ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް ރިސްކް އެލަވަންސެއް ނުވަތަ އިތުރު އިނާޔަތެއް އަލުން ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށްޓެވި ސިލްސިލާ "ރައީސްގެ ޖަވާބު"ގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ހާއްސަ ޓީޗަރުން ހޯދުމަކީ ސްކޫލްތަކުން އިޢުލާންކޮށްގެން ވެސް ހޯދަން ދަތިވެފައިވާ ކަމެއް ކަމަށާއި ދުވަހުން ދުވަހަށް އެފަދަ ކުދިންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކޮށް، ކުރިން ސެން ޓީޗަރުންނަށް ދެމުން އައި ރިސްކް އެލަވަންސް ލިބޭނެ ގޮތެއް ހައްދަވައިދެއްވުމަށް އެ ޓީޗަރު އެދުމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެ ފައިސާ ނުލިބި ހުއްޓިފައިވަނީ މިދިޔަ ސަރުކާރުން އަމަލު ކުރަން ފަށައިފައިވާ ޕޭޕްރޭމްވޯކްގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތިޔަވިދާޅުވި ކަންތަކުގައި، ސެން ޓީޗަރުންނަށް ރިސްކް އެލަވަންސެއް ނޫނިއްޔާ ހާއްސަ އިތުރު އިނާޔަތެއް ފައިސާގެ އިނާޔަތެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދޭން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިއަހަރުގެ މެދުތެރޭގައި ފަށާ ތަމްރީން ޕްރޮގްރާމްގެ ކުރިން ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ލިބެން ހުރި މިންވަރަކުން އެފަަދަ ޓީޗަރުން އިތުރުކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީން ކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި ތައުލީމީ ދާއިރާގެ އިތުރުން އެފަދަ ޓީޗަރުން މަދުކޮށް ތިބި އެހެން ދާއިރާތަަކަށް ވެސް ބޭނުންވާ ޓީޗަރުން ތަމްރީން ކުރުމަށް މިއަހަރުގެ މެދުތެރޭގައި ޕްރޮގްރާމެއް ފަށާނެ ކަމަށެވެ.
"ސެން ޓީޗަރުންނަށް އިރާދަކުރެއްވިއްޔާ ހާއްސަ އިސްކަމެއް ދީގެން އެ ދާއިރާއިން ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދުތެރޭގައި ފެށޭ ޕްރޮގްރާމްގެ ތެރެއިން،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސްގެ ޖަވާބު
16 މާރިޗް 2024ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް އުނގަންނައިދޭން ޚާއްޞަ ޓީޗަރެއްކަމުގައިވާ، މ.މުލަކު، ސޯސަންވިލާ، ޢާއިޝަތު ޝައުފާ، އެ ދާއިރާގެ ޓީޗަރުން މަދުކަމާ، ލިބެމުން އައި ޚާއްޞަ އެލަވަންސާމެދު ދެންނެވި ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/OUXkGvpdh7
— Government of Maldives (@governmentmv) March 16, 2024



advertisment