Support Us

ކޮލަމް ސީދާ ވިސްނުން

ހަމަހަމަކަމޭ ބުނީމަ އޮޅުވާނުލާ!

ޒަމާންތަކެއް ވަންދެން ދެކެވިއްޖެ ވާހަކައެކެވެ. ދޭދޭ ދެމީހުންގެ މެދުގަޔާއި ސައި މޭޒުތަކުގައި އަދި ސިޔާސީ އެކި ފޯރަމްތަކުގައި ވެސް މި ވާހަކަ ދައްކައެވެ. ހޫނު އެތައް ބަހުސެއް ކުރަމުންދާ މައުޟޫއެކެވެ. އެހެނަސް ކަން އޮތީ އަދިވެސް އެއް ވާހަކަތަކެއް ދައްކަންޖެހޭ ހިސާބުގައެވެ. ކޮންމެވެސް ވަރެއްގެ ބަދަލުތަކަކާއި ކުރިއެރުންތަކެއް އަތުވެއްޖެ ކަމަށް ޤަބޫލުކުރަމެވެ. އެހެނަސް އަންނަންޖެހޭ ސްޕީޑް ނައިސްގެން އުޅެނީ ކީއްވެހެއްޔެވެ؟ ގިނަ ބައެއްގެ ވިސްނުން ތަންނުދެނީއެވެ. މާނަކުރެވޭ ގޮތް ވެސް ގިނަފަހަރު ގޯސްވަނީއެވެ.

އަންހެނުންނާއި ފިރިހެނުންނަކީ ފިތުރީ ގޮތުންވެސް ތަފާތު ބައެއްކަން އެއީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ. އަންހެނުންނާއި ފިރިހެނުންގެ ބޭނުންތަކާއި ދިރިއުޅެންޖެހޭ ގޮތްވެސް ތަފާތެވެ. މިކަން މިހެން އޮތްއިރު ސުވާލަކީ ހަމަހަމަކަމުގެ ވާހަކަ ދައްކަންޖެހޭ ސަބަބެވެ. މާނަ އޮޅުވާލާ ހިސާބަކީ ވެސް މިއެވެ.

ހަމަހަމަ ކަމުގެ ވާހަކަ އަކީ އެއްގޮތަކަށްވެސް ފިރިހެނަކު ކުރާ ކަމެއް ހަމަ އެ ގޮތަށް އަންހެނަކު ކުރުން ނުވަތަ އަންހެނަކު ކުރާ ކަމެއް ހަމަ އެގޮތަށް ފިރިހެނަކު ކުރުމެއް ނޫނެވެ. އަންހެނުންނާއި ފިރިހެނުން ތަފާތެވެ. އެ ތަފާތުތަކާއެކު އިޖުތިމާއީ ގޮތުންނާއި އިޤްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން މުޖުތަމައުގައި ހަމަހަމަ ފުރުސަތު ލިބެންޖެހެއެވެ. އަންހެނުންނަށް ފުރުސަތު ފަހިކޮށްދޭންޖެހޭ ވާހަކައަށް އަޑަށް ބާރުލާންޖެހޭ ހިސާބަކީ މިއެވެ.

އެއްވެސް ދާއިރާއަކުން އަންހެނުންނަށް ކުރިޔަށްދިއުން މަނާކުރާ އުސޫލެއް ނެތެވެ. އެހެނަސް ދާއިރާތަކުން ކުރިޔަށްދިއުމުގެ މާހައުލެއް ގިނަފަހަރު ނޯވެއެވެ. ކޮންމެ ދާއިރާއެއްގެ ރޭސް ފަށާއިރުވެސް އަންހެނުން ތިބެނީ މާ ފަހަތުގައެވެ. އެހެންކަމުން ރޭސް ނިމޭއިރު އެއް ހަމައަކަށް އާދެވުން އެއީ ނާދިރުކަމެކެވެ.

މުޖުތަމައު ބައްޓަންވެފައި ވާގޮތަށް ބަލާލާއިރު އަހަރުމެންގެ ވިސްނުމުގައި އަންހެނުން ކުރަންޖެހޭ ކަންކަން އަދި ފިރިހެނުން ކުރަންޖެހޭ ކަންކަން ވަރަށް ބޮޑަށް ވަނީ ކަޑައެޅިފައިއެވެ. ފެށުނީއްސުރެންވެސް ގޭތެރެ ބެލެހެއްޓުމާއި، ކެއްކުމާއި ކެއިންބުއިމުގެ ކަންކަން އިންތިޒާމް ކުރުމާއި، ދޮވެ އިސްތިރި ކުރުމާއި ދަރިން ބެލެހެއްޓުމަކީ ހަމައެކަނި އަންހެނުންގެ ޒިންމާގެ ގޮތުގައި އޮންނަނީ ވިސްނިފައެވެ. މިއިން ކަމެއް ފިރިހެނަކު ކުރާ މަންޒަރަކީވެސް ގިނަ ފަހަރު ލޮލަށް ބަލަން ފަސޭހަ މަންޒަރަކަށް ވެސް ނުވެއެވެ. ފިރިހެނުންގެ މައިގަނޑު ދައުރަކީ އާމްދަނީ ހޯދަން މަސައްކަތް ކުރުން ކަމުގައި އޭރު ބެލެވުނެވެ. އެހެނަސް ޒަމާނަށް އައި ތަފާތު ބަދަލުތަކާއި އެކު މުޅި ދުނިޔޭގައި ވެސް މި ހާލަތު ބަދަލުވާން ފެށި އެވެ. ގިނަ އަދަދެއްގެ އަންހެނުން ވަޒީފާގެ މައިދާނަށް ނިކުމެ އިޤްތިސާދީ، އިޖުތިމާޢީ ކުރިއުރުމަށް މުހިންމު ދައުރެއް އަދާކުރަން ފެށިއެވެ. އެހެނަސް ފަރުދާގެ ފުރަގަހުން މާގިނަ ކަންކަން ބަދަލުވެފައިނެތް ހާލުގައެވެ. ކެއްކުމާއި ދަރިން ބެލުމާއި ގޭތެރޭގެ މަސައްކަތް ކުރުމާއި އެކު ވަޒީފާވެސް އަދާކުރަމުން ދިއުމެވެ. މި މަސައްކަތް ތަކުގައި ފިރިހެނުން ހިއްސާވާ މިންވަރު ނިސްބަތުން ވަރަށް މަދޭ ބުނުމުން އެއީ ވަކި ބަޔަކަށް ބުނެވޭ ބޭއިންސާފުގެ ބަހަކަށް ނުވާނެއެވެ.

މި ހާލަތުގެ ސަބަބުން ވަޒީފާގެ މައިދާނުގައި ފިރިހެނަކަށް ކުރިޔަށްދާން ފަސޭހަވެއެވެ. ވަޒީފާ އަށް ދެވޭ ވަގުތު ގިނަވެފައި އިތުރު ޒިންމާތަކާއި ދޭތެރޭ ވިސްނަންޖެހޭވަރު މަދެވެ. އެހެނަސް އަންހެނަކަށް މި ފާހަގަކުރެވުނު ހާލަތާއި އެކު ކުރިޔަށް ދިއުމުގައި ވަރަށް ގިނަ ގޮންޖެހުންތައް ހުރެއެވެ. އަދި ވަޒީފާގެ މާހައުލުގައި މި ފާހަގަ ކުރެވުނު އަންހެނުންނާއި ފިރިހެނުންގެ ހާލަތުގެ ތަފާތަށް ރިޢާޔަތްކޮށް ހަމަހަމައިން މިނާނެ ނާޅިއެއްވެސް ނޯވެއެވެ. ހަމަހަމަކަން ނޯވެޔޭ މިކިޔަނީ މިހެންވެއެވެ.

މިއީ އެއްގޮތަކަށްވެސް އަމިއްލަ ވިސްނުމުން ދައްކާ ހިޔާލީ ވާހަކައެއް ނޫންކަން ގިނަބަޔަކު ޤަބޫލު ކުރާނެއެވެ. ދިވެހި ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާލާއިރުވެސް ސިވިލް ސަރވިސްގެ ވަޒީފާގައި ތިބީ ގިނައިން އަންހެނުންނެވެ. އެހެނަސް އެންމެ މަތީ ހަރުފަތާ ހަމައަށް ވާސިލްވެވޭ އަންހެނުންގެ އަދަދު ވަރަށް މަދެވެ. އަންހެނުން ގިނަ ދާއިރާތަކަށް ނަޒަރު ހިންގާލާނަމަ، ޓީޗަރުންގެ ގޮތުގައި ރާއްޖޭގައި ގިނައީ އަންހެނުންނެވެ. އެހެނަސް ސްކޫލުތަކުގެ އެންމެ އިސް މަޤާމުގައި ތިބި ފިރިހެނުންގެ އަދަދު އަންހެނުންނަށްވުރެ ގިނައެވެ. މި އަދަދުތަކަށް ހެޔޮ ބަދަލުތަށް އަންނަމުން ދިޔަ ނަމަވެސް އަދިވެސް ކަން އޮތީ އެހެނެވެ.

ސިޔާސީ ދާއިރާއަށް ކަޅިއެއް އެއްލަމާ ހިނގާށެވެ. އިންތިހާބު ތަކުގައި އަންހެނުން ކާމިޔާބުކުރާ މިންވަރު މަދެވެ. ބާރުވެރި މަޤާމުތަކާއި ހަމަޔަށް އަންހެނުންނަށް ދެވޭމިންވަރު ވެސް ނިސްބަތުން މަދެވެ. ކީއްވެ ހެއްޔެވެ؟ ސިޔާސީ ރޭހުގައި ވާދަކުރާނަމަ ކިތަންމެ ޤާބިލުކަން ހުއްޓަސް ފައިސާވެރިކަމާއި، ސިޔާސީ ގޮތުން ބާރުވެރި ފަރާތެއްގެ "ހެޔޮ އެދުން" ނެތި ކުރީ ސަފަށް އަންހެނަކަށް ޖެހިލުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ސަބަބަކީ މަތީފަޑީގައި އެތުރިފައި ތިބެނީ ބާރުވެރި ފިރިހެނުން ކަމަށް ވެފައި، މުޅި މާހައުލު ބައްޓަންވެފައި ވަނީ ފިރިހެންކޮށް ކަމަށް ވީތީއެވެ. އަންހެނުންނަށް ކޯޓާ ސިސްޓަމް ގެނައުމުގެ ވާހަކަ ދައްކަންޖެހުނީ ވެސް މި ސަބަބަށްޓަކަ އެވެ. ތިލަފަތް ހަމަކުރުމަށްޓަކަ އެވެ. ނަމަވެސް މިކަން އަދިވެސް ޤަބޫލު ނުކުރާ މީހުން ވަރަށް ގިނައެވެ. އަންހެނުންނަށް ފަހި ފުރުސަތު ޔަޤީންކުރުމަށް ކަނޑައެޅޭ ސިޔާސަތުތައް ނުވިސްނޭ މީހުން އެކި ފަންތީގައި ބައިވަރެވެ.

ސިޔާސަތު ކަޑައެޅުމާއި ގޮތް ނިންމުމުގައި އަންހެނުންގެ ހިއްސާ ކުޑަކަން އެއީ ހަޤީޤަތެކެވެ. މުޖުތަމައުގެ ދެބައިކުޅަ އެއްބައި އެއީ އަންހެނުންނަށް ވީއިރު މިކަން މިގޮތަށް އޮތުމުން ހަމަހަމަކަން ކޮބާހެއްޔެވެ؟ އަންހެނުންނަށް ލިބިދޭންޖެހޭ ހައްޤު މިންވަރު ކޮބާހެއްޔެވެ؟ އަދިވެސް ޒަމާންތަކަކަށް މިކަން މިގޮތަށް ދެމިގެންދާން ހަމަ އެންމެ ރަނގަޅީ ހެއްޔެވެ؟

މި އުޅެނީ ބައެއްގެ އަތުގައި އޮތް އެއްޗެއް އަތުލާކަށް ނޫނެވެ. އަންހެނުންނަށް ވެސް ފިރިހެނުންނަށް ވެސް އެމީހުންގެ ފިތުރީ ތަފާތުތަކާއި އެކު ހަމަހަމަ ފުރުސަތު ޔަޤީން ކޮށްދޭންޖެހެއެވެ. މުޖުތަމައުގައި އަންހެނުންނާއި ފިރިހެނުންގެ ދައުރު ހަމަޔަށް ބެހެންޖެހެއެވެ. އިންސާފުންނެވެ. ދިރިއުމުގައި އަދާކުރާ ދައުރު ތަކާއި ކޮންމެހެން މިވެނި ކަންކަން ކުރަންޖެހެނީ އަންހެނުން ކަމަށް އަދި ވަކި ވައްތަރެއްގެ ކަންކަން ކުރެވޭނީ ފިރިހެނުންނަށް ކަމަށް ވިސްނިފައި އޮތް ބޯދާ ވިސްނުމަށް ބަދަލު އަންނަންޖެހެއެވެ. މި ފަދައިން ހަމަހަމަ ކަން ޤާއިމުކޮށް ހަމަހަމަ ފުރުސަތު އެންމެންނަށްވެސް އޮތުމަކީ ޤައުމު ޤައުމެއްގެ ގޮތުގައި ކުރިއަރާ ދިއުމަށް މުހިންމު ކަމެކެވެ. އަދި އިޖުތިމާއީ ގިނަ މައްސަލަތަކަށް ހައްލު ހޯދުމަށް ކޮންމެހެން އަންނަންޖެހޭ ބަދަލެކެވެ. ހަމަހަމަ ކަމޭ ބުނުމުން މާނަ އޮޅުވާ ނުލައި އޭގެ ވަށައިގެންވާ ހަޤީޤަތް ވިސްނާށެވެ. އޭގެ ލަފްޒީ މާނައިގައި ހިފާ ނުދަމާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

2 Responses

  1. ކޯޓާ ދީގެން ކައުންސިލެއްގެ 33% އަންހެނުންނަށް ވާންޖެހޭނެ ކަމަށް ކަނޑައެޅުމުން އެ ހަމަހަމަކަން ގާއިމުކުރެވެނީ ކޮން އުސޫލަކުން. ފަސް ކައުންސިލަރުން ހޮވަން ޖެހޭ ރަށެއްގައި އަންހެން ދެ ކައުންސިލަރުން ހޮވަން މަޖުބޫރުވެފައި ބާކީ އޮންނަ ތިން ޖާގައަށް ހަތަރު އަންހެނުންނާއި ހަތަރު ފިރިހެނުން ކުރިމަތިލައިގެން ތިން އަންހެނުން ހޮވީމާ ކައުންސިލުގެ 100% އަންހެން ވުމުގެ ފުރުސަތު އޮތް އިރު، އެރަށެއްގެ ކަންކަން ނިންމުމުގައި ފިރިހެނުންނަށް އޮތް ހިއްސާ ކޮބައި. ފިރިހެނުންނަށް ގިނަވެގެން މިލިބެނީ 66%. އަންހެނުންނަށް 100% އެބަ ލިބޭ. ހަމަހަމަކަން ކޮބާ؟
    [އަންހެނުންނާއި ފިރިހެނުންނަކީ ފިތުރީ ގޮތުންވެސް ތަފާތު ބައެއްކަން އެއީ ދެބަސްވެވެން ނެތް ހަޤީޤަތެކެވެ. އަންހެނުންނާއި ފިރިހެނުންގެ ބޭނުންތަކާއި ދިރިއުޅެންޖެހޭ ގޮތްވެސް ތަފާތެވެ.] ބުނެފައި [މުޖުތަމައު ބައްޓަންވެފައި ވާގޮތަށް ބަލާލާއިރު އަހަރުމެންގެ ވިސްނުމުގައި އަންހެނުން ކުރަންޖެހޭ ކަންކަން އަދި ފިރިހެނުން ކުރަންޖެހޭ ކަންކަން ވަރަށް ބޮޑަށް ވަނީ ކަޑައެޅިފައިއެވެ. ފެށުނީއްސުރެންވެސް ގޭތެރެ ބެލެހެއްޓުމާއި، ކެއްކުމާއި ކެއިންބުއިމުގެ ކަންކަން އިންތިޒާމް ކުރުމާއި، ދޮވެ އިސްތިރި ކުރުމާއި ދަރިން ބެލެހެއްޓުމަކީ ހަމައެކަނި އަންހެނުންގެ ޒިންމާގެ ގޮތުގައި އޮންނަނީ ވިސްނިފައެވެ.] މި ތަފާތު ބަލައިނުގަނެވެނީ ކީއްވެ؟ [ހަމަހަމަ ކަމުގެ ވާހަކަ އަކީ އެއްގޮތަކަށްވެސް ފިރިހެނަކު ކުރާ ކަމެއް ހަމަ އެ ގޮތަށް އަންހެނަކު ކުރުން ނުވަތަ އަންހެނަކު ކުރާ ކަމެއް ހަމަ އެގޮތަށް ފިރިހެނަކު ކުރުމެއް ނޫނެވެ.] އެކަމަކު ޒަމާނުއްސުރެ އަންހެނުން ކުރާ މަސައްކަތްތައް ފިރެހެނުން ކުރަންޖެހޭ ކަމަށް މިބުނެވެނީ ކޮންބަޔަކަށް؟

  2. ކިރުދޭންވެސް ދަރިފުޅަށް ބައްޕަލައްވާ ޖައްސުވާ. މޭމަތި ބޭނުންކުރާނެ ކަމެއް ނެތް. ބުއްފުޅި ބައްޕަ ހަދާނެ. ވިހެއުމާއުކު ލާރި ހޯދަން އެނދުން ތެދުވެ ދުއްވައިގަނޭ. ބަލަ ފިތުރަތުން ފިރިހެނުންގެގައިގަ ބާރު ޖައްސަވާފައިވަނީ ކީއްވެގެންކަން ނޭނގިގެން ތެޅިބާލަނީ ކީއްވެތަ؟ ފެމިނިޒަމް ފެއިލްޑް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *