Support Us

ވާހަކަ: ހިތް އެދޭތީ- 8

"ސުނޭ އަށް އަދި ކަންތައް ވެފައިވާ ގޮތް ނޭނގެނީ ދޯ؟.. އަހަންނަށް ލަނޑެއް ދެވޭނީ ދީނާ އަހަރެން ދެކެ ލޯބިވިނަމަތާ!" ސުނޭ އަށް ކަންތައްތަކެއް އޮޅިފައިވާހެން ހީވާތީ ވިމާލު ބޭނުންވީ އެކަންތައްތައް ސާފުކޮށްދޭށެވެ.

"އޭނ؟.. ލޯތްބެއް ނުވޭތަ؟ ދެން އޭރު ވިމާލު ދެއްކި ވާހަކަޔޯ؟" ވިމާލު ބުނި އެއްޗަކުން ސުނޭ ހައިރާންކަން އެކުލެވިގެންވާ ނަޒަރަކުން ވިމާލާ ދިމާއަށް ބަލައިލިއެވެ. ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރިންހެންވެސް ހީވާ ކަހަލައެވެ.

"އާނ… އަހަރެން ދީނާ ދެކެ ވަރަށް ލޯބިވޭ. އެހެންވެ އަހަންނަށް އެހެން ވާހަކަ ދެއްކުނީ. އެއްގޮތަކަށްވެސް ދީނާ އެފަދަ އެއްވެސް ވާހަކައެއް ނުދައްކާ. އޭރު ދީނާއޭ ކިޔައިގެން އަހަރެން ހެދީ ހުސް ދޮގު،" ވިމާލު ކުށްވެރިއެއް ފަދައިން އިސްދަށަށް ޖަހައިލިއެވެ.

"ކީއްވެތަ ތިހާ ބޮޑު ދޮގެއް ހެދީ؟ އަހަރެން ދީނާ ދޫކޮށްލި ދުވަހު ހާދަ ވަރަކަށް އޭނާ ރުޔޭ…. ތިހެން ނުހެދުމަށް އެދި ހާދަ އާދޭހެއް ކުރިޔޭ… މިހާރު އަހަރެން ފެނުނަސް އޭނާ ނަފްރަތުކުރޭ،" ސުނޭގެ ވާހަކައިން އޭނާ ދެރަވެފައި ވާވަރު އެނގެއެވެ.

"އެކުން މިވާހަކަ ބުނަން މިއައީވެސް ސުނޭ އުޅޭ ހާލާމެދު ހަމްދަރުދީވެގެން… ސުނޭއަށް ހަގީގަތް އެނގުން މުހިންމުކަމަށް ދެކޭތީ އެ ވާހަކަ ބުނެލަން މިއައީ… އަހަންނަށް ކުރެވުނު ކަންތަކަށް މާފަށްއެދެން."

"މިހާރު ތި ވާހަކަ ބުނުމުން ފައިދާއެއް ކުރާނެތަ؟ ދީނާ މިހާރު އެ އުޅެނީ އެހެން މީހަކާ ރައްޓެހިވެގެން. ވިމާލު ކަންތައް ކުރި ގޮތުން އަހަރެންގެ މުޅި ދިރިއުޅުންވެސް…" ސުނޭގެ އަޑު ބެދުނެވެ.

"އެއްގޮތަކަށްވެސް ތިހެން ނުބުނޭ. ސުނޭތީ ދީނާގެ ފުރަތަމަ ލޯބި. މީހުން ބުނެއެއްނު ފުރަތަމަ ލޯބި ހަނދާން ނައްތައެއް ނުލެވޭނޭ. ހަގީގަތް އެނގުމުން ސުނޭގެ ކޮޅަށް ދީނާ ދީލާލާނެ… މާޔޫސްނުވެ ޓްރައިކޮށްލަބަލަ،" ސުނޭގެ ކޮނޑުގައި އަތް ބާއްވާލަމުން ވިމާލު ބުންޏެވެ.

"ވިމާލު ވާނެ މިކަމުގައި އަހަންނާ ބައިވެރިވާން… އަހަރެން އެކަނި މިކަމުގާ ކުރިމަތިލުމުގެ ހިތްވަރެއް މިހާރަކު ނެތް،" ސުނޭ ވިމާލުގެ އެހީތެރިކަމަށް އެދުނެވެ. އޭނާގެ ހިތްވަރުވަނީ މުޅިން އެލިފައެވެ. ދީނާ އާ ވަކިވީ ފަހުންނެވެ.

"މައްސަލައެއް ނޯންނާނެ.. މިއަދުން ފެށިގެން ސުނޭތީ އަހަރެންގެ ރަހުމަތްތެރިއެއް،" ދާން ހިނގައިގަންނަމުން ވިމާލު މިހެން ބުނި އިރު އޭނާގެ ތުންފަތްމައްޗަށް ވެރިވެފައިވަނީ ވިހަ ހިނިތުން ވުމެކެވެ. އަދި އެއްފަހަރު ރަނގަޅު ބޮނޑިއެއް ދޭނަމޭ ވިމާލު ހިތާހިތުން ކިޔާލިއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ސިމާމު ހުރީ ގޭގައި ސައިބޯށެވެ. އޭނާގެ މަންމަ މަރީނާ ބަދިގޭގައި ކޮންމެވެސް މަސައްކަތެއް ކުރަން އުޅެފައި ކާކޮޓަރިއަށް ވަނެވެ.

"ދަރިފުޅު މިހާރު އަބަދުހެން އުފާވެފައި ތިހުންނަނީ ކީއްވީތަ؟"

"މަންމަމެން އަހަންނަށް އެހާ ރަނގަޅު. ދެން ކީއްވެ އަހަރެން އުފާ ނުވާންވީ؟" ސިމާމު މަންމައާ ދިމާއަށް ބަލާލިއެވެ.

"މަންމައަށް މިހެން މިބުނެވުނީ ކުރިއާއއި މިހާރު ތަފާތުވީމަ. ކޮންމެވެސް ކަމެއް ދަރިފުޅު މަންމައަށް ސިއްރުކުރާހެން މަންމައަށް ހާދަ ހީވެއޭ،" މަރީނާ އައިސް ސިމާމުގެ ބޮލުގައި ފިރުމާލިއެވެ.

"ކޮންކަމެއް އަހަރެން މަންމައަށް ސިއްރުކުރަންވީ؟" ސިމާމު އިސްޖަހާލިއެވެ.

"ދަރިންގެ އިހުސާސްތައް ދެނެގަންނާކަށް މައިންނަކަށް އުނދަގުލެއް ނުވާނެ… އަޅެ މަންމަ ކައިރީ ބުނެބަލަ.. ކޮން ކުއްޖެއްތަ އެއީ؟" ސިމާމުގެ ދަތްދޮޅީގައި ހިފައި އުފުލާލަމުން މަރީނާ އެހިއެވެ.

"ދެން މަންމަ ދައްކާ ވާހަކަ.. ކޮންކުއްޖެއްތަ؟ ކޮންތާކު ހުރި ކުއްޖެއްގެ ވާހަކަ ތަ ތިދައްކަނީ؟" ބޭރު ބަލާލަމުން މަންމަ ކިޔާއެއްޗެއް ގަސްތުގައި ނޭނގޭ ކަމަށް ސިމާމު ހެދިއެވެ.

"ދަރިފުޅުގެ އެއް ގުނަވަން އޭނައަށް ހަދިޔާކުރި އިރުވެސް ދަރިފުޅަކަށް ނޭނގޭ ހަމަ؟… މަންމައަށް އެނގޭ އެވަރު… ނޭނގެނީ ކޮން ކުއްޖެއްކަން. މަންމަ ކައިރީ ނުބުނާންތަ…؟" ސިމާމަށް އެނގުނެވެ. މަންމަ ދެން ކުރެއް ނުކުރާނެއެވެ.

"އެއީ… ދީ… ދީނާ" ސިމާމު އޭނާގެ މަންމައާ ދިމާއަށް ބަލައިލިއެވެ. އެ މަންމަގެ މޫނުން ހިނިތުންވުން ފެނުމުން ސިމާމަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

"ލޯބިވުމަކީ ކައިވެންޏާ ހަމައަށް ދިއުން. ކިޔަވައި ނިމިގެން އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ ބަލާ.. އެއަށްފަހު އަވަހަށް ކައިވެނިކުރަންވީ… ތިޔައީ ވަރަށް ރަނގަޅު ކުއްޖެއް. މަންމަ ވަރަށް ގަބޫލު،" މަންމަ ގަބޫލުކަމަށް ބުނުމުން ސިމާމު މަންމަ ގައިގައި ލޯބިން ބައްދާލިއެވެ. އުފަލުންނެވެ.

"އޯލެވެލް ވެސް މިއޮއް ނިމެނީއެއްނު؟… ޒައިން ބުނި ވަޒީފާއެއް އެބަ ބަލަމޭ… ޒައިން ގުޅާނެ ހަމަޖެހުނީމަ،" މަންމަ ގަބޫލުކަން އެނގުމުން ސިމާމު ވަރަށް އުފާވިއެވެ. އޭނާއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

"އެހެންތަ؟ ޒައިން މާލެ ދިޔައީ ކޮންއިރަކުތަ؟"

"މިހާރު މަހެއް ވެދާނެ. އޭނަ އެ އުޅޭ އޮފީހުން ވަޒީފާއެއް ލިބޭތޯ މި ބަލަނީ. ފަސޭހަވާނެއެއްނު،" ސިމާމު އޭނާ ވިސްނާގޮތް މަންމައާ ހިއްސާކުރިއެވެ.

ދުވާލުގެ ހަލަބޮލި ވަގުތަށް ފަހު، ރޭގަނޑުގެ ހިތްގައިމު ހަމަހިމޭންކަން ދުނިޔެމައްޗަށް ވެރިކުރުވައިފިއެވެ. ރެއަކީ އާދައިގެ މަތިން ކަޅުފޮއި އަނދިރި ރޭތަކުގެ ތެރެއިން ރެއެކެވެ. ވިއްސާރަ ވިލާ ބޯ ދުވަސްކޮޅެއް ކަމުން އަނދިރިކަން އިތުރަށް ގަދަ ކަމަށް ދައްކައެވެ. އާދައިގެ މަތިން ދިހައެއް ޖަހާލިއިރު ރަށުގެ މަގުތަކުގެ މަތިން މީހެއްގެ ހިލަމެއްވެސް ނެތެވެ. ރަށް ހީވަނީ ހަމަހިމޭން ކަމުގެ ނިންޖަކުން ނިދާލައިފައިވާ ހެންނެވެ. މަގުމަތީގައި މަގު ބައްތިތަކުގެ އަލި، ގަސްތަކުގެ ތެރެއިން ފުރޭނިގެން ބިމަށް އެޅިފައި ހުއްޓެވެ. ސިމާމުގެ މިސްރާބު ހުރީ މަޑު ހިނގުމެއްގައި އޭނާގެ މަންޒިލާ ދިމާއަށެވެ. ދީނާމެންގެ ދިއުމަށެވެ. އެގެއަށް ވަތްއިރު ދީނާ ވާހަކަ ފޮތެއް ހިފައިގެން ސިޓިން ރޫމްގައި އޮތެވެ. އެފޮތުގެ ތެރެއަށް ގެއްލިފައެވެ. ސިމާމު މަޑުމަޑުން އައިސް ދީނާގެ މޫނުގައި އަތް އެޅިއެވެ. އެއާއެކު ކުޑަކޮށް ސިހިފައި ދީނާ މަސައްކަތްކުރީ އަތް ނައްޓުވާލުމަށެވެ.

"ކީއްކުރަނީ؟… އަހަރެންގެ އިންތިޒާރުގަދޯ؟" ދީނާގެ މޫނުން އަތް ނަގަމުން ސިމާމު ބުނެލިއެވެ.

"ނުފެނޭތަ؟.. ވާހަކަ ފޮތެއް ކިޔަނީނު ސިމާމު ހާދަ މޫޑް ގޯސްވެފައި؟… ކިހިނެއްވީ؟" މިލާ މޯޅިވެފައިވާ ސިމާމުގެ މޫނު ފެނުމުން ދީނާއަށް ތެޅިގަނެވުނެވެ. އެގޮތަށް ސިމާމު މިލާ މޯޅިވެފައި ހުރިތަނެއް ދުވަހަކުވެސް ދީނާ ނުދެކެއެވެ.

"އަހަރެން މިއުޅެނީ ދެން އެންމެ އަވަހަށް ފުރާ ދޯންޏަކުން މާލެ ދާން… ވަޒީފާއެއް ހަމަޖެހިގެން ޒައިން ގުޅައިފި،" މޮޅިވެރި އަޑަކުން ސިމާމު ވާހަކަ ދެއްކިއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *