...

Support Us

ނަމޫނާގެ މުހިއްމުކަން

ކުޑަ ކުއްޖަކު ނިދައިފައި އޮވެފައި ގާތުގައި ބައްޕަ ނެތުމުން ބައްޕަ ހޯދަންވެގެން ބަލައިލިއިރު ބައްޕަ ފެނުނީ ކޮޓަރީގެ އެއްކަނެއްގައި ދަމުނަމާދު ކުރަން ހުއްޓައެވެ. އެހިނދު ފާޚާނާއަށް ވަދެ ވުޟޫކޮށްގެން އައިސް ބައްޕަ ކައިރީގައި ހުރެ ނަމާދު ކުރަން ފެށިއެވެ. މި ގޮތަށް މި ކުއްޖާފުޅު ކަންތައް ކުރަން ފެށުމުން އަނެއް ދުވަހު އޭނާގެ މަންމަ އެކުއްޖާ ގަޔާ ލަފައިލައިފާ މަޑުމަޑުން ބުންޏެވެ. "ރޭގަނޑު ނުތެދުވެ ދަރިފުޅު ނިދާލާށެވެ! އަދި ދަރިފުޅު މާ ކުޑައެވެ. ދަރިފުޅުގެ ހަށިގަނޑަށް މާ ބޮޑަށް ނިދި ބޭނުންވާނެއެވެ." އެ ކުއްޖާ މަންމައަށް ދޮނެއްދީފައި ޖަވާބުގައި ބުންޏެވެ. "ލޯބިވާ މަންމާއެވެ! މަންމަ އުނދުން ރޯކުރާއިރު މަށަށް ފެންނަނީ މަންމަ ބޮޑެތި ދަރުބުރިތަކުގެ ކުރިން ކުދި ދަރުކޮޅުކޮޅު އުނދުނަށް ލާތަނެވެ. އަހަރެން ކުޑައިރު މަރުވެއްޖެނަމަ ބޮޑެތި މީހުންގެ ކުރިން އަހުރެން ނަރަކައަށް އެއްލައިލެވިދާނެތީ ބިރުގަނެއެވެ."

މި ކުޑަ ކުއްޖާފުޅަށް ރޭގަނޑު ދަންވަރު މި ކުރާ ދަމުނަމާދުގެ ކަންތައްތައް އެނގުނީ ކިހިނެއްހެއްޔެވެ؟ މި ކުއްޖާގެ ބައްޕަ އެ ކަންތައް ކުރާ ތަން ފެނިގެންނެވެ. ބައްޕަ ކުރާ ކަންތައް އޭނާ ވެސް ކުރީއެވެ. މިއަށް މި ކިޔަނީ "ނަމޫނާ" އެވެ.

ނަމޫނާއަކީ ވަރަށް އަސަރު ހުރި ނުފޫޒު ގަދަ އެއްޗެކެވެ. ޙުދައިބިއްޔާގެ ދުވަހުގައި މުޝްރިކުންނާއެކު ހެއްދެވި ޞުލްޙަނާމާއަށް ފަހު ޙަދީސްކުރެއްވިއެވެ. ތިޔަބައިމީހުން ހަދްޔު ކަތިލައި ބޯ ބާލާށެވެ. "މާތް ﷲ ރުއްސުންލެއްވި އަލްމިސްވަރު ބިން މަޚްރަމަތުގެފާނު ވިދާޅުވިއެވެ. "މާތް ﷲ ގަންދެއްވާ ވިދާޅުވަމެވެ. ހަމަ އެކަކުވެސް އެކަލޭގެފާނަށް އިޖާބަ ނުދިނެތެވެ."

ކީރިތި ރަސޫލާ ﷺ ތިން ފަހަރު އެ ކަންތައްތައް ކުރުމަށް ވިދާޅުވުމަށްފަހު އެކަލޭގެފާނަށް އިޖާބަ ނުދިނުމުން ވަރަށް ދެރަފުޅުވެގެން ތެދުވެވަޑައިގެން އަނބިކަނބަލުން އުއްމު ސަލަމަތުގެފާނު އަރިހަށް ވަޑައިގެން ކަންތައް ހިނގައިދިޔަގޮތް ވިދާޅުވެ ދެއްވިއެވެ. އެ ހިނދު އެކަމަނާ ދެންނެވިއެވެ. "އޭ ﷲގެ ނަބިއްޔާއެވެ. އެމީހުންގެ ތެރެއަށް ނުކުމެވަޑައިގެން އެއްވެސް އެއްޗެއް ވިދާޅުނުވެ ކަލޭގެފާނުގެ ހަދްޔު ކަތިލުއްވާށެވެ! އެއަށްފަހު އިސްތަށިފުޅު ތުރުކުރާ މީހާ ގެންނަވައި އިސްތަށިފުޅު ތުރުކުރައްވާށެވެ!" އުއްމު ސަލަމަތުގެފާނު ދެންނެވިގޮތަށް ކީރިތި ރަސޫލާ ﷺ އެކަންކަން ކުރެއްވުމުން ޞަޙާބީން ތެދުވެވަޑައިގެން ރަސޫލާއާ އެއްގޮތަށް ހަދްޔު ކަތިލުއްވާ އިސްތަށިފުޅު ތުރުކުރައްވައިފިއެވެ.[1]

ﷲ މީސްތަކުންގެ ގާތަށް ރަސޫލުބޭކަލުން ފޮނުއްވީ ބޮޑެތި މުޢުޖިޒާތްތަކާއެކުގައެވެ. އެހެނަސް މީސްތަކުން އެބޭކަލުންނާ ތަބާވުން މަނާކުރީ ކާބަފައިންނަށް ތަބާވުމުގެ ސަބަބުންނެވެ. ކާބަފައިން ނަމޫނާއަކަށް ބަލައިތީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (بَلْ قَالُوا إِنَّا وَجَدْنَا آبَاءَنَا عَلَى أُمَّةٍ وَإِنَّا عَلَى آثَارِهِمْ مُهْتَدُونَ * وَكَذَلِكَ مَا أَرْسَلْنَا مِنْ قَبْلِكَ فِي قَرْيَةٍ مِنْ نَذِيرٍ إِلَّا قَالَ مُتْرَفُوهَا إِنَّا وَجَدْنَا آبَاءَنَا عَلَى أُمَّةٍ وَإِنَّا عَلَى آثَارِهِمْ مُقْتَدُونَ[2]– އަދި ކިއެއްތަ! އެއުރެން ބުނޫއެވެ. ތިމަންމެންގެ ކާބަފައިން دين އެއްގެ މަތީގައި ވަނިކޮށް ތިމަންމެން ހަމަކަށަވަރުން، ދުށީމުއެވެ. އަދި ހަމަކަށަވަރުން، އެއުރެންގެ أثر ތަކުގެ މަތީގައި ތިމަންމެން ހިނގަނީއެވެ. އަދި ހަމަ އެފަދައިން އެރަށެއްގައި ތިބި ތަނަވަސްކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުން ހަމަކަށަވަރުން، ތިމަންމެންގެ ކާބަފައިން دين އެއްގެ މަތީގައި ވަނިކޮށް ތިމަންމެން ދުށީމުއޭ އަދި ހަމަކަށަވަރުން، އެއުރެންގެ أثر ތަކުގެ މަތީގައި ތިމަންމެން تبع ވެގެން ހިނގަމުއޭ ނުބުނާ އެއްވެސް ރަށަކަށް إنذار ކުރެއްވުމަށް ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ އެއްވެސް رسول އަކު ނުފޮނުއްވަމެވެ.))

ނަމޫނާއަކީ ރަނގަޅު ޞާލިޙު ނަމޫނާއެއްނަމަ އެ ނަމޫނާއަށް ތަބާވާ ބަޔެއްގެ އުޚްރަވީ ގޮވައްޗަކަށް ވާނީ ސުވަރުގެއެވެ. މިއާޚިލާފަށް ނުރަނގަޅު ނުބައި ނަމޫނާއެއްނަމަ އެ ނަމޫނާއަށް ތަބާވާ މީހުންގެ އުޚްރަވީ ގޮވައްޗަކަށް ވާނީ ނަރަކައެވެ. ރަނގަޅު ނަމޫނާގެ ސަބަބުން ވާނީ ބާއްޖަވެރިއެވެ. ނުރަނގަޅު ނަމޫނާގެ ސަބަބުން އަބާއްޖަވެރިއެވެ.

ނަމޫނާއަކަށް ބަލާނީ ކާކު 

ދެން އުފެދޭ ސުވާލަކީ ނަމޫނާއެއް ކަމުގައި ބަލާނީ ފަހެ ކާކު ހެއްޔެވެ؟

އެއްވެސް ޝައްކެއްނެތް ގޮތުގައި ތަބާވާންޖެހޭ އެންމެ ރަގަނޅު ނަމޫނާއަކީ ރަސޫލުންނާއި ނަބީންނެވެ. ކީއްވެގެން ހެއްޔެވެ؟ އެބޭކަލުން ކުށުން ޙިމާޔަތްކުރައްވައިފައިވާތީއެވެ. މާތް ﷲ ޢައްޒަ ވަ ޖައްލަ އެބޭކަލުންނަށް ތާއީދުކުރައްވަވާތީއެވެ. އެބޭކަލުން އަބަދުވެސް ރަނގަޅު މަގު ދައްކަވައިފައިވާތީއެވެ. އެބޭކަލުންނަށް ކިޔަމަންގަތް މީހުންނަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިފައިވާތީއެވެ. އެބޭކަލުންނާ ދެކޮޅުހަދައި ނުކިޔަމަންތެރިވީ މީހުންނަށް އަބާއްޖަވެރިކަން ލިބިފައިވާތީއެވެ.

ރަސޫލުބޭކަލުންގެ ތެރޭގައި އެންމެ އިސްކަންދޭން ޖެހޭ ނަމޫނާއަކީ އަޅުގަނޑުމެންގެ ރަސޫލާ އަދި ނަބިއްޔާ ﷺ އެވެ. އެކަލޭގެފާނަކީ ހުރިހާ ނަބިއްޔުންގެ އިމާމެވެ. އެކަލޭގެފާނަކީ ޤިޔާމަތްދުވަހުން އަޅުގަނޑުމެންނަށް ޝަފާޢަތްތެރިވެ ވަޑައިގަންނަވާނެ ސާހިބާއެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ. ((لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا[3]– ހަމަކަށަވަރުން، اللَّه ގެ رسول އާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّه ގެ ދަރުމައާއި، آخرة ގެ ثواب އަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.)) ކީރިތި ރަސޫލާ ﷺ އަށް އިޤްތިދާވި މީހާއަށް (ތަބާވި މީހާއަށް) އެވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. ރަސޫލާއަށް ތަބާވުމަކީ ﷲގެ އަޅާ އެކަލާނގެދެކެ ލޯބިވާކަމުގެ ޢަލާމާތެކެވެ. އެއީ ﷲގެ މަޣްފިރަތާއި ފުއްސެވުން އޭނާއާށް ލިބޭނެ ކަމެކެވެ. ﷲ ވަޙީކުރެއްވިއެވެ. ((قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ [4]– ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް تبع ވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.))

އަޅުގަނޑުމެން މުސްލިމުން ނަމޫނާކަމުގައި ބަލަންޖެހޭ ދެވަނަ ބަޔަކީ ކީރިތި ރަސޫލާ ﷺގެ ސައްތައިގެ މީހުންނެވެ. ނުވަތަ އެކަލޭގެފާނުގެ ޞަޙާބީންނެވެ. އެއަށްފަހުގައި ދެން އައި ސައްތައެވެ. އެއީ ތާބިޢީންނެވެ. ދެން ތިންވަނަ ސައްތައިގެ ބޭކަލުންނެވެ. މި ތިން ސައްތައިގެ މާތްކަން ކީރިތި ރަސޫލާ ﷺ ވަނީ ބަޔާންކުރައްވައިފައެވެ. ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((خَيْرُ النّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ [5]– އެންމެ ރަނގަޅު މީހުންނަކީ ތިމަންކަލޭގެފާނުގެ ސައްތައިގެ މީހުންނެވެ. ދެން އެއާ ޖެހުނު ސައްތައެވެ. ދެން އެއާ ޖެހުނު ސައްތައެވެ.))

ކީރިތި ރަސޫލާ ﷺ ވަނީ އެކަލޭގެފާނުގެ ޞަޙާބީންނަށް ތަބާވުމަށް އަންގަވައި ނަސޭހަތްދެއްވައިފައެވެ. ޙުޛައިފަތު رضي الله عنه ވިދާޅުވިއެވެ. "ތިމަންބޭކަލުން ކީރިތި ރަސޫލާ ﷺގެ އަރިހުގައި ތިއްބަވަނިކޮށް ޙަދީސްކުރެއްވިއެވެ. ((ތިމަންކަލޭގެފާނަށް ތިޔަބައިމީހުންގެ ތެރޭގައި ހުންނެވޭނީ ކިހާ ދުވަހަކު ކަމެއް އެނގިވަޑައެއް ނުގަންނަވައެވެ. ތިމަންކަލޭގެފާނަށް ފަހު ތިޔަބައިމީހުން މި ދެބޭކަލުންނާ ތަބާވާށެވެ. މިހެން ޙަދީސްކުރައްވާ އަބޫބަކްރުގެފާނަށާއި ޢުމަރުގެފާނަށް އިޝާރާތްކުރެއްވިއެވެ. އަދި ތިޔަބައިމީހުން ޢައްމާރުގެ ގޮތަށް ތަބާވާށެވެ. އަދި ފަހެ ތިޔަބައިމީހުން އިބްނު މަސްޢޫދު ދައްކަވާ ވާހަކަތައް ތެދުކުރާށެވެ!))[6]

ކީރިތި ރަސޫލާ ﷺ ގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((فإنَّهُ مَنْ يَعِشْ مِنكمْ بَعدِي فسَيَرى اخْتلافًا كثيرًا، فعليكُمْ بِسُنَّتِي وسنَّةِ الخُلفاءِ المهديِّينَ الرّاشِدينَ، تَمسَّكُوا بِها، وعَضُّوا عليْها بالنَّواجِذِ [7] –ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ފަހު ތިޔަބައިމީހުންގެ ތެރެއިން ދުނިޔޭގައި އުޅޭ ބަޔަކަށް ވަރަށް ގިނައިން ދެބަސްވުންތައް ފެންނާނެއެވެ. ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ސުންނަތާއި ރާޝީދު ޚަލީފާއިންގެ ގޮތުގައި ހިފަހައްޓާށެވެ! ފަހެ ތިޔަބައިމީހުންނަށް ލިބިފައިވާ ހުރިހާ ބާރަކާއެކު އެ ގޮތުގައި ހިފަހައްޓާށެވެ!))

ﷲގެ ފޮތާއި ކައު ރަސޫލާގެ ސުންނަތާ އެއްގޮތަށް ބަހާއި ޢަމަލު ހުންނަ، ޞާލިޙު ބޭބޭކަލުންނާ އިޤްތިދާވާށެވެ!

ފަހަރެއްގައި މީހަކު ސުވާލުކޮށްފާނެތެވެ.ހުޅަނގާއި އިރުމަތި ކޮޕީނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ އެމީހުންގެ އީޖާދުތައް ވަނީ ކަނޑައި އެއްގަމާއި ވައި ފުރާލައިފައެވެ. އެމީހުންގެ އީޖާދުތަކާ އެއްވަރަށް އަހުރެމެންނަށް ވަނީ ކަމެއް ކުރުމަށް ނުކުޅެދުންތެރިވެފައެވެ.

ޖަވާބުގައި ބުނަންޖެހެނީ އައު އީޖާދާއި ދީނާއި އަޚްލާޤު ވަރަށް ތަފާތެވެ. ދިނާއި އަޚްލާޤާއި އަގުތަކުގައި އަޅުގަނޑުމެން އެހެން އެއްވެސް ބަޔަކު ކޮޕީކޮށްގެން ނުވާނެއެވެ. ނަމޫނާއަކަށް ބަލައިގެން ނުވާނެއެވެ. އަޅުގަނޑުމެން އެމީހުންނާ ތަބާވުމުން މަގުގެއްލިދާނެތެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((يَاأَيُّهَا الَّذِينَ آمَنُوا إِنْ تُطِيعُوا الَّذِينَ كَفَرُوا يَرُدُّوكُمْ عَلَى أَعْقَابِكُمْ فَتَنْقَلِبُوا خَاسِرِينَ[8]– އޭ إيمان ވެއްޖެ މީސްތަކުންނޭވެ! كافر ވި މީހުންނަށް ތިޔަބައިމީހުން ކިޔަމަންވާނަމަ، ތިޔަބައިމީހުންގެ ފުރަގަހަށް އެއުރެން ތިޔަބައިމީހުން އަނބުރާ ރައްދުކޮށްފާނެތެވެ. (އެބަހީ: ތިޔަބައިމީހުން دين ން ބޭރުކޮށްފާނެތެވެ.) ފަހެ، (އެހިނދު) ތިޔަބައިމީހުން އެނބުރިދާނީ، ގެއްލެނިވެގެންވާ حال ގައެވެ.)) ﷲ ތަޢަލާ ((އެހެން ބަސްފުޅެއްގައި ވެއެވެ. ((وَدُّوا لَوْ تَكْفُرُونَ كَمَا كَفَرُوا فَتَكُونُونَ سَوَاءً[9] – އެއުރެން كافر ވި ފަދައިން، ތިޔަބައިމީހުންވެސް كافر ވާނެ ނަމައޭ ހިތައި އެކަމަށް އެއުރެން އެދުނޫއެވެ. އޭރުން ތިޔަބައިމީހުން (އެއުރެންނާ) ހަމަހަމަވެދާނެތެވެ.))

އެހެންކަމުން ކާފަރުންނަކީ މުސްލިމުން ނަމޫނާކަމުގައި ބަލައިގެންވާނެ ބައެއްނޫނެވެ. މި އުންމަތުގެ ޙިބްރު މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢައްބާސުގެފާނު ވިދާޅުވިއެވެ. ((އޭ މުސްލިމުންނޭވެ! ތިޔަބައިމީހުން އެއްޗަކާ ބެހޭގޮތުން އަހްލުކިތާބީންނާ ސުވާލުކުރާނީ ކިހިނެއްހެއްޔެވެ؟ ތިޔަބައިމީހުންގެ ކީރިތި ރަސޫލާ ﷺ ގެ މައްޗަށް ބާވައިލައްވައިފައިވާ ފޮތުގައި މާތް ﷲ އެންމެ ފަހުގެ ޚަބަރުތައް ވަނީ ބަޔާންކުރައްވައިފައެވެ. މާތްﷲ މި ފޮތުގައި އަންގަވައިފައިވާ ގޮތުގައި އަހްލުކިތާބީން ވަނީ އެބައިމީހުންގެ އަމިއްލަ އަތުން އެބައިމީހުންގެ ފޮތްތައް ބަދަލުކޮށްފައެވެ. އެ ފޮތްތައް އެބައިމީހުން ބަދަލުކުރުމަށްފަހު ލިޔުނީ އެބައިމީހުންގެ އަމިއްލަ އަތުންނެވެ.))[10]

އެހެނަސް އަހްލުކިތާބީންނާ މުޢާމަލާތު ކުރަންވާނީ ޢަދްލުވެރިކަމާއި ހިތްހެޔޮކަމާއެކުގައެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ[11]– ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.)) އެމީހުންނާއެކު ގަނެވިއްކުމުގެ މުޢާމަލަތުތައް ކުރަންވީއެވެ. އެމީހުންގެ މާއްދީ ޙަޟާރަތުން ފައިދާލިބިގަންނަންވީއެވެ. އެހެނަސް މި ޙަޟާރަތުގެ އޮއިވަރުގައި ޖެހި ގެއްލެނިވެގެން ގޮސްގެން ނުވާނެއެވެ.))

މީސްތަކުންގެ އިސްވާރަކަށް ވާން އެދޭ މީހާއަށާއި، މީސްތަކުންނަށް ﷲގެ ރަނގަޅު މަގު ދައްކަން އެދޭ ޚާޠިބުންނަށާއި ވާޢީޡުންނަށް އަދި ރަނގަޅު ތަރްބިޔަތުދޭން އެދޭ މުރައްބީންނަށް ދޭންޖެހޭ ނަސޭހަތަކީ އެންމެ ފުރަތަމަ ތިބާގެ ނަފްސުން އިޞްލާޙު ފަށާށެވެ! ތިބާގެ ޙާލަތު އިޞްލާޙުކުރާށެވެ! ﷲގެ މަންހަޖަށް ތިބާ ތަބާވާށެވެ! މީސްތަކުންނަށް ކުރަން ތިބާ އަމުރު ކުރާ ކަންތައްތައް ތިބާ ފުރަތަމަ ކުރާށެވެ! މީސްތަކުންނަށް ދުރުހެލިވުމަށް ތިބާ ގޮވައިލާ ކަންތައްތަކާ ތިބާ އެންމެ ފުރަތަމަ ދުރުވެގަންނާށެވެ! ތިބާ ނަމޫނާއަކަށް ވާށެވެ! މައިންބަފައިންނަށް ބުނަލަން އޮތީ ހަމަ މި ވާހަކައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنْسَوْنَ أَنْفُسَكُمْ وَأَنْتُمْ تَتْلُونَ الْكِتَابَ أَفَلَا تَعْقِلُونَ [12]– ތިޔަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ حال ގައި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގެމަތިން ހަނދާން ނައްތާލައި، މީސްތަކުންނަށް ހެޔޮކަންތަކަށް أمر ކުރަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟)) އެހެން ބަސްފުޅެއްގައި ވެއެވެ. ((يَاأَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ * كَبُرَ مَقْتًا عِنْدَ اللَّهِ أَنْ تَقُولُوا مَا لَا تَفْعَلُونَ[13]– އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، اللَّه ގެ حضرة ގައި ނުރުއްސެވުން ބޮޑުވެގެންވެތެވެ.))

 

[1]  –  ބުޚާރީ  ބަލާ!

[2]  – الزخرف: 22-23

[3]  – الأحزاب: 21

[4]  –  آل عمران: 31

[5]  – أخرجه البخاري (٦٤٢٩)، ومسلم (٢٥٣٣)

[6]  – أخرجه الترمذي (٣٨٠٥)  وابن ماجه (٩٧)، وأحمد (٢٣٢٧٦)

[7]  –  أخرجه أبو داود (٤٦٠٧)  والترمذي (٢٦٧٦)، وابن ماجه (٤٣)، وأحمد (١٧١٤٤)

[8]  – آل عمران: 149

[9]  – النساء: 89

[10]  – صحيح البخاري ( ٧٥٢٣)

[11]  – الممتحنة: 8

[12]  – البقرة: 44

[13]  –  الصف: 2-3

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.