލުކުރައްވައި އެކަލޭގެފާނު ޚަލީފާއެއްގެ ގޮތުގައި ބިމުގައި ލެއްވިއެވެ.

އާދަމްގެފާނު މާތްކުރެއްވި ފަދައިން ﷲ ބަނޫ އިސްރާއީލް އެހެން ހުރިހާ އުއްމަތްތަކެއްގެ މައްޗަށް މާތްކުރެއްވިކަން އެންގެވިއެވެ. އަދި އެމީހުންނަށް ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ ވާހަކަ ބަޔާންކުރެއްވިއެވެ. އެކަމަކު ﷲގެ ޙަޟުރަތުގައި އެމީހުން މުޅިން ފޭލްވިއެވެ. ﷲ އަށް އީމާންވެ އެންމެ ހެޔޮ އުއްމަތުގެ ނަމޫނާ ދައްކަންވުމުން އެމީހުން ދެއްކީ އެންމެ ނުބައި އުއްމަތުގެ ނަމޫނާއެވެ. އެމީހުން މަޝްޢޫލުވީ ދުނިޔެ ފަސާދަކުރުމަށެވެ. މިހުރިހާ ވާހަކައެއް ﷲ ވަރަށް ތަފުސީލުކޮށް ބަޔާންކޮށްދެއްވިއެވެ. މިވާހަކަތަކުގެ ޙިކުމަތަކީ އެމީހުން އިޚުތިޔާރުކުރި މަގު މުސްލިމުން އިޚުތިޔާރުނުކުރުމެވެ. އިބުލީހުގެ މަޅިން މިންޖުވެ ހެޔޮލަފާ ޞާލިޙު އުއްމަތެއްގެ ގޮތުގައި ދެމިތިބުމެވެ.

ޔަހޫދީން ރަސޫލުﷲ ދޮގުކުރީ އެކަލޭގެފާނު އަރަތްބަކަށް ވީތީއެވެ. އެމީހުންގެ ދަރިކޮޅުން އެންމެފަހުގެ ނަބިއްޔާ ވަޑައިނުގަތުމުން އެމީހުން އީމާންނުވިއެވެ. އިބުރާހީމް ޢަލައިހި ސަލާމްގެ ވާހަކައިން ﷲ އަންގަވަނީ ރަސޫލުﷲ ގެވެސް ބަފައިކަލަކީ އިބުރާހީމްގެފާނުކަމެވެ. އެހެންވެ ޔަހޫދީންނަށްވުރެ އެންމެ ތަންކޮޅެއްވެސް ރަސޫލުﷲ ގެ މަތިވެރިކަން ކުޑަ ނޫންކަން އެންގެވިއެވެ. އަދި ރަސޫލުﷲ އަށްވުރެ އެމީހުން އެންމެ ތަންފުކެއްވެސް އިބުރާހީމްގެފާނާއި ގާތްނޫންކަން ހަނދާންކޮށްދެއްވައެވެ. މިވާހަކަތަކުން އިބުރާހީމްގެފާނާއި އިސްމާޢީލުގެފާނަކީ މުސްލިމުންކަމާއި މުސްލިމުންގެ މިއްލަތަކީ އިބުރާހީމް ޢަލައިހިސަލާމްކަން އެނގެއެވެ. ހަމައެގޮތަށް ބަނޫ އިސްރާއީލުގެ ބަފައިކަލުން ކަމުގައިވާ ޔަޢުޤޫބުގެފާނުގެ ވާހަކަވެސް މިވާހަކައިގައި ﷲ ހިމެނުއްވިއެވެ. މިކަމުގެ އެއް ޙިކުމަތަކީ އެއީވެސް އިބުރާހީމްގެފާނުގެ ދަރިކަލެއްކަން ހަނދާންކޮށްދެއްވުމެވެ.

