Support Us

ކޮލަމް ކަލާވެހި: ހަންޑިޔާއި ހާމުންޑިޔާ ހަމައިން…

މިފަހަރު އަޅުގަނޑު ތިޔަ ބޭފުޅުންގެ އަރިހުގައި މި ދަންނަވައިލަނީ ބަހުގެ ކަންކަން ދިރާސާ ކުރެއްވުމަކީ ޚާއްސަ ޝައުޤުވެރިކަމަކާ އެކު ކުރައްވާ ކަމަކަށް ހައްދަވައިގެން އުޅުއްވާ ބޭފުޅުން އަރިހު ދަންނަވައިލާ، ވަރަށް ކުޑަކުޑަ ވާހަކަޔެކެވެ. އަދި ވަކީން ޚާއްޞަކޮށް، އެ ފަދަ ބޭބޭފުޅުންގެ ތެރެއިން މި ޒަމާނުގެ މޮޅުމޮޅު، އަގު ބޮޑު، ދުނިޔޭގެ އެންމެހައި ތާކަށް ބަލައިގަންނަ ޒާތުގެ ދެތިން އަކުރުން ރަމްޒު ކުރެވޭ ސަނަދުތައް ގެންގުޅުއްވާ ބޭބޭފުޅުންގެ ހިތްޕުޅު ހެއުކަމުން ކުޑައިކޮށް އައްސަވައިލައްވާނޭ ކަމަށް ހީކުރާ ވާހަކަޔެއް މެއެވެ.

އައްސަވާށެވެ!

އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖެޔަކީ ފަޚުރުވެރި ދިގު ތާރީޚެއް އޮތް ޤައުމެއް ކަމީ ތިޔައިގެ ތެރެއިން ހަމަ ކޮންމެ ބޭފުޅަކުވެސް ޝައްކެއް ކީއްކުރަންތޯއޭ ވަސްވާހަކާވެސް ނުލައި މާ ރަނގަޅަށް ޤަބޫލުފުޅު ކުރައްވާނޭ ކަމެކެވެ. އަދި ހަމަ އެޔާ އެކު، އަޅުގަނޑުމެންގެ މި ހަންހާރަވެތި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ދެތިން ހާސް އަހަރު ވީ ބަހަކާއި ޘަޤާފަތެއްގެ ޝުޢާއުން ދުނިޔޭގެ މަގުތައް އަލިކުރުމުގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވައިފައިވާ ނަޞީބުވެރީން ކަމާ މެދަކު ކުޑަވެސް ޝައްކެއް ހަމަ ނުމެ ނެތް މެއެވެ. އެހެން ނަމަވެސް…

އެންމެ ފުރަތަމަ، ދިވެހި ބަހުގެ ވާހަކައެވެ. ދިވެހިބަހަކީ ހަމަ އެކަނި އިޝާރާތެކޭ، ދިވެހި ބަހަކީ އެތައް ބަހެއްގެ މައްޗަށް އެކުލެވިގެންވާ މަސްހުނިގަނޑެކޭ، އެއީ އެ ބަޔަކު މޮޑޭނޭ ގޮތަކަށް މޮޑޭން އޮތް އެއްޗެކޭ ބުނާ ބަޔަކުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިއްބެވެ. ދިވެހިބަހަކީ މި ރާއްޖޭގެ ސަރަޙައްދީ ރޮނގުތަކުން ބޭރުވެއްޖެ މީހާޔަށް ކުޑައިވެސް ބޭނުމެއް ހިފޭނޭ އެއްޗެއް ނޫނޭ، އެހެން ވީމައި އެއީ ދެން އެހައި ބޮޑު މަޤާމެއް ތިމާމެންގެ ޙަޔާތުގައި ދޭންވީ ބަހެއްހޭ އަހައިލާން ބޭނުންވެމެ، ގޭދޮށު މީހުން ރުޅިއަރައިފާނޭތީ ވައިއަޑުން ނޫނީ އެ ޒާތުގެ އެއްޗެއް ބުނާން ނުކެރޭ މީހުންވެސް މި ރާއްޖޭގައި އެބަ އުޅެއެވެ. އަދި ހަމަ އެޔާ ސީދާ އިދިކޮޅަށް ވާހަކަ ދައްކައި، ދިވެހިބަސް ނަގައި ދިދަ ދަނޑީގެ ކުރިބޯށީގައި އަޅުވައި، ދިވެހިބަހަކީ އޭގެ ޒާތުގައި ދުނިޔެއާ ވަކީން އޮތް، އެހެން ބަހެއް އޭގައި ހޭކިއްޖެތަ، ބަސް ތަޣައްޔަރުވާ އެއްޗެއް ކަމަށް ބުނެ އުޅޭ މީހުންވެސް މަދުމަދުން މިތަނުން މަދުމަދުން ފެނެޔޭ ދެންނެވުމަކީ އެހައި ބޮޑު ގޯހަކަށް ނުވާނެއެވެ.

ދެން، ދިވެހި ޘަޤާފަތުގެ ވާހަކައެވެ. ދިވެހީންގެ ޘަޤާފަތަކީ އެޔަކަށް ނުވާ، މިޔަކަށް ނުވާ އެއްޗެކޭ ބުނާ ބަޔަކުވެސް މިތާނގައި އެބަ އުޅެއެވެ. އެތަނުން ކެއުމެއް، މިތަނުން ޖިފުޓިޔެއް، އެހަރަ ތަނުން ކެއުމެއް، މިހިރަ ތަނުން ފޭރާމެއް ފެނިގެން އެއީ ނޫންހޭ ދިވެހީން ނަކަލުކޮށްގެން އަމިއްލަކޮށްގަނެގެން މިއުޅޭ ދިވެހި ޘަޤާފަތަކީ ބުނާ ބަޔަކުވެސް މިތާ އެބައުޅެއެވެ. އަދި ހަމަ އެޔާވެސް އިދިކޮޅަށް، މިރާއްޖޭގެ ޘަޤާފަތުގެ އެއްވެސް ބަހާޔަކީ ރާއްޖޭން ބޭރުގެ އެއްވެސް ތާކުން ހޯދައި ނުފެންނާނޭ އެއްޗެކޭ ބުނާ އަޑުގެ ބާރު މިނާއި ކުރަކި ކަމަށް ސިހިގެން އެޔާ ދެކޮޅަށް އެއްޗެއް ބުނާނޭ މީހަކު ނުވާނޭ ޒާތުގެ މީހުންވެސް މިތާނގައި އެބަ އުޅެތެވެ.

އެކަމަކު ދަންނަވަންތޯއޭ، މިދެންނެވި ދެތިން ހަތަރު ބާވަތުގެ މީހުން އެ ގެންގުޅޭ ޒާތުގެ ވިސްނުމަށް ތާއީދު ކުރެވިއްޖެތަ، އެ ހިސާބުން އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ ދަރީންނަށާއި އެ ދަރީންގެ ދަރީންނަށްވެސް ބަންދުވެގެން އެ ދަނީ އަޅުގަނޑުމެންގެ މާޒީގެ ތަނަވަސް ދޮރޯށިތަކެވެ. ޙާލުގެ ފުރުޞަތުތަކުގެ ފުޅާ މަގުތަކެވެ. މުސްތަޤުބަލުގެ ފަހި ހަލިމަގުތަކެވެ. އެހެނީ، މި ދެންނެވި ޒާތުގެ ވިސްނުމަކީ، އަޅުގަނޑުމެންގެ މި އިންސާނީ ނަސްލަކީ އެއް ބަފަޔެއްގެ، އެއް ޢާއިލާޔެއްގެ ބަޔަކުކަން ޤަބޫލު ނުކުރެވުމުގެ ސަބަބުން ދިމާވާ ކަމެކޭ ދެންނެވީމައި އެ ވާހަކަ އެ ދެންނެވެނީ ތަންކޮޅެއް ކުރަކިކޮށް ކަމުގައި ވިޔަސް…

ތެދުފުޅެކެވެ. އަޅުގަނޑުމެންނަކީ ހިންދުކަނޑުގައި، ދުނިޔޭގެ ބޮޑެތި ބައްރުތަކާ ވަކީން އޮތް ތަނެއްގައި ދިރިއުޅޭ ބަޔެކެވެ. އެހެންނަމަވެސް، އަޅުގަނޑުމެންނަކީ އެއް އިރެއްގައިވެސް ވަށައިގެންވާ ކަނޑު އެއީ ޖަލެއް ކަމުގައި ބަލައިގެން އުޅުނު ބައެއް ނޫންކަމާއި، އަޅުގަނޑުމެންނަކީ ވަކިވެގަތުމާއި ޢަޒުލަށް އެއް އިރެއްގައިވެސް އިޝްތިރާކު ދީގެން އުޅުނު ބައެއް ނޫންކަން އަޅުގަނޑުމެންގެ އަމިއްލަ ބަހުންވެސް އެ އޮތީ މާ ރީތިކޮށް ފެންނާށެވެ. އަޅުގަނޑުމެންގެ ޘަޤާފަތާއި، އަޅުގަނޑުމެން ޤަބޫލުކުރާ ޤަބޫލުކުރުންތަކުންނާއި އާދަކާދައިންވެސް އެ އޮތީ، ދިރާސާ ކުރާ ބަޔަކަށް މާ ތަނަވަސްކޮށް ސާބިތުކުރެވޭށެވެ!

ދެންވެސް އައްސަވާށެވެ!

އަޅުގަނޑު މި ދަންނަވާން އުޅޭ ވާހަކަ ދަންނަވާނީ ކޮންމެވެސް ތަނެއްގައި އޮތް ފަޅުރަށަކު ހުރި ދާގަބާއެއް، ވޭރެއް، ތަރާގަނޑެއް ކޮނެގެންނެއް ނޫނެވެ. ބޭރުގެ މާހިރުން ބޮޑު އަގު ދީގެން ގެނެސް ރިސޯޓުތަކުގައި ނިންދަވައިގެން، އެމީހުންގެ ހިތް ފުރޭންދެން މޫދަށް އެރުވައިގެން، ދާރުލް އަސާރުގައި ހުރި އެއްޗިއްސަށް އެ މީހުން ލައްވައި ފާޑުކިޔުއްވައިގެނެއްވެސް ނޫނެވެ. އަދި ކިއެއްތޯއޭ، އަޅުގަނޑު ދަންނަވާން މި އުޅޭ ވާހަކަޔަކީ އަޅުގަނޑުމެންގެ ތެރޭގައި މިހައިރު މި ތިއްބެވި، ފަށަމުން މިދެންނެވި ބާވަތުގެ ފުންނާބުފުޅު އުސް، ތިން އަކުރުގެ ސަނަދުން ޢިއްޒަތާއި ޤަދަރު ލިބިވަޑައިގެން ތިއްބަވާ، ޒަމާނީ ލުޣަވިއްޔަ ޢާލިމުންނަށް ނުހަނު ފަސޭހައިން ފެނިވަޑައިގަންނަވާނޭ ޙަޤީޤަތެއްގެ ވާހަކައެވެ. އެ ޙަޤީޤަތަކީ ތޯއެވެ؟

އެ ޙަޤީޤަތަކީ މިއެވެ. އަޅުގަނޑުމެންގެ މާތް ދިވެހި ބަހަކީ، ޝައްކެއްވެސް ނެތް ގޮތުގައި އަޅުގަނޑުމެންގެ އަމިއްލަ އެއްޗެކެވެ. އަޅުގަނޑުމެންގެ ޘަޤާފަތަކީ އެ ބަހާއި ގުޅި، ލާމެހިފައިވާ އެއްޗެކެވެ. އެހެނަސް، އަޅުގަނޑުމެންގެ މި ބަހަކީ ބޭރުގެ އެކި ބަސްބަހުގެ މަސްހުނިގަނޑެއް ނޫނެވެ. އެޔާ ޚިލާފަށް، އަޅުގަނޑުމެންގެ ބަހަކީ އޭގެ ޒާތުގައި ވަރަށް ތަނަވަސް، މުސްތަޤިއްލު ބަހެކެވެ. އަދި ހަމަ އެހެންމެ، އަޅުގަނޑުމެންގެ އިންސާނީ ނަސްލަކީ އެއް ބަފަޔެއްގެ ދަރީން ކަމުގައި ވާ ފަދައިން، އަޅުގަނޑުމެންގެ ބަހާއި އެ ބަހާ ގުޅިފައިވާ ޘަޤާފަތަކީ އެޔަށް މަޔަކާއި ބަފަޔެއް ލިބިގެންވާ، އެއްބަނޑު އެއްބަފާ އަޚުންނާއި އުޚްތުން ލިބިގެންވާ، ދުނިޔޭގެ ބޮޑު ޢާއިލާގެ ޤަދަރުވެރި ދަރިޔެކެވެ. އެކަމުގެ ހެއްކަކީ ކޮބައިހޭ އަހާ މީހެއްގެ ކުރިމައްޗަށް އަޅުގަނޑު އޮއްސައިލާން ހުރި އެތައްއެތައް ހެއްކެއް އެބަހުއްޓެވެ. އެކަމަކު މި ފަހަރު…

މިފަހަރު ދަންނަވާނީ ހަމަ އެންމެ ވާހަކައެކެވެ. ހަންޑިޔަކާއި ހާމުންޑިޔެއްގެ އެހީގައެވެ.

އަސްތާ، ހަންޑިޔާއި ހާމުންޑިޔޭ ތޯއެވެ! ހަންޑިޔަކީ ޚިޔާލީ އަންހެން ފުރޭތައެކޭ ނުވަތަ ޖިންނިޔެކޭ، އަދި ހާމުންޑިޔަކީވެސް ކޮންމެވެސް ޒާތެއްގެ ފުރޭތަޔެކޭ ރަދީފުގައި އޮއްވައި އަޅުގަނޑު ދުށީމެވެ. އަދި ހަމަ އެޔާއެކު، ހަންޑީގެ ރަތް ލިބާހާއި، ހަންޑިގަނޑުވަރު ދޮންކަމަނަގެ ދެފައިން ހުޅުފަޅުވާ ވާހަކަޔާއި، ހާމުންޑި ކުކުޅެއްހެން ބޯ ހާވައިލައިގެން މިވެނި މީހަކު އުޅޭ ވާހަކަޔަކާއި، ކަށްބޮލަށް ވެލިފުރައިގެން… މިހިރިމިހިރީ އަޅުގަނޑުމެންގެ ޘަޤާފަތުގެ ބަތާނަފުށުން ނަމަވެސް އިވޭ ވާހަކަތަކެވެ. އެ ޒަމާން ކީއްކުރާންތޯއޭ، ހަމަ މިހައިރުވެސް ކަށް ބިންބިމުގެ ކައިރީން ދަންވަރު އެކަނި ހިނގާން ބައެއް މީހުން ޖެހިލުންވާ އެއް ސަބަބަކީ އެޔޭ ދަންނަވައިފިއްޔާ އެކަމާ ދެކޮޅު ހަދާނޭ މީހުންވެސް… އެހެން ނޫންތޯއެވެ! އެކަމަކު އެ މީހުންވެސް ބުނާނެތޭ، ހަންޑިޔާއި ހާމުންޑިޔަކީ ދިވެހި ޘަޤާފަތުގެ ޚުރާފާތުން ނަމަވެސް އުފެއްދި އަމިއްލަ ދެ ސައިތާނުންނޭ، އަޅެ އެހެންނޫންތޯއެވެ؟

ތިޔަ ބޭފުޅުން ވިސްނާވަޑައިގަތީމު ތޯއެވެ! ސާންސްކިރިތު ބަހުން ހަނދަށް ނިސްބަތްކޮށް ކިޔާ "ޗަންދްރަ" ހިންދީ ބަހަށް އައިސް ބަދަލުވި އެއް ގޮތަކީ "ޗާނދް" ކަމަށް ވީ ފަދައިން، އެ ފަދަ ބަސްތައް ސާންސްކިރިތުން ދިވެހިބަހަށް އައި އިރު "ޗ،ޝ،ސ" މި އަޑުތައް 'ހ" އަކަށް ބަދަލުވީ ނޫންތޯއެވެ؟ "ހަނދު" އެ އޮތީ އެހެން ވެފައި ނޫންތޯއެވެ؟ ސާންސްކިރިތުގެ "ސްވަޕްނާ" ހިންދީ ބަހުގެ "ސަޕްނާ"ޔަށް ވެފައި، އަޅުގަނޑުމެންގެ "ހުވަފެން" ކަމުގައި ވީވެސް ހަމަ އެކަހަލަ ގޮތަކަށް ނޫންތޯއެވެ. އަދި އެ ޘަޤާފަތުގެ "ޗަންޑީ" (އިންޑިޔާގެ ހަރިޔާނާއާއި ޕަންޖާބު ސްޓޭޓްގެ ވެރިރަށް ޗަންޑިގަޅް ގެ ނަމުގައި އެ އޮތް) އެއީ އަޅުގަނޑުމެންގެ "ހަންޑި" ކަމަށް ޤަބޫލުފުޅު ކުރައްވާނަން ތޯއެވެ؟ އަދި ހަމަ އެ ޘަޤާފަތުގެ "ޗަމުންޑީ" އެއީ ހަމަ އެ ބީދައިން އަޅުގަނޑުމެންގެ "ހާމުންޑި" ކަމަށް އެއްބަސްވެ ވަޑައިގަންނަވާނަން، ދެއްތޯއެވެ؟

އަޅުގަނޑު މި އަޅައިލީ ކުޑަކުޑަ ސުރުޚީޔެކެވެ. މިހެން ހުރި ލުޣަވީ ޚަޒާނާތައް އިތުރަށް ހުޅުއްވަވައި، ކުރައްވާންވީ ދިރާސާތައް ކުރައްވައި، އެޔަށް ދެއްވާން ވާ ޒަމާނީ މިޞްދާޤިއްޔަތު ދެއްވާނީ އަޅުގަނޑު ކުރީންވެސް ދެންނެވި، ތިން އަކުރުގެ ވެރި ޢިލްމީ ނަޞީބުވެރީންގެ ޤަލަންކޮޅުތަކުންނެވެ. އެ ފަދަ ބޭބޭފުޅުން އެ ފަދަ ދިރާސާތައް މިހައިރަށްވުރެ ފޯރީ ގަދަކޮށް، ޖޯޝާ އެކު ކުރައްވާ ތަން ފެނުމަކީ އަޅުގަނޑަށް ހައުދަހައި ބޮޑު އުފަލެއް ލިބޭނޭ ކަމެކެވެ. އަޅުގަނޑު ކަހަލަ އާދައިގެ މީހަކު ކޮށްލާ ދިރާސާޔަކީ، ހޯދައިލާ ހޯދުމަކީ، އަޅުގަނޑުގެ އަމިއްލަ ހިތާއި ރޫޙުގެ ތަސައްލީޔަށްޓަކައި ހިތުލޯބިން ކުރާ މަސައްކަތަކުން ކަނޑާން ލިބޭ މޭވާޔެއްގެ ގޮތުގައި ބިނދެލާން އަޅުގަނޑު ބާއްވާނަމެވެ. ދިވެހިބަހާއި އެ ބަހާ ގުޅި ލާމެހިފައިވާ ޘަޤާފަތަކީ އަޅުގަނޑުމެންގެ އަމިއްލަ ޝަރަފާއި ޢިއްޒަތް ކަމުގައި ޤަބޫލުކުރާ ޙާލު، އެ ބަހާއި ޘަޤާފަތަކީ ދުނިޔޭގައި މި އުޅޭ އެއް ނަސްލުގެ ގުޅިފައިވާ މައި ޙަޟާރަތުގެ ޝަރަފުވެރި ބައެއް ކަމުގައި ޤަބޫލުކުރާ ޙާލަތުގައި މެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

One Response

  1. Waheed kiyan keraanei, they dhivehin gaboolu keraa ahaah beynunas nivey vaahaka. Balafela thareehaau sagaafathaau keyfei hedhi ministry as gos misra meehakaai badhala koffei dhivehi sagaafah Kiri aruvaa vaahaka mi dhakkany. Miverin hithun afirin mee arabin. Afiringe aslaai bahaai mee everin balaa ethah nun. Gaboolas nikera

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *