Support Us

އިންޑިއާގެ ނިޔަތެއް ނޭނގޭ

މޯދީ ބޭއަށް

ސަލާމާއި ނަމަސްތޭ!

އިންޑިއާ (ބާރަތު އަދި ހިންދުސްތާނު)ގެ މިނިވަން ދުވަހުގެ ހެއު އެދުމާއި ތަހުނިޔާ މަނިކުފާނަށާއި އާއިލާއަށާއި އެންމެހާ ރައްޔިތުންނަށް، ޗައިނާގެ އަތުނުޖެހޭ ގޮތަށް، އިންޑިއާ ކަނޑު ހުރަސްކޮށް ފޮނުވަމެވެ.

މޯދީ ބޭއެވެ!

އިއްތިފާގަކުން ނަމަވެސް، ނަސީބަކުން ނަމަވެސް މަނިކުފާނުގެ ގައުމުގެ މިނިވަން ދުވަސް މިފަހަރު މި ދިމާވީ އިންޑިއާ ސަރުކާރުގެ ދީލަތިކަމުން މާލީ އެހީތަކެއް ރާއްޖެއަށް ލިބެމުންދާކަމުގެ އަޑު މީޑިއާއިން ފަތުރަމުންދާ ދުވަސްވަރެއްގައެވެ. އެކަމަކު އެއީ ހިލޭ އެހީއެއް ކަމެއް، ލޯނެއް ކަމެއް، ލޯނެއް ނަމަ އަނބުރާ ދައްކަންޖެހެނީ ކިތައް އަހަރުން ކަމެއް، އިންޓްރެސްޓަށް ނަގަނީ ކިހައިވަރެއް ކަމެއް ރައްޔިތުންނަކަށް ނޭނގެއެވެ. އެކަން އެނގޭނެ ގޮތެއް ނުވާނެތޯއެވެ؟ މި ސުއާލު މިދެންނެވީ އެމްޑީޕީގެ ވެރިކަމެއްގައި އިންޑިއާ ސަރުކާރުން ބަޖެޓު ސަޕޯޓަށް ދިން މިލިއަން ޑޮލަރުތަކެއް އިންޑިއާއިން ހަމަ ކުއްލިއަކަށް ޖަހައިގަތް ގޮތުންނެވެ. އިންޑިއާ ސަރުކާރުން ކުރިން ހެދިގޮތަށް މިފަހަރުވެސް ހަދައިފިނަމަ އޯގާތެރިކަން ބަދަލުވާނީ އަނިޔާވެރިކަމަށެވެ. ބުނެވޭނީ އިންޑިއާއިން ރާއްޖޭގެ ގޮހޮރު ދަމައިގެންފި ކަމަށެވެ.

މޯދީ ބޭއެވެ!

މަނިކުފާނު މަހާރާޝްޓްރާގެ ޗީފް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މުސްލިމުންނާއި ހިންދޫންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި މުސްލިމުންގެ ގަތުލުޢާންމެއް ހިނގިއެއް ނޫންތޯއެވެ؟ އަދި އެކަމުގެ އިލްޒާމު މަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވައި ކިހާވަރަކަށް ނޫސްތަކުގައި ލިއުނު ނޫންތޯއެވެ؟ އެމެރިކާގެ ފަސްގަނޑަށް މަނިކުފާނު އަރާވަޑައިގަތުން އެމެރިކާއިން މަނާކުރިއެއް ނޫންތޯއެވެ؟ އެދުވަސްވަރުވެސް ހިތުގައި ކޮންމެ އެއްޗެއް އޮތަސް ދިވެހި ރައްޔިތުން މަނިކުފާނާ ދެކޮޅަށް މުޒާހަރާއެއް ނުކުރެއެވެ. އެއްޗެކޭ ނުބުނެއެވެ. އަދި މިހާރުވެސް ހިތުގައި ކޮންމެ އެއްޗެއް އޮތަސް ދެކޮޅަށް އެއްޗެކޭ ބުނާކަށް ނޫޅެއެވެ. އެހެނީ ކަޝްމީރުގެ މުސްލިމުންނަށް އިންޑިއާގެ ސަލާމަތީ ބާރުތަކުން ގޯނާ ކުރަމުންދާ ގޮތަށް ޗައިނާގެ މުސްލިމުންނަށް ވެސް ޗައިނާއިން ދަނީ އަނިޔާ ކުރަމުންނެވެ.

މޯދީ ބޭއެވެ!

މިދޭތެރެއަކުން ޗައިނާއާއި ދިވެހި ސަރުކާރާ ގުޅިގެން ހާދަ ގިނަ ކަންތައްތަކެއް ރާއްޖޭގައި ހިންގައިފިއެވެ. ނޭޅޭނޭ ކަމަށް ސިޔާސީ ލީޑަރުން ވިދާޅުވި ބުރިޖު އަޅައި، ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫޢުތަކެއް ހިންގައިފިއެވެ. ބައެއް ސިޔާސީ ލީޑަރުން ވިދާޅުވަނީ އެއީ ތަރައްގީއެއް ނޫން ކަމަށާއި ދަރަނި ދަންތުރައެއް ކަމަށެވެ.

މޯދީ ބޭއެވެ!

އިންޑިއާއިން ދިވެހިރާއްޖެއަށް ވަމުންދާ އެހީއާއި ދެމުންދާ ލޯނަކީ ވެސް ދަރަނި ދަންތުރައެއްތޯއެވެ؟ އިންޑިއާގެ އެހީގައި އަޅާ ބުރިޖު ޗައިނާ މީހުން ބުރިޖު އެޅިހެން އެޅޭނެތޯއެވެ؟ ބުރިޖުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް މިހާތަނަށް ބުނި ތާރީޚުތައް މަސައްކަތް ނުފެށި ތާރީޚުގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ. އިންޑިއާގެ އެއްގަމުގައި ބުރިޖު އަޅާގޮތަށް މަސައްކަތްތައް ރާވައިގެން ކަނޑު ހުރަސްކޮށް އަޅާ ބުރިޖެއް ނޭޅޭނެއެވެ. އެންމެ ފަހުން ކުށްވެރިވާނީ ވާދޫ ކަނޑުގެ އޮއިވަރުކަން ވެސް ނޭނގެއެވެ.

މޯދީ ބޭއެވެ!

ދިވެހިރާއްޖެއަށް ބޭނުންވަނީ މަގުބައްތި ޖަހައިގެން ގެންނަ ތަރައްގީއެއްނޫނެވެ. އައްޑުއަށް ބޭނުންވަނީ ޕޮލިސް ޓްރޭނިން ސެންޓަރެއް ނޫނެވެ. ރައްޔިތުންނަށް ވަޒީފާ ލިބޭފަދަ މަޝްރޫޢުތަކެވެ. އިންޑިއާގެ އެހީގައި ރާއްޖޭގައި ފާޚާނާ ބަރިއެއް ހަދާކަށް ދިވެހިން ބޭނުމެއްނޫނެވެ. އެފަދަ ފާޚާނާ ބަރިތައް ހަދަންވީ މަގުމައްޗަށް ޤަޟާހާޖަތްކުރާ އިންޑިއާ މީހުން އުޅޭ އިންޑިއާގެ ސަރަހައްދުތަކުގައެވެ.

މޯދީ ބޭއެވެ!

ރާއްޖޭގެ މަސްވެރިން ބާނާ މަހަށް ހަމައަގު ނުދެވިގެން ސަރުކާރުން އުޅޭކަން މަނިކުފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ އިންޑިއާގެ ރައްޔިތުންގެ އަދަދު ބިލިއަނަކަށްވުރެ މަތިން ގުނޭއިރު ރާއްޖޭގެ ކަނޑުތަކުން ބާނާ ތާޒާ ރޯމަހާއި އިންޑިއާ ސަރުކާރުގެ އެހީގައި ހަދާ ގޭދޮށު ކާރުޚާނާއިން ތައްޔާރުކުރާ ވަޅޯމަހާއި ހިކިމަސް އިންޑިއާއަށް އެތެރެކޮށް ވިއްކޭނެ ގޮތެއް ހަމަޖައްސައި ނުދެއްވޭނެތޯއެވެ؟ ޗައިނާއާ ރާއްޖޭގެ ގުޅުން ބަދަހިވަމުންދާނަމަ މަސްގަތުން ހުއްޓާވެސް ލެވިދާނެ ނޫންތޯއެވެ؟

މޯދީ ޖީއެވެ!

އިންޑިއާ ހާދަހެވޭ ހާދަހެވޭ ބުނަން ބޭނުންވާ މީހުން ވެސް ތިބީ ވާނުވާއެއް ނޭނގޭތީއާއި އިންޑިއާގެ ނިޔަތެއް ނޭނގޭތީ އަނގަހުޅުވަންވެސް ނުކެރިފައެވެ. ކުޑަކުދިން ރޭޕްކުރާ މީހުން ވެސް އެކަން ކުރަނީ މެޓާދީ ޗޮކްލެޓު ދީ އޯގާވެރިކަން ދައްކާފައިނޫންތޯއެވެ؟ އިންޑިއާއިން ދިވެހިރާއްޖެ "ރޭޕް" ނުކުރާނެތޯއެވެ؟ އިންޑިއާއަކީ ރޭޕް ކުރުމުގެ ޗެމްޕިއަނުން ނޫންތޯއެވެ؟

މުސްލިމު ދިވެހިން ރޭޕްކޮށް ދިވެހި ގައުމު "ރޭޕް"ވާތަން ދެކޭކަށް ރައްޔިތުން ބޭނުމެއް ނުވާނެއެވެ.

ރާއްޖޭގައި ރޭޕާއި ޖިންސީ ގޯނާގެ މައްސަލަތައް ތަހުގީގު ކުރަނީ ވެސް އަރަތެއްގެ ގޮތަށެވެ. އަޖާއިބު އަންތަރީސް ވާފަދަ ގޮތަކަށެވެ. ރައީސް އޮފީހުގެ ބޭފުޅަކު ޖިންސީ ގޯނާއެއް ކުރައްވައިގެން އަޑުއެރިޔަސް، ޓުއަރިޒަމް މިނިސްޓަރު ޖިންސީ ގޯނާގެ މައްސަލައެއްގައި ވަޒީފާއިން ވަކި ކުރިޔަސް، "ރޮޔަލް ފެމިލީ"ގެ ބޭފުޅަކު ރޭޕެއް ކުރެއްވިޔަސް، ތަހުގީގު ހިނގާ ގޮތެއް، ވާއެއް ނުވާއެއް ނޭނގޭނެއެވެ. އެކަމަކު ޓެކްސީ ޑްރައިވަރަކު ޖިންސީ ގޯނާއެއް ކޮށްފިކަމުގެ ތުހުމަތެއް ވެއްޖެނަމަ އޭނާ ބަންދުކުރާނީ ޝަރީޢަތް ނިމެންދެނެވެ.

މޯދީ ބޭއެވެ!

ގަންގާ ކޯރުގެ ނުސާފު ފެންގަނޑު ސާފު ކުރައްވައި ބިންމައްޗަށް ދޯލިބޯލި ކުރާ މީހުންނަށް ފާޚާނާގެ ނިޒާމެއް ގާއިމުކޮށްދެއްވައި ކަރަންޓާއި ބޯފެނުގެ ދަތިކަން ފޯރާފައިވާ ރައްޔިތުންނަށް ހައްލު ހޯއްދަވައިދެއްވައި ތައުލީމާއި ސިއްހަތުގެ އެހީތެރިކަން އާންމު ކުރައްވައި ފަގީރުކަން އިންޑިއާއިން ނައްތާލައްވަން މަނިކުފާނު ކުރައްވާ މަސައްކަތްތަކަށް ކާމިޔާބީއަށް އެދެމެވެ. އަދި ހަނދަށާއި އިރަށް ދާން އިންޑިއާއިން ކުރަމުންދާ މަސައްކަތުގައި ހެއު ރަހުމަތް ލައްވާށިއެވެ!

ކޮޗިން-ރާއްޖެ ދަތުރު ވަރަށް އަވަހަށް ފެށޭނެ ވާހަކަ ދައްކާތާވެސް ލައްކަ ދުވަސް ވެއްޖެއެވެ. ދިވެހީން ކަނޑުމަގުން ދާން ބޭނުންވަނީ ހަމައެކަނި ކޮޗިނަކަށް ނޫނެވެ. މަލިކަށް ދާން ވެސް ބޭނުމެވެ. ކުޅުދުއްފުށި-މަލިކު އަދި މަލިކު-ކުޅުދުއްފުށި ދަތުރު ފެށޭނީ ކޮން ގަރުނެއްގައި ތޯއެވެ؟

މޯދީ ބޭއެވެ!

ދިވެހިރާއްޖެއާ އިންޑިއާ ގުޅުން ބަދަހިކުރަމުންދާ ގޮތަށް އަވަށްޓެރި ޕާކިސްތާނާއި ނޭޕާލާއި ބޫޓާނާއި ޗައިނާއާ ވެސް އިންޑިއާއިން ގުޅުން ބަދަހި ކުރައްވާށެވެ. ކޯމާއެއްގައި އޮތް "ސާކް" ޖަމްއިއްޔާއަށް ދިރުން އަންނާނީ ވެސް އޭރުންނެވެ.

ރާއްޖޭގެ ޖުމުހޫރީ ވެރިކަމާއި ކޯލިޝަންގެ ކޯޅުމުގެ ތެރެއަށް އިންޑިއާއިން ފޮނުވާފައިވާ ބަރުދަގަނޑު ހެލިކޮޕްޓަރުތަކާއި ސިފައިންގެ ބާރާއި ނުފޫޒު މިވަގުތު ނުވައްދަވާށެވެ!

އަދިވެސް އެއްފަހަރު މިނިވަން ދުވަހުގެ ހެއުއެދުމާއި ނަމަސްތޭއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
221

2 Responses

  1. ވަރަށް ފުރިހަމަ ސިޓީއެއް! ލިޔުންތެރިޔާ ވަޖުދީއަށް ވެދުން ސަލާމް!

  2. މަނިކުފާނު މަހާރާޝްޓްރާގެ ޗީފް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މުސްލިމުންނާއި ހިންދޫންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި މުސްލިމުންގެ ގަތުލުޢާންމެއް ހިނގިއެއް ނޫންތޯއެވެ؟ :
    މަހާރާސްތްރާއެއް ނޫން.. ގުޖްރާތު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *