...

Support Us

ސިޔާސީ މަގުސަދެއްގައި އެއްވެސް މީހެއްގެ މައްސަލަ ނުބަލާނެ: ރައީސް މުއިއްޒު

މި ސަރުކާރުން ސިޔާސީ މަގުސަދެއްގައި އެއްވެސް މީހެއްގެ މައްސަލަ ނުބަލާނެ ކަމަށާއި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ ސިޔާސީ މަގުސަދެއްގައި ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ "ސަންގު ޓީވީ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުސް އޮފީހަށް ފައްޔާޒު ހާޒިރުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މުވައްޒަފުންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ފުލުހުން ބަލަމުން ގެންދާ މައްސަލައަކާ ގުޅުން ހުރި މައްސަލައެއްގައި ސުވާލުކުރުމަށެވެ.

އެ ދުވަހު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ނުކުރާ ކަމަށާއި ނަމަވެސް އޭނާ ހާޒިރުކުރީ "ސަރުކާރުން ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް" ކަމަށެވެ.

ފައްޔާޒު ފުލުހަށް ހާޒިރުކުރުމާ ގުޅިގެން ސިޔާސީ ވެރިން ހައްޔަރުކުރުމުގެ ސިލްސިލާ ފެށުނީ ކަމަށް އެމްޑީޕީން ބުނެފައިވާތީ، އެ ޕްރޮގްރާމްގެ ޕްރެޒެންޓަރ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ބަހާއި އަމަލާ ދިމާވާނެ ކަމަށާއި ރިޔާސީ ކެންޕެއިން ތެރޭގައި ވެސް ރާއްޖޭގައި ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް އަންނަންޖެހޭ ކަމާއި ގައުމަށް ހަމަޖެހުން އަންނަންޖެހޭ ކަމާއި ސިޔާސީ މީހަކަށް ވީތީ އެމީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށް ވިދާޅުވި ބަހުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.

ފައްޔާޒުގެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅިގެން ބަލަން ފެށުމުން، ހޯމް މިނިސްޓަރަށް ސީދާ އެމަނިކުފާނު ގުޅުއްވައި، އެކަމުގައި ސިޔާސީ އެއްވެސް މަގުސަދެއް ނެތްކަން ޔަގީން ކުރައްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ޕާސަނަލީ ހޯމް މިނިސްޓަރަށް ގުޅާފައި ދެންނެވިން 100 ޕަސެންޓް ޔަގީންކަން އަޅުގަނޑު އެބަ ބޭނުންވެޔޭ މީގައި އެެއްވެސް ވަރެއްގެ ސިޔާސީ ވިސްނުމެއް ނެތްކަން. ދެން އަޅުގަނޑަށް މިނިސްޓަރު ފުރިހަމަ ޔަގީންކަން ދެއްވި. އަދި އަޅުގަނޑު ދެންނެވިން ތަހުގީގު ގާނޫނީ ހަމަތަކުގެ މަތިން މިނިސްޓަރަށް ބެއްލެވޭނެ އެންމެ ގާތުން ބައްލަވަންވާނެއޭ. މީގައި އެއްވެސް ކަހަލަ ސިޔާސީ މަގުސަދެއް ނެތި ޕިއޯލީ (ސާފުކޮށް) ހަމަ އެ އޮންނަ ޓެކްނިކަލް ގޮތުން އެކަމެއް ބަލަން ޖެހިގެން ގެންނަން ޖެހެންޏާ ބަލާފައި، އެ އޮންނަ ގޮތަކަށް ޕްރޮފެޝަނަލީ ގެންދަން. އެކަން އަޅުގަނޑު ޔަގީންކުރާނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސިޔާސީ މީހަކަށްވީތީ އެއްވެސް މީހަކު ހައްޔަރުކުރުމަށް އެމަނިކުފާނު މަސައްކަތް ނުކުރައްވާނެ ކަމަށާއި ސުވާލެއް ވެސް ނުކުރައްވާނެ ކަމަށެވެ.

 

ފުލުހުން ސުވާލުކޮށްފައިވަނީ އާރުޑީސީއާ އެކު ވިޔަފާރި ކުރާ ކުންފުންޏަކުން ފައްޔާޒުގެ އެކައުންޓަށް ފައިސާތަކެއް ފޮނުވާފައިވާތީ ކަމަށާއި އެ ފައިސާ އަކީ އެ ކުންފުނިން އޭނާ ނަގާފައިވާ ލޯނެއް ކަމަށް ތަހުގީގުގައި ވިދާޅުވެފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ނަމަވެސް އެ މައުލޫމާތަކީ ވަޒީރުންގެ މާލީ ބަޔާނުން ވެސް އެނގެން އޮތް ކަމެއް ކަމުގައިވާއިރު އޭނާއާ އެ ސުވާލު ކުރަން ޖެހޭ ސަބަބެއް އެނގިވަޑައިނުގެންނަވާ ކަމަށް ފައްޔާރު ވަނީ ވިދާޅުވެފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.