ކަޢުބާގެ ވާހަކައިން ލިބޭ ފިލާވަޅަކީ އެއީ ބަނޫ އިސްރާއީލްގެވެސް ބަފައިކަލުން އިބުރާހީމް ޢަލައިހިއް ސަލާމް ކުރެއްވި ބިނާއެއްކަމެވެ. ޚުދް އިބުރާހީމްގެފާނުގެ އަރިހުގައި ޤުދުސްއަށްވުރެ މައްކާގެ މާތްކަން ބޮޑުކަމެވެ. އަދި ކަޢުބާއަކީ އެކަލޭގެފާނާއި ހަމައިން ﷲގެ ގެފުޅުކަމެވެ. މިހުރިހާ ސަބަބަކަށްޓަކައި ކަޢުބާ މުސްލިމުންގެ ޤިބުލައަކަށްވުމުން އެކަން ބޮޑުކަމަކަށް ހަދަންނުޖެހޭކަމެވެ. ﷲގެ އަމުރުފުޅަށް ރަސޫލުﷲ ކުރެއްވި ކަމަކީ އިބުރާހީމުގެފާނު އެޅުއްވި ބިންގާ ފުރިހަމަކުރެއްވުމެވެ. އެކަލޭގެފާނުގެ ކުރިން ވަޑައިގެންނެވި ނަބިއްޔުންނާއި ބާވައިލެއްވި ފޮތްތައް ކަށަވަރުކޮށްދެއްވުމެވެ. ކަޢުބާ ބިނާކުރެއްވުމަށްފަހު މައްކާގެ ބިމުން ނަބިއްޔެއް ފޮނުއްވައި ﷲ ގެ އާޔަތްތައް ބާވައިލެއްވުން އެދި އިބުރާހީމްގެފާނު ދުޢާކުރެއްވިއެވެ.

ﷲ އެއިލާހުގެ އޯގާވަންތަކަމުން އަލަށް އުފަންކުރެއްވީ އިސްލާމީ އުއްމަތެވެ. މިއުއްމަތާއެކު ބަނޫ އިސްރާއީލަށް ﷲ ދެއްވި ނިޢުމަތާއި މަތިވެރިކަން ނިމުނުކަން މިވާހަކައިން އެނގެއެވެ. އަލަށް އުފަންވި މިއުއްމަތް ބިނާވަނީ ތައުހީދުގެ މަތީގައި ރަސޫލުﷲގެ ރަސޫލުކަމަށް ހެކިވެގެންކަން އަންގަވައެވެ. ނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖުގެ މަތީގައި މިއުއްމަތް އާރާސްތުކުރެވިފައި ވާކަން އަންގަވައެވެ. އުއްމަތުގެ އެންމެ ހެޔޮ ސިފައަކީ ހެޔޮކަންތަކަށް ވަސިއްޔަތްކޮށް އެންމެހައި ނުބައި ކަންކަމުން ދުރުހެލިވުމަށް އެކެއް އަނެކާއަށް ބާރުއެޅުމެވެ. މިވާހަކައިން އާ އުއްމަތުގެ ބިންގާ ރަނގަޅަށް ސާފުވެއެވެ. މިވާހަކައިގެ ޙިކުމަތަކީ އަހަރެމެން މުސްލިމުން ތަޤުވާވެރިވެ ދީނުގައި ވަރުގަދައަށް ސާބިތުވެތިބުމުގެ މުހިންމުކަމެވެ. ދީނުގެ ކަންކަމުގެ ވާހަކަ ބަޔާންކުރެއްވުމާއެކު ކަންކަމަށް ހުރި ޙުކުމްތައް ﷲ ބަޔާންކުރައްވައެވެ.

މުޖުތަމަޢުގެ ބިންގަލަކީ ޢަދުލުވެރިކަމާއި އިހުސާންތެރިކަންކަން އުއްމަތުގެ ކަންކަމުގެ ވާހަކައިން ކަށަވަރުވެއެވެ. އުއްމަތުގެ ފަރުދުންގެ އެންމެ މުހިންމު އެއްސިފައަކަށް ވާންވަނީ ދީލަތިކަމުގެ ސިފައެވެ. ދަހިވެތިކަން ދޫކޮށް ﷲ އަށްޓަކައި ހޭދަކުރުމުގެ މާތްކަމާއި މަތިވެރިކަން އަންގަވައެވެ.

ދެން މުސްލިމުން އޭގެ މައްޗަށް އާޚިރަތް ދުވަހު އިމްތިހާނުކުރެވޭނެ ޝަރީޢަތާއި ޤާނޫނާއި ޙުކުމްތަކުގެ ވާހަކަ ﷲ ބަޔާންކުރައްވައެވެ. މިއީ އަމާން ސުލްހަވެރި މުޖުތަމަޢުއެއްގެ ގޮތުގައި މުސްލިމް އުއްމަތް ދެމިއޮތުމަށްޓަކައި މުސްލިމުންނަށް ﷲ ދެއްވި ނިޢުމަތެކެވެ. ޙަލާލު ޙަރާމުން ފެށިގެން ނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖާއި ވަރި ކައިވަންޏާއި ވާރުތަ މުދަލާއި ޔަތީމު ކުދިންގެ ވާހަކަފަދަ އެތައް މައުޟޫއެއް ސާފުކޮށް ބަޔާންކުރެއްވިއެވެ.

ސޫރަތުގެ އެންމެ ފަހުބައިގައި ﷲ ބަޔާންކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ދަހިވެތިކަމުން ދުރުހެލިވުން ހިމެނެއެވެ. އެގޮތުން އަހަރެމެން ﷲގެ މަގުގައި މުދަލާއި ފައިސާ ހޭދަކުރަންވީ ގޮތް އެންގެވިއެވެ. ޞަދަޤާތްކުރުމާއި ޒަކާތްދިނުމާއި މިސްކިތް ބިނާކުރުމާއި ޢިލްމު ފެތުރުމާއި ދީން ފެތުރުމަށް ހޭދަކުރުމުގެ މާތްކަން މިވާހަކައިން އެނގެއެވެ. ހޭދަކުރުން މިބަސް ސަތާރަ ފަހަރު މިސޫރަތުގައި ބަޔާންކުރައްވައެވެ. އެކަމުގެ ޘަވާބާއި ދަރުމަ މިވާހަކަތަކުގައި ތަފުސީލުކުރައްވައެވެ. އަދި މުދަލާއި ފައިސާ ހޯދާނެގޮތް އެންގެވިއެވެ. ވިޔަފާރި ކުރަންވާ ގޮތާއި ވިޔަފާރި ކުރަންނުވާނެ ގޮތް އެންގެވިއެވެ. ރިބާއާއި ސޫދު ގުޅިފައި ވަނީ ދަހިވެތިކަމާއިކަން އެންގެވިއެވެ. އެކަމުގެ ނުބައިކަމުގެ ބޮޑުކަން ސަރީޙަކޮށް ބަޔާންކޮށްދެއްވިއެވެ. އެގޮތުން ފައިސާ ހޯދަންވީ ގޮތް އަންގަވައެވެ.

ﷲ ބަޤަރާ ސޫރަތް ނިންމަވަނީ މުޅި ޤުރްއާނުގައި އެއިލާހު މުސްލިމުންނަށް ދެއްވި އެންމެ އަސަރުގަދަ ދުޢާއިންނެވެ. ދެ އާޔަތުގެ މައްޗަށް އޮތް މިދުޢާ މުޅި ބަޤަރާ ސޫރަތް ޚުލާސާކުރެއެވެ. މިއީ މިޢުރާޖު ދަތުރުގައި ސީދާ ﷲ ރަސޫލުﷲ އަށް ވަޙީކުރެއްވި ދެއާޔަތެވެ. މިދުޢާގައި އަހަރެމެން ﷲ އަށް ދަންނަވަނީ އަހަރެމެންނަށް ނުއުފުލޭވަރުގެ ބުރައެއް އަހަރެމެންނަށް ނުޖެއްސެވުމަށެވެ. އަދި އަހަރެމެންގެ ކުށްތަކާއި ފާފަތައް ޢަފޫކުރައްވައި އަހަރެމެންނަށް ޢަޒާބުނުދެއްވުމަށެވެ. އަހަރެމެންނަށް ހެޔޮ ރަހުމަތްލައްވައި ކާފިރުވާ މީހުންގެ ތެރެއިން އަހަރެމެން ނުލެއްވުމަށެވެ.

އަހަރެމެންނަކީ މިސޫރަތް ކިޔަވައި ސޫރަތުގެ މާނަ އުނގެނި އެސޫރަތަށް ދިރިއުޅޭ ބަޔަކުގައި ލައްވާށިއެވެ. އާމީން!