...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އިންޑިއާ ސަފީރު ކެމްޕެއިނަށް ނިކުމެއްޖެ!

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަ ސަފީރު، މުނޫ މަހާވަރު، މިދިޔަ އަނގާރަ ދުވަހު ކުއްލި ގޮތަކަށް އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ. އެމްބެސެޑަރު މަހާވަރުގެ މި ދަތުރު މިއައީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފާޑުވިދާޅުވެ، މިހާރުގެ ސަރުކާރަށް ޝުކުރު އަދާކޮށް ވާހަކަ ދެއްކެވިތާ ދެ ދުވަސް ތެރޭގައެވެ. މާލެ ފިޔަވައި އެންމެ ބޮޑު ސިޓީގެ ތާއީދު އެމް.ޑީ.ޕީއަށް ގެއްލިދާނެހެން ހީވުމުން އެމްބެސެޑަރު ވަރަށް ކުއްލި ގޮތަކަށް އައްޑޫ ސިޓީއަށް ވަޑައިގެން އިންޑިއާގެ "ހިލޭ" އެހީގައި އައްޑޫގައި ހިންގަމުންދާ މަޝްރޫއުތައް ބައްލަވާލެއްވި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ. (އައްޑޫ ސީޓިގައި ތިބި ގިނަ ކައުންސިލަރުންނަކީ ސިޔާސީ ގޮތުންނާއި މާލީ ގޮތުން ރަނގަޅަށް ތަންދޮރު ނުދަންނަ، ލާރި ހުރީމަ ހިމަ ޓައި އަޅާފައި ދެކޮޅަށް ލަގްޒަރީ ކާރު ދުއްވާ މީހުން ކަމުގައި ވުމުން އައްޑޫގައި ހިންގޭ ޕްރޮޖެކްޓުތަކަށް ލާރި ލިބުނީ "ހިލޭ" ކަމެއް ނުވަތަ ދައުލަތުން ނެގި "ލޯނު"ގެ ގޮތުގައި ކަމެއް ނޭގިދާނެއެވެ.)

އައްޑޫ-ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރ އަހްމަދު ސައީދު ފިޔަވައި، އައްޑޫގެ ރައްޔިތުންނަށް އިހްލާސްތެރިކަމާ އެކު، ހެޔޮ އެދިގެން، ބުރަކޮށް މަސައްކަތްކުރާ ކައުންސިލަރެއް މުޅި އައްޑޫ ސިޓީ ކައުންސިލުގައި ވެސް ނެތެވެ. އެހެން ކަމުން އިންޑިއާގެ އެމްބެސެޑަރަށް އެފަދަ ކައުންސިލަރުން ވިކުނަސް ހައިރާންވާކަށް ނުޖެހެއެވެ. ރާއްޖޭގެ ގިނަ ސިޓީތަކާއި، އަތޮޅު އަދި ރަށްތަކުގެ ކައުންސިލްތަކުގެ ހާލު ހުރީ މިފަދަ ގޮތަކަށެވެ. އައްޑޫގައި ކުރިއަށްދާ މަގުހެދުމާއި ބިން ހިއްކުމުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން 800 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ނަގައިގެން ދިވެހި ދައުލަތުން ހިންގާ މަޝްރޫއުތަކެކެވެ. އެއީ ގާތްގަނޑަކަށް 14 ބިލިއަން ރުފިޔާގެ ލޯނެކެވެ. އެ ހުރިހާ ފައިސާއެއް ދިވެހި ދައުލަތުން އަނބުރާ އިންޑިއާ އަށް ދައްކާނެއެވެ. ޕްރޮޖެކްޓުތަކުގެ ހުރިހާ މަސައްކަތެއް ކުރަނީ އިންޑިއާގެ ކުންފުނިތަކުންނެވެ. އެހެން ކަމުން މި ޕްރޮޖެކްޓުތަކުން އައްޑޫއަށް ނުވަތަ ދިވެހި ރާއްޖެއަށް ލިބޭ ފައިދާއާ އެއްވަރަށް، ނުވަތަ އެއަށް ވުރެ ބޮޑު ފައިދާއެއް އިންޑިއާއަށް ލިބޭނެއެވެ.

އައްޑޫގައި ހިންގަނީ އިންޑިއާ އިން "ފަންޑް" ކޮށްގެން ހިންގާ ޕްރޮޖެކްޓްތަކެކޭ، ނުވަތަ "އިންޑިއާގެ ހިލޭ އެހީ"ގެ ދަށުން ހިންގާ ޕްރޮޖެކްޓް ތަކެކޭ ބުނެ އެމް.ޑީ.ޕީ އާއި އިންޑިއާ އެމްބެސެޑަރު ދައްކާ ވާހަކަތަކަކީ ހަޤީގަތް އޮޅުވާލައި، ދިވެހި ރައްޔިތުން ވާވައްދަން ދައްކާ ދޮގު ވާހަކަތަކެކެވެ. ރޯދަ އަށް ފަހު، އޭޕްރިލް މަހު މަޖުލިސް އިންތިހާބު ބާއްވަން ބޯމަތިވެފައި ވަނިކޮށް އިންޑިއާ ސަފީރު އައްޑޫ ސިޓީއަށް މިފެއްޓި ދަތުރަކީ ވަރަށް ނުބައި ރޭވުމެއްގެ ދަށުން ފެށި ދަތުރެކެވެ. މިފަދަ އެހެން ދަތުރުތައް ރާއްޖޭގެ އެހެން ސިޓީތަކާއި އެކި އަތޮޅު ތަކަށް އިންޑިއާގެ އެމްބެސެޑަރު ކުރާނެ ކަމަށް ބެލެވެއެވެ. މިއީ ހަމަ ސީދާ ކެމްޕެއިން ދަތުރުތަކެވެ. ޑިޕްލޮމެޓިކް ފުރިހަމަ އިމިއުނިޓީ ލިބިގެން، އެތެރެއާއި ބޭރުގެ ދަތުރުތަކުގައި ފޮށި ތަންމަތި ފާސް ނުކުރާ ގޮތަށް ހިމާޔަތް ލިބިގެން، އެމްބެސެޑަރު މިކުރާ ދަތުރުތަކުގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ އާއި ބިރަކާނުލާ މަޖާކުރާ "ތަކެތި" ކެމްޕެއިނަށް އުފުލާނެ ކަމަށް ބެލެވެއެވެ.

އައްޑޫ ސިޓީން ކުޅުދުއްފުށިން، ތިނަދޫން، އޭދަފުށިން، ދިއްދޫން، މިހެން ގޮސް، ރާއްޖޭގެ އުތުރުން ދެކުނަށް، ހުރިހާ މުހިއްމު ދިމަދިމާއަށް، ކުރިއަށް މިއޮތް މަހެއްހާ ދުވަހުގެތެރޭ، ވަރަށް ހިޔަޅުކަމާ އެކު، އިންޑިއާ އެމްބެސެޑަރ ދަތުރު ކުރާނެކަން ޔަޤީނެވެ. ނަގުދު ފައިސާ އާއި އެހެނިހެން "ތަކެތި" ހިފައިގެން، އެއްވެސް ހުރަހެއް ނެތި، ޑިޕްލޮމެޓިކް އުސޫލްތަކާ ކަނޑައެޅިގެން ހިލާފަށް، ދިވެހި ރާއްޖޭގެ އެތެރޭގެ އިންތިހާބަކަށް ނުފޫޒު ފޯރުވަން، ބޭރު ޤައުމެއްގެ އެމްބެސެޑަރަކަށް މިފަދައިން މަސައްކަތް ކުރެވިޔަދީގެން ނުވާނެއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮންމެވެސް ސިފައެއްގައި މިކަން ހުއްޓުވަން ޖެހެއެވެ. އިންޑިއާގެ ބޮޑުވަޒީރު ދިވެހި ރާއްޖެއަށް ކަނޑައަޅާފައި ހުރި ގަވަރުނަރެއްހެން އެކި ސިޓީތަކާއި އަތޮޅުތަކަށް ގޮސް ފާޅުގައި އިންޑިއާގެ ޕާޓީ (އެމް.ޑީ.ޕީ) އަށް ކެމްޕެއިން ކުރުމުގެ ފުރުސަތު މުނޫ މަހާވަރަށް ލިބިގެން ނުވާނެއެވެ.

