Support Us

ކޮލަމް ކޯދު: ބުއްދިވެރި ބަޔަކު ބުނެފައިވާ ބަސްކޮޅެއް

ތިރީގައި މި ވަނީ ބުއްދިވެރި ބަޔަކު ބުނެފައިވާ ބަސްކޮޅެކެވެ.

1. އަތަށް ކާ އެތިކޮޅެއް އަޅައިގެން ދޫންޏެއް ފަހަތުން ގޮސް އެއާ ކައިރިވާން އުޅުމުން، އެ ދޫނި އުދުއްސައިގެން، އިނބައާ ދުރަށް ދިޔުމުން ހައިރާން ނުވާށެވެ! އެހެނީ، ދޫނިދޫނީގެ ތަބީއަތް އިންސާނުންގެ ތަބީއަތާ ތަފާތެވެ. އެހެން ދިއްކޮށްލާ ކާ އެތިކޮޅަކަށްވުރެ ދޫނިދޫންޏަށް އެ އެއްޗެހީގެ މިނިވަންކަން މާ މުހިއްމުވެއެވެ! އަހަރުމެން އިންސާނުންނަށް ވެސް ދޫނިދޫނިން ފިލާވަޅެއް، އިބުރަތެއް، ހާސިލްވާނެ ނަމައެވެ. އަހަރުމެންގެ އަބުރާއި އިއްޒަތް، ސިޔާދަތާއި މިނިވަންކަން، ކުޑަ ކާ އެތިކޮޅަކަށް، ކީރިތި ގުރުއާނުގެ އިބާރާތުން ނަމަ، 'ކުޑަކުޑަ އަގަކަށް' (بثمن بخس)، ވަގުތީ އަމިއްލަ އެދުމެއް ހާސިލުކޮށްލުމަށް، ގެއްލުވާނުލުމުގެ ފިލާވަޅެވެ.

2. ފެންގަނޑު ތެލާ ދިމާއަށް ބުންޏެވެ: "އަހަރެންގެ މައްޗަށް ކަލޭ އަރަނީ ކީއްވެ ހެއްޔެވެ؟ ކަލޭ އުފަންވީ އަހަރެން ހައްދާ ގަސްގަހުން ނޫން ހެއްޔެވެ؟ ކަލޭގެ އަދަބު އަޚުލާގު ކޮބާ ހެއްޔެވެ؟ ދެން، ފެންގަނޑާ ދިމާއަށް ތެޔޮ ބުންޏެވެ. ކަލޭގެ އުފަންވުން ގުޅެނީ ކޯރުކޯރާއެވެ. ކަލޭގެ އެއްވެސް މަސައްކަތަކާ ނުލައި، ފަރުބަދަމަތިން އައިސް، އެއަށް އެޅެމުންދާ ފެނުންނެވެ. އެއާ ޚިލާފަށް އަހަރެން އުފަން ކުރެވެނީ ވަރަށް ވެސް ކެތްތެރިކަމާއެކު، ބާރުލައި ފެލައިގެންނެވެ. މައްޗަށް އުފުލި، ގަދަރުވެރި ވަނީ ގަދަ މަސައްކަތާއި ކެތްތެރިކަމާ އެކުގައެވެ.

3. އިހުތިރާމު އެކުލެވިގެން ވަނީ 10 ބަޔަށް ކަމަށްވާ ނަމަ، އޭގެ ތެރެއިން ނުވަ ބަޔަކީ ހަނުހުރުމެވެ. ދެން، އޮންނަ ބަޔަކީ 'ކުދި' ސިކުނޑިތަކުގެ އަހުލުވެރިންނާ ދުރަށް ދިޔުމެވެ.

4. ކުދިކުދި ކަންކަން ބޮޑުކޮށްލައި އޭގައި ހިމެނިދާނޭ ހުތުރު ކަންތައް ދައްކުވާލާ ފަދަ މައިކުރޮސްކޯޕަކަށް ނުވާށެވެ. ނަމަވެސް، ވަކިކޮޅަކަށް ނުޖެހި، ހަގީގަތް ދައްކާލާ ލޯގަނޑެއް ފަދަ އެއްޗަކަށްވާށެވެ.

5. އަބުރުވެރި އިއްޒަތްތެރިއަކަށްވާށެވެ. ފަހަރެއްގައި ވެސް، އެހެން މީހެއްގެ ކުރިމަތީ އިސްޖަހައި ބޯ ތިރިކުރުން ނުހަދާށެވެ. އެހެނީ، އިނބަ އިސްޖަހައި، މީހެއްގެ ކުރިމަތީ ބޯ ތިރިކޮށްފި ނަމަ، ދެން އަލުން އިސްއުފުލާލައި ހިންދެމިލުމުގެ ފުރުސަތު ނުލިބިދާނެއެވެ!

6. ބުނެވޭ ބަސްބަހަކީ ގަސްގަހުގެ އޮށް ފަދަ އެއްޗެކެވެ. ނަމަވެސް، އެ އިންދެނީ ބިމަކު ނޫނެވެ. ހިތުގައެވެ. އެހެންވީމާ އިނބަގެ ހިތުގައި އިންދޭ ބަހުގެ އޮށްތަކާ މެދު ސަމާލުވާން ޖެހެއެވެ. އެއީ ކަށީގެ އޮށްތަކަކަށްވެ، ކޮންމެ ވެސް ދުވަހަކުން އެ ކާލަން އިނބައަށް ޖެހިދާނެތީއެވެ.

7. ބައެއް މީސްމީހުންނީ ޚަރީފު މޫސުމުގައި ފައިބާ ހިކި ފަތް ކަހަލަ ބައެކެވެ. ކިތަންމެ ވަރަކަށް އެ ފަތްތަކަށް ފެން ދިނަސް، އެ ފަތްތަކުގައި ފެހިކުލައެއް ނުޖެހޭނެއެވެ. އެހެންވެ، އެންމެ ރަނގަޅު ގޮތަކީ އެ ފަތްތައް ވަޔާ ވިއްސިވިހާލިވެގެން ދާން ދޫކޮށްލުމެވެ. އެހެންވެ، ޚަރީފު މޫސުމުގެ ހިކި ފަތް ފަދަ މީހުން ފަހަތުން ދުވަން ހެދުމުގެ ބޭނުމެއް ނެތެވެ.

8. ކަރުނައަކީ ފެން ތިކިތަކެއް ނޫނެވެ. އެއީ ހިތް ބަޔާންކޮށް ލިޔާ އިބާރާތްތަކެކެވެ. ނަމަވެސް، އެ އިބާރާތްތައް ކިޔައި ފަހުމު ކުރަން އެނގެނީ ވަރަށް ވެސް މަދު ބަޔަކަށެވެ.