ރަމަޟާން މަހުގެ ފަހު 10 ގައި ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި އޮތް ނަމަވެސް ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ފަހު 10ގެ ދުވަސްތައް ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސެވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތަށް ހަމަޖެއްސެވީ ފަހު 10 ގެ ދުވަސްތަކުގައި ރޭއަޅުކަމުގައި ހޭދަކުރުމަށް ފުރުސަތު ދެއްވުމަށެވެ.
ފިނޭންސް މިނިސްޓަރ މުހައްމަދު ޝަފީގު އިއްޔެ ނެރުއްވައިފައިވާ ސާކިއުލާއެއްގައި ވާ ގޮތުގައި ފަހު 10ގައި އިނާޔަތް ދޭނީ ދައުލަތުގެ އިދާރާތަކުގެ ތެރެއިން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން މަސައްކަތް ކުރުމަށް އެ އިދާރާއަކުން ކަނޑައަޅާ މުވައްޒަފުންނަށް އެކަންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ ފަހު 10 ގެ އިނާޔަތް ދޭނީ އަންނަ މަހުގެ މުސާރައާ އެކުގައި ކަމަށެވެ. އަދި އެ ދުވަސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިނާޔަތްދިން ގޮތުގެ ތަފްސީލް ބަޔާންކޮށް އަންނަ މަހުގެ 18 ވަނަ ދުވަހުގެ ކުރިން މުއައްސަސާތަކުން ފިނޭންސް މިނިސްޓްރީއަށް މެއިލް ކުރުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވެ އެވެ.