...

Support Us

އަރުޟުލް މުޤައްދަސާގައި ނިއުޅެމުންދަނީ ޔަހޫދީ ޑްރާމާގެ ފަހު ބާބު- 9

މަކަރުވެރިންނާއި މުޝްރިކުންގެ މާސިންގާ ފަޟީހަތާއި މުސްލިމުންނަށް ލިބެމުންދާ ނަސްރު

މިހާރު ފަލަސްޠީނުގައި ޔަހޫދީން ހިންގާ ގަތުލުއާންމާއި އަނިޔާވެރިކަމަކީ އިންސާނެއްގެ ހިތްފަޅައިގެންދާ ފަދަ ޖަރީމާތަކެވެ. މިއީ ދުނިޔޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގޭގެ ސިޓިން ރޫމުން އަނިޔާއާއި ގަތުލު އާންމު ވަގުތުން ބަލައި އަޑުއެހުނު ފަހަރެވެ. މައުސޫމް ކުޑަ ކުދިންނާއި މުސްކުޅިންނާއި އަންހެނުންނާއި ފިރިހެނުން އަނިޔާވެރި ގޮތްގޮތަށް މަރަމުން ގެންދަނީ ރަހުމެއްނެތިއެވެ. ހައިރާންކުރުވަނިވި އެއްކަމަކީ ޔަހޫދީންގެ އަނިޔާވެރިކަން ހުއްޓުވަން ދުނިޔެ ނުކުޅެދުނެވެ. އަދި އެއަށްވުރެ ބޮޑަށް ހައިރާންވާންޖެހުނު ކަމަކީ އަނިޔާވެރިކަން ކުރިއަށް ގެންދިއުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ޔަހޫދީންނަށް ދިން ހިތްވަރެވެ. އަދުގެ މިހާލަތު ސާފުކޮށްދެއްވައި އެމެރިކާގެ ޝައިޚެއްކަމުގައިވާ ޑރ. ޢުމަރު ސުލައިމާން ތަގުރީރުކުރައްވާފައިވެއެވެ.

ނާޒުކު މި ދަނޑިވަޅަކީ މުސްލިމް އުއްމަތާ ކުރިމަތިވި އިމްތިހާން ވަކިން ކުޑައެއްނޫނެވެ. ފަލަސްޠީނުގެ މުސްލިމުން ތަހައްމަލުކުރަމުންދާ ނިމުމެއްނެތް އަނިޔާއިން މުސްލިމުންގެ އީމާންކަން އިމްތިހާނުކުރެވުނެވެ. ބަނީ އިސްރާއީލްގެ މީހުންނަށް ވީހެން އަދުގެ ބައެއް މުސްލިމުންގެ ހިތަށް އެރި ސުވާލަކީ މިފަދަ ބޮޑު އަނިޔާވެރިކަމެއް ފަލަސްޠީނާ ކުރިމަތިވާންޖެހޭ ސަބަބެވެ. ފިރުޢައުނުގެ ގަދަ އަނިޔާގައި ބަނީ އިސްރާއީލް ވަނިކޮށް ﷲ، މޫސާ ޢަލައިހިއްސަލާމް ފޮނުއްވިއެވެ. އެކަލޭގެފާނުގެ ރަސޫލުކަން ފެށުމުން ބަނީ އިސްރާއީލް މީހުން އެކަލޭގެފާނަށް ދެންނެވީ އަނިޔާއަށް ނިމުން ނައި ވާހަކައެވެ. އެކަލޭގެފާނުގެ ކުރީގައިވެސް އަނިޔާއެވެ. އެކަލޭގެފާނު ވަޑައިގަތުމުންވެސް އަނިޔާއެވެ. މިއީ ބަނީ އިސްރާއީލުން މޫސާގެފާނަށް ދެއްވި ޝަކުވާގެ ނުހަނު ބިރުވެރި މެސެޖެކެވެ. މި މެސެޖުން ދޭހަވީ އެމީހުންގެ ޢަޤީދާގެ ބަލިކަށިކަމެވެ. މޫސާގެފާނަށް އަނިޔާ ނުހުއްޓުވުމުން އެމީހުން ﷲގެ އެއްކައުވަންތަކަމާމެދު ނުވަތަ އެއިލާހުގެ ކުޅަދުންވަންތަކަމާމެދު ޝައްކު އުފެއްދީއެވެ.

ބަނީ އިސްރާއީލްގެ މި ކަންބޮޑުވުމަށް މޫސާގެފާނު ދެއްވި ޖަވާބު ސާފުވެފައި ސާދާއެވެ. އެކަލޭގެފާނު ފުރަތަމަ ވިދާޅުވީ އެމީހުން ކެތްތެރިވެ ކެތްތެރިކަން ދެއްވުމަށް ﷲ އަށް ދެންނެވުމަށެވެ. ދެން އެކަލޭގެފާނު ވިދާޅުވީ ދުނިޔޭގައި ހުރި އެންމެ ބާރުގަދަ މީހާ ފިރުޢައުނު ބަލިކުރެއްވުން ކިތަންމެ އަވަހަކަށްވެސް ހިނގާފާނެކަމަށެވެ. އެކަލޭގެފާނު ނުސީދާކޮށް މި ވިދާޅުވީ ﷲ ގެ ކުޅަދުންވަންތަކަމާމެދު ހިތުގައި ކުޑަ ޝައްކުކަމެއްވެސް ނުބޭއްވުމަށެވެ. މޫސާގެފާނުގެ ރަސޫލުކަމަށް ގާތްގަނޑަކަށް ދިހަ އަހަރުން ﷲ، ފިރުޢައުނު ހަލާކުރެއްވިއެވެ. ދުވަހަކުވެސް ގޮތެއް ނުވާނެ ކަމަށް ހީކުރެވުނު ވަރުގަދަ ރަސްގެފާނު ނިމިދާން ނެގީ ސިކުންތުކޮޅެކެވެ.

ފަލަސްޠީނުގައި ޔަހޫދީން ހިންގާ ގަތުލުއާންމަށް 75 އަހަރުވެއްޖެއެވެ. މިދިގު މުއްދަތުގައި ފަލަސްޠީނުގެ ނަސްލު ފޮހެލަން ޔަހޫދީން ކުރި މަސައްކަތްވީ ނާކާމިޔާބެވެ. ފާއިތުވި އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ޔަހޫދީން ފެށި ގަތުލުއާންމުގައި އެތައް ހާސް މީހުން ޝަހީދުވެ އެތައް ހާސް މީހުން ޒަޚަމްވެއްޖެއެވެ. އަދި ދޮޅު މިލިއަން މީހުންގެ ގެދޮރު ހަލާކުކުރުމުން އެމީހުންވަނީ މަގުމަތިވެފައެވެ. ދުނިޔޭގެ އެންމެން ބަލަން ތިއްބާ ޔަހޫދީން މިހިންގި ޖަރީމާއިން ލިބުނު މާއްދީ ގެއްލުންތައް ފޫނުބެއްދޭހާ ބޮޑެވެ. އެކަމަކު ކޮންމެ ކަމަކަށް ކުޅަދުންވަންތަ ﷲ، މަކަރުވެރިން ފަޟީހަތްކުރައްވައި ބޭޒާރުކުރައްވާފައިވަނީ ބޮޑުވެގެންވާ ފަޟީހަތަކުންނެވެ. ތަހުޒީބާއި ތަރައްގީއާއި އިންސާނީ ހައްގުތަކުގެ ރަމްޒަކަށްވި ހުޅަނގުގެ ފަލްސަފާއާއި އަސާސްތަކަކީ އެއްވެސް ބިންގަލެއްނެތް ބާޠިލު ދޮގު ވާހަކަތަކަށްވެ ނިމިއްޖެއެވެ. ﷲ ގެ ކުޅަދުންވަންތަކަމާއެވެ!

އިންސާނީ ޙައްޤުތަކާއި ޑެމޮކްރަސީއާއި މިނިވަންކަމާއި އިންކްލޫސިވިޓީއާއި އިޖުތިމާޢީ އަދާލަތާއި ތިމާވެށްޓަކީ މުޅިން ބާޠިލު ވާހަކަތަކެއްކަން ފަލަސްޠީނުގެ ޖިހާދުން އަދުގެ ދުނިޔެއަށް ސާބިތުވެއްޖެއެވެ. ފަލަސްޠީނު މީހުންނާ ހަމައަށް އައުމުން އެމީހުން ޖަނަވާރުންނަށްވެސް ނުވެއެވެ. މިއަށްވުރެ ވަކިން ބޮޑު މުނާފިގުކަމެއް ދުނިޔެއަކަށް ނުދެއްކޭނެއެވެ. މުޅި ދުނިޔެއަށް މިހާރު ސާބިތުވާ ކަމަކީ ހުޅަނގާއި އދއިން މިދައްކާ ވާހަކަތަކަކީ ނަގުލީ ވާހަކަތަކެއް ކަމެވެ. އެއީ މަކަރާއި ހީލަތާއި އޮޅުވާލުމަށް ބޭނުންކުރާ ހަތިޔާރެއްކަމެވެ. ހުޅަނގުގެ މަކަރުވެރިންގެ އަސްލު ސޫރަ ދުނިޔެއަށް ފެނުމަކީ ފަލަސްޠީނާއި މުސްލިމުންނަށް ލިބުނު ބޮޑު ފަތަހައެއް އަދި ނަސްރެކެވެ. ހުރިހާ މާނައެއްގައި ވައިޓްހައުސް ވަނީ ދުނިޔެއަށް ބޭޒާރުވެފައެވެ. ދައްޖާލުގެ ވެރިކަން މިއޮތީ ފާޅުވާން ފަށައިފައިކަން މިހާރު ކަށަވަރުވެއްޖެއެވެ. ﷲ ގެ ކުޅަދުންވަންތަކަމާއެވެ!

ޔަހޫދީން އަނިޔާވެރިކަމުގައި ޣައްޒާ ބިމާ ހަމަކޮށް އެމީހުން ޝަހީދުކުރަން ފެށުމުން ތާރީޚުގައި ފުރަތަމަ ފަހަރަށް އެމެރިކާގެ ރައްޔިތުންގެ ޚިޔާލު ބަދަލުވާން ފަށައިފިއެވެ. މިހާރު އެމެރިކާގެ އެތައް ބަޔަކު ދެކޭގޮތުގައި ޔަހޫދީން ފަލަސްޠީނުގައި ހިންގަނީ ގަތުލުއާންމުއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ފަލަސްޠީން ރައްޔިތުންނަށް އެމީހުންގެ ގައުމު އޮންނަންޖެހެއެވެ. މިކަމުގެ އަސަރުތައް އެމެރިކާ ސިޔާސީ ޕާޓީތަކަށް މިހާރު ވަންނަން ފަށައިފިއެވެ. ނަތީޖާއަކަށް ވާނީ މުސްތަގުބަލުގައި އެމެރިކާގެ ސިޔާސަތަށް ބަދަލުގެންނަން މަޖުބޫރުވުމެވެ. އެމެރިކާގެ ޒުވާނުން ގަބޫލުކުރާ ގޮތުގައި ޔަހޫދީން އަރަބީންނާ ދެކޮޅަށް ހިންގަނީ ލާއިންސާނީ ގަތުލުއާންމުއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ފަލަސްޠީނު މީހުންނަކީ އަޅުވެތިކަމާއި އަނިޔާވެރިކަމުގައި ތިބި މައުސޫމް ބައެކެވެ.

ފަލަސްޠީނުގެ މުސްލިމުން ދެއްކި ކެތްތެރިކަމާއި ހިތްވަރާއި އީމާނުގެ ސަބަބުން ހުޅަނގާއި އެމެރިކާގައި އިސްލާމް ދީނު އުނގެނުމުގެ ޝައުގުވެރިކަން އިތުރުވެއްޖެއެވެ. މިހާރު އެންމެ ހިނގާ ފޮތަކީ ކީރިތި ޤުރްއާނުގެ ތަރުޖަމާއެވެ. ނަތީޖާއަކަށްވީ އެތައް ސަތޭކަ މީހުން ބައިބަޔަށް އިސްލާމް ދީން ގަބޫލުކުރަން ފެށުމެވެ. ޓިކްޓޮކާއި އިންސްޓަގުރާމާއި އެކްސްގައި މަޝްހޫރު ފަންނާނުން އިސްލާމް ދީނަށް ވަންނަތަން އިޝްތިހާރުކުރަން ފަށައިފިއެވެ. އެންމެން ކީރިތި ޤުރްއާނުގެ ވާހަކަ ދައްކައި އެފޮތުގެ ފުރިހަމަކަމުގެ ވާހަކަ ފަތުރަން ފަށައިފިއެވެ. އެފޮތުގައި ހުރީ ހައްގު ތެދު ވާހަކަތައް ކަމުގައި ނުފޫޒު ގަދަ މަޝްހޫރު މީހުން ބުނަން ފަށައިފިއެވެ. މިކަމުގެ ސަބަބުން މުސްލިމް އުއްމަތަށް ލިބެމުން އަންނަނީ ނަސްރާއި ކާމިޔާބެވެ. އިސްލާމް ދީނާ ދެކޮޅަށް ޢަދުއްވުން ދައްކައި، ފަތުރާފައިވާ މުޑުދާރު ނެރެޓިވް ފުރަތަމަ ފަހަރަށް ބަދަލުވާންފަށައިފިއެވެ. ﷲގެ ކުޅަދުންވަންތަކަމާއެވެ!

ޔަހޫދީ ދައުލަތް އިސްރާއީލާ ދެކޮޅަށް ދުނިޔޭގެ އެތައް ގައުމަކުން ފިޔަވަޅު އަޅައިފިއެވެ. އެތައް ގައުމަކުން އިސްރާއީލާއެކު އޮންނަ ގުޅުން ކަނޑައިފިއެވެ. އެތައް ގައުމަކުން އެމީހުންގެ އެމްބަސީތައް ބަންދުކޮށްފިއެވެ. އެންމެފަހުން ޔޫރަޕްގެ ބައެއް ގައުމުތަކުން އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންފަށައިފިއެވެ. މިއީ އިސްރާއީލް އުފެދުނު ފަހުން އެމީހުންނާ ދެކޮޅަށް ދުނިޔެ އެންމެ ބޮޑަށް ތެދުވި ފަހަރަށް ވެއްޖެއެވެ. ވަކިން ޚާއްސަކޮށް ހުޅަނގުގެ ގައުމުތަކުން އިސްރާއީލް ކުށްވެރިކޮށް އެމީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަންފެށި ފުރަތަމަ ފަހަރެވެ.

މިއަދު ހައްގުތަކޭ ޑިމޮކްރަސީއޭ ކިޔައިގެން ޔުކްރެއިންގެ ހަނގުރާމައިގައި ހުޅަނގަށް އަނގަ ހުޅުވޭކަށްނެތެވެ. އެއަށްވުރެ ބޮޑެ ފަޟީހަތަކުން އެންމެ ފަޟީހަތްވެ އެމީހުންގެ މުނާފިގުކަން މުޅި ދުނިޔެއަށް ހާމަވެއްޖެއެވެ. އަދި އަހުލު ކިތާބީން ނުވަތަ ބާވައިލެއްވި ފޮތްތަކުގެ އަހުލުވެރިންގެ ތެރެއިން ރަނގަޅު މީހުން ފަލަސްޠީނަށް ތާއީދުކުރިތަންވެސް ފެނިއްޖެއެވެ. ހުޅަނގުގެ ގައުމުތަކުގައި ފަލަސްޠީނަށް ތާއީދުކޮށް މުޒާހަރާކުރުމުގައި އެންމެކުރީގައި ތިބީ ނަސާރާއިންނާއި ޔަހޫދީންނެވެ. އަނެއްކޮޅުން އަހުލުކިތާބީންނަށްނުވާ މުޝްރިކުންނަކީ މުސްލިމުންގެ އަދުއްވުންކަންވެސް މިއަދު ކަށަވަރުވެއްޖެއެވެ. ގައިގައި އަޅިދެލި ކުރަހައިގެން އުޅޭ މީހުންތައް ޔަހޫދީންނަށް ތާއީދުކޮށް ފަލަސްޠީނާދެކޮޅަށް ހަނގުރާމައަށްދާން މުޒާހަރާކުރި މަންޒަރުވެސް ފެނިއްޖެއެވެ. މިއީ މުސްލިމުން ހޭލުމަށްޓަކައި މުސްލިމުންނަށް ލިބުނު ބޮޑުވެގެންވާ ނަސްރެކެވެ. ފަލަސްޠީނުގެ ވަށައިގެން ތިބި ތަނަވަސްކަން ހުރީ އަރަބި ވެރިން ހަނު ތިބި މަންޒަރުވެސް ދުނިޔެއަށް ފެނިއްޖެއެވެ. މިދުނިޔެއަށްޓަކައި އެމީހުން ފަލަސްޠީނުގެ އާދޭސްތަކަށް ބީރު ކަންފަތް ދިންކަމުން ކަށަވަރުވީ އެމީހުންގެ މުނާފިގުކަމެވެ.

އެސްކެޓެލޮޖީ ނުވަތަ އާޚިރުއްޒަމާންގެ ޢިލްމުގެ އުސްތާޛުން ބަޔާންކުރާގޮތުގައި ފަލަސްޠީނާއި ދައްޖާލާއި ޔަޢުޖޫޖް މަޢުޖޫޖް ބާގައިގެ މީހުންނާ ވަނީ ގުޅިލާމެހިފައެވެ. މިހާރު އަޅުގަނޑުމެން ތަޖުރިބާކުރަމުން މިދަނީ ފަހު ޒަމާނުގެ ފަހު ދުވަސްތަކެވެ. ދުނިޔެ ގިޔާމަތްވުމުގެ ކުރިން ވާނެކަމަށް ރަސޫލުﷲ އެންގެވި ހުރިހާ ކަމެއް މަދުކަމެއް ފިޔަވައި ހިނގައިފިއެވެ. ދެން އޮތް ދެތިން ކަން ހިނގަން އޮތީ ހޮލީ ލޭންޑް ނުވަތަ އަރުޟުލް މުޤައްދަސާއެވެ. އެހެންކަމުން މާތްކުރެއްވި މިބިމުގައި ޔަހޫދީން ނިމިދާ ޑްރާމާގެ ފަހު ބާބު ކުރިއަށް ދާއިރު ދައްޖާލާއި ޔަޢުޖޫޖް މަޢުޖޫޖުގެ ދައުރު އިންތިހާއަށް ބޮޑުވާނެއެވެ. އެހެންކަމުން ދެން ބަލައިލަންޖެހެނީ ދައްޖާލާއި އޭނާގެ ފިތުނައަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. . Thabaraanee rivaakurevvi eve. Rasool s.a.w hadhees kurevvi eve.. Arabeennah loabi koffi meehaa thiman kaleyge faanah loabikoffi eve.Arabeennah rulhi arajje meehaa thiman kaleygefaanah rulhi arajjeve..Adhi ves thabaraanee ge Aligefaanuge kibain rivaakurevvi eve. Ithuru rasoolullahige faanu hadhees kurevvi eve. Munaafiqaku noonee Arabeen dheke rulhi naaraahtteve….٭

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.