Support Us

ލާމަސީލު ގާނޫންއަސާސީއެއް، އެކަމަކު ނިޒާމު ކޮރަޕްޓް؟

ތިމާ ގެންގުޅޭ ފޯނު ހަލާކުވެ އޭގެން ކުރަންވާ ބޭނުން ނުކުރެވޭވަރު ވުމުން ދެން ހަދާނީ ކިހިނެތްތޯ އެވެ؟ މަރާމާތު ކުރާނީ ނޫނީ ފޯނުގައި ހުރި މައްސަލަތައް ހައްލުނުކުރެވޭނަމަ ދެން އައު ފޯނެއް ހޯދާނީ ދޮގެއްތޯއެވެ؟ އެންމެ ނުވިސްނޭ މީހާވެސް މިވަރުގެ ކަމެއްގައި ހަދާނެ ގޮތް ނޭނގި ނުހުންނާނެކަން ކަށަވަރެވެ.

މި ގައުމުގެ ރައުސްމާލުން، ނުވަތަ ރިސޯސަސްތަކުން، ނުވަތަ އާމްދަނީން އެދެވޭ ޚިދްމަތެއް ހަމަހަމަކަމާ ކައިރިކުރާ މިންވަރަށް ވެސް އާންމު ރައްޔިތުންނަށް ނުލިބޭނަމަ ދެން ހަދާނީ ކިހިނެތްތޯ އެވެ؟ ރާއްޖެއަކީ ފަގީރު ގައުމުތަކުގެ ލިސްޓުން އުނިކުރެވި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓުން ޖާގަ ހޯދާފައިވާ ގައުމަކަށްވާއިރު ފަގީރު ގައުމުތަކުގައި ވެސް ރައްޔިތުންނަށްދޭ އަސާސީ ބައެއް ޚިދްމަތްތައް މި ގައުމުގެ ރައްޔިތުންނަށް ފޯރުކޮށެއް ނުދެވެއެވެ.

ރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުވީ ހިސާބުން ފެށިގެންވެސް ވެރިކަމަށް އިސްވާ ބޭބޭފުޅުންނަކީ އާންމު ރައްޔިތުންނަށް ހަމަހަމަކަމާއެކު ދައުލަތުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް އިސްކަން ދެއްވުމަށްވުރެ ބޮޑަށް އެ ބޭބޭފުޅުންގެ އަރިސް ބޭފުޅުންނަށާއި ބާރާއި ނުފޫޒު ދެމެހެއްޓުމަށް އެހީތެރިވެދޭ ފަރާތްތަކަށް ދައުލަތުގެ އެހީތެރިކަން ފޯރުކޮށްދީ އާމްދަނީ ލިބެން ހުރި ވަސީލަތްތަކާއި ރަށްތައް ގާތް ބޭބޭފުޅުންނަށް ދިގު މުއްދަތަކަށްދީ އޭގެ ފައިދާ އަމިއްލަ ބާރު ދެމެހެއްޓުމަށް ބޭނުންކުރާ ބަޔެއްކަން އިއްޔެއާއި މިއަދުގެ ތާރީޚުން ދަނީ ފެންނަމުންނެވެ.

ގާނޫން އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ހަމަހަމަކަން އޮތީ ހަމައެކަނި ބޮޑު ފޮތުގައެވެ. ހަމަހަމަކަމުގެ ދިމާ އިދިކޮޅަށް ކަންކަން ކުރަމުންދަނީ އެކި ވެރިން އެކި ނަމުގައެވެ.

އެކަކު އާއުސްމިންތަކަށް ގައުމު ގެންދާނެކަމުގެ ވައުދުވެއެވެ. އަނެއް ބަޔަކު ހެޔޮވެރިކަމެއްގެ ނަމުގައެވެ. އިންސާފު ހޯދައިދޭނެކަމުގެ ވައުދުވެ ބިރުފަހަނަޅައި ދާން ގޮވައެވެ. ޒުވާނުންނަށް އުންމީދު އާކޮށްދީ އިގުތިސާދު ހަމަމަގަށްގެނުވާ އުމްރާނީ ތަރައްޤީ ރޮކެޓު ސްޕީޑަށް ޖެއްސިވެރިކަމެއްވެސް ފެނިއްޖެއެވެ. ޖަޒީރާ ރާއްޖޭގެ ރަށްވެހިފަތިސް އަވާމެންދުރަށްވެ އިންސާފުގެ ދަތުރުގެ އަސްލު މަންޒިލަކީ ގައުމުގެ ބޮޑު ތިޖޫރިކަން މިދަނީ އެންމެންނަށް ރޯމާދުވާލު ފެންނަމުންނެވެ.

ހުރިހާ ގޮވެލިފައްޗެއް ގޮވާފައި ވެރިކަން ލިބުނީމާ ދެން ގާނޫން އަސާސީއެއް، ގާނޫނެއް، ގަވާއިދެއް، ހަމައެއް ލަމައެއް، އަދި ބެސްޓް ޕްރެކްޓިސްއެއް ވެސް ބަލާކަށް ބޭނުމެއްނުވެއެވެ. ވެރިކަމުގައި ތިބި ވެރިން ބޭނުންވާ ކަމެއް ކުރަންވީމާ ކުރިން މިދެންނެވި ކަންކަން އެއްފަރާތްކޮށްލަނީ ލަދުވެތިކަމުގެ ކުޑަވެސް ކަންފުޅެއް ދައްކާނުލައެވެ. އަދި އެ ކުރާ ކަމެއް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެއްކުމަށްޓަކައި ވާހަކަ އަނބުރާއަނބުރާ ނުދައްކާނެ ވާހަކައެއް ނޯވެއެވެ.

ބޮޑެތި ޚިޔާނާތުގެ މައްސަލަ ތަކުގައިވެސް އަމިއްލަ މަސްލަހަތު އިސްކޮށް ސަލާމަތްކުރަން ބޭނުންވާ މީހުން ސަލާމަތްކޮށް ބައްދަން ބޭނުންވާ މީހުން ބައްދާލުމަކީ މިއަދު ކަން ހިނގާ، "ނިއު ނޯމަލް" އަކަށް ވަނީ ވެފައެވެ.

ގައުމުގެ ރައުސްމާލުން ބޮޑުތަނުން ޚިޔާނާތްނުވާ ވެރިކަމެއް މިފަހުގެ ތާރީޚުން ފެނިފައެއް ނުވެއެވެ. އެކި ވެރިން އެކި ވަރަށެވެ. އެކި ވެރިން އެކި ނަންބޯޑު ހިފައިގެން އޭގެ ފަހަތުގައި ފިލާ ތިބެގެން ކުރަނީ ހަމަ އެއް ކަމެކެވެ. ބަންޑާރަކަފަލީ ބާލީހުގައި ބޯއަޅައިގެން ނޫނީ ނިދާ ވެރިއަކު މިއަދު މަދެވެ.

މި ވަރުންވެސް އިއްޒަތްތެރި ލަގަބުތަކުން މި ބޭފުޅުންނަށް މުޚާތަބުކުރަންވީތޯއެވެ؟ އެންމެ ބޮޑެތި ޚާއިނުންގެ ތެރޭގައި މި ބޭފުޅުން ނުހިމެނޭތޯއެވެ؟

މި ބޭފުޅުންގެ މަޅީގައި ޖެހި ވާނުވާ ނޭނގުމެއްގެ ތެރޭގައި ތިބެ އެވެރިންނަށް ތާއީދުކޮށް އަޑުން އަޑުނަގައި ހަޅޭއްލައި، ޖާނު ތުރުތުރުއަޅާ ވަރަށް ޖޯޝު ގެނުވައި، އެވެރިންގެ ދިފާއުގައި މަގުތަކުގައި އަދި މީސްމީޑިއާގައި ކުރެވުނު ކަމެއް ކުރަމުން ދުވާ ގްރޫޕުތަކަށް އަދިވެސް ހޭވެރިކަމެއް ނުވެއެވެ.

ގައުމު ބަނގުރޫޓުކޮށް ކުރިން ސޭވިން އެކައުންޓްގައި ހުރި އެއްޗެއް ހުސްކޮށް، ބަޖެޓު ހުސްކޮށް ބޭރުގެ އެހީތައް ވަޔަށް ބުރުވާލައި، ރައްޔިތުންނަށް ދައްކާލާނެ އޮއްޓަރު ހުރި އެއްކަމެއްވެސް ނެތުނީމާ ހެޔޮ ވެރިކަމެއްގެ އުންމީދުގައި މިވެރިންނަށް ވޯޓުދިން މީހުން ޒިންމާ ނަގަން ނުޖެހޭނެތޯ އެވެ؟ ރައްޔިތުންގެ ފައިސާއަށް ވެރިން ޚިޔާނާތްތެރިވިޔަ ނުދިނުމަށް، އެކަމަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމަށް އުފެދިފައި ހުރި މިނިވަން މުވައްސަސާތަކަކީ މިއަދު މިނިވަންކަމުގެ އެއްވެސް ކުލަވަރެއް ނެތް ޕާޓީގެ އެކްޓިވިސްޓުންތަކަކަށް ބޮޑު މުސާރަ އާއި އިއްޒަތާއި ގަދަރާ ދޭން އޮތް ޕާޓީ ހަރުގެތަކަކަށް ވަނީވެފައެވެ. ޒަމާނީ ޑިމޮކްރަސީއެއްގައި ހަތަރު ވަނަ ބާރު ކަމަށް ބުނާ މީޑިޔާގެ ބޮޑުބައެއް މިއަދު މިއޮތީ މަގާމުތަކާއި ބޮޑު މުސާރައަށް ވިކި އަމިއްލައަށް އަނގަމަތީ ޓޭޕްއަޅައިގެންނެވެ.

ސަތާރަ އަހަރުން ލިޔެ ނިންމާލި ގާނޫން އަސާސީން ލިބޭ ސަލާމަތާއި ރައްކާތެރިކަމަކީ ހަމައެކަނި ނުފޫޒު ހުރި ބާރުވެރިން އެބައިމީހުން ހިންގާ ޖަރީމާތަކުން ދެމިގަންނަން ބޭނުންކުރާ ހަތިޔާރަކަށް ވެފައި ނިކަމެތި ފަރުދުން އިންސާފު ހޯދަން މިވެރިންގެ ފައިދޮށުގައި ސަލާންޖަހަން ޖެހޭއިރު މި ލާމަސީލު ގާނޫން އަސާސީ އޭގެ ފުރިހަމަ ރޫހުގައި ތަންފީޒުވެގެން ދާތަން ދެކެން އަދި ކިތަށް 17 އަހަރު ނަގާނެތޯއެވެ؟ އެފަދަ އުންމީދެއްގައި ހަމަ އަދިވެސް ތިބެންވީތޯއެވެ؟

ރައްޔިތުންގެ މަޖިލިސް މިއަދު ހިނގަނީ އެމަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށް ބުނެވޭކަށް ނެތެވެ. މަޖިލިހުގެ ރިޔާސަތަކީ، މަޖިލިސް ގަވާއިދު ބުނާގޮތުން، ބަހުސުތަކުގައި ބައިވެރިވެވޭ މެމްބަރެއް ނޫން ކަމުގައި ވީނަމަވެސް "އަޅުގަނޑު ދެކޭގޮތުގައޭ" ވިދާޅުވެ ހުރިހާ ބަހުސެއްގައި ބައިވެރިވެ މަޖިލިހުގެ ރައީސް ބޭނުންވާ ގޮތަށް ނޫން ގޮތަކަށް ކަމެއްވިޔަނުދީ މަޖިލިސް ކުރިއަށްދާތަން ވަރަށް ގިނައިން ފެނެ އެވެ. މަޖިލިހުގެ ރައީސް އެކަނި އެތައް އިރަކު ވާހަކަ ދައްކަވައިފަ ޖަލްސާ ނިންމާލާތަން ވެސް ވަނީ ފެނިފައެވެ. ޚުދުމުޚުތާރުވުމަކީ މިނޫން ދެން ކޮންކަމެއްތޯއެވެ؟

މަޖިލީހުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތާއި އެހެނިހެން މަންފާތައް އަމިއްލައަށް ކަނޑައަޅާ ގޮތަށް ގަވާއިދުތައް ހައްދަވައިގެން، ގައުމުގެ މާލީ ހާލަތާއި އެހެނިހެން މުސާރައިގެ އޮނިގަނޑުތަކާ ނުބައްދަލު ބޮޑު އިނާޔަތްތައް ނަންގަވަމުން ގެންދަވަނީ ރައްޔިތުންނަށް އެކަމަށް ބަހެއް ބުނާނެ ތަންވެސް ނުދީއެވެ. މިވަރުން ވެސް އިއްޒަތްތެރިކަން ވާންވީ ހަމަ ބޮޑުތޯއެވެ؟

މިގޮތަށް ހިނގާ މަޖިލީހަކުން އާންމު ރައްޔިތަކަށް މަންފާއެއް ލިބިދެވޭނެ ކަމެއް ނުވަތަ އާންމު ދިރިއުޅުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދީފާނެ ކަމަށް ބެލެވިދާނެތޯއެވެ؟

ރައީސުލްޖުމްހޫރިއްޔާ ކަމަށް ދެ ދައުރަށް ވުރެ އިތުރަށް ކުރިމަތިނުލެވޭއިރު މަޖިލިސް މެމްބަރުކަމަށް ދިހަބާރަ ދައުރުވެސް ކުރިމަތިލެވެއެވެ. ރައްޔިތުންނަށް ލާމަސީލު ގާނޫނުއަސާސީގެ ފޮނިމީރުކަން ނުލިބި ދިގުލާ ދާ ސަބަބަކަށް އެއް މެމްބަރުން ތަކެއް މަޖިލީހުގައި އެތައް ދައުރެއްގައި ތިބޭތިބުން ނުވޭތޯއެވެ؟

ގައުމުގެ ދުސްތޫރީ ނިޒާމު މިއަދު އޮތީ ގާނޫން އަސާސީ ބުނާގޮތަށް އޭގެ ރޫހުގައި ހިނގާ ނިޒާމެއްގެ ގޮތުގައިތޯއެވެ؟ ތިންބާރު އޮތީ ވަކިވެފައިތޯއެވެ؟ އަދުލުއިންސާފު ގާއިމު ކުރެވޭތޯއެވެ؟ މިނިވަންކަމުގެ ފުރިހަމަ އިޙްސާސް އެބަކުރެވޭތޯއެވެ؟ ހަމަހަމަކަމާއި ރައްކާތެރިކަން ކަށަވަރުވޭތޯއެވެ؟ މި ސުވާލުތަކުގެ ޖަވާބަކީ ސީދާ ނޫނެކޭ ކަމުގައިވާއިރު އަދިވެސް މި ނިޒާމުން ހެޔޮ ރާހަތެއް ކޮށްފާނެ ކަމަށް ދެކިގެން ތިބެންވީތޯއެވެ؟ ގާނޫންއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި ޚިދްމަތްތަކުގެ އެއްވެސް ފޮނިމީރުކަމެއް އާއްމު ރައްޔިތުންނާ ހިސާބަށް ފޯރުވާދޭނެ އިޚްލާސްތެރި، ގާބިލް ވެރިކަމެއް މިކޮރަޕްޓް ނިޒާމުގެ ތެރެއިން ފެނިދާނެ ކަމަށް އަދިވެސް އުންމީދު ކުރަންވީތޯއެވެ؟

މުޅި ނިޒާމު ކޮރަޕްޓްވެ މި ނިޒާމުން ރައްޔިތުންނަށް ލިބެންވީ އެއްވެސް މަންފާއެއް، ލުޔެއް ނުލިބި މިވީހާ ދުވަހެއް މިވީއެވެ. ނިޒާމު ރިޕެއަރކުރަން މިހާތަނަށް އެއްވެސް ވެރިކަމެއްގައި އެދެވޭ އިޚްލާސްތެރި މަސައްކަތެއް ހެޔޮ ނިޔަތެއްގައި ކުރިތަނެއް ފެނުނު ދޮގެއްތޯއެވެ؟

ތިމާ ގެންގުޅޭ ފޯނު ހަލާކުވީމާ ބަދަލުކުރާ ބީދައިން މި ނިޒާމު ހަލާކުވީމާ ދެންޖެހޭނީ ނިޒާމު ބަދަލުކުރަންނޫންތޯ އެވެ؟