އިންްޑިއާ ސަފީރުގެ މިދަތުރާ ގުޅިގެން މިކޮލަމަށް މައުލޫމާތު ދިން މަސްދަރަކުން ބުނެފައިވެއެވެ:

"އިންޑިއާ ސަފީރު އައްޑުއަށް ފައިބައިގެން ތިއުޅެނީ ކެމްޕެއިނަށް. އޭނާ ތިޔަ ނިކުތީ އެމް.ޑީ.ޕީ އަށް ގޮނޑިތައް ކާމިޔާބުކޮށްދޭން. ލާރިއާއި، ނުފޫޒާއި، ޑްރަގާއި ހުރިހާ އެއްޗެއް ހިފައިގެން އޭނާ ތިހިރީ އައްޑޫއަށް ފައިބާފަ. އަދި އެހެން އަތޮޅުތަކަށް ވެސް އަރާނެ. އޭނާ ތިހިރީ މިހާރު ހަމަ ރަސްމީކޮށް ކެމްޕެއިނަށް ނިކުމެފައި. އެހެން ކަމުން އިންޑިއާގެ މި ސިއްރު އެޖެންޑާ ދިވެހި ސަރުކާރާއި ރައްޔިތުންގެ ސަމާލު ކަމަށް ގެންނަން ލިއުންތެރިން މަސައްކަތް ކުރަން ޖެހޭނެ."

ދިވެހި ރާއްޖޭގެ މިހާ މުހިއްމު އިންތިހާބެއް ބޯމަތިވެފައި ވަނިކޮށް، އަދި އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު ހާރިޖީ ހިޔާލުތަފާތުވުން ބޮޑުވެފައި ވަނިކޮށް، އިންޑިއާގެ އެމްބެސެޑަރު މިހާ ފާޅުކަން ބޮޑު ގޮތެއްގައި ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކޮށް ސިޓީތަކާއި، އަތޮޅު ތަކާއި، ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކޮށް ފާޅުގައި ކެމްޕެއިން ކުރުމުގެ ފުރުސަތު ދެވިއްޖެނަމަ އޭޕްރިލް މަސް ނިމޭއިރު ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖުލިސް އޮންނާނީ އިންޑިއާ ބޭނުންވާ ގޮތަށް، އެމް.ޑީ.ޕީ އަށާއި ދަޑިމޮކްރެޓްސް އަށް ގަނެލަދީފައެވެ. އެ ހިސާބަށް ކަންތައް ހިނގައްޖެނަމަ މި ދިވެހި ޤައުމުގެ ދުވަސް ދިޔައީ އެވެ. ދެން ދިވެހި ޤައުމެއް އަނބުރާ ދިވެހީންނަކަށް ނުލިބޭނެއެވެ.

އެހެންކަމުން ކޮންމެ ގޮތެއް ހަދައިފައި ވިއަސް އިންޑިއާ އެމްބެސެޑަރުގެ މި ދަތުރުތައް ހުއްޓުވަން ދިވެހި ސަރުކާރަށް ޖެހެއެވެ. އަދި އެމް.ޑީ.ޕީގެ ކެމްޕެއިން ދަތުރުތަކުގައި އުފުލާ ފައިސާ އާއި އެހެނިހެން "ތަކެތި" ވެސް ފުލުހުންނާއި ސަރުކާރުން ފާރަވެރިކަމާއެކު ބަލަންޖެހެއެވެ. ކުރިއަށް މިއޮތީ މި ދިވެހި ޤައުމުގެ ކުރިމަގު ކަނޑައަޅާނެ އިންތިހާބެކެވެ. ކޮންމެ ގޮތެއް ހަދައިފައި ވެސް މި އިންތިހާބުން އިންޑިއާ ބަލިވާންޖެހެއެވެ! މިއީ އެއްގޮތަކުން ވެއްޖެ ނަމަ ދިވެހި ރައްޔިތުންގެ ފަހަރެވެ. ނުވަތަ އަނެއް ގޮތަކުން ވެއްޖެނަމަ އިންޑިއާގެ ފަހަރެވެ. ޤާނޫނެއްވެސް އޮންނާނީ ޤައުމެއް އޮވެގެންނެވެ! ހެދުނު ކޮންމެ އެއްޗެއް ހަދާފައިވެސް އިންޑިއާ އާއި އެމް.ޑީ.ޕީ އާއި ދަޑިމޮކްރެޓްސްގެ މި ހީލަތްތެރި ރޭވުން ބަލިކުރަން ޖެހެއެވެ. ކޮންމެ ގޮތަކުން ވިއަސް މިއީ ދިވެހި ރައްޔިތުންގެ ފަހަރު ކަމުގައި ހަދަން ޖެހެއެވެ. ރައީސް ޑރ. މުއިއްޒެވެ. މިއީ ބޮޑު އިލްތިމާސެކެވެ. އާދައިގެ ވާހަކައެއް ނޫނެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.