Support Us

ރޯދަމަހަށް ސަރުކާރުން ހިލޭ ދޭ ކާޑު ބެހުން ހޮނިހިރު ދުވަހު ފަށަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހިލޭ ދޭ ކާޑު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބަހަން ފަށާނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ދައުވަތަކަށް އެ ގައުމަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު މީޑިއާތަކާ ބައްދަލުކުރައްވައި ރައީސް ޑރ. މުއިއްޒު ވަނީ، މި އަހަރުގެ ރޯދަމަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ހަނޑޫ އަދި ފުށް ބަސްތާއެއް ސަރުކާރުން ހިލޭ ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެސްޓީއޯ އިން ބުނީ ސަރުކާރުގެ އެހީގައި 10 ކިލޯ ބާސްމަތީ ހަނޑުލާއި 10 ކިލޯ ފުށް ގޭބިސީތަކަށް ބެހުމަށްޓަކައި ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އެ ތަކެތި ރާއްޖެ ގެނެސް، ގުދަންކުރެވި، ބެހޭނެ އިންތިޒާމްތައް ވެސް ހަމަޖައްސައިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"އެސްޓީއޯއިން މިކަން ކުރިއަށް ގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި ކައުންސިލްތަކާއި އަދި ބައެއް ޖަމިއްޔާތަކާ މަޝްވަރާކޮށްގެން ގިނަ ބައެއްގެ އެހީތެރިކަމުގެ މަތިން،" އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން ބުނީ މާލޭގައި ކާޑު ދޫކުރާނީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށާއި މާލޭ ސަރަހައްދުގައި ކާޑު ދޫކުރާނީ ހޮނިހިރުން ފެށިގެން 16 މާޗުގެ ނިޔަލަށް ކަމަށެވެ. މުލަރޯދަ ދުވަސް ހުކުރު ދުވަހު ކާޑު ބެހުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރިއަށް ނުގެންދާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

މީގެ އިތުރުން ރަށްރަށަށް ގެންދާ ކާޑު އެސްޓީއޯއިން ދޯނިފަހަރަށް ބަރުކުރަން އިއްޔެ ފަށައިފައިވާ ކަމަށާއި އެ ކާޑު ގޭބިސީތަކަށް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރަށު ކައުންސިލްތަކުން ކަމަށް އެސްޓީއޯއިން ބުނެ އެވެ.

"ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވަނީ ދިވެހިންނަށް އެކަނި. މިގޮތުން ދޫކުރާނީ ކަރަންޓް މީޓަރުގެ ނަމްބަރަށް ބެލުމަށްފަހު (ކާޑު) ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަމްބަރު ނޯޓް ކުރުމަށްފަހު،" އެސްޓީއޯއިން ބުނެ އެވެ.

މާލޭ ސަރަަހައްދުގައި ކާޑުގެ ބާވަތްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ. އަދި ރޭގަނޑު 8.30 އިން 11:00 އަށެވެ.

ރޯދަ މަހު ކާޑު ދޫކުރާނީ ހެނދުނު 9:30 އިން މެންދުރު 1:00 އަށެވެ. އަދި ރޭގަނޑު 9:00 އިން 11:30 އަށެވެ.

މާލޭ ސަރަހައްދުގައި ކާޑު ދޫކުރުމަށް ހަތް ތަނެއް ކަނޑައަޅާފައިވާއިރު މާލޭގައި ކާޑު ދޫކުރާނީ މާލޭ ސިޓީ ކައުންސިލާއި ސޯޝަލް ސެންޓަރުންނެވެ. އަދި ވިލިމާލޭގައި ކާޑު ދޫކުރުމަށް ހަމަޖައްސާފައިވަނީ ބިއްރި މިސްކިތުގެ ހޯލްގަ އެވެ. އަދި ހުޅުމާލޭގައި ފޭސް އެކެއްގައި ކާޑު ދޫކުރާނީ އުމަރު ޒާހިިރު ބިލްޑިންގާއި ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓް ޓަވަރު 10 ގައި ހުންނަ ޔޫތް ސެންޓަރުގައި ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *