Support Us

ކުރު ވާހަކަ: ހިމާރުންގެ ވޯޓު

މިއީ އިންތިޚާބުގެ ދުވަސްވަރެއްގައި، ބޭރު ރާއްޖެއެއްގައި ހިނގި ހާދިސާއެއް ކަމަަށް ބުނެވޭ ވާހަކައެކެވެ.

އިންތިޚާބުގައި ކުރިމަތިލެއްވި ކެންޑިޑޭޓަކު، ވޯޓު ހޯދުމަށް ދުރު އަވަށަކަށް ދިޔައެވެ. އަދި އެވަށުގައި އެކަނި ދިރިއުޅުމެން ދިޔަ މުސްކުޅިވެ ދުވަސްވެފައި އިން ކަނބަލެއް ކައިރިއަށް ޒިޔާރަތްކުރިއެވެ.

އަންހެން ބޭފުޅާ އަރިހުން، ކެންޑިޑޭޓު އެދުނީ އޭނާއަށް ވޯޓު ދެއްވުމަށެވެ. އަދި، ހަދިޔާއެއްގެ ގޮތުގައި އެއްހާސް ރުފިޔާ ދޭނެ ވާހަކަވެސް ކެންޑިޑޭޓު ބުންޏެވެ.

ޖަވާބުގައި، އަންހެން ބޭފުޅާ ވިދާޅުވިއެވެ. "އަހަރެން ފައިސާއެއް ބޭނުމެއް ނޫނެވެ. އަހަންނަށް، ބާޒާރުން ހިމާރެއް ގަނެގެން ގެނެސްދޭށެވެ. އެވަރު އަހަންނަށް ފުދޭނެއެވެ."

ދެން ކެންޑިޑޭޓު، ބާޒާރަށް ގޮސް، ހިމާރެއް ގަންނަން އުޅުނެވެ. ނަމަވެސް، ހިމާރުގެ އަގު ހުރީ ފަސްހާހުގައެވެ. އެހެންވެ، ހިމާރެއް ނުގަނެ، އެނބުރި އެއްކަލަ މުސްކުޅިި އަންހެން ބޭފުޅާ އަރިހަށް ގޮސް މިވާހަކަ ދެންނެވިއެވެ. ބާޒާރުގައި ހިމާރުގެ އަގު ބޮޑުކަމާއި އޭގެ އަގު ހުރީ ފަސްހާހަށް ކަމެވެ.

ދެން، އަންހެން ބޭފުޅާ ވިދާޅުވިއެވެ. "އަހަރުމެންގެ އަގު ހިމާރުންގެ އަގަށް ވުރެ ވެސް ކަލޭ ދައްކޮށްލީތާއެވެ. އެހެން ކަމަކު ނުދާނެ ނޫން ހެއްޔެވެ؟ ބާޒާރުގެ ހިމާރުންގެ އަގަށް ވުރެ، ވޯޓު ވިއްކާ އަހަރުމެން ފަދަ ހިމާރުންގެ އަގު ތަންކޮޅެއް ބޮޑުވާން ޖެހޭނެ ނޫން ހެއްޔެވެ؟ އަހަރުމެން ވޯޓު ވިއްކައިގެން ކަލޭމެން ހޮވީމާ ކަލޭމެންނަށް ވެސް ފަސް އަަހަރު ދުވަހު، އެތައް ހާސް ހިމާރުން ގަންނާނެ ފައިސާ ލިބޭ ގޮތް މެދުވެރިވޭ ނޫން ހެއްޔެވެ؟ އެހެންވެ، ބާޒާރުގެ އަގަށް އެއް ހާސް އަދި އިތުރުކޮށްލުމުން، އަހަރެން ވޯޓު ވިއްކަފާނަމެވެ. ވޯޓު ލާ ހިމާރުންގެ ބާޒާރުގެ ހިމާރުންގެ އަގަށް ވުރެ ކުޑަ ތަންކޮޅެއް މަތިކޮށްލުމަށްޓަކައެވެ! އަދި، ވޯޓުލާ އަހަރުމެން ފަދަ ހިމާރުންގެ ވޯޓުލުމުގެ ބާރު، އެންމެ ހެޔޮ ގޮތުގައި، ބޭނުންކުރަން ވެސް މެއެވެ."