Support Us

ކުންފުނިތަކުން ކުނިއުކާލަން ނަގާ ފީ 500ރ. އަށް ކުޑަކޮށްދޭނަން: ރައީސް

ވިޔަފާރިތަކާއި ކުންފުނިތަކުން ކުނިއުކާލުމަށް ވެމްކޯ އިން ޓަނަކަށް ނަގާ ރޭޓް 750ރ. އިން 500ރ. އަށް ކުޑަކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މިކަން އިއުލާންކުރެއްވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މި ނަމުގައި ޕީއެންސީން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި ދާންދޫ ދާއިރާގެ ކެންޑިޑޭޓް މުހައްމަދު ފަޒީލްގެ ކެންޕެއިން ގަޖަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ އިގުތިސާދު ހަމައަކަށް އެޅުވުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ "ފައިސާ ޗާޕްނުކޮށް، ހުރިހާ ބިލްތައް ދައްކަމުން ފައިސާގެ އަގު ހިފަހައްޓަމުން، ޑޮލަރުގެ ރޭޓް ތިރިކުރުމުން މިދާ މަސައްކަތުގެ ތެރެއިން ރައްޔިތުންނަށް ވީހާ ވެސް ގިނަ ލުއިތަައް ވެސް ދެވޭތޯ މިދަނީ ބަލަމުން" ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރު ނިމުނުއިރު ވެމްކޯ ވެސް އޮތީ ވަރަށް ހާލުގައި ކަމަށާއި އެހެން ކުންފުނިތަކާ އެެއްގޮތަށް އެ ކުންފުނި ހަރުދަނާ ކުރުމަށް ވެމްކޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ވެމްކޯއިން އެ މަސައްކަތްތައް ކުރަމުންދަނިކޮށް މިހާރު ވެސް ރޭޓްތައް ކުޑަކޮށްދީފައިވާ ކަމަށެވެ. އެގޮތުން ވިޔަފާރިތަކަށާއި އެކި ކުންފުނިތަކަށް ލުއިތައް މީގެ ކުރިން ވެސް ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ވެމްކޯއިން އާއްމު ވިޔަފާރިތަކާއި ކުންފުނިތަކުން ޓަނަކަށް ނަގަނީ 750ރ. ކަމަށާއި އެ އަދަދު ނެގީމާ އެންމެ ކުދިކުދި ޕިކަޕްތަކުގައި ގެންދާއިރު ވެސް އާންމުނަށް ވަރަށް ބޮޑު އެއްޗަކަށްވާ ރައީސް ވިދާޅުވިއެވެ.

"ވަރަށް ގިނަ ރައްޔިތުންގެ އެދުމެއް އޮތް ކަމެއް މިއީ. އަޅުގަނޑު ވެމްކޯގެ މެނޭޖިން ޑިރެކްޓަރާއި ކަމާ ބެހޭ ވަޒީރުންނާ ވެސް މަޝްވަރާކޮށްފައި އޮންނާނީ. އެހެންވީމަ ޓަނަކަށް މިނަގާ 700ރ.، 500ރ. އަށް ސަރުކާރުން ކުޑަކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު އެކަމާ ބެހޭ ތަފްސީލް ކަމާ ބެހޭ މިނިސްޓްރީތަކުން ރަސްމީކޮށް އިޢުލާން ކުރައްވާނެ ކަމަށާއި އެގޮތަށް އެކަން ހަމަޖެހިގެން ދިއުމުން ކުޑަ އާއްމުދަނީއެއް ލިބޭ ރައްޔިތުންނަށް ވަރަށް ބޮޑު ލުއެއް ލިބިގެންދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *