Support Us

ސަރުކާރުގެ ވިސްނުމާ ދެކޮޅު މެމްބަރުން މަޖިލީހަށް ހޮވައިފިނަމަ އަނެއްކާ ގައުމުގެ އިގުތިސާދު ވެއްޓޭނީ އަނދަވަަޅަކަށް: ރައީސް

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރާ މެމްބަރުން ހޮވައިފިނަމަ، އަނެއްކާ ވެސް ގައުމުގެ އިގުތިސާދު ވެއްޓިގެންދާނީ އަނދަވަޅަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން ހޮޅުދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުއްސައްތާރު މުހައްމަދުގެ ކެންޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާ މެމްބަރުންނަކީ ރައްޔިތުންގެ ހައްގުގައި ސަރުކާރަށް އެއްބާރުލުންދީގެން މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭ ކަމަށާއި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު މަޖިލިސް އިންތިހާބުގައި ހޮވައިގެން ރައްޔިތުންގެ ހައްގުގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ސިޔާސަތުތައް ކުރިއަށް ގެންދިއުމުގައި ވާނީ ގެއްލުން ކަމަށެވެ.

"މި އެންމެ މިސާލަކުން ވެސް އެބަ ދޭހަކޮށްދޭ ސަރުކާރާ ދެކޮޅަށް ސަރުކާރުން ރައްޔިތުންގެ ހައްގުގައި ކުރިއަށް ގެންދަން ބޭނުންވާ މުހިންމު މަޝްރޫއުތަކާއި ޕްރޮގްރާމްތަކާއި ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު ހޮވައިގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް ކަން. ވާނީ ގެއްލުންކަން، ގެއްލުމުގެ މައްޗަށް ގެއްލުންކަން، މިސްރާބު ދާނީ އަނެއްކާ ވެސް އޮޔާކަން، އަނދަވަޅަކަށްކަން އިގުތިސާދު ވެއްޓިގެންދާނީ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކުން ނަގާފައިވާ ލޯންތައް އަނބުރާ ދެއްކުމަށާއި ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމަށް އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ޑޮލަރު ރައްކާކުރާ ގޮތަށް އުފެެއްދި ފަންޑެކެވެ. ނަމަވެސް އެ ފަންޑުގައި ހުރި ޑޮލަރުކޮޅު އެމްޑީޕީ ސަރުކާރުންް އެކިއެކި ބޭނުންތަކަށް ނަގާފައިވާތީ އެ ފަންޑު ހިމާޔަތްކުރެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މަޖިލީހަށް ސަރުކާރުގެ ވިސްނުމުގައި މަސައްކަތް ކުރައްވާ މެމްބަރުން ހޮވަންޖެހޭ ކުޑަކުޑަ މިސާލެއް ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސޮވަރިން ފަންޑު ހިމާޔަތް ކުރުމަށްޓަކައި މި ސަރުކާރުން އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅި ބިލަކީ އެ ފަންޑު ހިމާޔަތްކުރުމާ ބެހޭ ބިލު ކަމަށާއި އެެއްވެސް ސަބަބެއް ނެތި އެ ބިލް މަޖިލީހުން ބޭރުކޮށްލައިފައިވާ ކަމަށެވެ.

"އެބޭފުޅުންގެ (އެމްޑީޕީ) ސަރުކާރުން މި ފަންޑު ވިއްސިވިހާލި ކޮށްލެެއްވި، ފައިސާކޮޅު ހުސްކޮށްލެއްވި، އަޅުގަނޑުމެން އަނބުރާ ޓްރެކަށް މިގެނައީ، ރަނގަޅު މިސްރާބަށް މި މިބަދަލު މިކުރީ، ދިވެހިން އެދޭ ގޮތަށް ދިވެހިންގެ ރާއްޖޭގައި އެ ފަންޑު އޮންނަންވާނެ ގޮތަށް މި ބަދަލުކުރީ، ފަންޑު ބަދަލުކޮށް އަޅުގަނޑުމެން ވައުދުވި ގޮތަށް އެ ފަންޑު ހިމާޔަތްކުރުމަށްޓަކައި ބިލެއް ހަދާ މަޖިލީހަށް ފޮނުވީ، މިހާރު އެ އޮތީ އެ ބިލް ބޭރުކޮށްލާފަ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ސޮވަރިން ފަންޑު ހިމާޔަތް ކުރުމުގެ ކަންތަކުގައި މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެމްބަރުން އަމަލް ކުރައްވާފައިވާ ގޮތުން އެކަނި ވެސް، ރައްޔިތުންގެ ހައްގުގައި ސަރުކާރުން ކުރާ މަސައްކަތްތަކާ ދެކޮޅަށް މަސައްކަތް ކުރާ މެމްބަރުން މަޖިލީހަށް ހޮވައިގެން ރައްޔިތުންނަށް ވާނީ ގެއްލުންކަން ހާމަވެގެންދާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ރާއްޖެ ކުރިން ވެއްޓިފައި އޮތް އަނދަވަޅުން ނަގައި ކޮޅަށް ޖަހައި، ދިވެހީންގެރާއްޖޭގެ މިސްރާބުން ކަންކަން ކުރިއަށް ގެންދިއުމަށް މި ސަރުކާރުން ކުރާ މަސައްކަތުގައި ރައްޔިތުން ގައުމީ ވިސްނުން އިސްކުރުމަށް އެދިވަޑައިގަތެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *