Support Us

މާކަނާކަލޯ ކުލަބުގެ މެންބަރުކަން ދޫކޮށްލައްވާށެވެ!

އަޅުގަނޑު މިފަހަރު ދަންނަވަން މިއުޅޭ ވާހަކަޔަކީ ބައެއް ބޭފުޅުން ގައިކޮޅާނުވާ ވާހަކަޔަކަށް އަދި ވިޔަސް، ބައެއް ކަހަލަ ވާހަކަ ދައްކައިލުމުގައި ނިޔަތް ހެއު ކަމަށްވަންޏާ، އެކަމުގައި އެހައި ބޮޑު ގޯހެއް ނޯންނާނެ، ދެއްތޯއެވެ!

ދަންނަވަން މިއުޅޭ ވާހަކަޔަކީ، އަޅުގަނޑުމެންގެ ތެރޭގައި ގެންގުޅެވޭ އިޖުތިމާޢީ ހަމަތަކުގެ ތެރެއިން، ލިޔުމުގައި ޢަމުދުން ނެތަސް، ކުރުމުގައި އޮތުން ގިނަ ކަމަށް ފެންނަ ކަމެއްގެ ވާހަކައެެކެވެ. އެކަމުގެ ބޭރުފުށުގެ ނަތީޖާ އަކީ ވަކި ވައްތަރެއްގެ ބަޔަކު ކަޅުސައި ބޮއިގެން ދުންފަތް ލައިގެން ދުފައިގެން މަޖާ ނަގާ ތަނެއްގައި ފާޅުގައި ފޫހި ފިލުވައިދިނުން ކަމަށް ވެދާނެއެވެ. އަނެއް ވައްތަރެއްގެ ބަޔަކު ފިލައި ތިބެ ރޮއި، ކަރުނަ އަޅައި، ހިތާމަކޮށް، މުޖުތަމަޢުގެ މިހަލަ ފޭރަން ދެރަ ކަންކަމަށް ނަފުރަތުކުރުންވެސް ހަމަ އެނަތީޖާގެ ތެރޭގައި ހިމެނޭ ކަމަކަށްވެސް ވެދާނެއެވެ. "މާކަނާ ކަލޯތާ، މަގައިގައި ޖެހީތާ، ޖަހައިފައި ފިލީތާ، ފިލައި އިނދެ ރޮނީތާ، ނިކުމެ އިނދެ ހެނީތާ" ގައި އެކިޔާ މާކަނާކަލޯ ކަހަލަ މީހުންނަށް ކަމުދާ، އިންސާނިއްޔަތުގެ ކުޑަ ނަމަވެސް ކަންފުޅެއް ހިތުގައި އޮންނަ ޒާތުގެ މީހަކަށް އެހައި ކަމުނުދާ ކަމަކަށްވެސް ވެދާނެއެވެ. އަޅެ، އެހެން ނޫންތޯއެވެ؟

ދަންނަވަން ތޯއެވެ! ބޮޑުފޮށީގައި ހައްސަ ގެންގުޅޭ މީހާޔަށް ކުރެވޭ ކޮންމެ ކަމަކީ އެމީހާގެ "ސިޔާސަފުޅު" މިޒާޖުކޮޅުގެ ބާވަތުން ކޮށްލެއްވުނު ކަމެކޭ ބުނެވިފައި، އެއީ އެހައި ބޮޑު ކަމަކަށްވެސް ޢަމުދުން ނުވެފައި، ސިއްކަޖެހި ކުޑަ ލާރިޔެއްވެސް އަންބޮނޑީގައި ނެތް މީހާޔަށް ހަމަ އެކަހަލަ ކަމެއް ކުރެވިއްޖިއްޔާ އެއީ އެމީހަކު ދެފަށް އެއްތެލުން ތަޅައި، ގަން ހިންގުވައި، އަނދަގޮނޑި ޖަހައި ހަދާވަރުގެ ކަމެއް ކަމަށް އެއް ފަސްގަނޑެއްގައި ފެންނަން ވެއްޖިއްޔާ، އެއީ މިދެންނެވި ކަހަލަ "މާކަނާ ކަލޯ"އިން ފިލައި އިނދެ ރޯވަރުގެ ކަމެއް ދެއްތޯއެވެ؟

ވަކި މީހަކަށް ނިސްބަތްކޮށް ދަންނަވާކަށް ނޫނެވެ. ހަމައެކަނި މިސާލެއްގެ ގޮތުން ދަންނަވާނަމެވެ. ރިސޯޓެއް، ދެރިސޯޓެއް ވަރު ގެންގުޅުއްވާ ކޮންމެވެސް ހިތްޕުޅުހެއު މަހުޖަނެއް ސިލޯނަށް ވަޑައިގެން، ފަސްތަރީގެ ހޮޓަލެއްގައި "މޮޅުޖޫހެއް" ހިއްޕަވަން އިންނަވަނިކޮށް ފެނުނު މީހާ އެވާހަކަ ދެއްކީމާ، ވެދާނެ ގޮތެއް ދަންނަވައިފާނަމެވެ. އޭބަލަ މަގޭ ދަރިޔާއޭ، އެބޭފުޅާ ހިއްޕެވީ ކޮން އެއްޗެއްކަން ކަނޑައެޅިގެން ސާބިތު ކޮށްދެވެން ނެތިއްޔާ، ތިޔަ ކަހަލަ ވާހަކަ ނުދައްކައި، އަނގަމަޑުންލައިގެން، ހައްޕު ކިޔައިގެން ހުންނަން ދަސްކުރާށޭ ބުނެވޭނެއެވެ. ބަލަ އެ ބޭފުޅާޔަކީ މިތައް މީހުން ބޭހަށް ފޮނުއްވައި، މިތައް މީހުންނަށް ގެ އަޅުއްވައި ދެއްވައި، މިތައް މީހުންގެ ދަރީންނަށް ކޮލެޖު ފީ ދައްކަވައި ދެއްވައި ހައްދަވާ ބޭފުޅެކޭ، އެ ބޭފުޅާޔާ "ޖެހި ނުގަންނާށޭ" ވެސް ބުނެވެނީއެވެ. ކިހައި ރަނގަޅު، ދެއްތޯއެވެ؟

ދެން މިފެންނަނީ، ހަމަ އެއްކަލަކަހަލަ ރިސޯޓެއް، ދެރިސޯޓެއްގައި މެހުމާނުންނަށް އެނދު ތަންމަތިއަޅައިދީގެން މަހަކު ދެތިން ހާސް ރުފިޔާ ގެޔަށް ގެންނަ މީހާޔަށް އިޓަލީ މީހަކު ހިތްހެޔޮކަމުން ދިން ދަތުރެއްގައި ސިލޯނަށް ގޮސް އާދައިގެ ހޮޓާގަނޑެއްގައި ކޮކާކޯލާ ފުޅިޔެއް ބޯން އިން މީހާއެވެ. އެތަން ފެނުނު މީހާ ބުނާ އަޑު މިއިވެނީ، "ނިކަން ބަލައިބަލަ! ކޯކު ފުޅިޔަކަށް ލަވަކިޔާ ޖޫސް އަޅައިގެން އެ ސޮރު އެގަންނަ ގަނޑު، ދޯ؟" މިކަހަލަ އަޑެކެވެ. ކޯކު ބޯން އިން ދެރަސޮރަކީ މިތައް މީހުން ބޭހަށް ފޮނުވައި، މިތައް މީހުންނަށް ގެ އަޅައި ދީ، މިތައް މީހުންގެ ދަރީންނަށް ކޮލެޖު ފީ ދައްކައި ދިނުން އެއްކިބައިގައި ބާއްވައިފައި، ބަނޑުހައިވެފައި އޮތް ވަގު ބުޅަލަކަށް މަހުފުލެއް ދިއްކޮށްލެވޭ ވަރުވެސް ނުވާ މީހެކެވެ. އެހެން ވީމައި، އެމީހާ ނެތްތާނގައި އޭނާގެ ބޮލުކަށި ހަފައި ކެއުމަކީ ހުއްދަ ކަމެއް ކަމަށް ދެކޭ ހަމަ އެތަކެއް ބައެކެވެ! އެގޮތްވެސް ހަމަ ރަނގަޅު ތޯއެވެ؟

އަޅުގަނޑު މިދެންނެވި ދެ މިސާލަކީ މިހައިރަކަށް އައިސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ގެންގުޅެވޭ "މާކަނާ ކަލޯ" ކުލަބަށް ރަސްމީ ހަޘިއްޔަތު ލިބޭވަރުގެ ކަމަކަށް ނުވޭތޯއެވެ؟ އަދިވެސް ތަފްޞީލު ކޮށްލާނަމެވެ.

މާލޭގެ މަޖީދީމަގުގެ ދެކޮޅުން ރޭގަނޑު ދަންވަރު ދެކޮޅަށް ދުއްވައިފައި އައި ދެ ސައިކަލެވެ. އާދަޔާ ޚިލާފޭ ދެންނެވީމާ މިހާރަކަށް އައިސް އެ ދެ ލަފުޒުގެ މާނަ ކުޑަކޮށް ގެއްލިފައި ވާތީ، އަޅުގަނޑު ދަންނަވާނީ ދެ ސައިލުގެ ދުވެލިވެސް ހުރީ އިހުގައި އާދަޔާ ޚިލާފޭ، ނުވަތަ ޤާނޫނީ ގޮތުން ހުއްދައެއް ނޫނޭ ބުނެވޭ ހިސާބުވެސް ފަހަނަޅައި ދާހައި މަތީގައެވެ. ބުރަތްކާއި، ގަވައިދު ފަޅިޔާއި، މިހުރިހައި ކަމަކާ ބެހޭގޮތުން ގަވައިދުފޮތުގައި ލިޔެވިފައި އޮތް އެތި ވަރަށް ހަރުދަނާ ގޮތެއްގައި އެފޮތުގައި ބާއްވައިފައި އައި ދެ މީހުންނަށް ހޭވެރިކަންވީ، ނުވަތަ ހޭވެރިކަން އެކީ އެކަތިގަނޑަކަށްވެގެން އުދުހިގެން އެދިޔައީ، ދެ ސައިކަލު އެކަތި އަނެކައްޗާ ބައްދަލުވެގެން މަޑުކޮށްލި ފަޅި ސިކުންތުގެ ތެރޭގައެވެ.

މާލޭ މަގުމައްޗަކީ ގަޑިޔެއް ގަޑިޔެއް، ސަރުކާރު އިދާރާއެއްގެ ޚާއްޞަ އެންގުމެއް، އެހެން އެއްޗެއް ނޯންނަ ތާކަށް ވުމާވެސް އެކު، އިސާހިތަކު މީހުން އެއްވެއްޖެއެވެ. އެއްބަޔަކު އުޅުނީ ރަޙުމަތްތެރިކަމުގެ ބަދަހިކަން އެކަތި އަނެކައްޗަށް މާއްދީ ގޮތުން ސާބިތުކޮށްދީފައިވާ ދެ ސައިކަލު މަގުމެދުން އެއްފަރާތަށް ލެވޭތޯއެވެ. އަނެއް ބަޔަކު އުޅުނީ އެ ގަޑީގައި ބަސްއަހައިގެން ނިދައިފައި ތިބި ކަހަލަ ގޮތަކަށް މަގުމެދަށް، އެހެން ނަމަވެސް އެކަކު އަނެކަނާ ތަންކޮޅެއް ދުރަށް، ވެއްޓިފައި ތިބި ދެ މީހުން ކޮންމެވެސް ގޮތަކުން ހަސްފަތާލަކާ ހަމަޔަށް ގެންދެވޭތޯއެވެ. އަނެއްބަޔަކު ހޭވައްޓައިލައިފައި އެ އުޅެގަތީ މާކަނަކަލޯ ކުލަބުގެ މެންބަރުކަމުގެ ކާޑު އައުކޮށްލެވޭތޯއެވެ. އެހެންވެސް ވާނެ ދެއްތޯއެވެ؟

އެ ބަޔަކު ބުނާ އަޑު މި އިވެނީ، ދެ ސައިކަލު ދުއްވަން ތިބީ ވަރަށް ފޯރާ ދެ ޢާއިލާއެއްގެ ޒުވާން ދެ ދަރީން ކަމަށެވެ. އެމީހުން ބުނަމުން ގެންދިޔަ ގޮތުގައި، މިކަހަލަ ދެރަ ކަންކަން މިވަނީ މަގުތަކުގެ ކަންކަން ބަލަހައްޓަން ޖެހޭ ދައުލަތުގެ ކަމާބެހޭ މުއައްސަސާއިން މަގުތައް ނުބަލަހައްޓާތީއެވެ. ނިކަން ބަލައިބަލާށޭ، އެއޮތީ ދޫވެފައި އޮތް ގަލެކޭ، އެއޮތީ ވަޅުކޮޅެކޭ، އެހެންވީމާ ވާނީ މިކަހަލަ ދެރަ، ހިތާމަވެރި ގޮތެކޭ އެބަ ބުނެއެވެ. އެމީހުން މިގޮތަށް ދެއްކި ވާހަކަތަކަށް ކުލަބުގެ އެންމެންހެން ތާއީދުކޮށް، އެ ވާހަކަތަކަށް ފޮނިތޮށި، ކާފޫރުތޮޅި އަޅައި ނުފުދިގެން، އެ ވަރުންވެސް ރަހަ ހެޔޮވަރު ނުވެގެން، އެޔަށް އަސަޅިޔާއާއި ބަޒަބާޒަށް ދަންދެން ލާން ތައްޔާރުވަނިކޮށް، އެ ތަނަށް އެ އައީ ހޭނެތިގެން ހަސްފަތާލަށް ފޮނުވައިލެވުނު ދެމީހުންގެ ތިމާގެ މީހުންނެވެ. އަސްތާ، އެއީ ވަރަށް އާދައިގެ "ދެރަ ސޮރުން"ގެ ގިންތީގައި ހިމެނޭ ދެ މީހުންނެވެ. އެ ހިސާބުން ކުލަބު މެންބަރުންގެ ވާހަކަ އެ ބަދަލުވީއެވެ. ހަމްދަރުދީން ފޯވެ، ކަޅިވެފައިވާ ބަހުރުވައިގެ ތެރެޔަށް "ހޭ ކެނޑިގެން، ލާޗާރު ބިޗާރަށް، ހިފިނުހުރެގެން ތެޅިއެރުވުން" ކަހަލަ ބަސްބަސް އިތުރު ވެއްޖެއެވެ. އަޅެ، މިއީވެސް ބައެއްފަހަރު ނަމަވެސް ކަން ވާގޮތް ނޫންތޯއެވެ؟

ދެން އޮތް މިސާލު އޮތީ ރާއްޖޭގައި މީގެ އެތަކެއް އަހަރު ކުރިން އުފަންވެ، ބައެއް މީހުން އަދިވެސް ބުނާ ގޮތުގައި ނުވަރޭފެނުތެރޭގައި މިހާރުވެސް އޮތް، އަނެއް ބަޔަކު ބުނާ ގޮތުގައި ބައެއް ފަހަރު ނޭވާ ހޮޅިޔަށްއެޅޭ ހިސާބުގައި އޮންނަ، ފިލްމު އުފެއްދުމޭ ކިޔާ ދާއިރާއެއްގެ މިސާލެކެވެ. މި ދާއިރާއިން ވަޙީދަށް އެނގޭނީ ކޮން އެއްޗެއްހޭ ވިދާޅުވާނެ ބޭފުޅުންވެސް އުޅުއްވާނެއެވެ. އެކަން އަޅުގަނޑަށް ޔަޤީންވަނީ ދެ ކަމަކުންނެވެ. އެއީ، މި ރާއްޖޭގައި އެންމެ ފުރަތަމަވެސް ފިލްމެއް ހެދުމުގެ މަޤްޞަދުގައި، ސިނާމާއެއްގައި ވިޔަފާރި އުޞޫލުން ދެއްކުމުގެ ބޭނުމުގައި، އެންމެ ފުރަތަމަ އުފެއްދި ވީޑިޔޯ ފިލްމު "ތިން ފިޔަވަޅު"، ބްރައުންސް މޫވީ ސޮސައިޓީ އާއި މުޙައްމަދު މުޞްޠަފާ ޙުސައިންގެ ހިންމަތާއި މިންނަތުން ކާމިޔާބު ކަމާއެކު އުފެއްދުނީ ބްރައުންސް މޫވީ ސޮސައިޓީގެ ހިންގާ ކޮމިޓީގެ ރިޔާސަތުގައި އަޅުގަނޑު ހުއްޓައިކަން އެ ބޭފުޅުންނަށް އެނގިވަޑައިނުގެން އޮވެދާނެތީއެވެ. އެ ފިލްމަށާއި، އަދި އޭގެ ފަހުން އެތަކެއް ފިލްމަށް މިޔުޒިކުއަޅައި، އެ ކަހަލަ އެތައް ކަމެއް ކޮށް ހަދައިފައިވާ ކަންވެސް….. މަޝްހޫރު ޑިރެކްޓަރ އަމްޖަދް އިބްރާހީމް ދީދީ ކަހަލަ މަދު ބޭފުޅަކަށް މިކަންކަން އެނގިވަޑައިގެންފައި އޮންނާތީ،، އެ ބޭބޭފުޅުންގެ ފިލްމު ތަކުގެ ޚާއްޞާ ހުޅުވުން ތަކަށް އަޅުގަނޑަށް ދަޢުވަތު އަދި ދެއްވިޔަސް، އެ ނޫން ބައެއް އެހެން ބޭފުޅުން….  ކޮންމެއަކަސް، އެއީވެސް އަޅުގަނޑުގެ ދާއިރާއެކެވެ. އަޅެ، ނޫންތޯއެވެ؟

އާދެ! ފިލްމީ ދާއިރާޔަށް ބަލައިލިޔަސް ފެންނަނީ އިސްވެ މިދެންނެވި ކަހަލަ ކަންކަމެވެ. މި ރާއްޖޭގައި ފިލްމަށް ވާހަކަ ލިޔެ، ސްކްރީންޕްލޭ ހަދައި، އުފައްދައި، ޑައިރެކްޓް ކޮށް، އެކި ރޯލުތައް ކުޅެ، ކެމެރާ ކޮށް، އަޑު އަޅައި، ފިލްމު އެޑިޓް ކޮށް، މިހެންގޮސް ދެންވެސް ކުރަން ޖެހޭ އެތައް ބައިވަރު މަސައްކަތެއް ނުހަނު ބުރަކަމާއެކު އަދިވެސް ކުރާ ގިނަ މީހުންނަކީ އެކަންކަން ހިތުލޯތްބަށްޓަކައި ކުރަމުން ގެންދާ މީހުންނެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތް ދަތި ދުވަސްތަކުގެ ތެރެއިން ދިރިއުޅުމަށް ކުރާ މަސައްކަތުން އެއްޗެއް ނުލިބި، އެންމެ ބޮޑަށް ދަތިވެފައި ތިބި މީހުންގެ ތެރޭގައިވެސް އެމީހުން ހިމެނޭނެކަން ޔަޤީނެވެ. އެހެންކަމާއެކު، ފަށަމުންވެސް އަޅުގަނޑު މި ދެންނެވި މާކަނާކަލޯ ކުލަބުގެ މެންބަރުންގެ ކަމީނާ ކަމާ އެމީހުންނާ ދެމެދު ހުރަސް އަޅައިދޭނޭ މާކަ ވަރުގަދަ "ދާމޫގަނޑެއް" ނޯންނާނެކަން އަޅުގަނޑަށް ހަމަ ޔަޤީނެވެ. އަދި އެހެން ތިބޭ ގިނަ މީހުން މިހާ ބޮޑު ނުތަނަވަސްކަމެއްގައި ތިއްބާވެސް، އެ ބަޔެއްގެ ފަރާތުން މުނިފޫހިފިލުވުމުގެ "ހިލޭ އިސްކުރުން" ފެން ނޫން އެއްޗެއް ހަމަ ނުލިބޭނެ ކަމަށް އުންމީދުކުރާ ބަޔަކުވެސް އުޅޭނޭކަން ޔަޤީނެވެ. އަދި އެ މީހުންގެ ތެރެއިން އެކި ދެތިން މީހެއްގެ ފަރާތުން ނަމަވެސް "ބަލައިނުގަނޭވެނޭ" ކަމަށް ބުނެވޭ ކަހަލަ ކަމެއް ފެނިއްޖިއްޔާ، ނުވަތަ އެ ކަހަލަ އަޑެއް އިވިއްޖިއްޔާ، މާކަނާކަލޯ ކުލަބުގެ ޙަރަކާތައް އިތުރުވާނެ ކަމާމެދަކު ކުޑަވެސް ޝައްކެއް ނުކުރަމެވެ. އަނެއްކާ، މިދެންނެވުނީ ކަމުނުދާ ވާހަކައެއް ތޯއެވެ؟

އެކަމަކުވެސް ދަންނަވަމެވެ. އަޅުގަނޑުމެން އެންމެންވެސް މިތިބީ ނުލާހިކު ދަތި ދުވަސްވަރެއް އަދި ހަމަ ފެށޭ ހިސާބުގައެވެ. މުއްސަނދިން ފަޤީރު ނުވެ، ދެރަމީހުން ފަޤީރު ވެ، ފަޤީރުންނަށް އޮތް މަޤާމަށް ނަމެއްވެސް ނުކިޔޭނެ ހިސާބަށް ހިނގައިދާނެ ދުވަސްވަރެއްގެ ކަޅު ވިލާތަށް އުދަރެހުން ފެންނަން ފަށައިފައިވާ ދުވަސްވަރެއްގައެވެ.. އެހެންކަމުން، އަޅުގަނޑު ތިޔަ ބޭފުޅުންގެ އަރިހުން މި އެދެނީ، އަޅުގަނޑުމެންގެ ތެރޭގައި ތިބި އާދައިގެ، އެހައި މުއްސަނދި ނޫން، ރިސޯޓެއް، ދެރިސޯޓެއް ކީއްކުރަންތޯ ފިހާރަގަނޑެއްހައި ހިސާބުވެސް ނެތް މީސްމީހުންނަށް ރަޙުމާއި ހަމްދަރުދީގެ ނަޒަރަކުން ބައްލަވާލަ ދެއްވުމަށެވެ. މި އޮތް ހުރިހައިތައް ދުވަހު ހަމަ ތިޔަބޭފުޅުންގެ ހިތްޕުޅަށް އެކި ގޮތްގޮތުން ތަސައްލީ އަރުވައި، މުނިއަވަސް ފިއްލެވުމުގެ ބައިވެރިޔަކަށް ވެ، ވާހަކަ ލިޔެ، ލަވަ ހަދައި، ލަވަ ކިޔައި، ފިލްމު ކުޅެ، ފިލްމު ހަދައި، މި ހެން އުޅެފައި ތިބި މީސްމީހުންނަށް ހިތްޕުޅު ހެއުކަމާއެކު، ގިނަ މިނުން ފެނިވަޑައިގެން ރަނގަޅު ކޮންމެ އެއްޗެއް ނުހަނު ދީލަތިފުޅު ކަމާއެކު ދެއްވައި، މަދު މިނުން ހެޔޮ ބަސްފުޅަކުން ނަމަވެސް ދީލަތި އެހީފުޅެއް ރައްދު ކޮށްދެއްވުމަށެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބި މަދު މީހެއްގެ ފުށުން ނަމަވެސް މި ކަހަލަ ހާސްކަމެއްގެ ތެރެއިން ހިނގުން އެކަށީގެންވާ ނުކިއްސަރު ކަމެއް ފެނިވަޑައިގެންފިއްޔާ، އެ މީހަކު ވަގުތުން "އުލުބޭންދެވުމުގެ" ބަދަލުގައި އެމީހަކަށް ހެޔޮމަގު ދައްކަވައި ދެއްވުމަށެވެ. މާކަނާކަލޯ ކުލަބުގެ މެންބަރުކަމުގެ ކާޑެއް ކޮންމެވެސް ޒަމާނެއްގައި އޮޅިވަޑައިގަތުމަކުން ނަމަވެސް ގެންގުޅުއްވިފައިވާނަމަ، އެކާޑު އުނދުނުޖައްސަވައި، އެޔަށްވުރެ ރަނގަޅު ކާޑެއް ހޯއްދެވުމަށެވެ. ހިތާއި ރޫޙާއި ޢަމަލުން "ކުރިކެޓު ކުޅުއްވައި"، ހެޔޮ މިސާލު ދެއްކެވުމަކީވެސް އެއީ ނޫންތޯއެވެ؟ އަޅެ ރަނގަޅު ގޮތަކީ އެއީ ނޫންތޯއެވެ؟