Support Us

އިންޑިއާގެ ލޯނުތައް އަދާނުކުރެވިގެން ގައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް ހިނގައިދާނެ: އިދިކޮޅު

ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ބޮޑެތި އަދަދުތަކުގެ ލޯނުތައް ނަގަމުންދާއިރު، ދަރަނި އަދާ ނުކުރެވުމުން، އޭގެ ބަދަލުގައި، ބޭރުގެ ފަރާތްތަކަށް ޤައުމުގެ އަސާސީ ބަހާތަކަށް ބާރާއި ނުފޫޒު ފޯރުވަން ރައީސުލްޖުމްހޫރިއްޔާ އަށް މަޖުބޫރުވެ ވަޑައިގެންފާނެ ކަމަށް ބުނެ، އިދިކޮޅު ކޯލީޝަނުން ކަންބޮޑުވުން ފާާޅުކޮށްފި އެވެ.

"ބަޖެޓް ސަޕޯޓުގެ ގޮތުގައި ވަރަށް ބޮޑެތި އަދަދުތަކަށް ލޯނު ނަންގަވަމުންދާއިރު، އެއީ އިޤްތިޞާދީ މަސައްކަތަކަށް އެކަށައެޅޭ ފައިސާއަކަށް ނުވާތީ، އިޤްތިޞާދަށް ސީދާގޮތުން އޭގެން ވާނެ ފައިދާ ވަރަށްވެސް ކުޑަވާނެކަން މަނިކުފާނުގެ އިޤްތިޞާދީ ޓީމަށްވެސް އެނގޭނެއެވެ. އެހެންކަމުން، އެދަރަނި އަދާކުރުމަށް އިތުރު ހަކަތަ އުފެދިގެން ނުދާ ހިނދު، ދަރަނި އަދާކުރުމުގައި ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަގުގައި ދިމާވާނެއެވެ. ރައްޔިތުންގެ ހިތްތަކުގައި އޮތް އެންމެ ބޮޑު ބިރަކީ، މިދަރަނިތަކާ ގުޅުވައިގެން ޤައުމުގެ ސިޔާދަތީ ބާރު ހީނަރުވެގެންދިޔުމެވެ. ދަރަނި އަދާ ނުކުރެވުމުން، އޭގެ ބަދަލުގައި، ޙައްޤުނޫން އަދި ހުއްދަނޫން މިންވަރުތަކަށް ބޭރުގެ ފަރާތްތަކަށް ޤައުމުގެ އަސާސީ ބަހާތަކަށް ބާރާއި ނުފޫޒު ފޯރުވަން، މަޖުބޫރު ހާލަތުގައި ނަމަވެސް، މަނިކުފާނަށް ޖެހިވަޑައިގަންނާނެ ދަނޑިވަޅެއް އައުން އެކަށީގެންވާކަމެވެ،" ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ޙަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުއްވި ހަތަރު ސަފުހާގެ ސިޓީގައިވެ އެވެ. "…މި ކޯލިޝަންގެ މައި ޕާޓީ ޕީ.ޕީ.އެމްގެ މޮޓޯ އަކީ "އެންމެ ފުރަތަމަ ޤައުމު" މިއެވެ. އެހެންކަމުން، ޤައުމުގެ މިނިވަންކަމާއި، ސިޔާސަތަށް ބުރޫ އަރާފާނެ އެއްވެސް ކަމެއް ހިންގުމަށް މިކޯލިޝަނުން ކުޑަވެސް ޖާގައެއް ނުދޭނެކަން މަނިކުފާނުވެސް ޤަބޫލުފުޅު ކުރައްވާނެއެވެ. އެހެންކަމުން، އެފަދަ ޢަމަލެއް މަނިކުފާނުގެ ޒަޢާމަތުގައި ނުހިންގުމަށް އަޅުގަނޑުމެން ނަސޭހަތްތެރިވަމެވެ."

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސިޓީގައި، އިންޑިއާ އިން ދާދި ފަހުން ނެގި ލޯނުތައް އަނބުރާ ދައްކަންޖެހޭ ގޮތާއި އޭގެ އިންޓަރެސްޓް ރޭޓާ ބެހޭ މައުލޫމާޓު ހާމަކުރައްވާފައި ނެތުމުން، އެކަމުގެ ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފަ އެވެ.

"ރާއްޖޭގެ ދަރަނީގެ ފަންގިފިލާ ފޫއަޅުވާލާ، އޭގެ އެތައް ގުނައެއް އިތުރަށް ދަރަންޏަށް ފައިސާ ނެގެމުންދާ އިރު، އެދަރަނި އަދާކުރުމުގެ އިންތިޒާމު ހާމަކުރައްވާފައި ނުވާކަން ފާހަގަކުރަމެވެ. އިންޑިޔާ ސަރުކާރުން ނަންގަވާ 700 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަނީގެ އިންޓްރެސްޓް ރޭޓެއް ރައްޔިތުންނަކަށް ނޭނގެއެވެ. އަދި، އެދަރަނި އަދާކުރަން އޮތް މުއްދަތުވެސް ހާމަކުރައްވާފައި ނުވާކަން ފާހަގަކުރަމެވެ. ސިދާގޮތުން ވިޔަސް ނުވަތަ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށްވިއަސް، މިކަންކަން ހާމަކުރެއްވުމަށް ރައްޔިތުން ދަނީ އެދެމުންނެވެ." އެ ސިޓީގައި ވެ އެވެ.

އިޤްތިޞާދަށް އޭގެ ފައިދާ ކުރާނެ ކުދި އަދި ބޮޑެތި މަޝްރޫޢުތައް ހިންގުމަކީ ކޯލިޝަނުން އަބަދުވެސް މަރްޙަބާ ކިޔާނެ ކަމެއްކަން އަބްދުއްރަހީމު ފާހަގަ ކުރައްވާފައިވެ އެވެ. މާލެ ސަރަޙައްދުގެ ރަށްތައް ގުޅުވާލުމަކީ އަދި ދެވަނަ ޕޯޓެއް ޤާއިމުކުރުމަކީވެސް އިދިކޮޅު ކޯލިޝަނުން ރައްޔިތުންނާ ފުރަތަމަ ޙިއްޞާކުރި ރައްޔިތުންނަށް ފައިދާ ކުރާނެ ކަމެއް ކަމުގައި ފާހަގަ ކުރައްވާފައި ވެއެވެ.

"…ނަމަވެސް، މިކަންކަން އިފްތިތާޙުކުރުމަށް މިއީ އެންމެ އެކަށޭނަ ވަގުތުތޯ ސުވާލު އެފެދެއެވެ. މިވަގުތު އެންމެ އިސްކަމެއް ދެއްވައިގެން ސަރުކާރުން ކުރައްވަންޖެހޭނީ ކޮވިޑް-19 ފެތުރެމުންދިއުން ހުއްޓުވުމެވެ. އަދި، އިޤްތިޞާދު އަލުން ކޮޅަށްޖެހުމާއެކު ވަޒީފާގެއްލި ބިކަވެފައި ތިބި ހާހުން ގުނާލެވޭހާ ގިނަ ރައްޔިތުން، އަލުން އެބައިމީހުންގެ އަމިއްލަ ފައިމައްޗަށް ތެދުވެ، ދިރިއުޅުން އާރާސްތުކުރުމަށް އެހީތެރިވުމެވެ. އަދި، ފަތުރުވެރިކަން އަލުން އާލާކޮށް އެސިނާއަތުގެ މަންފާ ރައްޔިތުންނަށް ލިއްބައިދިނުމެވެ،" އަބްދުއްރަހީމު ވިދާޅުވި އެވެ. "ޤައުމުގެ ޙާލަތު މިއަދު މިއޮތް ހިސާބަށް ބަލާލުމުން މިދަނޑިވަޅަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރަން ވޭތުވެދިޔަ މިކޯލިޝަންގެ ލީޑަރުގެ ސަރުކާރުން ހިންގެވި ބިޔަ މަޝްރޫޢަށްފަހު ހިންގޭނެ އެންމެ ހޭދަ ބޮޑު މަޝްރޫޢު ހިންގުމަށް އެންމެ ބުއްދިވެރި ވަގުތުކަމާއިމެދު ރައްޔިތުން ދަނީ ވަރަށް ބޮޑަށް ސުވާލު އުފައްދަމުންނެވެ. މިފަދަ ބޮޑެތި އުމްރާނީ މަސައްކަތްތަކުގެ ފައިދާއެއް ލިބެން އެތަކެއް އަހަރު ނަގާއިރު، މިހާރުން މިހާރަށް ސަމާލުކަން ދޭންޖެހޭ އެތައް ކަމެއް ހުރިކަން ރައްޔިތުން ދަނީ ސޯޝަލް މީޑިޔާގެ ޒަރިއްޔާއިން ހާމަކުރަމުންކަން މަނިކުފާނަށްވެސް އެނގިވަޑައިގަންނަވާނެއެވެ. މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވީ ހިނދު، މިފަދަ އިތުރު ބޮޑެތި ދަރަނިތަކަކާއެކު ކުރިއަށް ދިއުމާއި، އެދަރަނިތައް އަދާކުރެވޭނެ ހަކަތަ ޤައުމުގެ އިޤްތިޞާދުގައި މިވަގުތު ނެތްކަން ހާމަވެއެވެ."

އަދި އަލަށް ހަދާ ބަނދަރު ބޭރުގެ ފަރާތަކަށް ނުދިނުމަށް ވެސް ކޯލީޝަންގެ އެ ސިޓީގައި ވަނީ އެދިފަ އެވެ.

"އިތުރު ބަނދަރެއް ޤާއިމުކުރައްވާއިރު، އެތަން އޮންނާނީ ދިވެހިންގެ މިލްކިއްޔާތެއްގެ ގޮތުގައި، ސައްތައިން ސައްތަ ދިވެހި މެނޭޖްމަންޓް އަދި މުވައްޒަފުންގެ ބެލުމުގެ ދަށުގައިކަން ކަށަވަރުވުން ވަރަށް މުހިންމެވެ. މިކޯލިޝަންގެ ލީޑަރު ހުށަހަޅުއްވާފައި އޮންނާނީ އެހެންނެވެ. ދިވެހި އިޤްތިޞާދު ފުޅާކުރުމަށް އަޅުގަނޑުމެންގެ ދިރާސާތަކުން ފެނުނު އެންމެ މުހިންމު އެއް ވަޞީލަތަކީ އިތުރު ބަނދަރެއް ޤާއިމުކުރުމެވެ. އަދި، އެބަނދަރަކީ ސަރަޙައްދުގެ އެހެން ޤައުމުތަކާ ވާދަކޮށް، އިންޑިޔާ ކަނޑުން ދަތުރުކުރާ އާގުބޯޓުފަހަރުގެ މަންޒިލަކަށް ހެދިއްޖެނަމަ، ރާއްޖޭގެ އިޤްތިޞާދަށް މަންފާކުރާނެ އަދި ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭނެ ވަޞީލަތަކަށްވާނެއެވެ. އެކަން ކުރެވޭނީ، ބަނދަރުގެ މިލްކިއްޔާތާއި ހިންގުމުގެ ނިޒާމު ރޭވިފައިވާ ގޮތަކުންނެވެ. މިކަން ލަސްނުކޮށް ހާމަކުރެއްވުމަށް ރައްޔިތުން ދަނީ ގޮވާލަމުންނެވެ."

ބަޖެޓް ސަޕޯޓަކަށް މާލީ އެހީގެ ގޮތުގައި ރާއްޖެއަށް 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ގެ އެހީއެއް އޯގަސްޓް 13 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ވަނީ ދީފަ އެވެ. އަދި ގްރޭޓަރ މާލެ ބްރިޖު މަޝްރޫޢަށް 7.7 ބިލިއަން ރުފިޔާ (500 މިލިއަން ޑޮލަރު) ދިނުމަށް ނިންމާފައިވާކަން ވެސް އިންޑިއާ އިން ވަނީ އިއުލާންކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *