...

Support Us

6،000 އެނދާއެކު އައްޑޫ އައްސޭރި ޓޫރިޒަމް މަޝްރޫއު ފެށުމަށް ވަނީ ތައްޔާރުވެފައި: ރައީސް

އައްޑޫ ސިޓީގައި 6،000 އެނދާއެކު އައްސޭރި ޓޫރިޒަމް ތަރައްގީ ކުރުމާ ބެހޭ މަޝްރޫއެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ "ދިވެހީންގެރާއްޖެ މަޖިލީހަށް" މިނަމުގައި ޕީއެންސީން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުދޫ ދާއިރާގެ ކެނޑިޑޭޓް މުހައްމަދު ޝާހިދު (ޝާޑު) ގެ ކެންޕެއިން ޖަގަހަ ހުޅުވުމަށް މާލޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން އައްޑޫ ސިޓީ އާއި ހުޅުދޫ ދާއިރާގެ ތަރައްގީއަށް ކޮށްދެއްވާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދާ އެެއްގޮތަށް އެ ކަންކަންތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގައި ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ފެށުމަށް ހަމަޖެހިފައިވާ އައްސޭރި ޓޫރިޒަމް މަޝްރޫއަކީ، އަބަދު ދައްކާ ވާހަކައެއްގެ ބަދަލުގައި އެއާޕޯޓް ތަަރައްގީ ކުރުމުގެ މަސައްކަތާ އެކު އަމަލީ ގޮތުން މަސައްކަތް ފަށާނެ މަޝްރޫއެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އެއާޕޯޓް ވެސް ތަރައްގީކޮށް ފުޅާކޮށް، އިންޓަނޭޝަނަލް އިތުރު ހަރުފަތްތަކަށް ގެންދިއުމަށްޓަކައި އަބަދުވެސް ދެކެވޭ ވާހަކައިގެ ބަދަލުގައި އަމަލީ  ގޮތުން އެކަން ކުރުމަށްޓަކައި މިކުރެވޭ މަސައްކަތްތަކާ އެކީ، ދެން ވެސް ސީޕްލޭން ޓާމިނަލް ނޫނީ ހަބް އެކަން ވެސް ކުރުމާއި ނުކުރުމުގެ މެދުގައި ބޭއްވުމުގެ ބަދަލުގައި މިހުރިހާ ކަމެއް ގުޅިލާމެހިގެން އައްޑޫ ސިޓީއަށް ތަރައްގީ ގެނައުމަށްޓަކައި މިކުރެވޭ މަސައްކަތްތައް މިކުރަނީ،" ރައީސް ޑރ. މުއިއްޒު ވިދާާޅުވި އެވެ.

މީގެ އިތުރުން ރިޔާސީ ކެންޕެއިންގައި ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ހުޅުދޫ މީދޫގެ ބްރިޖް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ފީސިބިލިޓީ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ދެން ކުރިއަށްދާނީ ސާވޭގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ވައުދުވި ގޮތަށް 2024 ގައި އެ ބްރިޖްގެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ހުޅުދޫ މީދޫ ބްރިޖަކީ އިދިކޮޅުން އެ ކިޔާ ގޮތަށް 30 މީހުން ހަމަ އެކަނި ސައިކަލް ދުއްވާލަން އަޅާ ބްރިޖެއް ނޫން ކަމަށާއި އެ ބްރިޖަކީ މުޅި އައްޑޫ ސިޓީގެ ތަރައްގީ، އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެތައް ހަރުފަތެއް މައްޗަށް ގެންގޮސްދޭނެ ފާލަމެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"މި ބްރިޖްގެ ސަބަބުން މުޅި (އައްޑޫ) ސިޓީއަށް އަދި ދެކުނަށް ލިބިގެންދާނީ އެތައް ގުނައެއްގެ މައްޗަށް ތަރައްގީ އިރާދަކުރެއްވިއްޔާ. އެކަމަށްޓަކައި ކުރެވޭ ވަރަށް މުހިންމު އިންވެސްމަންޓެއް މިއީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދިވެހީންގެރާއްޖެ ހޯދުމަށްޓަކައި އަދި އަމިއްލަވަންތަ ގައުމެއް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އެންމެ މުހިންމު އެއް މަރުހަލާ އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި އެއީ މަޖިލީހުގެ އިންތިހާބުގެ މަރުހަލާ ކަމަށެވެ.

"މިކަމުގައި އަޅުގަނޑުމެން 17 ނޮވެމްބަރުގައި ތިބޭފުޅުން ނިންމި ނިންމުން ފުރިހަމަ ކުރުމަށްޓަކައި މި 21 އެޕްރީލްގައި ދެވަނަ ވޯޓެއް ލާން މިޖެހެނީ. އޭރުން އިރާދަކުރެއްވިއްޔާ ދިވެހީންގެރާއްޖެ ހަގީގީ މާނައިގައި ގާއިމްކުރުމުގައި ކާމިޔާބު ލިބޭނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގެ ގޮތުން "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވޮލޮޕްމަންޓް ޕްލޭން" ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ "ހަފްތާ14″ ގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން ވަނީ އިފްތިތާހުކޮށްދީފަ އެވެ.

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.