Support Us

އިސްރާއީލުގެ ޖަރީމާތަކާ ބެހޭ މަސްއަލައިގައި ރާއްޖެއާއެކު 52 ޤައުމަކުން ތަދައްޚުލުވާނެ

ފަލަސްޠީނުގެ ބިމުގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާބެހޭ ގޮތުން ބައިނަލް އަޤްވާމީ އިންސާފު ކޯޓުގައި 52 ޤައުމަކުންނާއި ތިން ޖަމްޢިއްޔާއަކުން ތަދައްޚުލުވާނެ ކަމަށް އެ ކޯޓުން ރޭ އިޢުލާންކޮށްފިއެވެ. މި ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނޭ ކަމަށް މި ކޯޓުން ބުންޏެވެ.

މި ކޯޓުން ބުނާގޮތުގައި މި ޤައުމުތަކުންނާއި ޖަމްޢިއްޔާތަކުގެ ވާހަކަތައް އަޑުއެހުމަށް ޓަކައި މި ކޯޓުން ބާއްވާ ޖަލްސާތައް  އޮންނާނީ މި މަހު 19 އިން 26 އަށެވެ. މި ޖަލްސާތައް އޮންނާނީ ހާމަކޮށް  ހުޅުވައިލައިގެންނެވެ. މި ކޯޓުގައި ރާއްޖެ ވާހަކަ ދައްކާނީ މި މަހު 26 ވަނަ ދުވަހުއެވެ.

ދެކުނު އެފްރިކާއިން މި ކޯޓުގައި އުފުލައިފައިވާ ދަޢުވާއާ ބެހޭގޮތުން ތަދައްޚުލުވާ 52 ޤައުމުގެ އިތުރަށް މި މަސްއަލައިގެ ތެރެއަށް ތަދައްޚުލުވާ ތިން ޖަމްޢިއްޔާއަކީ އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާ (އޯއައިސީ) އާއި ޢަރަބި ލީގާއި އެފްރިކާގެ އިއްތިޙާދެވެ. މިއިން ކޮންމެ ޤައުމަކަށާއި ޖަމްޢިއްޔާއަކަށް ވާހަކަދެއްކުމަށް ލިބޭނީ 30 މިނެޓުއިރު ކަމަށް މި ކޯޓުގެ އިޢުލާނުގައި ވެއެވެ. 

މި ހުސްވި ޖަނަވަރީ މަހު ވަނީ ދެކުނު އެފްރިކާގެ ދަޢުވާއާމެދު ކޯޓުން ނިޔާތަކެއް އިއްވައިފައެވެ. ބައިނަލްއަޤްވާމީ އިންސާފު ކޯޓުން އިއްވި ނިޔާގައި ޣައްޒާގައި ހިނގަމުންދާ ނަސްލުހޭދު މަނާކުރުމަށާއި އެކަމަށް ހިތްވަރުދިނުން ހުއްޓުވުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް އިސްރާއީލަށް އަމުރުކޮށްފައި ވެއެވެ. މި ކޯޓުން އިއްވި ނިޔާގައި ދެކުނު އެފްރިކާއިން އިސްރާއީލުގެ މައްޗަށް އުފުލި ދަޢުވާގައި ހިމެނޭ ހުރިހާ ޢުންޞުރުތަކެއް ބަލައިގަތުމަށް ނިންމިއެވެ. އަދި ދެކުނު އެފްރިކާގެ ދަޢުވާ ބަލައިނުގަތުމަށް އިސްރާއިލުން ހުށައެޅި ހުށައެޅުން ބަލައިނުގަނެ ރައްދުކުރުމަށް ވެސް ކޯޓުން ނިންމިއެވެ.  

ކޯޓުގެ ނިޔާގައި އައިސްފައި ވެއެވެ. "ނަސްލުހޭދުގެ މުޢާހަދާގެ  2ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ނަސްލުހޭދުގެ ތެރޭގައި ހިމެނޭ އެންމެހާ ޢަމަލުތައް މަނާކުރުމަށް އިސްރާއިލަށް ކުރެވެން އޮތް ހުރިހާ ފިޔަވަޅުތަކެއް އަޅަންޖެހޭނެއެވެ."

ކޯޓުން ބުނިގޮތުގައި ޣައްޒާގެ ފަލަސްޠީނު ރައްޔިތުންނަށް ނަސްލުހޭދުގެ އެންމެހާ ޢަމަލުތަކުން ޙިމާޔަތްވުމުގެ ޙައްޤު ލިބިގެންވެއެވެ. 

މި ކޯޓުގެ ނިޔާގައި އިތުރަށް ބުންޏެވެ. "ޣައްޒާގެ ރައްޔިތުން މެރުމާއި އެމީހުން ނައްތައިލުމާއި އެމީހުންގެ ތަންތަން ހަލާކުކުރުމާ ގުޅިފައިވާ އެންމެހާ ކަންތައްތަކާ އިސްރާއީލު ދުރުހެލިވާން ޖެހޭނެއެވެ. އަދި ޣައްޒާއަށް ބޭނުންވާ އިންސާނީ ޟަރޫރީ މުހްތާދުތައް އަވަހަށް ތަނަވަސްކޮށްދިނުމުގައި އިސްރާއީލުން ޖާމިނުވާން ޖެހޭނެއެވެ."

ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަކުން ވަނީ  ކޯޓުގެ މި  ޤަރާރުތަކަށް މަރްޙަބާ ކިޔައިފައެވެ. އޮކްޓޫބަރު ހަތަކުން ފެށިގެން އިސްރާއީލުން ދަނީ ޣައްޒާގައި ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ޢަސްކަރީ ޢުދްވާނުތައް ދެމުން ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. މި ޤައުމުތައް ބުނާގޮތުގައި ކޯޓުގެ  ޤަރާރަކީ ފަލަސްޠީނު ރައްޔިތުން ޢަދްލުއިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ކުރިއަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. މި ޤައުމުތަކުން ދަނީ އިސްރާއީލުގެ ޖަރީމާތަކަށް އަދަބު ދިނުމަށް ގޮވައިލަމުންނެވެ. 

މި ކޯޓަށް ގޮންޖަހަމުން އިސްރާއީލުން ދަނީ ފަލަސްޠީނީންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންނެވެ.ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާ ބުނާގޮތުގައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާގައި މިހާތަނަށް ވަނީ 27،947 މީހުން  ޝަހީދުވެފައެވެ. އަދި 67،459 މީހުން ވަނީ ޒަޚަމުވެފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅީންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *