Support Us

އަރުޟުލް މުޤައްދަސާގައި ނިއުޅެމުންދަނީ ޔަހޫދީ ޑްރާމާގެ ފަހު ބާބު- 12

މަޝީޚް ރަސްގެފާނުގެ ރަސްކަން އިއުލާންކުރުން ފިޔަވައި ހުރިހާ ކަމެއް ޔަހޫދީން ކޮށްފިއެވެ. އެކަމަކު އޭނާ ހާމަކުރާގޮތުގައި ފުންކޮށް ވިސްނުމަށް ނުކުޅެދިފައިވާ މުސްލިމުންނަށް އެކަމެއް ނުފެނެއެވެ. މިސާލަކަށް ފަލަސްޠީނުގައި އޮންނަ ކުޑަ ކޯރެއް ކަމުގައިވާ ޠިބުރިޔާ ކޯރު (ސީ އޮފް ގެލީލީ) ހުސްވާނީ ޔަޢުޖޫޖް މަޢުޖޫޖް މީހުން ބޮއެގެންކަމުގައި ކީރިތި ރަސޫލާ ﷺ ގެ ހަދީސުން އެނގެއެވެ. މިހާރު އެ ކޯރުގެ ފެން ހުސްވަނީއެވެ. ސައެންސްވެރިން ބުނާގޮތުގައި އެކަން ހުއްޓުވަން ފިޔަވަޅުތަކެއް ނާޅަންޏާ ކުރިއަށް އޮތް ފަސްދޮޅަހަކަށް އަހަރު މި ކޯރު އެއްކޮށް ހިކޭނެއެވެ. ހަގީގަތުގައި މިކޯރުން ފެން ހުސްވަނީ ޔަހޫދީން އެ ކޯރުން ފެން ބޮއެގެންނެވެ. އެހެންކަމުން ފަލަސްޠީނަށް ވެރިވެތިބި ޔަހޫދީން ޔަޢުޖޫޖް މަޢުޖޫޖްގެ މީހުންނަށް ނުވާންޖެހޭ ސަބަބެއް ނެތްކަމަށް ބައެއް މީހުން ދެކެއެވެ. އެކަމަކު ކްރިޓިކަލްކޮށް ވިސްނުމަށް ނުކުޅެދޭ މީހުންނަށް އެތަނެއް ނުފެންނާނެއެވެ.

ފުންކޮށް ވިސްނާއިރު ދައްޖާލުގެ ފިތުނައިގެ ބޮޑުކަން ނިހާޔަތަށް ބޮޑެވެ. އެ ފިތުނަވެރިކަމުގައި މުސްލިމުން އުޅޭތާ ކިތަންމެ ދުވަހެކެވެ. ދައްޖާލުގެ ފިތުނަވެރިކަމުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ހުޅަނގަށް އުފަންވި ޑެމޮކްރަސީއާއި 19ވަނަ ގަރުނުގައި ދުނިޔެއަށް ފެތުރުނު ހުޅަނގުގެ އިސްތިޢުމާރު ފާހަގަކޮށްލެވެއެވެ. އަދި 18 ވަނަ ގަރުނުގައި އުފެދުނު އެމެރިކާއަކީ ދައްޖާލުގެ ހާއްޔެކެވެ. ވައިޓް ހައުސް އުފެދުނީއްސުރެ އެ ގެއަކީ ދައްޖާލުގެ މައި އިދާރާއެވެ. ދުނިޔޭގައި ހިނގާ ހުރިހާ ފިތުނަވެރިކަމަކާއި ހަނގުރާމައެއް ރާވައި ހިންގަނީ މި މަރުކަޒުންނެވެ. ދުނިޔޭގެ ވެރިޔާ ނުވަތަ ރަސްގެފާނުގެ ލަގަބު އޮތީ އެމީހުން އަތުގައެވެ. ދުނިޔެއަށް މިފެންނަނީ އެމީހުން ބޭނުންވާގޮތަށް ދުނިޔެ ހިންގާތަނެވެ. މިކަމަށް އެމީހުން ބޭނުންކުރާ މައިގަނޑު ހަތިޔާރަކީ އެކުވެރި ދައުލަތްތަކުގެ ޖަމާޢަތް ނުވަތަ އދ އާއި އެހެނިހެން ބައިނަލްއަޤުވާމީ ޖަމާޢަތްތަކެވެ. ޔަހޫދީން ފަލަސްޠީނުގެ އަރަބީން މަރާ ހުސްކުރަނީ އދގެ ފުރިހަމަ ތާއީދާއެކުއެވެ.

ފެންނަ ފެނުމަށް މިހާރު ދުނިޔޭގެ ވެރިއަކީ ޔަހޫދީ ދައުލަތް އިސްރާއީލެވެ. އެމީހުން ރަސްމީކޮށް ދުނިޔޭގެ ވެރިޔާ ކަމުގައި އިއުލާންކުރާ ހިސާބުން ދައްޖާލުގެ އެންމެ ފަހު ދުވަސްތައް ގުނަން ފެށޭނެއެވެ. ޔަހޫދީންގެ ކަސްތޮޅުތަކުން ފަލަސްޠީން މިނިވަންވާނީ އެ ހިސާބުންނެވެ. މިހާރުގެ ސުވާލަކީ ޔަހޫދީ އަނިޔާވެރިކަމުގައި އަރަބީން އަދި ކިހާ ދުވަހަކު ތިބެންޖެހޭނެތޯއެވެ؟ މިސްރުގައި ފިރުޢައުނުންގެ އަނިޔާވެރި ރަސްކަން 300 އަހަރަށް ދިގުދެމިގެން ދިޔައެވެ. ޔަހޫދީ އަނިޔާވެރިކަން ފަލަސްޠީނަށް ޖެހުނުތާ މިހާރު 100 ވަރަކަށް އަހަރުވެއްޖެއެވެ. ލަސްތަކެއްނުވެ އެމީހުންގެ އަޖަލު ހަމަވާނެކަމާމެދު ކުޑަވެސް ޝައްކެއްނެތެވެ. އެކަން އަވަސްކުރުމުގެ ބާރު އޮތީ މުސްލިމުންގެ އަތުގައެވެ. ﷲ މަގުގައި ސާބިތުވެ މަސްޖިދުލް އަޤުޞާ މިނިވަންކުރުމުގެ ޖިހާދު ފެށުމުން މުސްލިމުންނަށް ނަސްރުލިބޭނެކަން ކަށަވަރެވެ.

އެކަމުގެ އަޅުގަނޑުމެންނަށް ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. މުސްލިމުން ތިބީ ފަހަތުފަޔަށް ބުރަވެފައެވެ. އެމީހުން އިންތިޒާރުކުރަނީ ﷲ ގެ ޙަޟުރަތުން ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމަށެވެ. މާނަޔަކީ ޔަހޫދީންނަށް ކޯފާ ފޮނުއްވައި އެމީހުން ނެތިކުރައްވައި ފަލަސްޠީނާއި މުސްލިމުންނަށް ނަސްރުދެއްވާނެ ކަމަށެވެ. މުސްލިމުން ތިބީ އެ ދުވަހަށް އިންތިޒާރުކޮށްގެން ނިދީގައި ހުވަފެން ބެލުމުގައެވެ. ޝައްކެއްނެތް ގޮތުގައި ﷲ ކޮންމެ ކަމަކަށް ކުޅަދުންވަންތައެވެ. އެ އިލާހު އިރާދަކުރެއްވި ކޮންމެ ކަމެއް ވެދެއެވެ. އެކަމަކު ބުއްދީގެ އަހުލުވެރިން ބުއްދީގެ ބޭނުންކޮށް ވިސްނައި ފިކުރު ހިންގަންޖެހެއެވެ. އެއަށްފަހު އެމީހުން ކުރަންޖެހޭ ކަމެއް ލަސްނުކޮށް ކުރަންޖެހެއެވެ. އަތް އުރާލައިގެން ތިބެ ﷲ އަށް ވަކީލުކުރުމަކީ އޮތްކަމެއް ނޫނެވެ.

ގަދީމީ ތާރީޚަށް ބަލާއިރު އަދި ކީރިތި ޤުރްއާނުން ފެންނަ ވާހަކަތަކަށް ބަލާއިރު ގަދީމީ ޒަމާނުގައި ރަށްރަށާއި ގައުމުތައް ނެތިކުރައްވާފައިވެއެވެ. ﷲގެ ގަދަފަދަ ކޯފާ އެތައް ބަޔަކަށް އައިސްފައިވެއެވެ. އެމީހުންގެ މައްޗަށް ﷲ، ކޯފާ ފޮނުއްވި ހާލަތާއި ގޮތަށް ވިސްނާލަމާ ހިނގާށެވެ. ނަބިއްޔުންނާއި ރަސޫލުން ﷲ އަށް އީމާންވުމަށް ގޮވައިލެއްވުމުން މީސްތަކުން އެބޭކަލުންނާ ދެކޮޅަށް ތެދުވެއެވެ. އެ ހާލަތުގައި އެމީހުން ބަލިކުރެއްވުމަށް ނަބީ ބޭކަލުން ނުވަތަ ރަސޫލު ބޭކަލުން ﷲ އަށް ދަންނަވައެވެ. އެ ހިސާބުން ﷲ އެބައެއްގެ މައްޗަށް ކޯފާ ފޮނުއްވައެވެ. ހަމަ އެގޮތަށް ބައެއް ގައުމުތަކުގެ މީހުން އެމީހުން ގާތަށް ފޮނުއްވި ނަބީބޭކަލުން ނުވަތަ ރަސޫލު ބޭކަލުން އަވަހާރަކޮށްލަން ނިކުމެއެވެ. އެފަދަ ބައެއް ހާލަތްތަކުގައި ﷲ އެފަދަ މީހުންގެ މައްޗަށް ކޯފާ ފޮނުއްވާފައިވެއެވެ. ހަމަ އެގޮތަށް ނަބިއްޔުންނާއި ރަސޫލުން ފޮނުއްވުމުން އެބޭކަލުންނާ ދެކޮޅަށް ތެދުވާ މީހުން ހައްދުފަހަނަޅާ ދިއުމުން ﷲ އެމީހުންގެ މައްޗަށް ކޯފާ ފޮނުއްވައި ހަލާކުކުރައްވާފައިވެއެވެ. ނޫޙްގެފާނުގެ ގައުމުގެ މީހުންނާއި ޢާދު ބާގައިގެ މީހުންނާއި ޘަމޫދޫ ބާގައިގެ މީހުންނަކީ ﷲ ފޮނުއްވި ކޯފާގައި ހަލާކުވެދިޔަ މީހުންގެ މިސާލުތަކެވެ.

ﷲ އެންމެ މާތްކުރައްވައި މަތިވެރިކުރެއްވި އެ އިލާހުގެ އަޅާ ކީރިތި ރަސޫލާ ﷺ އަށް ނަސްރު ދެއްވުމަށްޓަކައި އުޑުން ލަޝްކަރެއް ނުފޮނުއްވައެވެ. އެކަލޭގެފާނުގެ ޢަދުއްވުންނަކަށް ﷲ ކޯފާއެއް ނުފޮނުއްވައެވެ. އެކަމުގެ އެކަލޭގެފާނު ކުރެއްވި ކަމަކީ ﷲ އެންގެވިގޮތަށް ސާބިތުކަމާއެކު ޒިއްމާ އަދާކުރެއްވުމެވެ. އެގޮތުން އެކަލޭގެފާނު ކުރައްވަންޖެހިވަޑައިގަތް ހުރިހާ ކަމެއް ފުރިހަމައަށް ކުރެއްވިއެވެ. ފިނޑިވެވަޑައިގެން ނުވަތަ ނުކެރިވަޑައިގެން ނޫޅުއްވައެވެ. އެކަލޭގެފާނު ހަނގުރާމަކުރެއްވިއެވެ. ހަނގުރާމައަށް ނިކުމެވަޑައިގެން ސާބިތުކަމާއެކު މުސްލިމުން ކުރިއަށް ދިއުމުން ﷲ މުސްލިމުންނަށް މަދަދާއި ނަސްރުދެއްވިއެވެ.

ފަލަސްޠީނުގެ މައްސަލައިގައި އެއީ ސިޔާސީ ކަމަކަށް ނުވަތަ ނަސްލީ ކަމަކަށް ހަދާފައި މުސްލިމުން އަތްއުރާލުމުން ފަލަސްޠީން މިނިވަންވުން އަވަހެއްނުވާނެއެވެ. ކަށަވަރުވާ ކަމަކީ ކިތަންމެ ލަސްވިއަސް އަދި ކޮންމެ އިރަކު އެކަން ވީނަމަވެސް މުސްލިމުންނަށް ނަސްރު ލިބި ޤުދުސްގައި މުސްލިމުންގެ ދިދަ ވިހުރުވޭނެކަމެވެ. އެކަމަށްޓަކައި މުސްލިމުން ޖެހެނީ ތައްޔާރުވެ މޮޅުވާނެ އިސްތިރާޖީއެއް އެކުލަވައިލައި އެ އަމާޒަށް މަސައްކަތްކުރާށެވެ. މިސްރުގައި ފިރުޢައުނު ހިންގި އަނިޔާވެރިކަން ނިމުނު ފަދައިން ފަލަސްޠީނުގައި ޔަހޫދީން ހިންގާ ގަތުލުއާންމުވެސް ނިމޭނެއެވެ. އެނގިކަށަވަރުވާ ކަމަކީ ފަލަސްޠީނުގައި މިހާރު ނިއުޅެމުންދާ ޔަހޫދީ ޑްރާމާ ދިގުދެމިގެންނުދާނެކަމެވެ. އެއީ ހުރިހާ މާނައެއްގައިވެސް އެމީހުންގެ އަނިޔާވެރިކަން ހައްދުފަހަނަޅާފައިވާތީއެވެ. މިކަމަށް ނިމުން އަންނާނީ ވަރުގަދަ ހަނގުރާމައަކަށްފަހުއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެ ހަނގުރާމައަކީ މަލްޚަމާ ނުވަތަ އާމެގަޑަން އެވެ.

(ނިމުނީ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *