Support Us

ކޮލަމް ދޭހަ

އިންޑިއާ އިން ރާއްޖެ ނުހިފާނެ

އިންޑިއާ އިން ރާއްޖެ ހިފާފާނެކަމުގެ ބިރު، ޤައުމިއްޔަތުގެ ލޯބި ހުރި ވަރަށް ގިނަ ދިވެހިން، ފަހަކަށް އައިސް ވަރަށް ބޮޑަށް ފާޅުކުރަމުން ގެންދެ އެވެ. މި ކަމުގެ މައިގަނޑު ސަބަބަކީ މިހާރު އިންޑިއާގައި ވެރިކަންކުރާ ޕާޓީން، ގެންގުޅޭ ހަރުކަށި ސިޔާސަތު ކަމުގައި ވެދާނެ އެވެ. ހިނދޫ ދީނު ގެ ހައްދުފަހަނައަޅައިފައިވާ ވިސްނުމުގެ މީހުން ތާއީދުކުރާ ސިޔާސަތެވެ. އެ ސިޔާސަތު ތަންފީޒު ކުރުމަށް އިންޑިއާގެ ޤާނޫނު ތަކާއި ޤަވައިދުތައް ބަދަލު ކުރަމުން ގެންދިއުމެވެ.

އެ ޕާޓީ މަޝްހޫރުވެފައި އޮންނަނީ މުސްލިމުން ދެކެ ނަފްރަތުކުރާ ޕާޓީއެއްގެ ގޮތުގަ އެވެ. ގުޖުރާތުގައި މުސްލިމުންނާއި ދެކޮޅަށް ޤަތުލުޢާއްމެއް ހިންގިއިރު ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ހުންނެވީ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރެވެ. އެމެރިކާގެ އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ބައެއް ވެރިންގެ ބާރުއެޅުމުގެ ސަބަބުން ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވުމާއި ހަމައަށް، އެ މަނިކުފާނު އެމެރިކާ އަށް ވަޑައިގެންނެވުން އޮތީ މަނާ ކުރެވިފައެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ އެމެރިކާ ސަރުކާރުން ނިންމާފައި އޮތީ އެމެރިކާ އަށް ވަޑައިގެންނެވުމަށް އެ މަނިކުފާނަށް ވިސާ ދޫނުކުރާ ގޮތަށެވެ.

އިންޑިއާގައި މިހާރު ވެރިކަން ކުރާ ޕާޓީގެ އިސް ބައެއް ލީޑަރުން، މީޑިއާ އަށް ދޭ ބައެއް ބަސްދީގަތުން ތަކުގައި ރާއްޖެ އާއި ބެހޭ ގޮތުން ދައްކާ  ވާހަކަތަކަކީ ވެސް ރާއްޖެ ދެކެ ލޯބިވާ ދިވެހިންގެ ހިތުގައި ބިރުވެރިކަން އުފެދުމުގެ ސަބަބެކެވެ. އިންޑިއާގެ ބާރުގެ ދަށަށް ރާއްޖެ ގެނައުމަށެވެ. މިގޮތަށް ވާހަކަ ދެއްކުމުން، އިންޑިއާ ސަރުކާރުން ރަސްމީ ގޮތުން ބުނެފައި ވަނީ އެ ގޮތަށް ފާޅުކުރާ ޚިޔާލަކީ، އެ ޚިޔާލެއް ފާޅުކުރާ މީހެއްގެ އަމިއްލަ ޚިޔާލު ކަމަށެވެ. އިންޑިއާ ސަރުކާރުގެ ޚިޔާލު ނޫން ކަމަށެވެ.

އަޅުގަނޑު ޤަބޫލު ކުރަމެވެ. އެއީ ތެދަކަށް ވެދާނެ އެވެ. އިންޑިއާގެ ސިޔާސީ މައިދާނުގައި އޮންނަ ދެފުށްދެގޮތްކަމާއި މުނާފިޤް ކަމުގެ ސިޔާސަތަށް ބަލާއިރު އެފަދަ ވާހަކަ ދައްކާ މީހުން ވެސް ހިތުން ރުހުމެން އެފަދަ ކަމެއް ކުރަން ބޭނުން ނުވެދާނެ އެވެ. އެމީހުން ބޭނުން ވާނީ އެމީހުންގެ ވާހަކަ ޚަބަރަށް އަރާވަރުގެ އެއްޗެއް ބުނެލާށެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް މިފަދަ ކަންތައް ހިނގާތަން ކޮންމެ ދުވަހަކުހެން ފެނެ އެވެ. ތިމާގެ އަޑު ކެނޑޭހެން ހީވާ ކޮންމެ ފަހަރަކު ހިތަށްއެރި ކޮންމެ އެއްޗެއް، އެއްވެސް ވިސްނުމެއް ނެތި ބުނެލަނީ އެވެ. ނޫސްތަކުގެ ފަލަ ސުރުޚީ އަށް އަރާވަރު ކޮށްލާށެވެ.

މި ޒަމާނަކީ ފައުޖު ފޮނުވައިގެން ތަންތަން ހިފައިގެން އެތަންތަނުގައި ވެރިކަން ކުރާ ޒަމާނެއް ނޫނެވެ. ބައެއް ޙާލަތު މަޖުބޫރު ކޮށްގެން، ފައުޖު ފޮަނުވައިގެން ބައެއް ޤައުމުތަކުގެ ވެރިކަން ބަދަލުކުރުމަށް ފަހުގައި ވެސް، ވެރިކަން ބަދަލުކުރި ޤައުމުތަކުން އެ ޤައުމުތަކުގައި ވެރިކަން ކުރާކަށް ބޭނުމެއްނުވި އެވެ.

ފަހުގެ މިސާލަކަށް ޢިރާޤް ނަންގަވާށެވެ. އަފްޣާނިސްތާނު ނަންގަވާށެވެ. ތަންކޮޅެއް ދުރަށް ޖެހިވަޑައިގެންފައި ލީބިއާ މިސާލަކަށް ނަންގަވާށެވެ. ކުވޭތު ނަންގަވާށެވެ. ޕެނަމާ ނަންގަވާށެވެ. އިރުމަތީ ޔޫރަޕްގެ ކުރޭމިއާގައި ވެސް ރޫސީން ބޭނުން ވަނީ ވެރިކަން ކުރާކަށް ނޫނެވެ. އެތާނގައި އެމީހުން ބޭނުން ގޮތަކަށް ކަންތައް ކުރުމުގެ ނުފޫޒު އޮންނާށެވެ. ޖަޕާން އާއި ޖަރުމަނަށް ބައްލަވާށެވެ. މިއިން ކޮންމެ ޤައުމަކަށް ވެސް ޑެމޮކްރަސީ ގެނައުމަށް ނުވަތަ އެ ޤައުމެއްގެ ރައްޔިތުންނަށް ޙަޤީޤީ މިނިވަންކަން  ހޯދައިދިނުމަށް ކިތައް ސަތޭކަ ބިލިއަން ޑޮލަރު ޚަރަދު ކުރެވުނުތޯ އެވެ؟ އެހެން ނަމަވެސް އެ ބަދަލުގެނައި ޤައުމުތަކުގެ މީހުން ވެރިކަން ކުރަން އެތަންތާނގައި ތިބޭކަށް ބޭނުމެއް ނުވިއެވެ. ބޭނުންވީ އެ ޤައުމުތަކުގައި އެ ތަންތަނުގެ ނުފޫޒު އޮންނާށެވެ. އެ ޤައުމުތަކުގެ ވިސްނުން ނުވަތަ ފަތުރަން ބޭނުންވާ ސިޔާސަތު ނުވަތަ އުޞޫލު އެ ތަންތާނގައި އޮންނާށެވެ. ވެރިކަމަށް ގެންނަން ބޭނުންވީ ވެސް އެ ޤައުމުގެ ބައެކެވެ.

އިންޑިއާ އިން ރާއްޖެ އަށް ފޮނުވާފައި އޮތް ހެލިކޮޕްޓަރެއް އަނބުރާ ގެންދިއުމަށް އެތަކެއް ފަހަރު މަތިން ރައީސް ޔާމީންގެ ސަރުކާރުން އެންގި ކަމުގައި ވެއެވެ. ރައީސް ޔާމީން ވެރިކަމުން ދުރަށް ޖެހިވަޑައިގެންނެވިއިރު ވެސް އެ، ހެލިކޮޕްޓަރު އޮތީ ރާއްޖޭ ގައެވެ. އެއިރު ރާއްޖޭގައި އޮތް ސަރުކާރަށް ވެސް އެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަން ކުރެވުނު އިތުރު ކަމެއް ނެތެވެ. ރާއްޖޭގެ ސަރަހައްދު ބަލަހައްޓައިދޭން އިންޑިއާ އިން ރާއްޖޭގައި ބާއްވާފައި އޮންނަ ހެލިކޮޕްޓަރުގެ ދަތުރުފަތުރު ކުރާ ގޮތް، ރާއްޖޭގެ ޢަސްކަރިއްޔާ އަށް ކުރިން ނުއަންގާ ކަމަށް ޢާއްމުވި ޚަބަރު، ދޮގުކުރެއްވީ ރާއްޖޭގެ ޢަސްކަރިއްޔާގެ ވަރަށް އިސް ބޭފުޅުންނާއި ސިޔާސީ އިސް ބޭފުޅުންނެވެ. އިންޑިއާ އިން އެދޭ ކޮންމެ ކަމެއް މިހާރު ވެރިކަމުގައި އޮތް ސަރުކާރުން ކޮށްދެ އެވެ. އަދި ރާއްޖެ އިން އެދޭ ކޮންމެ ކަމެއްހެން އިންޑިއާ އިން ވެސް ކޮށްދެއެވެ. އޭގެ އިތުރަށް ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުން އެކި ކަންކަމަށް ދޭތެރެ ދޭތެރެއިން އިނޑިއާ އަށް ދިއުމަށް ދަޢުވަތު ދެއެވެ. ހުޅުމާލޭގައި ހުންނަ ޚާއްޞަ އެޕާޓްމެންޓަކީ ވެސް ވަރަށް ހައިބަތު ހުންނަ ބައެއް ބޭފުޅުންނަށް ރޭގަނޑުގައި ވަރަށް މުހިއްމު މަންޒިލަކަށް ވާކަމުގައި ވެއެވެ.

ސަރަހައްދީ ރޮނގުގެ ކައިރީގައި އޮންނަ ބިންކޮޅެއްގައި ނޭޕާލް އާއި އިންޑިއާގެ މިލްކުވެރިކަމާ މެދު ދެބަސްވާ ބައެއް އޮންނަ ކަމުގައި ވެއެވެ. ވަރަށް ފަހުން އިންޑިއާ އިން ކުރެހި ޗާޓެއްގައި އޮންނަ ގޮތުގައި އެބައި އޮތީ އިންޑިއާގެ ބައެއްގެ ގޮތުގައި ދައްކާފަ އެވެ. ނޭޕާލުން އެކަމާއި މެދު މައްސަލަ ޖެއްސުމުން، އިންޑިއާ އިން އަޅާނުލި ކަމަށް ނޭޕާލުގެ ޚާރިޖީ ވަޒީރު ވިދާޅުވެ އެވެ. އަދި މިހާރު އިންޑިއާ އިން އެ ސަރަހައްދުގެ އެތެރެއިން ލާފައި ހައިވޭއެއް ހަދަން ފެށުމުން އެކަމާ މެދު ނޭޕާލުން މައްސަލަ ޖެއްސުމުން، އެކަން ބަލާނެ ކަމުގައި އިންޑިއާގެ ކަމާއިބެހޭ ފަރާތުން ބުނި ކަމުގައި ނޭޕާލުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އެހެން ނަމަވެސް ހައިވޭ ހެދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށްގެންދާ ކަމުގައި ވެސް ވަޒީރު ވިދާޅުވި ކަމުގައި ވެއެވެ.

މީގެ އަހަރުތަކެއް ކުރިން ވަކި ޤައުމެއްގެ ގޮތުގައި ހިނގަމުން އައި ސިކިމް އިންޑިއާގެ ޔުނިއަންއާ ބައިވެެރިވުމަށް ނިންމީ އެ ޤައުމުގެ ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓަކުންނެވެ. އެއިރު ވެސް އެ ޤައުމުގެ ގިނަ ކަންތައްތައް ބަލަހައްޓަން ޚަރަދު ކުރަމުން ގެންދިޔައީ އިންޑިއާ އިންނެވެ.

އިންޑިއާ އިން ރާއްޖެ ހިފަންވި އެއްވެސް ބޭނުމެއް ނެތެވެ. އިންޑިއާ ބޭނުން ހުރިހާ ކަމެއް ރާއްޖެ އިން ކޮށްދެއެވެ. އިންޑިއާ އިން ރާއްޖެ ހިފުމަށް ގޮވާލާ ހައްދު ފަހަނައަޅާ ޚިޔާލު ގެންގުޅޭ ސިޔާސީ ލީޑަރުން އެކަންތައް އެ ގޮތަށް ކުރަނީ އިޝްތިހާރުވާން ވެގެންނެވެ. ޚަބަރުގައި ފަލަ ސުރުޚީ ހޯދުމަށެވެ. ރާއްޖެ ވަކި ޤައުމެއްގެ ގޮތުގައި އޮތުމުން ބައިނުލްއަޤްވާމީ އެކި ކަންކަމުގައި ވެސް އިންޑިއާ އަށް އިތުރު ވޯޓެއް ލިބޭނެ އެވެ. އަދި ރާއްޖެ ބެލެހެއްޓުމުގެ ހުރިހާ ޒިއްމާއެއް އިންޑިއާ އިން އުފުލާކަށް ނުޖެހޭނެ އެވެ.

މީގެ ދެ ހާސް އަހަރަށް ވުރެ ވެސް ގިނަ އަހަރުތަކުގެ ކުރީގައި ޗައިނާގައި އުޅުއްވި ހަނގުރާމަވެރި، އަދި ފަލްސަފާ ޢިލްމުވެރިއަކު ލިއުއްވި ފޮތް "ހަނގުރާމަ ކުރުމުގެ ހުނަރު" އަކީ ހަނގުރާމައިގެ އުކުޅާއި ހުނަރާ ބެހޭގޮތުން ދުނިޔޭގައި އެންމެ ގަދަރު ލިބިފައި އޮތް އަދި ނުފޫޒު ގަދަ ފޮތެއް ކަމުގައި ވެއެވެ. އޭޝިއާ ބައްރުގެ މި ޒަމާނުގެ ސިޔާސީ ލީޑަރުންނާއި އިސް ވަޒީފާ ތަކުގައި މަސައްކަތް ކުރާ މީހުން ސީރިއަސްކަމާ އެކު މުތާލަޢާކުރާ ފޮތެއް ކަމުގައި ވެއެވެ. ސަން ޒޫ ވިދާޅުވަނީ "ހަނގުރާމަ ނުކޮށް ކާމިޔާބު ހޯދުމަކީ އެންމެ މޮޅު"ގޮތެވެ.

ރާއްޖެ ހިފުމަށް އިންޑިއާ އިން ލަޝްކަރެއް ފޮނުވުމުގެ ބޭނުމެއް އޮންނާނެ ކަމަށް ފެނިވަޑައިގަނޭ ތޯއެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

One Response

  1. ހިފާކަށް ނުޖެހެއެވެ. ބޫޓާން އެ އޮތް ހާލުގައި ތަރައްގީ ވިޔަ ނުދީ، ނަމުގައި މިނިވަން،، އެކަމަު އިންޑިއާއަށް އަޅުވެތިވާ ނިކަމެތި ގައުމެއްގެ ގޮތުގައި ގިއްގަޅުވާލައިފައި ބާއްވާނީއެވެ. ވރަށް ސާފެވެ. ބޫޓާނަށް ދުވަހަކު ވެސް ތަރައްގީ ވެވޭ ހެއްޔެވެ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *