...

Support Us

ވާހަކަ: ހިތްއެދޭތީ- 12

"އަހަރެން އެހެން ބުނީ ސަމާސާއަކަށޭ… ސިމާމަކީ އެކަހަލަ މީހެއް ނޫނެއްނު؟" ދީނާ ވާހަކަ ދެއްކި ގޮތުން ނަދުވާ ހުރީ ދެރަވެފައެވެ. ހިތްހަމަނުޖެހިފައެވެ.

"އަސްލުވެސް ބުނަންތަ؟ ސުނޭއާ ވަކިވާން ޖެހުނު ގޮތް މިއެނގުނީ ކުރީ ދުވަހު… އެ ދުވަހުގެ ފަހުން މި ހިތް ބަދަލުވެއްޖެ. ސުނޭ އަށްޓަކައި މި ހިތުގައި ވިންދު ޖަހަން ފަށައިފި… އަހަރެން މީ ސުނޭގެ މިލްކެއް… ހަމައެކަނި ސުނޭގެ."

"ހުއްޓައިލާ… ސިމާމު ކަހަލަ ތެދުވެރިއަކަށް ތިޔަހެން ހަދައިފާނެހެން އަހަރެން ފަހަރެއްގައިވެސް ހިޔެއް ނުކުރަން،" ނަދުވާގެ އަޑު ބާރުވެފައި ނުރުހުމުގެ އަސަރު އެކުލެވިފައި ވެއެވެ.

"ނަދުވާ ވެސް ރުޅި މަޑުކޮށްފައި ނިކަން އަޑު އަހާބަލަ…؟" މިހެން ބުނުމަށްފަހު ކަންތައް ވީގޮތް ފެށުނީއްސުރެ ނިމެންދެން ދީނާ ކިޔައިދިނެވެ.

"ދެން ހެޔޮ… އަހަރެން ގަބޫލުކުރަން… އެކަމު… ސިމާމަށް ތަކަން ވީގޮތް އެނގެންވާނެ؟ އޭނާއަށް ތިކަންތައް އޮޅުން ފިލުވައިދޭން ވާނެ؟"

"އޭރުން ރަނގަޅެއް ނުވާނެ؟ އަހަންނަށްޓަކައި އަދި މިކަންތައް ސިއްރު ކޮށްލަދީ.." ދީނާ އެނދުނީ އެކަންތައްތައް ސިއްރު ކޮށްދިނުމަށެވެ. އެހެން ކަމުން ހިތާ ދެކޮޅަށް ނަމަވެސް ނަދުވާވެސް އެކަމާ އެއްބަސްވިއެވެ. ދުވަސްވީ ރަހުމަތްތެރިކަމަށްޓަކައެވެ. ބެސްޓް ފުރެންޑް ވީމައެވެ.

ދީނާ އިނީ ޖޯލިފަތީގައެވެ. ސިމާމުގެ ފޯން ކޯލުގެ އިންތިޒާރުގައެވެ. އެއްފަހަރު އަތުކުރި ގަޑިއަށް އަނެއް ފަހަރު އަތުގައި އޮތް ފޯނުން ގަޑި ބަލައިލައެވެ. ފޫހިވެފައި އިން ކަހަލަ ގޮތަކަށެވެ. އެ ފޯނު ކޯލްއަށް އިންތިޒާރު ނުކުރާ ކަހަލައެވެ.

ފޯނު ރިންގުވާން ފެށިއެވެ. ނުނަގަން ހުއްޓަސް ދީނާ އެންމެ ފަހުން ފޯނު ނެގިއެވެ.

"ހެލޯ… ދީނާ ކިހިނެއްތަ؟ ރަނގަޅު ދޯ؟" ދީނާ އެއްޗެއް ބުނަން ފުރުސަތެއް ނުދީ ސިމާމު ވާހަކަ ދެއްކިއެވެ.

"ހޫނ ރަނގަޅު. ސިމާމު ކިހިނެއް؟"

"ރަނގަޅު… ވަރަށް މިސްވޭ."

"އަހަރެންވެސް.."

"އުނީ ދީނާ ނެތީމަ… ހިތަށް އަރާ އަހަރެން ކައިރީ ދީނާ ހުރި ނަމައޭ… ގެންނަންވީ ދޯ؟" ސިމާމު އެހިއެވެ.

"ނޫން… އޭރުންނޯ؟ އަހަރެން ނުދާނަން… އަދި ތިޔަ އުޅެނީ ހަމައަކަށް ވެސް ނޭޅި،" ދީނާ އިންކާރު ކުރިއެވެ.

"އަހަރެން ސަމާސަކޮށްލީއޭ… ހިތްހަމަނުޖެހުނީތަ؟ އަހަރެން ވަރަށް ދެރަވާނެ ދީނާ ހިތްހަމަނުޖެހިފަ ހުންނަންޏާ؟ އެހެން ނުހުންނާތި. އަހަރެން ނެތީމަ ވަރަށް ވައި ދޯ؟"

"ނޫނޭ… ނަދުވާ އެހުރީއެއްނު. އޭނަ ހުރިއްޔާ ފޫއްސެއްނުވާނެ،" ސިމާމު އެހެން ބުނުމުން ދީނާ އަވަސް އަވަހަށް ބުންޏެވެ.

"އަހަރެން މަތިން ހަނދާން ނައްތައިނުލައްޗޭ.. އަހަރެމެން ކައިވެނިކޮށްގެން މާލޭގައިދޯ އުޅޭނީ؟"

ދީނާ އެއްވެސް އެއްޗެއް ނުބުންޏެވެ.

"ދީނާ… އަޑު އިވޭތަ؟ ކީއްވެ އެއްޗެއް ނުބުނީ؟" ދީނާގެ ޖަވާބެއް ނުލިބުމުން ސިމާމު އެހިއެވެ.

"މާ އަވަހަށް މެރީގެ ވާހަކަ ދައްކާތީ؟" ފޫހި ރާގަކަށް ދީނާއަށް ބުނެވުނެވެ.

"ހާދަ އެހެން ގޮތަކަށް. ދީނާ ބޭނުމެއް ނުވޭތަ މެރީ ކުރާކަށް؟" ކުޑަކޮށް ހާސްވެފައި ސިމާމު އެހިއެވެ.

"ނޫން… އެހެންނެއް ނޫން. މާލޭގައި ފައިޖެހޭ ގޮތަށް އެވާހަކަ…. އަދި ތިޔަ އުޅެނީ ހަމަޖެހިވެސް ނުލެވިގެން. އަމިއްލަ ފައިމައްޗަށް ތެދުވެގެން އަހަރެން ބޭނުންވަނީ މެރީ އަކާ ހިސާބަށް ދާން،" ދީނާ ފާޅުކުރީ އޭނާގެ ޚިޔާލެވެ. އެ ޚިޔާލަށް ސިމާމުވެސް އެއްބަސްވިއެވެ. މާއަވަހަށް އޭނާއަށް ކައިވެނީގެ ވާހަކަ ދެއްކުނީ، ދީނާއާ އިނުމަށް އޭނާ ހުރި ޝައުގެއްގެ ބޮޑުކަމުންނެވެ.

ދެމީހުން ލޯބީގެ އެތައް ވާހަކައެއް ދެއްކިއެވެ. ދީނާ ފޯނު ނުބޭއްވިގެން އުޅޭކަމުގެ އިޙްސާސް ފުރަތަމަ ފަހަރަށް ސިމާމަށް ކުރެވުނެވެ.

"ތާކަށް ދާންވެފައި އޮތީތަ؟ ފޯނު ނުބެއްވިގެން ތިޔަ އުޅެނީ؟" ހިތްހަމަނުޖެހިފައި ސިމާމު އަހައިލިއެވެ.

"އުހުން… ދެން އަބަދު ފޯނުގައެއްވެސް ނޯވެ ވޭނެއެއްނު؟ ގޭގެ މަސައްކަތްތައް ވެސް އެބަހުއްޓޭ އެހެންވީމަ،" ދީނާ ދޮގުހެދިއެވެ. ހަގީގަތަކީ އޭނާގެ އެއްވެސް ޝައުގެއް ސިމާމާ ވާހަކަ ދެއްކުމަށް މިހާރު ނެތް ކަމެވެ.

"އެންމެ ރަނގަޅު ކޮންމެ ދުވަހަކު ވެސް އަހަރެން ގުޅާނަން. އިންތިޒާރު ކުރައްޗޭ؟… ވަރަށް ލޯބިވޭ؟… ވަރަށް މިސްވޭ؟… ލަވް ޔޫ،"

"ލަވް ޔޫ ޓޫ،" ދީނާ ފޯނު ކަނޑާލިއެވެ.

ދީނާގެ މި އަމަލުން ސިމާމުގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. އޭނާ ހިތަށް އަރަމުން ދިޔައެވެ. ދީނާއަށް މިހާރު އައިސްގެ އެއުޅެނީ ކޮން ބަދަލެއް ބާއެވެ؟ މިއަދުވެސް އަހަންނާ ވާހަކަ ދެއްކިއިރު ގަޔާވާގޮތެއް ނެތެވެ. އަވަސްއަވަސް ކޮށްލާފައި އުޅުނީ ފޯނު ބާއްވާށެވެ. މީކީ އެހެންޏާ ވާގޮތެއް ނޫނެވެ. އަނެއްކާ ކިހިނެއްވީބާއެވެ؟ ސިމާމު ޚިޔާލުގެ ތެރެއަށް ގޮސް ޣަރަގު ވެއްޖެއެވެ. ދީނާއަށް އައި ބަދަލު އޮޅުންނުފިލަނީހެއް އޭނާގެ ހިތަކަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ސިމާމު ފިކުރުތަކާއެކު އެނދުގައި އިށީނދެގެން ދަތްދޮޅީގައި އަތް ވިއްދާލައިގެން އޮއްވައި އޭނާ ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ކޮނޑުގައި އަތް ބާއްވާލީމައެވެ.

"ސިމާމް…. ހާދަ ފުން ޚިޔާލެއްގައި؟ ކިހިނެއްވީ؟" ސިމާމު ކަމަކާ ފިކުރު ބޮޑުވެފައި އޮތްތަން ފެނުމުން ޒައިން އަހައިލިއެވެ.

"އަހަންނަށް ހީވަނީ. ދީނާ… ދީނާ ބަދަލުވެއްޖެހެން. ދެންމެ އަހަރެންނާ ފޯނުން ވާހަކަ ދެއްކީ މާ ގަޔާވާ ގޮތަކަށް ނޫން."

"ތީ އާކަމެއް ނޫން… ދެ ލޯބިވެރިން ދުރުގައި ހުންނަން ޖެހިއްޖެ ނަމަ ތިޔަ ކަހަލަ ޝައްކުތައް އުފެދޭނެ… ތިކަމާ މާބޮޑަށް ފިކުރު ބޮޑުކުރާން ވެއްޖެނަމަ ތިޔަ ހާސިލްކުރަން ބޭނުންވާ ކަންތައްތަކަށް ބުރޫ އަރާނެ… އަހަރެންގެ ބަހެއް އަހަންޏާ ތިޔަ ކަހަލަ ހަގީގަތެއް ނެތް ޚިޔާލުތަކާ ދުރުވެލާ.." ޒައިން އަކީ ކޫލް މީހެކެވެ. އޭނާ އަކީ ކަންކަމާ އެހާބޮޑަށް ފިކުރުކުރަން ބޭނުންނުވާ މިނިވަން ޚިޔާލުގެ ވެރިއެކެވެ. އެހެންކަމުން އޭނާ ބުނީ އޭނާއަށް ފެންނަ ގޮތެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.