Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ރައީސް ސޯލިހު ހައްޔަރުކުރޭ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ މަޤާމުން އަޒުލުކުރާނީ އެމް.ޑީ.ޕީ އާއި ޑިމޮކްރެޓްސް މެމްބަރުންގެ އިތުރުން، މަޖުލީހުގައި ތިބި ސަރުކާރަށް ނިސްބަތްވާ ޕާޓީގެ މެމްބަރުންގެ ތާއީދާ ވެސް އެކުގައި ކަމަށް އެމް.ޑީ.ޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވުމަކީ އިދިކޮޅުން ސަރުކާރަށް ދިން އިންޒާރުގެ ބޮޑު ރަނގަބީލެކެވެ. ވިސްނާލައްވާށެވެ! މަޖިލީހުގައި އެމް.ޑީ.ޕީ ތަމްސީލު ކުރައްވަމުން ގެންދެވި 13 މެމްބަރަކު ޑިސެމްބަރު 28 ގައި ޕީ.އެން.ސީ އަށް ސޮއި ކުރެއްވުމުން އެ ޕާޓީގައި މި ވަގުތު ތިއްބެވީ 15 މެމްބަރުންނެވެ. ސަރުކާރަށް ނިސްބަތްވާ ޕީ.އެން.ސީގެ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރުންނަކީ ދާދި ފަހަކާ ޖެހެންދެން އެމް.ޑީ.ޕީގެ ހާޑްކޯ އެކްޓިވިސްޓުންނެވެ. އެހެން ކަމުން ހެޔޮވަރު ވަރަކަށް ރިޝްވަތުގެ ފައިސާ ދީފި ނަމަ އެންމެ ފަހު ވަގުތު ރައީސް މުއިއްޒު ކަރަށް ފައިން އަރަން އެފަދަ ބައެއް މެމްބަރުން ފަހަތަށް ނުޖެހޭނެކަން އަބަދުވެސް ސަރުކާރުން ހަނދާން ބަހައްޓަން ޖެހޭނެއެވެ. ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ތާއީދާއެކު ރައީސް އަޒުލު ކުރާނަމޭ ބިގޭ އެ ވިދާޅުވަނީ މި ސަބަބާ ހުރެއެވެ!

އެމްޑީ.ޕީން އިއުލާން ކޮށްފައިވާ ގޮތުގައި ރައީސް އަޒުލް ކުރަން ހުށަހަޅަން ބޭނުންވާ ވަރަށް، މެމްބަރުންގެ ސޮއިވަނީ ހަމަކޮށްފައެވެ. އަދި އެ ކަމަށް އެންމެ އެކަށީގެންވާ ވަގުތުގައި އަޒުލް ކުރާ މައްސަލަ މަޖުލީހަށް ހުށަހަޅާނެ ކަމަށް ވެސް އެމް.ޑީ.ޕީން ވަނީ ބުނެފައެވެ. ރައީސް އަޒުލު ކުރަން ބޭނުންވާ ވަރަށް ސޮއި ހަމަވިއަސް އަދި އެ މައްސަލަ މަޖުލީހަށް ހުށަނާޅައި އެމް.ޑީ.ޕީން މަޑު ކުރާނީ ކޮންމެވެސް މުހިއްމު ސަބަބެއް އޮވެގެންނެވެ.

މި ދަނޑިވަޅާ ދިމާކޮށް ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަރަށް ކުއްލި ގޮތަކަށް މިވަގުތު ވަނީ އިންޑިއާ އަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ކޮމެންޓް ކޮށްފައިވާ ގޮތުގައި ޝާހިދު އިންޑިއާ އަށް ވަޑައިގަތީ ރައީސް ޑރ. މުއިއްޒު އަޒުލް ކުރަން މަޖުލިސް މެމްބަރުން ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. އަޒުލް ކުރުމުގެ މައްސަލަ މަޖުލީހަށް ހުށަނާޅައި އެމް.ޑީ.ޕީން މަޑުކުރަނީ ޝާހިދުގެ ދަތުރަށް ފަހު އެ މައްސަލަ ހުށަހަޅަން ކަމުގައި ޤަބޫލު ކުރެވެއެވެ.

ރާއްޖޭގެ އުތުރުގައި ޓްރާންސްޝިޕްމެންޓް ބަނދަރެއް އެޅުމުން އިންޑިއާ އަށް އިގްތިސޯދީ ގޮތުންނާއި ދިފާއީ ގޮތުން ލިބިދާނެ ގެއްލުމުން ސަލާމަތް ވުމަށްޓަކައި އިންޑިއާ އޮތީ ދިވެހި ސަރުކާރު، ވައްޓާލެވުނު ގޮތަކުން ވައްޓާލަން ތައްޔާރަށެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގެ 50 ވަރަކަށް މެމްބަރުން ގަނެލަން، ކޮންމެ މެމްބަރަކަށް ދެ މިލިއަން ޑޮލަރުގެ މަގުން، 100 މިލިއަން ޑޮލަރު ހަރަދުކޮށްލުމަކީ އިންޑިއާ ސަރުކާރަށް ކީއްކުރަން، އިންޑިއާ ސަރުކާރާ ގާތް ގުޅުމެއް އޮންނަ، އިންޑިއާގެ އެންމެ މުއްސަނދި، ބޮޑު މަހުޖަން، ގައުތަމް އަދާނީ އަށް އެކަނި ވެސް ވަރަށް ފަސޭހަ ކަމެކެވެ. މަލްޓި ބިލިއަނަރ އަދާނީ އަށް އެއީ މީހަކަށް ސައެއް ދިނުން ފަދަ ކުޑަ އަދަދެކެވެ. އަދާނީ އަކީ އިންޑިއާގެ، އަދި މުޅި އޭޝިއާގެ ވެސް އެންމެ މުއްސަނދި ސައުދާގަރެވެ. އަދި އޭނާ އަކީ ދުނިޔޭގެ ވެސް 12 ވަނަ އަށް އެންމެ މުއްސަނދި ވިޔަފާރިވެރިޔާ އެވެ. އަދާނީގެ މުއްސަނދި ކަމުގައި 97 ބިލިއަން ޑޮލަރު ހުރި ކަމަށް ބްލޫމްބާގް ބިލިއަނަރުންގެ އިންޑެކްސް އިން ދައްކައެވެ. އެއީ ގާތްގަނޑަކަށް އެއްލައްކަ މިލިއަން ޑޮލަރެވެ. އެހެން ކަމުން، މަޖުލިސް ގަނެލަން 100 ވަރަކަށް މިލިއަން ޑޮލަރު އޭނާ އެކަނިވެސް ދީފާނެއެވެ. ރައްޔިތުންގެ މަޖުލިސް ގަނެލުމަކީ އިންޑިއާ ސަރުކާރަށް ވަރަށް ފަސޭހަ ކަމެކެވެ!

މަޖިލީހުގެ ގަވައިދުގައި ކުރިން އޮތް ގޮތުން، އަދި ގާނޫނު އަސާސީގައި މިހާރު ވެސް އޮންނަ ގޮތުން، ރައީސުލްޖުމްހޫރިއްޔާ މަގާމުން އަޒުލު ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެމްބަރުންނެވެ. އެ އުސޫލުން ބެލި ކަމުގައި ވިޔަސް، އެމްޑީޕީގައި މިހާރު 44 މެމްބަރުން ތިއްބެވުމުގެ ސަބަބުން މަޖިލިހުން ނަގާ އެފަދަ ވޯޓެއް ފާސް ކުރުމުގެ ފުރުސަތެއް ނެތެވެ. އެމްޑީޕީއާ އެކުގައި މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ ވޯޓު ލިބުނަސް، އަޒުލު ކުރަން ގިނަވެގެން ލިބޭނީ 57 ވޯޓެވެ. އެހެން އެކަން އޮތުމުން، އެމް.ޑީ.ޕީން ވަނީ މި ޤަވާއިދު ބަދަލުކޮށް، ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ބައެއް މެމްބަރުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުން މަޖުލީހުގައި މިހާރު ހުސްވެފައިވާ ގޮނޑިތައް ނުހިމަނައި ޖުމްލަ އަދަދު ބަލާގޮތަށް ޤަވާއިދު ފާސްކޮށްފައެވެ. ޤަވާއިދަށް މި ގެނައި ކުއްލި ބަދަލާ އެކު އެމް.ޑީ.ޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ރައީސް އަޒުލު ކުރުމަކީ މިހާރު ވަރަށް ފަސޭހަ ކަމެކެވެ. ޤަވާއިދަށް މި ގެނައި ބަދަލަކީ ޤާނޫނުއަސާސީއާ ހިލާފް ބަދަލެއް ކަމަށް ބުނެ ސަރުކާރުގެ ފަރާތުން، ބަންޑާރަ ނައިބު އަހްމަދު އުޝާމް ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދައިފައެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ސަރުކާރާ އެއްކޮޅަށް ހުކުމް ކުރިއަސް، ޤާނޫނު އަސާސީ އަށް ބަދަލު ގެނެސްގެން، މަޖުލީހުގެ ޖުމްލަ އަދަދު ކަނޑައެޅުމުގެ ޤަވާއިދު ބަދަލު ކުރުމަކީ ވެސް އެމް.ޑީ.ޕީން ކޮށްފާނެ ކަމެކެވެ. އެ ހިސާބުން ދެން ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެއެވެ.

ވަރަށް ފާޅުގައި ހިންގަމުން މިދާ ސިޔާސީ ހައިޖާނަކީ އިންޑިއާ އަޑީގައި އޮވެގެން ދިވެހި ދައުލަތުގެ ރައީސުލް ޖުމްހޫރިއްޔާ އަޒުލްކޮށް، ސަރުކާރު ވައްޓާލަން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ހުންނަވައި ހިންގާ ސިޔާސީ ޖަރީމާއެކެވެ. ބޭރު ޤައުމަކުން އެހީ ހޯދައިގެން، ބޭރު ޤައުމަކުން ބުނާ ގޮތަށް، ދިވެހި ސަރުކާރު ވައްޓާލަން އުޅުމަކީ ހައި ޓްރީސަން އެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރަން އެމް.ޑީ.ޕީން، ރައްޔިތުންގެ މަޖުލީހަށް މައްސަލަ ވައްދާނީ އެކަށީގެންވާ ވަރަށް "ފަންޑްސް" ލިބި، މެމްބަރުންގެ އާނބަސް ލިބުމުންކަން ޔަޤީނެވެ. މި މައްސަލަ މަޖުލީހަށް ވެއްދުމާ އެކު ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަރުގަދަ ރައްދެއް ދޭން ޖެހެއެވެ. އަތްނުފޯރާ ހިސާބަށް މިކަން ދިއުމުގެ ކުރިން، ޤައުމަށް ގައްދާރު ވުމުގެ ތުހުމަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އަބްދުﷲ ޝާހިދާއި، މާރިޔާ ދީދީ އާއިި އަބްދުﷲ ޝަމާލް ހައްޔަރު ކުރަން ޖެހެއެވެ. ކުއްލި ނުރައްކާ ނުވަތަ އިމަޖެންސީ ޤާނޫނު ހިންގަން ޖެހިއްޖެ ހާލަތެއްގައި ކުއްލި ނުރައްކަލުގެ ޤާނޫނު ވެސް ހިންގަން ޖެހެއެވެ. އަދި މަޖުލިސް ސަސްޕެންޑްކޮށް، އުވާލަން ޖެހިއްޖެ ހާލަތެއްގައި މަޖުލިސް އުވާލަން ވެސް ފަސް ޖެހިގެން ނުވާނެއެވެ. ޤާނޫނު އަސާސީއެއް އޮންނާނީ ޤައުމެއް އޮވެގެންނެވެ!

އެމް.ޑީ.ޕީ އާއި އިންޑިއާ އިން މި ހިންގާ ސިޔާސީ ޖަރީމާ އަކީ ސަރުކާރު ޒިއްމާދާރު ކުރުވުމުގެ ނިވާފަތްގަނޑުގައި ފިލައިތިބެ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް ހަމަނޭވާ ލާން ފުރުސަތު ނުދީ، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ދިވެހި ސަރުކާރަށް ގެއްލުވާލައި، ތަރައްޤީގެ އެތައް މަޝްރޫއެއް ހުއްޓުވުމަށްޓަކައި ހިންގޭ ޖަރީމާއެކެވެ. ހާއްސަކޮށް އުތުރުގެ ޓްރާންސްޝިޕްމެންޓް ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓުވުމަކީ އިންޑިއާގެ އެންމެ މުހިއްމު އެއް ބޭނުމެވެ.

ރާއްޖޭގައި މިހާރު މި ހިނގާ ސިޔާސީ ހައިޖާނުގެ ހަޤީޤީ މޭސްތިރިއަކީ އިންޑިއާ އެވެ. ބޭނުމަކީ، ރާއްޖެ ސިޔާސީ ހައިޖާނަކަށް ވައްޓާލައި، ސަރުކާރު ގިއްގަޅުވާލައި، މަޖުލިސް ރައީސް މުހައްމަދު އަސްލަމަށް ވަގުތީ ގޮތުން ރައީސްކަން ދީ، އާ އިންތިހާބެއް ބާއްވައި، އިބޫ ސޯލިހު އަލުން ވެރިކަމަށް ގެނައުމެވެ.

އިންޑިއާ އިން ވިއްކާ ކޮލިޓީ ދަށް ބިސް، އަލުވި، އަދި ކާޑާއި ޑޮކްޓަރީ ބޭސް ގެނައުން މަޑު ޖައްސާލައި، ތުރުކީ ވިލާތާއި ޔޫރަޕް ފަދަ ސަރަަހައްދުތަކުން ކާޑާއި ޑޮކްޓަރީ ބޭސް ފަދަ ތަކެތި ގެނައުމަށް ރައީސް މުއިއްޒު ނިންމެވުމަކީ އިންޑިއާ އަށް ހަޖަމު ކުރެވޭނެ ކަމެއް ނޫނެވެ. އާސަންދަ ވެސް އިންޑިއާ ނޫން އެހެން ޤައުމުތަކަަށް ހުޅުވާލަން ރައީސް މުއިއްޒު ނިންމެވުމަކީ އިންޑިއާ އަށް ހަޖަމު ކުރެވޭނެ ކަމެއް ނޫނެވެ. ރާއްޖޭގެ އުތުރުގައި ޓްރާންސްޝިޕްމެންޓް ބަނދަރެއް ހެދުމަކީ އިންޑިއާ އަށް މާލީ ގޮތުން ބިލިއަނުން ގެއްލުންވާނެ، އަދި އެފަދަ ބަނދަރެއް ހެދުމުގައި ޗައިނާ ބައިވެރިވުމުން އިންޑިއާގެ ސަލާމަތަށް ނުރައްކާވަނެ ކަމެއް ކަމަށް އިންޑިއާ ބަލާނެއެވެ. އެއާ އެމްބިއުލާންސް ހިދުމަތް އަންނަ މާޗު މަހު ލަންކާ އަށް ފަށަނީ އެވެ. އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓު ބޭނުން ކުރުން ހުއްޓާލައި، 15 މާޗުގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ދިވެހި ސަރުކާރުން ވަނީ އަންގާފައެވެ. މިފަދަ އެތައް ސަބަބުތަކަކާ ހުރެ އިންޑިއާ އަޑީގައި އޮވެގެން މިޤައުމުގެ ސަރުކާރު ވައްޓާލައި، ދިވެހި ޤައުމަށް މަދަނީ ހަމަނުޖެހުމެއް ގެނެސް، ލޭއޮހޮރުވުމަކަށް ގެންދަން އަންނަނީ ތައްޔާރުވަމުންނެވެ.

ސިޔާސީ މި ހައިޖާން ކޮންޓްރޯލުން ނުނައްޓަނީސް ރައީސް ޑރ.މުއިއްޒު ރަތް ރަނގަބީލަށް ފިއްތަވާލައްވަން ޖެހެއެވެ. ރަނގަޅު ވަގުތު ބައްލަވާފައި، ކޮންޓްރޯލް ނުގެއްލެނީސް، ރައީސް ސޯލިހާއި، އަބްދުﷲ ޝާހިދާއި، މާރިޔާ ހައްޔަރުކޮށް، ހައި ޓްރީސަންގެ ދައުވާ އެ ފަރާތްތަކުގެ މައްޗަށް އުފުލަން ޖެހެއެވެ. އަދި، ސިޔާސީ ގުޅުން ކަނޑާލަން ޖެހިއްޖެ ނަމަ އިންޑިއާއާ ސިޔާސީ ގުޅުން ކަނޑާލައި، ހިންގަން ޖެހިއްޖެ ނަމަ އިމަޖެންސީ ވެސް ހިންގަން ޖެހެއެވެ. ދިވެހި ރައްޔިތުން ޑރ. މުއިއްޒު ރައީސް ކަމުގެ މަޤާމަށް ހޮވީ ދިވެހި ޤައުމާއި ރައްޔިތުން ހިމާޔަތް ކުރާށެވެ.

އިންޑިއާ އާއި އެމް.ޑީ.ޕީ އާއި ދަޑިމޮކްރެޓްސް ގުޅިގެން ހިންގާ މި ޖަރީމާ ރާވަނީ ކުރީގެ ދެ ރައީސުން ކަމުގައިވާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު އެއްގަލަކަށް އަރާވަޑައިގެން، އިންޑިއާއިން ތާއީދާއި ފަންޑު ލިބިގެންނެވެ. މި ދައްކަނީ ބޮޑު ވާހަކައެކެވެ. ދުނިޔޭގެ ފެންވަރުގެ ވާހަކައެކެވެ! އިންޑިއާ އާއި އެމެރިކާ އޮތީ ބަލާށެވެ. ބަޖެޓު އޮތީ ބޭނުން ވަރަކަށް ތަންމިނަށް ހުޅުވާލެވިފައެވެ. ހިކުމަތު އަމަލީ ބޭނުން ކުރައްވައިގެން ރަނގަޅު ވަގުތުގައި ރަތް ރަނގަބީލަށް ފިއްތަވާ ލައްވާށެވެ. ފީއަމާނަﷲ އެވެ!