Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އިންޑިއާގެ ކިބައިން ދިވެހި ޤައުމަށް މިނިވަންކަން ހޯދައިދިނުން!

ރާއްޖޭގައި މިހާރު އޮތް އިންޑިއާގެ ދެ ހެލިކޮޕްޓަރުގެ ތެރެއިން ފުރަތަމަ ހެލިކޮޕްޓަރު އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި، 2010 ވަނަ އަހަރު އެވެ. އަދި، ދެވަނަ ހެލިކޮޕްޓަރާއި ޑޯނިއަރ މަތިންދާ ބޯޓު، އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކުރީ ރައީސް ޔާމީނުގެ ވެރިކަމުގައި، 2016 ވަނަ އަހަރު އެވެ. ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓް ކުރަން ރާއްޖެ އައި އިންޑިއާ ޕައިލެޓުންނާއި ޓެކްނިކަލް މީހުންނަކީ އިންޑިއާ ސިފައިންނެވެ. ދެ ޤައުމުގެ މެދުގައި އެއްބަސްވެފައި އޮތީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެ މި ތިން އުޅަނދު ދުއްވަން ދިވެހީން ތަމްރީނު ކުރުމަށް ފަހު، ދިވެހީންނާ މިތިން އުޅަނދު ހަވާލު ކުރުމަށް ފަހު އިންޑިއާ ސިފައިން އެނބުރި ދާ ގޮތަށެވެ. ނަމަވެސް، ފުރަތަމަ ހެލިކޮޕްޓަރު ރާއްޖެ ގެނައިތާ 14 އަހަރު ފުރުނުއިރު ވެސް އިންޑިއާ ސިފައިން ރާއްޖެ ދޫކޮށެއް ނުދެއެވެ. އަދި މި ތިން އުޅަނދު ދުއްވަން ދިވެހީން ތަމްރީނެއް ވެސް ނުކުރެއެވެ. އަދި މިތަކެތި އުދުއްސަން ދިވެހީންނަށް ހުއްދައެއްވެސް ނުދެއެވެ.

އިންޑިއާ އިން ވިސްނައިދެމުން އަންނަނީ މިފަދަ އުޅަނދުފަހަރު ދުއްވަން ދިވެހީންނަށް ނޭނގޭނެ ކަމަށެވެ. އެކަމަކު ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާބޯޓުފަހަރުގެ ޕައިލެޓުންނަށް ވެސް ދިވެހި ޒުވާނުން އުޅެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގެ ފަހު އަހަރުގައި، 2018 ވަނަ އަހަރު، ދެ ޤައުމުގެ މެދުގައި ސިޔާސީ ހިޔާލް ތަފާތުވުން އުފެދުނީ ރައީސް ޔާމީނާ ވާދަކުރަން އެ އަހަރު އެމް.ޑީ.ޕީން ނިކުތް ކެންޑިޑޭޓަށް އިންޑިއާ އިން ތާއީދުކޮށް، ރައީސް ޔާމީނުގެ ވެރިކަން ބަދަލު ކުރުމަށް އިންޑިއާ އިން ފާޅުގައި މަސައްކަތް ކުރަން ފެށުމުންނެވެ. އެ ހިސާބުން، ދިވެހި ސަރުކާރުން އިންޑިއާ އަށް އެންގީ ރާއްޖޭގައި އޮތް މި ތިން އުޅަނދު އޮޕަރޭޓް ކުރަން ކަމަށް ބުނެ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށެވެ. އެ ސިފައިން އަނބުރާ ނުގެންދިއުމުން އެމީހުންގެ ވިސާ އާކޮށްދިނުމަށް ވެސް ރައީސް ޔާމީނުގެ ސަރުކާރުން ދެކޮޅު ހެދިއެވެ. ނަމަވެސް އެވަރުން ވެސް އިންޑިއާއިން އެމީހުންގެ ސިފައިން އަނބުރާ ނުގެންދިޔައެވެ. އެ އަހަރުގެ ރިއާސީ އިންތިހާބުން ރައީސް ޔާމީނު ބަލިވެވަޑައިގެން، އެމް.ޑީ.ޕީގެ އިބްރާހިމް މުހައްމަދު ސޯލިހަށް ރައީސްކަން ލިބިވަޑައިގަތުމުން އިންޑިއާ ބޭނުންވީ ގޮތަށް ހުރިހާ ކަމެއް ބަދަލުވެ، އިންޑިއާގެ ބާރު ދިވެހި ރާއްޖޭގައި ގަދަވެގެން ދިޔައެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ ރިއާސީ އިންތިހާބުގައި އިދިކޮޅުން ނިކުތް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިއްމު ވައުދަކަށްވީ އިންޑިއާ ސިފައިން ދިވެހި ރާއްޖެއިން ބޭލުމެވެ. މިދިޔަ އަހަރު ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޑރ. މުއިއްޒުގެ ސަރުކާރުން ބެލިބެލުމުން ފެނުނީ ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ތިބިކަމަށެވެ. މި 88 ސިފައިން 15 މާޗްގެ ކުރިން އަނބުރާ ގެންދިއުމަށް އިންޑިއާ ސަރުކާރުގައި ދިވެހި ސަރުކާރުން ރަސްމީކޮށް ބުނިކަމުގައި ވިއަސް އިންޑިއާއިން އެކަމަށް އެއްބަހެއް ނުވިއެވެ. މާޗް 15ގެ ބަދަލުގައި މޭ 10ގެ ކުރިން ސިފައިން އަނބުރާ ގެންދެވިދާނެ ކަމަށާއި، ނަމަވެސް ތިން އުޅަނދު އޮޕަރޭޓް ކުރަން މަދަނީ ޕައިލެޓުންނާއި މަދަނީ ޓެކްނީޝަނުން އިންޑިއާއިން ރާއްޖެއަށް ގެންނަން ޖެހޭނެ ކަމަށް އިންޑިއާ އިން ބުންޏެވެ.

އިންޑިއާގެ 88 ސިފައިން މޭ 10ގެ ކުރިން އަނބުރާ ގެންގޮސް، ޔުނިފޯމް ބާލައި، މަދަނީ ހެދުން އެޅި އިންޑިއާގެ 88 ސިފައިން ރާއްޖެ ފޮނުވިއަސް ދިވެހި ސަރުކާރަށް އެއީ ސިފައިން ނޫންކަން ޔަޤީން ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ. މިގޮތަށް ޔުނިފޯމް ބަދަލުކޮށްލާފައި އިންޑިއާ ސިފައިން އަނެއްކާ ރާއްޖެ ގެނައުމަކީ ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އިންޑިއާ އައުޓްކުރުން ބާވައެވެ؟ އެއީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުން ކަމަށް ވޭބާވައެވެ؟ މިއީ ބޭރުފުށް ރީތިކޮށްލާފައި، އިންޑިއާ ރުއްސަން، ދިވެހި ރައްޔިތުންގެ ލޮލުގައި އަޅުވާލެވޭ އަނދުނެއް ނޫން ބާވައެވެ؟

ދިވެހި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މައްސަލައާ ގުޅިގެން، ދެ ޤައުމުގެ މެދުގައި މަޝްވަރާ ކުރުމަށް އެކުލަވާލި ހައިލެވެލް ކޯގްރޫޕްގެ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމަށް ފަހު ދެވަނަ ބައްދަލުވުން ނިއުދިއްލީގައި ބޭއްވުމުން ވެސް، ސިފައިން ބޭލުމަށް އިންޑިއާ ދެކޮޅުހެދިއެވެ. އިންޑިއާ އިން ތަކުރާރުކޮށް ބުނަމުން އައީ މިތިން އުޅަނދުވެސް ނުގެންދާނެ ކަމަށާއި އަދި އެތަކެތި އޮޕަރޭޓް ކުރަން އިންޑިއާ މީހުން ތިބެން ޖެހޭނެ ކަމަށެވެ! އެންމެ ފަހުން ދިވެހި ސަރުކާރުން މިވަނީ އިންޑިއާގެ ޕްރެޝަރަށް ދީލާލައި، އިންޑިއާ އެދޭ ގޮތަށް އިންޑިއާ ސިފައިންގެ "ބަދަލުގައި" އިންޑިއާގެ "މަދަނީ" ޕައިލެޓުން ގެނައުމަށް އޯކޭ ދީފައެވެ. މިއީ އެތަކެއް ދިވެހި ރައްޔިތުން ކަރުން ނާރު ފުއްޕައި، މަގުތަކަށް ނިކުމެ، ސޯޝަލް މީޑިއާގައި ވެސް ގޮވި "އިންޑިއާ އައުޓް" ކެމްޕެއިނަށް ޖެހި ޖޯކެއް ނޫން ބާވައެވެ؟ ކަން މި ނިމުނީ އިންޑިއާ ބޭނުންވީ ގޮތަށެވެ. ދިވެހި ސަރުކާރުން މިކަމާ މެދު ދެވަނަ ވިސްނުމަކަށް ދާންޖެހެއެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ފަސް ވަނަ އަހަރު، އިނގިރޭސީންގެ ކިބައިން ރާއްޖެ އަށް މިނިވަންކަން ލިބުމަށް ފަހު ދިވެހި ރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތް ޤައުމުތަކުގެ ތެރޭގައި އިންޑިއާ އާއި އިޒްރޭލް ހިމެނެއެވެ. އަދި 1972 ވަނަ އަހަރު އިންޑިއާގެ ހައިކޮމިޝަނެއް ރައްޖޭގައި ޤާއިމް ކުރި ހިސާބުންވެސް އިންޑިއާގެ ކަޅި ވަނީ ދިވެހި ރާއްޖެއަށް ހުއްޓިފައެވެ. ނަވާރަސަތޭކަ އަށްޑިހަ އަށް ވަނަ އަހަރު، ތަމަޅަ ޓައިގަރުންގެ ޓެރަރިސްޓް ޖަމާއަތެއް ކަމުގައިވާ ޕްލޮޓްގެ އެހީގައި، ދިވެހީންގެ ބަޔަކާ ގުޅިގެން، ރައީސް މައުމޫނުގެ ވެރިކަން ބަގާވާތަކުން ވައްޓާލަން އުޅުމުގެ އަޑީގައި އޮތީ އިންޑިއާގެ ސިއްރު ސިފައިން ކަމުގައިވާ "ރޯ" ކަމަށް، ދިރާސާ ކުރާ ވަރަށް ގިނަ ބަޔަކު ބުނެއެވެ. ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށް އެމް.ޑީ.ޕީ ތެދުވުމުން، އެ ހަރަކާތުގެ ލީޑަރަކަށް ގެނެވުނު މުހައްމަދު ނަޝީދަކީ އިންޑިއާއިން ތަމްރީނުކޮށް، މިލިއަނުން ފައިސާދީގެން ރާއްޖެ ފޮނުވި، ރޯގެ އެޖެންޓެއް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އަދި ނަޝީދުގެ ފަހުން އެމް.ޑީ.ޕީއާ ގުޅުނު މާރިޔާ ދީދީ އާއި އަބްދުﷲ ޝާހިދަކީ ވެސް ރާއްޖޭގެ ސަރުކާރުގެ ތެރެއަށް އިންޑިއާއިން ވެއްދި، އިންޑިއާގެ ރޯގެ ދެ އެޖެންޓުންނެވެ.

ރޯގެ އެޖެންޓުންގެ ގޮތުގައި ދިވެހީންގެ ގިނަ ބަޔަކު ރެކްރޫޓްކޮށް، ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާއެއްގައި ރޯގެ އެޖެންޓުން ޕްލާންޓްކޮށް، ބޭރުފުށުން ޝައްކުވެސް ނުވާވަރަށް އިންޑިއާގެ ނުފޫޒު ދިވެހި ސަރުކާރާއި ދައުލަތުގެ ތެރެއަށް ފެތުރިފައިވާ ކަމަށް ކަމުގެ މައުލޫމާތު ހުރި މަސްދަރަކުން މިކޮލަމަށް މައުލޫމާތު ދީފައިވެއެވެ.

ރޯއިން ދިވެހި އެޖެންޓުން ރެކްރޫޓް ކުރަން ބޭނުންކުރާ އުކުޅުތައްވެސް އެ މަސްދަރުން ވަނީ ކިޔައިދީފައެވެ. އެގޮތުން، ވިޔަފާރިވެރިއެއް ނުވަތަ އެނޫންވެސް ފަންނެއްގެ މީހެއްގެ ގޮތުގައި ތައާރަފްވެ، ދިވެހި މީހާއާ ގުޅުން ބަދަހިކޮށް، މާލީ ގޮތުން ބޮޑެތި އެހީތައވެ، އިތުބާރު ބިލްޑްކޮށް، ފަހުން މިލިއަނުން ފައިސާދީ، އަދި، އިންޑިއާ އަށް ގެންގޮސް ފައިވް ސްޓާރ ހޮޓެލް ތަކުގައި ކަސްބީ އަންހެނުން ނުވަތަ އެއްޖިންސުގެ ކަސްބީންގެ ހިދުމަތްދީ، ވީޑިއޯކޮށް، ބްލެކް މެއިލް ވެސް ކުރާ ކަމަށް އޭނާ މައުލޫމާތުދިނެވެ. އިންޑިއާ ބުނާހާ ގޮތަކަށް ހަދާނަމަ ވީޑިއޯތައް ހުންނާނީ ސިއްރެއްގެ ގޮތުގައެވެ. އަދި އިންޑިއާ އަށް ތެދުވެރިވާނަމަ މަލްޓިމިލިއަނަރަކަށް ހަދައި، ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް ފަންޑްކޮށް، އެހީތެރިވެއެވެ. މިފަދަ ރޯގެ ގިނަ އެޖެންޓުން ދިވެހި ރާއްްޖޭގެ އެކިއެކި މުހިއްމު މުއައްސަސާ ތަކުގައި ތިބޭނެ ކަމަށް ވެސް ކުރިން މިދެންނެވި މަސްދަރުން ޔަޤީންކަން ދެއެވެ.

މި ދެންނެވި މަސްދަރުން މައުލޫމާތު ދިން ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ މިވަގުތުވެސް ޑިސިޝަނެއް ނަންގަވައިފިނަމަ ވަރަށް ފަސޭހަކަމާއެކު އިންޑިއާގެ ބަޔަކަށް ދިވެހި ރާއްޖެ ހަދާލާނެއެވެ. އިންޑިއާ ސިފައިން ތިބީ އެފަދަ ސިގްނަލަކަށް ބަލަބަލައެވެ. ހާލަތު މިހާ ނުރައްކާވެފައި އޮތް އިރު ރާއްޖޭގައި ތިބި އިންޑިއާގެ 90 ވަރަކަށް ސިފައިން ނުބޭލިގެން ދިވެހި ސަރުކާރުން އިންޑިއާ އަށް އާދޭސް ކުރުމުންވެސް އެޤައުމުން އެއްބަސްވީ ބަދަލުގައި "މަދަނީ" މީހުން ފޮނުވާ ގޮތަށް ސިފައިން ގެންދިއުމަށެވެ. މިއީ ދިވެހި ދައުލަތުގެ މިނިވަންކަމުގައި އިންޑިއާއިން ކޮޅުފައިން ޖެހުމެވެ.

ރާއްޖޭގެ އެކި މުއައްސަސާ ތަކުގައި އިންޑިއާއިން ތަމްރީނުކޮށް އިމްޕްލާންޓް ކޮށްފައިވާ ދިވެހި ރޯ އެޖެންޓުންގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ޓީޗަރުން، އިންޖިނިއަރުން، އެކައުންޓެންޓުން އަދި ރިސޯޓް މެނޭޖަރުން ފަދަ އިންޑިއާ މީހުންގެ ތެރޭގައި ވެސް އިންޑިއާގެ ރޯ-އެެޖެންޓުން ތިބޭނެ ކަމަށް މިކޮލަމަށް މައުލޫމާތު ދިން މަސްދަރުން ބުންޏެވެ.

އިންޑިއާގެ ވަކިތައް މިވަނީ ދިވެހި ރާއްޖޭގެ ވަރަށް ފުނަށް ވަދެފައެވެ. ބޯވައެއް ފަދައިން ހުރިހާ ދިމާއަކަށް ފެތުރި ވަކި ހިއްޕާލާފައެވެ. މި 90 ވަރަކަށް ސިފައިން އަނބުރާ ގެންދިޔައަސް އިންޑިއާގެ މި ނުރައްކާތެރި ރޭވުމުން ދިވެހި ދައުލަތާއި ދިވެހި ރައްޔިތުން އަދި ސަލާމަތެއް ނުވާނެއެވެ. އިންޑިއާ ސިފައިން ފޮނުވާލުމުގެ އިތުރުން، ރާއްޖޭގައި ވަޒީފާ އަދާކުރާ އިންޑިއާގެ ހުރިހާ މީހުން ފުރިހަމައަށް ވެޓްކޮށް، ބަލައި، ފިޔަވަޅު އަޅައިގެން މެނުވީ މިކަމުން ސަލާމަތެއް ނުވާނެއެވެ.

އިންޑިއާ އައުޓް މިހާރު މިވަނީ އިންޑިއާ ބޭނުންވާ ގޮތަށް، ސިޔާސީ ސްޓަންޓަކަށް ބަދަލުވެފައެވެ. ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިކަންކަމާ ފުންކޮށް ވިސްނައި، ނިންމުންތައް އަލުން މުރާޖާކޮށް، ދެވަނަ ވިސްނުމަކަށް ގޮސް، ރައީސް ނާސިރު، ދިވެހި ޤައުމު އިނގިރޭސީންގެ ކިބައިން މިނިވަންކުރި ގޮތަށް، ގަޓު ހުރެގެން ކުރިމަތިލައިގެން މެނުވީ އިންޑިއާ އައުޓެއް ނުކުރެވޭނެއެވެ. އިންޑިއާ އައުޓް ކުރުމުގެ އިތުރުން، އިންޑިއާގެ ނުރައްކާތެރި ރޭވުންތަކުން މި ދިވެހި ޤައުމު، އޭގެ ހަޤީޤީ މާނައިގައިވެސް މިނިވަން ކުރަން ޖެހެއެވެ. ދިވެހި ޤައުމަށް އަލުން މިވަނީ މިނިވަންކަން ހޯދައިދޭން ޖެހިފައެވެ. އިންޑިއާގެ ކިބައިންނެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

2 Responses

  1. ނާސިރު މިނިވަންކަމަށް މަސައްކަތް ކުރެއްވި އިރު ދިވެހިރާއްޖޭގެ ހުރިހައި ރައްޔަތުން ތިބީ ނާސިރާއެކުގައެވެ. މިއަދު މި ގައުމުގެ އިދިކޮޅު ޕާޓީއާއި އެ ޕާޓީއަށް ތާއީދު ކުރާ ގިނަ މީހުން ތިބީ އިންޑިޔާއާ އެކުގައެވެ. ދެން މިތަން މިނިވަންކަން އަނބުރާ ހޯދޭނީ މުއުމިނުން އެ މީހުންގެ ހަތިޔާރު ބޭނުންކޮށްގެންނޭ ކިޔަމާތޯ އެވެ؟. އެވަރުގެ އީމާންތެރީން މިއަދު ކޮބައިތޯއެވެ؟ އިންޑިޔާގެ ޕޮލިސީއަކީ އިޒްރާއީލުގެ ޕޮލިސީއެވެ. އަމިއްލަ ގައުމު ތެރޭގައި ތިބި ރައްޔަތުން މަރާ ވެރިކަމެއް އޮތްތަނަކުން ބޭރު ގައުމަކަށް އަރައި، އެ ތަން އަތްދަށުވުމަށްފަހު ވަރަށް ލޯބިން ހޭހަން ކުރާނެހެއްޔެވެ؟ ރައްޔަތުން ހޭލާނެއެވެ. ހޭލާއިރު އެ މީހުންގެ އަމިއްލަ މި ވަޒަނުގައި އެ މީހުންނަށް އޮންނާނީ ޣައްޒާގައި އެ ތަނުގެ ރައްޔަތުންނަށް އެ އޮތް މަގާމެވެ.

  2. "އިންޑިއާގެ ނުރައްކާތެރި ރޭވުންތަކުން މި ދިވެހި ޤައުމު، އޭގެ ހަޤީޤީ މާނައިގައިވެސް މިނިވަން ކުރަން ޖެހެއެވެ."

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *