Support Us

ކޮލަމް އަތުކޮށް: ކޮން ތާކަށް ދާ ވާހަކައެއްހެއްޔެވެ؟ ނުވަތަ ގެންދާ ވާހަކައެއްހެއްޔެވެ؟

ކޮން ތާކަށް ދާ ވާހަކައެއްހެއްޔެވެ؟ ނުވަތަ ގެންދާ ވާހަކައެއްހެއްޔެވެ؟

އަޅުގަނޑު މި ވާހަކަ ކިތަންމެ ފަހަރަކު ދައްކައިފީމެވެ. އޮގަސްޓް 22، 2022 ގައި ވެސް ހަމަ މި ނޫހުގައި އެހެން ގޮތަކަށް މި ވާހަކަ ލިޔެފައި އޮންނާނެއެވެ. އެހެން ބޭފުޅުން ވެސް ދައްކަވައިފިއެވެ. ފަސޭހަކޮށް ލިޔެވޭން އޮއްވައި އެއްވެސް މަންފާއެއް ނެތް ގޮތެއްގައި އިތުރު ހަކަތައާއި އިތުރު ދެއްޔާއި ވަގުތު އިސްރާފުވާ ގޮތަށް މި ޒަމާނުގެ ކުދީން ލިޔަނީ ކީއްވެގެންހެއްޔެވެ؟ މި ޒަމާނުގެ އުޞޫލަކީ ވެސް ފަސޭހަ އަވަސް މަގޭ ކިޔާތީ ވެސް އަޑުއަހަމެވެ. ނަމަވެސް މިއަދު މީޑިއާގެ ހުށަހެޅުންތަކާއި ނޫސްތަކުގެ ލިޔުންތަކުން ވެސް މި ދެންނެވި އުސްލޫބު ވަރަށް ގިނައިން ފެނެއެވެ. ގިނައިންނެއް ނޫނެވެ. ވަރަށް ގިނައިންނެވެ. އާންމުކޮށެވެ.

އަޅުގަނޑު ކިޔަވައިދޭ ތަމްރީނު ޕުރޮގުރާމްތަކުގައި އެކި ކުލާސްތަކުގައި ދަރިވަރުންނަށް ވެސް މި ކަން އޮޅުން ފިލުވައިދީ މި ކަން ސާފުކޮށްދީފީމެވެ. ކިތަންމެ ފަހަރަކުއެވެ. ނަމަވެސް އިސްލާހެއް ނުވެއެވެ. އެ ފަދަ ދަރިވަރުން ވެސް ހަމަ އެ "އުސްލޫބު" ދޫކޮށެއް ނުލިއެވެ. ސަބަބެއް ނޭނގުނެވެ. އަޅުގަނޑު އެ ސަބަބު ހޯދޭތޯ ވަރަށް މަސައްކަތް ވެސް ކޮށްފީމެވެ. ނޭނގުނެވެ. އެކަމަކު އެ އުސްލޫބު އަޅުގަނޑަށް ބަލައިގަނެވޭނީ އެ ކަމުގައި އޮތް ފައިދާއެއް ނުވަތަ މަންފާއެއް އެނގިގެންތާއެވެ. ކޮންމެ ވެސް ބޭފުޅަކު އެ ކަމުގެ މައްޗަށް ލިޔުއްވާނެ ނަމައޭ ހިތަށް އަރައެވެ. ނުވަތަ އަޅުގަނޑަށް ވަކީން އެ ކަން އޮޅުން ފިލުއްވައިދެއްވާނެ ނަމަ ހާދަހާ ރަނގަޅޭ ހިތަށް އަރައެވެ.

އަޅުގަނޑު ހަމަ ގައިމު ވެސް ފާޑުކިޔައިފައި ހުންނާނީ އިޞްލާހުކުރުމުގެ ނަޒަރަކުންނެވެ. އެކި ލިޔުންތަކުގައި ހުންނަ އަދަބީކުށްތަކާއި އިމްލާކުށްތަކާއި އަތުކުށް ފާހަގަކޮށް ރަނގަޅުކުރާނޭ ގޮތް ލިޔަމުން އަންނަނީ ދިވެހިބަހަށް ޚިދުމަތެއް ކުރުމުގެ ނިޔަތުގައެވެ. އިސްލާހުގެ ނިޔަތުގައެވެ. ނޫސްތަކުން ފާހަގަކުރެވޭ ކުށްތައް ފާހަގަކުރާއިރު ވެސް ކޮން އިރަކު، ކޮން ނޫހަކު، ކޮން މީހަކު (ކާކު) ލިޔުނު އެއްޗެއްކަމެއް ފާހަގައެއް ނުކުރަމެވެ. އަދި ގިނަ ފަހަރަށް ހަމައެކަނި އެ ޢިބާރާތްކޮޅެއް ނަކަލުކޮށްލުމަށް ފަހު، އެއީ ކުށެއްކަމާއި ކުށަކަށްވީ ކީއްވެގެންކަމާއި ރަނގަޅު ކުރާންވީ ގޮތް ބަޔާންކުރަނީއެވެ.

މި ފަދަ މޭރުމަކުން އެއްޗެއް ނުލިޔެ ލައްކަ ދުވަސްވެއްޖެއެވެ. މިހެން ހުއްޓައި ޢިއްޒަތްތެރި ބޭފުޅަކު އަޅުގަނޑާ ޙިއްސާކޮށްލެއްވި ކޮންމެވެސް ޚަބަރެކެވެ. ފޮންޓު ސައިޒު 12ގައި ދެ ފޮޅުވަތް ދޭތެރޭގެ ދުރުމިން 1.15ގައި ބަހައްޓައިގެން ލިޔެފި ނަމަ، ދޮޅު ސަފުހާއެއްގެ ދިގު ލިޔެމެކެވެ. ރަނގަޅުވާނީ ޚަބަރެކޭ ދެންނެވިއްޔާއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ޚަބަރު ލިޔާނީ (އަޅުގަނޑަށް އެނގިފައިވާ މިންވަރުން) ނިމުނުކަމުގެ ޒަމާނުގައި ތިންވަނަ ފަރާތުގެ ނަޒަރުންނެވެ. މި ގޮތުގެ މަތީން އޮތް ޚަބަރެއް އަޅުގަނޑު ދެތިން ފަހަރު، ތިންހަތަރު ފަހަރަކު ކިޔައިލީމެވެ. ހައެއްކަ ފަހަރު ވެސް ކިޔައިލީމެވެ. ދެރަވިއެވެ.

އަޅުގަނޑު މި އުޅެނީ ވާރޭފެން ނުހިއްޕެވި އެދުރުކަލޭފާނަށް އަމިއްލައަށް ވާށޭ ވެސް ހިތަށް އަރައެވެ. ނަމަވެސް އަޅުގަނޑުގެ ވެސް ޒިންމާއެއް އޮތްކަމަށް އަޅުގަނޑުގެ ޒަމީރު އަޅުގަނޑަށް އަބަދު ހަނދާންކޮށްދޭތީ މި ވާހަކަ ލިޔެލާން މަޖުބޫރުވީއެވެ. މި ދެންނެވި ޚަބަރުގައި، ރީތިކޮށް ނިމުނުކަން ނުވަތަ ނިމިނިމުނުކަމުގެ ޒަމާނުގައި ހުރި ހުރިހާ ކަމެއް ވެސް ހުރީ މުޅީން ވެސް "ގޮސްފައެވެ." ނުވަތަ "ގެންގޮސްފައެވެ."

އަޅުގަނޑު ދަންނަވާން މި އުޅޭ އެއްޗެއް ތަންކޮޅެއް ޞަރީޙަވާނީ އެ ލިޔުމުގައި ހުރި "ޢިބާރާތްކޮޅުކޮޅު" ނަކަލުކޮށްލިއްޔާއެވެ.

  1. "ބޭއްވުނީ" ލިޔާން ޖެހޭ ތަނެއްގައި ލިޔެފައި އޮތީ "ބޭއްވިގެން ދިޔައީ" މި ފަދައިންނެވެ.
  2. "ފެނިފައި ވެއެވެ." ލިޔާން ޖެހޭ ތަނެއްގައި ލިޔެފައިވަނީ "ފެނިގެން ގޮސްފައިވެއެވެ." މި ފަދައިންނެވެ.
  3. "ފެނިފައިވާ އިރު" ލިޔާންޖެހޭ ތަނެއްގައި ލިޔެފައި ވަނީ، "ފެނިގެން ގޮސްފައިވާ އިރު" މިހެންނެވެ.
  4. "ފާހަގަކުރެވިފައެވެ." ނުވަތަ "ފާހަގަވެފައެވެ." މިހެން ލިޔާން ޖެހޭ ތަންތާގައި ލިޔެފައި ހުރީ "ފާހަގަވެގެން ގޮސްފައެވެ…" މިފަދައިންނެވެ.
  5. "ފާހަގަކުރެވިފައެވެ." ލިޔާން ޖެހޭ ތަނެއްއި ލިޔެފައި ވަނީ "ފާހަގަކުރެވިގެން ގޮސްފައެވެ." މި ފަދައިންނެވެ.
  6. "އެނގެނީ" ލިޔާން ޖެހޭ ތަނެއްގައި ލިޔެފައި އޮތީ "އެނގިގެންދަނީ" މި ފަދައިންނެވެ.

މި ގޮތަށް ލިޔުއްވުމުގެ މަގުސަދެއް ހަމަ އުޅެއުޅެ ވެސް އަޅުގަނޑަކަށް ނުވިސްނުނެވެ. މިސާލަކަށް "ކޮށްބަލަ"، "އައިސްބަލަ" މި ފަދަ ލަފުޒުގެ ބަދަލުގައި "ކޮށްބަ" އައިސްބަ" މި ގޮތްގޮތަށް ކީމާ އޭގެ ބޭނުން ވިސްނެއެވެ. އެއީ ކުށް ގޮތެއްކަމަށް ވިޔަސް ލިޔާށާއި ކިޔާން ހޭދަވާ ހަކަތައާއި ޚަރަދުވާ ދެލީގެ ކޮންމެވެސް އިންސައްތައެއް މަދުވާނެކަމަށް ވިޔަ އަކުރުން ބަލާއިރު ފެނިދާނެއެވެ. (ނަމަވެސް ލިޔާން ވާނީ ބަހުގެ ހަމައާއި ގަވާއިދާ އެއް ގޮތަށް ކޮށްބަލަ، އައިސްބަލަ މިހެންނެވެ.)

އާދޭހެވެ! އެ ގޮތަށް ބަދަލުކޮށްގެން ބައެއް ކުދީން ކިޔަނީ ކުށް ގޮތެއްކަމަށް ވިޔަސް އެ ގޮތް ކުރުވީމާ، އެހެން ކިޔުމުގެ ފައިދާއެއް އެބަ ވިސްނެއެވެ. ކުރުވުމެވެ. ފަސޭހަވުމެވެ. މި ޒަމާނުގެ އުޞޫލަކީ ވެސް ފަސޭހަ އަވަސް މަގޭ ކިޔާތީ ވެސް އަޑުއަހަމެވެ. ނަމަވެސް މިއަދު މީޑިއާގެ ހުށަހެޅުންތަކާއި ނޫސްތަކުގެ ލިޔުންތަކުން އިވި. ފެންނަ، ގެންދިޔުމުގެ، ނުވަތަ ދިޔުމުގެ ބޭނުމެއް ނުވިސްނެއެވެ. ނަމަވެސް މި ދެންނެވި އުސްލޫބު ވަރަށް ގިނައިން ފެނެއެވެ. ގިނައިންނެއް ނޫނެވެ. ވަރަށް ގިނައިންނެވެ. އާންމުކޮށެވެ. ކޮންމެ ކަމެއް ވެސް ވެފައި ދާ ވާހަކައެވެ. ނުވަތަ ގެންދާ ވާހަކައެވެ. މި ފަދަ ބައެއް މިސާލުތައް ދަންނަވައިލާނަމެވެ.

  1. އިނާމު ލިބިގެންދާނެއެވެ. (ރަނގަޅު ގޮތަކީ: އިނާމު ލިބޭނެއެވެ.)
  2. ފައިދާ ލިބިގެންދާނެއެވެ. (ރަނގަޅު ގޮތަކީ: ފައިދާ ލިބޭނެއެވެ.)
  3. ވަނީ ބޭއްވިގެން ގޮސްފައެވެ. (ރަނގަޅު ގޮތަކީ: ވަނީ ބޭއްވިފައެވެ.)
  4. ފާހަގަކުރެވިގެން ގޮސްފައެވެ. (ރަނގަޅު ގޮތަކީ: ފާހަގަކުރެވިފައެވެ.)
  5. މުޖުތަމައުން ފެނިގެންދާ ކަންތައްތައް… (ރަނގަޅު ގޮތަކީ: މުޖުތަމަޢުން ފެންނަ ކަންތައްތައް…….)

ފާހަގަކުރެއްވުން އެދެމެވެ. މި ގޮތަށް ދާ ވާހަކަ (ގަވާއިދުން) ލިޔެވޭނީ އެ ވާހަކަދެކެވޭ ވަގުތު މެދު ނުކެނޑި ހިނގަމުންދާ ކަންކަމާ ބެހޭ ގޮތުންނެވެ. އެ ގޮތަށް އަންނާނީ "މުން"ގެ ފަހަތަށެވެ. މި ސާލަކަށް: އަދި ވެސް ޖަލްސާ ހިނގަމުން އެބަދެއެވެ. އެ ކަން ހިނގަމުން އެބަދެއެވެ. ނަމަވެސް ހިނގައިގެން އެބަދެއެކޭ ނުކިޔާނެއެވެ. ޖަލްސާ ހިނގައިގެން އެބަދެޔެކޭ ނުކިޔާނެއެވެ. މި ކަންކަމާމެދު ޚާއްސަ ސަމާލުކަމެއް ދެއްވުން ދިވެހިބަހަށް ކުލުނު ހުރި، ހުރިހަ ބޭފުޅުންގެ އަރިހުން އެދެމެވެ. އަދި ޚާއްޞަކޮށް މީޑީއާގައި އެކި ކަމާކެމިތައް ހުށަހަޅުއްވާ ބޭފުޅުންނާއި ނޫސްތަކުގައި ލިޔުއްވާ ބޭފުޅުން މި ކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާން ޖެހެއެވެ. ސަބަބަކީ މުޖތަމަޢަށް އެންމެ ބޮޑު އަސަރެއް ފޯރާނީ ތިޔަ ބޭފުޅުންގެ ހުށަހެޅުންވުންތަކާއި ލިޔުއްވާ ލިޔުއްވުންތަކުންކަމަށް ވާތީއެވެ.

ވީ ކަމެއް ވެފައި ދިޔަނުދީ އޮތަދެމާ ހިނގާށެވެ! ފައިދާއެއް ނުވަތަ އިނާމެއް ލިބިފައި ކޮން ތާކަށް ދާ ވާހަކައެއްހެއްޔެވެ؟ ނުވަތަ ގެންދާ ވާހަކައެއްހެއްޔެވެ؟ ފައިދާއެއް ނުވަތަ އިނާމެއް ނުވަތަ ސަނަދެއް ލިބިއްޖިއްޔާ ދިޔަ ނުދީ ބާއްވަމާ ހިނގާށެވެ! ވަނަ ހޯދާ މީހުންނަށް އިނާމު ލިބޭނީއެވެ. ލިބިގެން ދާނީއެއް ނޫނެވެ. ނުވަތަ ލިބި ގެންދާނީއެއް ވެސް ނޫނެވެ. ކަންކަން ފެންނާނީއެވެ. ފެނިގެން ދާނީއެއްނޫނެވެ. ނުވަތަ ފެނި ގެންދާނީއެއް ވެސް ނޫނެވެ.

_______________________________________________