Support Us

ކޮވިޑް19ގެ ކަންތައްތަކުގައި މިނިސްޓަރ އަމީން ދަރުބާރުގޭތެރޭގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ. -ފޮޓޯ: ހެލްތް މިނިސްޓްރީ

އަމީން އިސްތިއުފާއެއް ނުދެއްވި، ރަސްމީ މަސައްކަތްތަކުން އެކަހެރިވެ ވަޑައިގެންފި

ފައިނޭންސް އެގްޒެކެޓިވް، ބިޑް ކޮމިޓީގެ މެމްބަރުން، އެގްރިމަންޓުތަކުގައި ސޮއިކުރި ފަރާތްތައް ގޭގައި މަޑުކުރަން އަންގަވައިފި

 

ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރުތަކެއް ހޯދުމުގައި މިނިސްޓްރީ އޮފް ހެލްތުން ކޮށްފައިވާ މަސައްކަތްތަކުގައި، އޮޅުވާލުމާއި މަކަރު ހަދައިފައިވާކަން އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވައިިވާފައިވާ މައްސަލައިގައި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އިސްތިއުފާއަށް ގިނަ ބަޔަކު ގޮވަމުންދިޔަ ނަމަވެސް، އިސްތިއުފާ ނުދެއްވައި، މައްސަލަ ވަކި ގޮތެއް ނިމެންދެން ރަސްމީ މަސައްކަތްތަކުން އަމީން، އަމިއްލަފުޅަށް އެކަހެރިވެ ވަޑައިގެންފި އެވެ.

"ކޮވިޑް 19-އާއިގުޅޭ މިނިސްޓްރީ އޮފް ހެލްތުގެ ޚަރަދުތަކުގެ ކޮމްޕްލައަންސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅިގެން، ކަމާބެހޭ މުއައްސަސާތަކުން މި މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަންދެން ނުވަތަ މަނިކުފާނު އަޅުގަނޑަށް ވަކި ގޮތެއް އަންގަވަންދެން، މިނިސްޓްރީ އޮފް ހެލްތުގެ މަސައްކަތްތަކުން އެކަހެރިވުމަށް ގަސްތުކުރާ ވާހަކަ ދެންނެވީމެވެ،" ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގައި އަމީން މިއަދު ވިދާޅުވެފައި ވެ އެވެ.

ރަސްމީ މަސައްކަތްތަކުން އެކަހެރިވެވަޑައިގަތުމަކީ އަމީންގެ އަމިއްލަފުޅު ކަމެއް ކަމުގައި ވިީނަމަވެސް، އެ ސިޓީ އަމީން ފޮނުއްވާފައި ވަނީ ހެލްތު މިނިސްޓްރީގެ ރަސްމީ ލެޓަރހެޑުގަ އެވެ.

"އަދިވެސް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ރޭ ވިދާޅުވެފައި ވަނީ ހެލްތު މިނިސްޓަރުކަމުން އަމީން ވަކިކުރެއްވުމާ މެދު ގޮތެއް ނިންމަވާނީ އޮޑިޓް ރިޕޯޓް ދިރާސާ ކުރެއްވުމަށްފަހު ކަމަށެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅޭ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ރައީސް ސޯލިހު މިއަދު ވަނީ އަންގަވައިފަ އެވެ.

ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރަންސް" ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ހެލްތު މިނިސްޓަރުގެ ސިޓީ މިއަދު ލިބިވަޑައިގަތުމުން، މިނިސްޓަރަށް ވަކި އެއްޗެއް ނާންގަވާ ކަމަށާއި ނަމަވެސް އެ މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް އާއި ބިޑް ކޮމިޓީގެ މެމްބަރުންނާއި ވެންޓިލޭޓަރު އެގްރިމަންޓުތަކުގައި ސޮއިކުރި ފަރާތް ގޭގައި މަޑުކުރުމަށް މިނިސްޓްރީ އަށް އަންގަވާފައިވާ ކަމަށެވެ. އެއީ އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އަންގަވާފައިވާތީ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.

ވެންޓިލޭޓަރުތަކާ ބެހޭ އޮޑިޓް ރިޕޯޓުގައި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން 57,193,156ރ. ޚަރަދުކޮށްގެން 30 ޖޫން 2020 ގެ ނިޔަލަށް 149 ވެންޓިލޭޓަރު ގަތުމަށް މިނިސްޓްރީ އޮފް ހެލްތުން ތިން ފަރާތަކާ ޙަވާލުކޮށްގެން ހިންގި މުއާމަލާތްތަކުގައި މަކަރާއި އޮޅުވާލުން ހިމެނޭކަން ފާހަގަކޮށް، އެކަމުގައި އިހުމާލުވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ވަނީ އަންގަވައިފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މިހާރު ވަގުން ގެ ގޮތުައި މިފެންނަ މީސްމީހުންގެ ބެކްގްރައުންޑް ޗެކެއް ހަދާފައި ރިޕޯޓެއް ނެރެދީބަލަ. މިއުޅުނީ ކުރީ ސަރުކާރުން ވައްކަންކުރި މީހުންގެ ދަރިންތޯ، ނުވަތަ ވަގުންގެ މުޅިން އާޖީލެއް އުފެދުނީތޯ؟ ޔުނިވާސިޓީއިންވެސް މިކަން ދިރާސާ ކުރުން މުހިއްމު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *