Support Us

ކޮލަމް: ނަޖުމީގެ ގަލަމުން

ރާއްޖެއާ ބެހޭ ތާރީޚީ ސަފްހާތަކެއް- 7

ދިވެހިރާއްޖޭން އެފްރިކާއަށް ވައިގެ މަގުތައް ހުޅުވާލުން

އެފްރިކާގެ އެކި ހިސާބުތަކުގައި އާ ވައިގެ މަގުތަކެއް ކަނޑައެޅުމަށް ވިސްނިވިސްނުމުގައި، ރާއްޖެ ފެނިގެންދަނީ، އުންމީދު އާވާކަހަލަ ސްޓްރެޓެޖިކް ޕޮޒިޝަނެއްގައި އޮތް ގައުމެއްގެ ގޮތުގައެވެ. މިގޮތަށް މި ކަންތަކާމެދު ވިސްނަން ޖެހުނީ މެދުއިރުމަތީގައި ވައިގެ ދަތުރުފަތުތަކަށް ހުރި ކަމަށް ހީވާ ހުރަސްތަކެއްގެ ސަބަބުންނެވެ. އެހެންވެ އެނޫން މަގުތަކެއް ހުޅުވާލަން ޖެހުމުންނެވެ. މި ކަންތައްތަކުން އިޝާރާތް ކޮށްދެނީ، ކުރިއަށް އޮތް ތަނުގައި އޮސްޓްރޭލިއާ، މޮމްބާސާ، ދިވެހިރާއްޖެ، އަދި ކޮކޯސް އައިލެންޑްސްއަކީ ވައިގެ ދަތުރު ތަކަށް ބޭނުން ކުރެވިދާނެ މަގުތަކެއް ކަމުގައެވެ.

ސިލޯނުގައި އިނގިރޭސިވިލާތުގެ މަރުކަޒުތަކުގެ ކަންކަން ހުރި ގޮތުގެ ޔަގީންކަން ނެތުމާއި، ދުވަސްދުވަސްކޮޅަކުން މަޝްވަރާގެ މޭޒުދޮށަށް ދާން ޖެހިފައިވާތީއާއެކު، ޖުލައި މަހު ލަންޑަނުގައި ބޭއްވި ކޮމަންވެލްތުގެ ބޮޑުވަޒީރުންގެ ކޮންފަރެންސްގައި، ސިލޯނުގެ ޓްރިންކޮމާލީގައި ހުންނަ ރޯޔަލް ނޭވަލް ޔާޑާއި ކަޓުނާޔަކާގައިވާ އާރް.އޭ.އެފް ސްޓޭޝަން ސިލޯނުގެ ދަށަށް ދޫކޮށްލަންޖެހޭ ކަމުގެ ވާހަކަ ދެކެވުނެވެ. ބަދަލުގައި ސިލޯނުން އިނގިރޭސިވިލާތަށް މުވާސަލާތީ ވަސީލަތްތައް ފޯރުކޮށްދިނުމާއި، ހަރަކާތްތެރިވުމާއި، މުދާ ރައްކާކުރުމުގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި، ދިފާޢީ ބާރުތައް ފުޅާކުރުމާއި ތަމްރީނުކުރުމުގައި އެހީތެރިކަން ލިބެންޖެހެއެވެ.

ނަމަވެސް ސިލޯނުގެ ބޮޑުވަޒީރު ބަންޑާރަނައިކާ ލަންޑަނަށް ކުރެއްވި ދަތުރުފުޅުގައި ހާމަކޮށްދެއްވީ މި ވަސީލަތްތައް މުއްދަތެއް ނެތް ގޮތަށް ދެމެހެއްޓުމަކީ އެމަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތާ ފުށުއަރާ ކަމެއް ކަމުގައެވެ. މިސްރާ އެއްގޮތް ހާލަތެއް އިނގިރޭސިވިލާތަށް ދިމާވެއްޖެ ނަމަ އެންމެ ބޭނުންވާ ވަގުތު އެ ވަސީލަތްތައް ދިނުމަށް އިންކާރު ކުރަން ޖެހިދާނެ ކަމަށާއި އެއްބަސްވެފައިވާ ތާރީޚެއްގައި އެ ވަސީލަތްތައް ހުއްޓާލުމަށްވެސް ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަތީޖާއެއްގެ ގޮތުން، 1957 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު، ދިވެހިރާއްޖޭގައި އޮތް ހަނގުރާމައިގެ ދުވަސްވަރުގެ އެއާފީލްޑު، ސްޓްރެޓެޖިކް ސްޓޭޖިން ޕޯސްޓެއްގެ ގޮތުގައި އަލުން ޤާއިމުކުރުމަށް އިނގިރޭސިވިލާތުން ނިންމިއެވެ. މި ނިންމުމަކީ ކޮމަންވެލްތުގެ ތެރޭގައި ހުރި ސިޔާސީ ނުސިޔާނުކަންތައް، ޚާއްޞަކޮށް އިންޑިއާ އާއި ސިލޯނުގެ ކަންކަން ދަނެގަނެވުމަށްފަހު، ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ ކަންތައް ކުރިޔަށް ގެންދިއުމަށް ފެށުން މާ ރަނގަޅުވާނެ ކަމަށް ފެނިގެން ނިންމި ނިންމުމެކެވެ. މިކަން ބެލެވުނީ ތާރީޚީ މުހިންމު ފުރުސަތެއްގެ ގޮތުގައެވެ.

އިނގިރޭސިވިލާތުގެ އަސްކަރީ ވައިގެ މަގުތަކަށް ވަސީލަތްތައް ދިނުމާ މެދު އިންޑިއާ އާއި ސިލޯނުން ވަކި ފަރާތަކަށް ނުޖެހޭ ސްޓޭންޑެއް ގެންގުޅުމުގެ ސަބަބުން، އެނޫން ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަން ޖެހުނީއެވެ. ބޮޑުވަޒީރު ބަންޑާރަނައިކާ ރުއްސަން ކުރި މަސައްކަތްތައް ބޭކާރުވާނެކަން ކަށަވަރުވުމުން، ރާއްޖޭގައި ސްޓޭޖިން ޕޯސްޓެއް ގާއިމް ކުރުމަށްވުރެ މޮޅު ގޮތެއް ނެތިއްޖެއެވެ.

ޓްރިންކޮމަލީގައި ހުރި ރޯޔަލް ނޭވަލް ޔާޑް ގެއްލުމުން ނޭވީއަށް އިދާރީ ގޮންޖެހުންތަކެއް ކުރިމަތިވެ، ގިނަ ފަހަރަށް ސިލޯނުގައި އެމީހުންނަށް ލިބޭ ޗުއްޓީތައް ނުލިބި، ބޭނުންވާ ސަޕްލައި ނުލިބި، ފަޅުވެރީންގެ ދުޅަހެޔޮކަމަށް އަސަރުކުރި އެވެ. ނަމަވެސް އޭވިއޭޝަންގެ ދާއިރާއިން އަލުން ގާއިމްކުރި އާރް.އޭ.އެފް މޯލްޑިވްސްގައި ސްޓޭޖިން ޕޯސްޓަކީ ސިލޯނުގައި ލިބޭ ފައިދާތަކާ އެއްފަދަ ފައިދާތަކެއް ލިބޭނެ ތަނެއް ކަމަށް ދެކި، ކުރިއަށް އޮތް ތަނުގައި ސިވިލް ސްޓޭޝަން ތަރައްގީ ކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ބެލެވުނެވެ.

އިޤްތިޞާދީ ގޮތުން ރާއްޖޭގައި އެއަރފީލްޑެއް ހެދުމާއި ބެލެހެއްޓުމަކީ އެހެން ގޮތްގޮތުން ނިކަމެތިވެފައިވާ މުރަކަ ޖަޒީރާތަކަށް ލިބޭނު ތަނަވަސް ފުރުސަތެކެވެ. އެތަނުގައި ތިބި ސާވިސް ޕާސަނަލުންނަށް އެޖަޒީރާތަކުގެ މަސްވެރިކަމުގެ ސިނާއަތް ސިލޯނުގެ ދަތި މާކެޓަށް ބަރޯސާވުން ކުޑަކުރުމަށް އެހީތެރިވެދެވިދާނެއެވެ. މީގެ އިތުރުން، 500 މީހުންގެ ކުޑަ އާބާދީއެއް އޮންނަ ޖަޒީރާތަކަކީ، ބޮޑެތި ސަރަހައްދުތަކާ އަޅާބަލާއިރު، ހައްދުފަހަނަޅާފައިވާ ގައުމިއްޔަތެއް ނުވަތަ ވަކިފަރާތަކަށް ނުޖެހުން އިސްކުރުން ފަދަ ކަންބޮޑުވާ ކަންކަމާ ކުރިމަތިލާން ނުޖެހޭނެ ތަނެއް ކަމަށް ވެސް ފެނުނެވެ.

އެހެންވެ އައްޑު އަތޮޅު ރަށްތަކުގެ ތެރޭގައި އޮންނަ ގަން އައިލެންޑްގައި ހަނގުރާމައިގެ ދުވަސްވަރު ހެދި އެއާފީލްޑް އަލުން ތަރައްގީކޮށް ގާއިމްކޮށް ހިންގުމަށް އިއުލާން ކުރުމުން، އިނގިރޭސިވިލާތުން މި ސްޓްރެޓެޖިކް ލޮކޭޝަން ބޭނުން ކުރަން ނިންމައިފިކަން ކަށަވަރުވި އެވެ.