...

Support Us

އަރުޟުލް މުޤައްދަސާގައި ނިއުޅެމުންދަނީ ޔަހޫދީ ޑްރާމާގެ ފަހު ބާބު- 6

ޔަހޫދީން ދެފަހަރަށް ދުނިޔެ ފަސާދަކޮށް އަނިޔާވެރިވެ މަތިވެރި ބަޔަކަށް ވެގަތުން

ބަނީ އިސްރާއިލް ދެ ފަހަރަށް ދުނިޔޭގައި ފަސާދަކުރާނެ ކަމަށާއި މަތިވެރިވެގެން އުޅޭނެކަމަށް ﷲ އެމީހުންނަށް އެންގެވިއެވެ. މިކަން އިސްރާ ސޫރަތުގެ ހަތަރު ވަނަ އާޔަތުން ކަށަވަރުވެއެވެ. އެމީހުން ފުރަތަމަ ފަސާދަކުރަން ފެށީ އެމީހުންގެ ބަފައިކަލުން ޔަޢުޤޫބް ޢަލައިހިއްސަލާމް އަވަހާރަވުމަށްފަހުއެވެ. އެއީ މީލާދީ ސަނަތުގެ ގާތްގަނޑަކަށް 1600 އަހަރު ކުރިއެވެ. އަދި އެމީހުންގެ ފުރަތަމަ ފަސާދަކުރުމާއި މަތިވެރިކަންވަނީ ނިމިފައެވެ. މިކަން އިސްރާ ސޫރަތުގެ ފަސް ވަނަ އާޔަތުން އެނގެއެވެ.

ފުރަތަމަ ފަހަރު ޔަހޫދީ ފަސާދަކުރުމާއި މަތިވެރިކަމަށް ﷲ ނިމުން މެދުވެރިކުރެއްވިއެވެ. އެކަމަށް ބާބިލުން ބިޔަ ފަހުލަވާނުންގެ ލަޝްކަރެއް ﷲ ފޮނުއްވިއެވެ. ބާބިލްއިން އައި ވަރުގަދަ ފަހުލަވާނުންގެ ލަޝްކަރެއް އަލްޤުދުސްއަށް އަރާ ޔަހޫދީން ތަޅާ ބޭރުކުރިއެވެ. އެއީ މީލާދީ ސަނަތުގެ ގާތްގަނޑަކަށް 600 އަހަރު ކުރިއެވެ. ޢަރުޟުލް މުޤައްދަސާ ހިފުމަށް ބާބިލްގެ ބިޔަ ހަނގުރާމަވެރިން ކުރި ހަނގުރާމައިގެ ލީޑަރަކަށް ހުރީ މަޝްހޫރު ނެބޫޗެޓްނެޒަރ ނުވަތަ ބުޚުތުއްނަސަރުއެވެ. މިހާ ހިސާބުން ޔަހޫދީ ފަސާދަކުރުމުގެ ފުރަތަމަ ބާބު ނިމުނީ ކަމަށް ޢިލްމުވެރިން ބަޔާންކުރެއެވެ.

ދެން އަނެއްކާވެސް ﷲ، ބަނީ އިސްރާއީލަށް ނަސްރާއި ކާމިޔާބު ދެއްވިއެވެ. އެއީ އެމީހުން ﷲ އަށް އީމާންވެ ތައުބާވިކަމަށްޓަކައެވެ. މިފަހަރު އެމީހުންނަށް ތެދުވެވުނީ ދާވޫދު ޢަލައިހިއްސަލާމްގެ ނަބީކަމުގައި އެކަލޭގެފާނުގެ ވެރިކަމުގައެވެ. ދާވޫދުގެފާނު ނިސްބަތްވަނީ ޔަޢުޤޫބްގެފާނުގެ ދަރިކަލުން ޔަހޫދާގެ ދަރިކޮޅަށެވެ. ދާވޫދުގެފާނު އަވަހާރަވުމުން ﷲ ނަބީކަމާގެން ފޮނުއްވީ ސުލައިމާން ޢަލައިހިއްސަލާމެވެ.

ކުރީގެ މުސްލިމް ޢިލްމުވެރިން ބަޔާންކުރެއްވި ގޮތުގައި ދެވަނަ ފަހަރަށްވެސް ޔަހޫދީން ފަސާދަކުރަން ފެށީ މާތްކުރެއްވި ބިމުގައެވެ. ފަސާދަކުރުމުގައި ހައްދުފަހަނަޅާފައިވާ ޔަހޫދީން ޒަކަރިއްޔާ ޢަލައިހިއްސަލާމް އަވަހާރަކޮށްލަން މަސައްކަތްކުރިއެވެ. އަދި އެކަލޭގެފާނުގެ ދަރިކަލުން ޔަހުޔާ ޢަލައިހިއްސަލާމް އަވަހާރަކުރިއެވެ. އަދި ބަނީ އިސްރާއީލަށް އެންމެފަހުން ފޮނުއްވި ރަސޫލާ ޢީސާ ޢަލައިހިއްސަލާމް އަވަހާރަކޮށްލަންވެސް އެމީހުން ނިކުތެވެ. އެކަމަކު ﷲ އެމީހުންނަށް އެ ފުރުސަތު ނުދެއްވައި އެކަލޭގެފާނު އުފުއްލެވިއެވެ. އެންމެ ކުރީގެ މުސްލިމް ޢިލްމުވެރިން ހާމަކުރެއްވި ގޮތުގައި ޢީސާގެފާނާ ދެކޮޅަށް ބަނީ އިސްރާއީލް ނިކުތުމުން އެމީހުންކުރާ ފަސާދައަށް ﷲ ދެވަނަ ފަހަރަށް ނިމުން ގެންނެވިއެވެ. މިކަމަށް އެބޭކަލުން ނެންގެވި ހެއްކަކީ އިސްރާ ސޫރަތުގެ ހަތް ވަނަ އާޔަތެވެ. މިފަހަރު ޔަހޫދީން ހަމައަކަށް އަޅުއްވަން ﷲ މެދުވެރިކުރެއްވީ ރޯމަނުންނެވެ. މީލާދީން 70 ވަނަ އަހަރު ޔަހޫދީން ބަލިކުރި މި ހަނގުރާމައިގެ ކޮމާންޑަރަކީ މަޝްހޫރު ޓައިޓަސްއެވެ. ޓައިޓަސް ޤުދުސް ހިފުމުން ޔަހޫދީން ދެވަނަ ފަހަރަށް ވިއްސިވިހާލިވެގެން ދިޔަކަމަށް އިހުގެ ޢިލްމުވެރިން ބަޔާންކުރެއްވިއެވެ.

އިހުގެ ޢިލްމުވެރިންގެ ނިންމެވުން އެބޭކަލުން ބިނާކުރެއްވީ އޭރު އެބޭކަލުންނަށް ފެނިވަޑައިގަތް އެންމެހާ ކަންކަމަށް ބިނާކުރައްވައިގެންނެވެ.  އެދުވަސްވަރު ޔަހޫދީންނަކީ ދުނިޔޭގައި އެއްވެސް ބައެއްނޫނެވެ. އެހެންކަމުން ދުވަހަކުވެސް އެމީހުން ގައުމެއް އުފައްދައި މުޅި ދުނިޔެއަށް ބަސްކިޔާ ބަޔަކަށްވެދާނެކަމަށް ކުރީގެ ޢިލްމުވެރިން ނުވިސްނަވައެވެ. އެބޭކަލުންނަށް ފުންކޮށް ވިސްނާނުލެއްވުނު ނުކުތާއަކީ ޔަހޫދީ ފަސާދައިގެ ދެވަނަ ބާބު ނިމުނު ވާހަކަ ޤުރްއާނުގައި ނެތްކަމެވެ.

ރޯމަނުން ޤުދުސް ހިފި ހާދިސާއަށް ގާތްގަނޑަކަށް 540 އަހަރު ފަހުން އެންމެ ފަހުގެ ރަސޫލުﷲ ރަސޫލުކަން ފެށުނެވެ. ޢިލްމުވެރިކަމުގައި ކުރިއަރައި ތިބި ޔަހޫދީންނަށް އެންމެފަހުގެ ރަސޫލާ ވަޑައިގަންނަވާކަން އެނގެއެވެ. އަދި އެމީހުން ތިބީ އެކަލޭގެފާނުގެ އިންތިޒާރުގައެވެ. އެކަމަކު އެކަލޭގެފާނު ވަޑައިގަތުމުން ނޭއްގާނީކަމާއި ގޮތްދޫނުކުރުމުގައި އަރާތިބި ޔަހޫދީން އެގޮތުގައި ކުރިއަށް ދިޔައެވެ. އެގޮތުން އެމީހުން ރަސޫލާއަށް ފުރަގަސްދިނެވެ. ނަތީޖާއަކަށްވީ އިސްލާހުވެ ރަނގަޅުވުމަށް ޔަހޫދީންނަށް ލިބުނު އެންމެ ފަހު ފުރުސަތު ގެއްލިދިއުމެވެ.

ރަސޫލުﷲ މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު ބަހާއި އަމަލުން އެކަލޭގެފާނަކީ އެންމެފަހުގެ ރަސޫލާކަން ޔަހޫދީންނަށް ދެއްކެވިއެވެ. ގާތްގަނޑަކަށް ދޮޅު އަހަރު ވަންދެން ރަސޫލުކަމުގެ ބައެއް ހެކިތައް އެކަލޭގެފާނު އެމީހުންނަށް ދެއްކެވިއެވެ. އެގޮތުން އެކަލޭގެފާނު ޔަހޫދީން ރޯދަހިފާ ދުވަސްތަކުގައި އެމީހުން ރޯދާ ހިފާ ގޮތަށް ރޯދަ ހިއްޕެވިއެވެ. މިދުވަސްވަރު އެކަލޭގެފާނު ގިބުލައަކަށް ބެއްލެވީ ޔަހޫދީންގެ ގިބުލަ އަލްޤުދުސްއެވެ. ޔަހޫދީންގެ ދެ މީހަކު ޒިނޭކޮށްގެން އެކަލޭގެފާނު އަރިހަށް ގެނައުމުން އެމީހުންގެ ފޮތުގައި އެކަމަށް އޮތް ހުކުމް އެކަލޭގެފާނު އެމީހުން ލައްވައި ކިޔުއްވިއެވެ. އެއަށްފަހު އެގޮތަށް އެމީހުން ރަޖަމްކުރަން ޙުކުމް ނެރުއްވިއެވެ.

ދޮޅު އަހަރަށްފަހު ކަށަވަރުވިކަމަކީ ޔަހޫދީން ރަސޫލުﷲ ގެ ރަސޫލުކަން ގަބޫލުނުކުރިކަމެވެ. ހަމަ އެގޮތަށް އެމީހުން ކީރިތި ޤުރްއާންވެސް ގަބޫލުނުކުރިއެވެ. އެމީހުން ހަމައެކަނި ރަސޫލާއަށާއި ﷲ ގެ ފޮތަށް ފުރަގަސް އެކަނި ދިނީކީނޫނެވެ. އޭގެ އިތުރަށް އެމީހުން ނިކުތީ އިސްލާމް ދީން ނައްތާލާށެވެ. ކަންތައް މިހިސާބަށް ދިއުމުން އެކަލޭގެފާނަށް ﷲ ގެ އަމުރުފުޅުތައް އައެވެ. އަދި އަޅުކަންތަކުގައި މުސްލިމުންނާ އަހުލުކިތާބީންނާ ދެމެދުހުރި އެއްގޮތް ކަންކަމަށް ނިމުން އައެވެ. މިހާހިސާބުން އެކަލޭގެފާނުގެ ރަސޫލުކަމުގައި މުޅިން އާ ބާބެއް ފެށުނެވެ.

ﷲ ގިބުލަ މައްކާއަށް ބަދަލުކުރައްވައި ﷲ ގެ މަގުގައި ޖިހާދުކުރުމާއި ރޯދަހިފުން ފަރުޟުކުރެއްވިއެވެ. ރޯދަހިފާ ގޮތްވެސް ﷲ ބަދަލުކުރެއްވިއެވެ. މުސްލިމުން ރޯދަ ހިފަންޖެހުނީ ފަޖުރުލުމުން ފެށިގެން އިރު އޮއްސުމަށެވެ. އަދި ރޯދަ ހިފަންޖެހެނީ މަސްދުވަހަށެވެ. ޒިނޭގެ ޙުކުމްވެސް ﷲ ބަދަލުކުރެއްވިއެވެ. އެއީ އާންމުންގެ ކުރިމަތީގެ އެކަން ކުރާ މީހާ ހައްދުޖަހާގޮތަށެވެ.

މިހާރުގެ ގިނަ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ޔަހޫދީ ފަސާދައާއި ބޮޑާކަމުގެ ދެ ވަނަ ދައުރު ފެށުނީ 1948 ގައެވެ. އެހިސާބުން އެމީހުންގެ ފަސާދައާއި އަނިޔާވެރިކަމާއި މަތިވެރިކަން އެމީހުން އައީ ދުނިޔެއަށް ދައްކަމުންނެވެ. މިފަހަރުވެސް އެމީހުން ފަސާދަކުރަން ފެށީ މާތްކުރެއްވި ބިމުގައެވެ. ފަލަސްޠީންގެ ބިން އެމީހުން އަތުން ފޭރި ގަނެ އެތަނަށް އެމީހުން ވެރިވެގަތެވެ. އެއަށްފަހު މަޑުމަޑުން ފަލަސްޠީނު މީހުން އެމީހުންގެ ވަޒަނުން ބޭރުކޮށް އެމީހުން އަޅުވެތިކުރަން ފެށިއެވެ. ފަސާދައިގެ ދެވަނަ ބާބު އެމީހުން ފެށީ އަނިޔާވެރިކަމާއެކުއެވެ. މިހާރު އެމީހުން ހިންގާ އަނިޔާވެރިކަމަކީ ބަނީ އިސްރާއީލްގެ މައްޗަށް ފިރުޢައުނު ހިންގިފަދަ އަނިޔާއެވެ. މީސްތަކުން އެމީހުން ގެދޮރާއި ވަޒަނުން ނެރެ އެމީހުންގެ ގެދޮރާއި މުދާތައް ފުނޑާލުމަށްފަހު އެމީހުންގެ ކާބޯތަކެތި ހަލާކުކުކޮށް ނައްތައިލުމެވެ. އަދި ހައްގަކާ ނުލައި މީސްތަކުންގެ ތެރެއިން ހިތަށް އެރި ބަޔަކަށް އަނިޔާދީ އެމީހުން މެރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.