Support Us

ކޮލަމް: ނަޖުމީގެ ގަލަމުން

ރާއްޖެއާ ބެހޭ ތާރީޚީ ސަފްހާތަކެއް- 6

އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ވައިގެ ބަނދަރެއް އަލުން ގާއިމްކުރުން:

ކޮމަންވެލްތު ރިލޭޝަންސް އޮފީހުން އިއުލާންކުރި މުހިންމު ފިޔަވަޅެއްގެ ގޮތުން އިނގިރޭސިވިލާތާއި ދިވެހި ސަރުކާރު ގުޅިގެން އައްޑޫ އަތޮޅުގައި ވައިގެ ބަނދަރެއް އަލުން ގާއިމްކޮށް ހިންގުމަށް އެއްބަސްވެއްޖެ އެވެ. ޖެނުއަރީ 1، 1953 އިން  ފެށިގެން މިވެވުނު އެއްބަސްވުން ޝަރުތުތަކަށް ބިނާކޮށް ނިންމާފައިވާ މި ނިންމުމަކީ ދެ ގައުމުގެ ދެމެދުގައި އެޅުނު ސްޓްރެޓެޖިކް އިއްތިހާދުގެ މުހިންމު ފިޔަވަޅެކެވެ.

އައްޑު އަތޮޅުގެ ގަމުގައި އޮންނަ މި އެއާފީލްޑްގެ ދިގުމިނަކީ މޭލަކާއި މޭލެއްގެ ތިންބައިކުޅަ އެއްބައެވެ. އަދި ފުޅާމިނުގައި މޭލެއްގެ ތިންބައިކުޅަ އެއްބައެވެ. މި އެއަރފީލްޑު، މުހިންމު ސްޓޭޖިން ޕޯސްޓެއްގެ ގޮތުގައި އަލުން ދިރުވަން ވަނީ ހަމަޖެހިފަ އެވެ. މި އިސްނެގުމަކީ، ދިވެހި ސަރުކާރާއެކު މަޝްވަރާކުރުމަށްފަހު، ރާއްޖޭގައި ދިފާޢީ ވަސީލަތްތައް ގާއިމްކޮށް ބެލެހެއްޓުމުގެ ހައްގު އިނގިރޭސިވިލާތަށް ލިބިދޭނެ ކަމެކެވެ.

މިހިނދު މިނިވަން ރަސްކަމެއް ކަމަށްވާ ދިވެހިރާއްޖޭގައި ގާތްގަނޑަކަށް 2000 ރަށް ހިމެނޭއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 200 ރަށުގައި މީހުން ދިރިއުޅެއެވެ. ސިލޯނުގެ ހުޅަނގު ދެކުނުން 500 މޭލު ދުރުގައި އޮންނަ މި ޖަޒީރާތަކަކީ 1887 ވަނަ އަހަރުން ފެށިގެން އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތް ޖަޒީރާތަކެކެވެ. ފާހަގަކޮށްލެވޭ ކަމަކީ މިވަގުތު ބޮޑުވަޒީރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް އަލިދީދީ އަކީ 93،000 މީހުންގެ މައްޗަށް ހުރި ހަމައެކަނި ޑޮކްޓަރު ވެސް ކަމެވެ.

ގަމުގައި އަލުން ގާއިމްކުރި އެއާފީލްޑަކީ ހަނގުރާމައިގެ ދުވަސްވަރު ބިނާކޮށްފައިވާ އަދި ފަހުން ބޮޑު ކުރަން ވިސްނާފައިނުވާ އެއާ ފީލްޑެކެވެ.   ނަމަވެސް 1952 ވަނަ އަހަރު އެއާ މިނިސްޓްރީން ކުރި ސާވޭއަކުން ޚާއްސަކޮށް ބްރިޓަނިއާ ފަދަ ދުރު ރާސްތާގެ މަތިންދާބޯޓުތައް ޖައްސަން ޖެހިދާނެކަމަށް ލަފާކުރެވޭތީ، ޒަމާނީ ބޭނުންތަކަށް ފެތޭގޮތަށް އެ އެއާފީލްޑް ޒަމާނީ ކުރުމުގެ ފުރުސަތު އޮތް ތަނެއްކަން ކަށަވަރުވިއެވެ.

މި ސްޓްރެޓެޖިކް ފިޔަވަޅަކީ އިންޑިއާ ކަނޑު ހުރަސްކޮށް އިނގިރޭސިވިލާތުން އޮސްޓްރޭލިއާ، ނިއުޒީލެންޑާއި ދުރު އިރުމައްޗަށް ސީދާ ވައިގެ މަގެއް ގާއިމްވެގެން ދާނެ ކަމެކެވެ. ރޯޔަލް އޮސްޓްރޭލިއަން އެއާފޯސް އިން ކޮކޯސް އައިލެންޑްސްގައި މުހިންމު އެއާފީލްޑެއް ތަރައްގީ ކުރުމުން މިހާރު ވެސް މި "ބޮޑު ބުރު" އުދުހުމުގެ މައިގަނޑު މަގަކަށް ވެފައި ވެއެވެ. މިގޮތުން ހުރިހާ މޫސުމެއްގައި ވެސް އިންޑިއާ ކަނޑު ހުރަސްކޮށް ދަތުރު ކުރުމަށް އިތުރަށް މަގުފަހިވެއްޖެ އެވެ.

ގަން އެއާފީލްޑްގެ ވަކީން ޚާއްސަ ކުރެވޭނެ ކަންކަމަށް އަލިއަޅުވާލަމުން އޮފިޝަލުން ސާފުކޮށްދެއްވީ، އެއީ ހަމައެކަނި ސްޓޭޖިންގ އަދި ތެޔޮ އަޅާ ޕޯސްޓެއްގެ ގޮތުގައި ހިދުމަތް ކުރާނެ ތަނެއް ކަމަށެވެ. މީގެ އިތުރުން ރޭވިފައިވަނީ މުވާސަލާތީ އޭރިއާ ދަނޑިތަކެއް ޖެހުމަށް ކައިރީގައި އޮތް ރަށެއް ކަމަށްވާ ހިތަދޫ ބޭނުންކުރަން ޖެހޭ ކަމެވެ. ކުރިއަށް އޮތް އޮޕަރޭޝަންތަކަށް ލަފާކޮށް، މަތިންދާބޯޓުތައް ބެލެހެއްޓުމާއި ހިދުމަތް ދިނުމަށް ގަމުގައި އާރް.އޭ.އެފްގެ މުވައްޒަފުންގެ ކުޑަ ޓީމެއް ބައިތިއްބާނެ ކަމަށް ވެސް ބެލެވެ އެވެ.

މި ނިންމުމުން ދައްކައިދެނީ ސިލޯނުގައި އިނގިރޭސިވިލާތުގެ މިހާރު ހުރި މަރުކަޒުތައް، ޚާއްޞަކޮށް އާރް.އޭ.އެފް ކަޓުނަޔަކާގައި ހުންނަ ސްޓޭޝަނާއި ޓްރިންކޮމަލީގައި ހުންނަ ރޯޔަލް ނޭވަލް ޔާޑް ސިލޯނާ ހަވާލުކުރަން ވިސްނާފައިވާކަމެވެ. މިކަމުގެ އަސާސީ މަގުސަދަކީ ދުރު އިރުމަތި، އޮސްޓްރޭލިއާ، އަދި ނިއުޒީލެންޑްގެ ސަރަހައްދުތަކާ އެކު އިނގިރޭސިވިލާތުގެ ވައިގެ މުއާމަލާތްތައް ރައްކާތެރިކުރުމެވެ.

މިވަގުތު ދުރު އިރުމައްޗާއެކު އިނގިރޭސިވިލާތުގެ ވައިގެ މުވާސަލާތުތައް ބޮޑަށް ބަރޯސާވެފައިވަނީ އިންޑިއާ އާއި ސިލޯނަށެވެ. މި ދެ ގައުމުން ވެސް ވަނީ ސީދާ އެ ގައުމުތަކާ ނުގުޅޭ ހާދިސާތަކުގައި ތެރެއަށް ނުވަންނަން ނިންމާފައެވެ. މެދު އިރުމަތިން އިންޑިއާ ނުވަތަ ސިލޯން މެދުވެރިކޮށް ދުރު އިރުމައްޗަށް ދާ މަގުތަކަކީ މުހިންމު މަގުތަކެކެވެ. މި މަގަށް އެއްވެސް ގޮތަކަށް ބުރޫއަރާނަމަ އޮސްޓްރޭލިއާ އާއި ދުރު އިރުމައްޗާ ދެމެދު އޮންނަ ވައިގެ ގުޅުން ކެނޑިދާނެތީއެވެ.

ޑަމް ޑަމް (ކަލްކަތާ) ގައި އިންޑިއާގެ ސްޓޭޖިން ރައިޓްސް ލިބެނީ އަހަރަކު އެއްފަހަރު ކުރިއަށް ގެންދާ މަޝްވަރާތަކާއި ސިފައިންގެ އަދަދު މަދުކުރަން ޖެހޭތީ ކަމުން ދުރު އިރުމައްޗަށް ކުއްލި ހާލަތުގައި ރިއިންފޯސްމަންޓް ދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ހަމަ އެފަދައިން ޕާކިސްތާނުގެ މައުރީޕަރުގައި ހުރި އާރް.އޭ.އެފް ސްޓޭޖިންގ ޕޯސްޓް ބަންދުކުރުމުން މަތިންދާބޯޓުތަކަށް ޚިދުމަތް ދިނުމާއި ޓްރާންސިޓް ޕާސަނަލްސް ބެލެހެއްޓުމަށް ކަރާޗީ ސިވިލް އެއާޕޯޓަށް ބަރޯސާވާން ޖެހޭތީ، ތެޔޮ އަޅަން އިންޑިއާއަށް ބަރޯސާވާން ވެސް ޖެހިފައި ވެއެވެ.

ސިލޯނުގެ ކަޓުނަޔަކާ އެއާފީލްޑުގައި ފެންވަރު ރަނގަޅު ވަސީލަތްތައް ހުރި ނަމަވެސް، ހުރަސްތަކެއް ކުރިމަތިވެ އެވެ. ސިލޯނުގެ ބޮޑުވަޒީރުގެ ވިސްނުން ހުރީ މި ވަސީލަތްތައް މުއްދަތެއް ނެތް ގޮތަށް އިނގިރޭސިވިލާތަށް ފޯރުކޮށް ނުދެވޭނެ ކަމަށެވެ. މިގޮތުން، ދިވެހިރާއްޖޭގައި އާ ސްޓޭޖިންގ ޕޯސްޓެއް ގާއިމްކުރުމަކީ، އިނގިރޭސިވިލާތާއި ދުރު އިރުމައްޗާ ދެމެދު މެދުކެނޑުމެއްނެތި ވައިގެ ދަތުރުތައް ކަށަވަރުކުރުމަށް ސްޓްރެޓެޖިކް މުހިންމު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެކެވެ.

ދިވެހިރާއްޖޭން ޕެނަންގް އާ ދެމެދުގެ ދުރުމިން، ސިލޯން ނުވަތަ ޑަމް ޑަމް އަށް ވުރެ ބޮޑު ނަމަވެސް، ޚިދުމަތުގައި އެތައް އަހަރެއް ވަންދެން ދެމިތިބޭނެ ކަމަށް ބެލެވޭ ހޭސްޓިންގްސް އާއި ކޮމެޓް ފަދަ މިހާރު ހުރި މަތިންދާބޯޓުތަކުން ރާއްޖޭގެ ސްޓޭޖިން ޕޯސްޓް ހިނގައިގަތުމުން މި ދިގު ރާސްތާ ކަވަރުކުރެވޭނެ އެވެ.

ރާއްޖޭގައި އެއާފީލްޑެއް އަލުން ގާއިމްކުރުމަކީ ވައިގެ މަގުތަކުގައި ފާހަކުރެވޭނެ ކުރިއެރުމެއް އަންނާނެ ކަމެއް ކަމާއި، ދުރު އިރުމައްޗާއި އެއަށްވުރެ ދުރު ސަރަހައްދުތަކާ އިނގިރޭސިވިލާތުގެ ގުޅުމަށް މިނިވަން އަދި އިތުބާރު ހުރި ވައިގެ ގުޅުންތައް ގާއިމު ކުރުމަށް ސްޓްރެޓެޖިކް ގޮތުން މިއީ ވަރަށްވެސް މުހިންމުކަމެއްކަން ފާހަގަކުރެވެއެވެ.